Support Us

ވެރިކަމަށް އައީ ރައްޔިތުންގެ މެދުގައި ތަފާތު ކުރުމެއް ނެތި ޚިދުމަތްދިނުމުގެ ވަޢުދާއެކު، އެ ވަޢުދުތައް އަންނަނީ ފުއްދެމުން: ރައީސް

މި ސަރުކާރު ވެރިކަމަށް އައީ ރައްޔިތުންގެ މެދުގައި ތަފާތު ކުރުމެއް ނެތި ޚިދުމަތްތައް ދިނުމުގެ ވަޢުދާއިއެކު ކަމަށާއި، އެ ވަޢުދުތައް ފުއްދެމުން އަންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ހދ. ނައިވާދޫ ފެނުގެ ނިޒާމް އިފްތިތާޙްކޮށްދެއްވައި މިއަދު ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ނައިވާދޫއަށް ދިމާވެފައި އޮތް އެންމެ ބޮޑު ދަތިކަން ކަމުގައިވާ ފެނުގެ ދަތިކަން، އަލަށް ޤާއިމްކުރި ފެނުގެ ނިޒާމާއެކު ޙައްލު ކުރެވިއްޖެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، ނައިވާދޫގެ ރައްޔިތުންނަށް ޒަމާނުއްސުރެ ދިމާވެފައި އޮތް ސާފު ބޯފެނުގެ ދަތިކަމުގެ މައްސަލައަކީ އެކަމުގެ ޙައްލަކަށް ރައްޔިތުން އެދިއެދި ތިބި ކަމަކަށް ވާއިރު، މިއަދު އެ ޚިދުމަތް ފެށިގެން ދިޔުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް އޮތުމަކީ، އެއީ އަސާސީ ހައްޤެއް ކަމަށާއި، އެއީ ވަޢުދެއްގެ ގޮތުގައި ހަމައެކަނި މެނިފެސްޓޯގައި ހިމަނަންޖެހޭ ވަރަށްވުރެ ވެސް މާ މުހިއްމު ކަމެއް ކަމަށެވެ. މީގެ އިތުރުން، ނައިވާދޫގެ ބަނދަރު ކުޑަވެ ޖާގައިގެ ދަތިކަން ދިމާވެފައިވާތީ، ނައިވާދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް މި ދައުރުގެ ތެރޭގައި ފަށައި އެ ދަތިކަން ޙައްލުކޮށް ދެއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ނައިވާދޫ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނިމި، ފެނަކައިން އެ ރަށުގައި ޚިދުމަތްދޭން ފަށައިފައި ވަނީ، ހުސްވި އޮގަސްޓް މަހުއެވެ. މިގޮތުން ނައިވާދޫގެ 4.5 ކިލޯމީޓަރުގެ ފެނުގެ ނެޓްވޯކެއް އަޅައި 174 ގޭބިސީއަކަށް މިހާރު ވަނީ ފެން ގުޅައިދީފައެވެ.

ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ޤާއިމްކޮށްދިނުމަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ އެންމެ މުހިއްމު އެއް ވަޢުދު ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *