Support Us

ކޮލަމް ގަލަން: މިސްކިތްތަކަށް އެހީވާ ވަގުފު ފަންޑުގައި ވަގުފުގެ ޝަރުޠު ފުރިހަމަވޭބާ؟

މިނިސްޓްރީ އޮފް އިސްލާމިކު އެފެއާރޒުގެ "މިސްކިތްތަކަށް އެހީވާ ވަގުފު ފަންޑަށް" އެމް-ފައިސާ މެދުވެރިކޮށް ފައިސާ ޖަމާކުރުމުގެ ޚިދުމަތް ހަމަޖެހުނުކަމުގެ އުފާވެރި ޚަބަރު އެ މިނިސްޓްރީން ވަނީ ދެއްވައިފައެވެ. ނަމަވެސް އިސްލާމިކު މިނިސްޓްރީގެ "މިސްކިތްތަކަށް އެހީވާ ވަގުފު ފަންޑު"ގައި ވަގުފުގެ ޝަރުޠު ފުރިހަމަވޭތޯ ބަލަންޖެހެއެވެ. ނޫންނަމަ އެ ފަންޑަށް ވަގުފު ފަންޑޭ ކިޔުން ހުއްދަނުވާނެއެވެ. ވަގުފުގެ ޝަރުޠު އެ ފަންޑުގައި ފުރިހަމަނުވާ ނަމަ އެއަށް ކިޔޭނީ ހަމައެކަނި "މިސްކިތްތަކަށް އެހީވާ ފަންޑެ"ވެ.

ވަޤުފުން ކޮންމެ ހެޔޮކަމެއްގެ ދައުރު ވެސް އަދާކުރެވިދާނެއެވެ. ނަމަވެސް ޚާއްޞަ ގޮތެއްގައި ބޭނުނުންކުރެވިދާނެ ބައެއް މުހިންމު ކަންތައްތަކުގެ ތެރޭގައި ދީނާއި ނަފުސާއި ބުއްދިއާއި ނަސަބާއި މުދާ ޙިމާޔަތްކުރުމަށް ކުރެވޭ ވަޤުފުތައް ފާހަގަކޮށްލެވެއެވެ.

ޢަރަބި ބަހުގައި "الوقف"ގެ ލަފުޒުގައި އެއް މާނަޔަށް ވުރެ ގިނަ މާނަ އެކުލެވިފައިވީ ކަމުގައި ވިޔަސް ޢާއްމު ގޮތެއްގައި އެލަފުޒުގެ މާނަ ރުޖޫޢަވެވޭހުށީ ﷲއަށްޓަކައި ކުރެވޭ ވަޤުފުތަކަށެވެ. ވަޤުފުގެ إصطلاحي މާނަ ކުރެއްވުމުގައި ފިޤުހުގެ ދަންނަބޭކަލުންގެ މެދުގައި ފުޅާ ދާއިރާއެއްގައި اختلافތައް އުފެދިފައިވެއެވެ. ޙަންބަލީން މާނަކުރެއްވީ އެއީ "އެއްޗެއްގެ އަސްލު ހިފެހެއްޓުމާއި (ވަޤުފުކުރުމާއި) އަދި އެ އެއްޗެއްގެ މޭވާ (މަންފާ) ލިބެމުންދިއުމެވެ." ބާޙިޘު ދެކޭގޮތުގައި އެންމެ ރަނގަޅު ކަމަކަށް ފެންނަނީ ޙަންބަލީ މަޒުހަބުގެ ބޭކަލުން ވަޤުފުގެ إصطلاحي މާނަ ކުރެއްވެވިގޮތެވެ. ސަބަބަކީ ޢުމަރުގެފާނަށް ވަޤުފުކުރާނެ ގޮތް، نبيއާ صَلَّى اللهُ عَلَيْهِ وَسَلَّمَ ދަސްކޮށްދެއްވި ޙަދީޘު «(احْبِسْ أَصْلَهُ وَسَبِّلْ تَمْرَهُ)»، ގެ މަނައާއި އެ إصطلاحي މާނަ ކައިރިކުރާތީއެވެ. އެހެންކަމުން ވަގުފު ފަންޑަށް އެއްކުރެވޭ ފައިސާ ހުންނަންޖެހޭނީ ރައުސުލްމާލެއްގެ ގޮތުގައި އިންވެސްޓުކުރެވިފައެވެ. ހޭދަކުރެވެންޖެހޭނީ އެއިން ނިކުންނަ މަންފާތަކެވެ. މިނިސްޓްރީ އޮފު އިސްލާމިކު އެފެއާރޒުގެ "މިސްކިތްތަކަށް އެހީވާ ވަގުފު ފަންޑު" ހިނގަނީ އެގޮތަށްތޯ ނުވަތަ އެއީ މިސްކިތްތަކަށް ހޭދަކުރުމަށް ފައިސާ އެއްކުރާ ފަންޑެއްތޯ ކަށަވަރުވާންޖެހެއެވެ.

އެއްޗެއް ވަޤުފުކުރެވެނީ އެއިން އެމީހަކު މަރުވެފައި އޮންނައިރު ދާއިމަށް ދަރުމަޔާއި ސަވާބު ލިބުން އުއްމީދުކޮށްގެންނެވެ. އަދި ވަޤުފު ހިމެނެނީ صَدقَةٍ جاريَةٍ (ހިނގަހިނގައި ހުންނަ ސަދަގާތެއްގެ) ގޮތުގައެވެ. މީހާ މަރުވުމަށް ފަހު ސަވާބަޔާއި ދަރުމަ ލިބޭ އެއްކަމަކީ ހިނގަހިނގައި ހުންނަ ޞަދަޤާތެކެވެ. މާތްاللَّه ރުއްސުންލެއްވި أبوهُرَيْرَةގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން رسُولُ اللَّه صَلّى اللهُ عَلَيْهِ وسَلَّم، حديثކުރެއްވިއެވެ. އާދަމުގެ ދަރިޔާ މަރުވުމުން ތިންކަމެއް ފިޔަވައި އެ މީހާގެ އެންމެހައި އަމަލުތައް ކެނޑިގެން ހިނގައިދެއެވެ. އެއީ ހިނގަހިނގާ ހުންނަ صدقة އެކެވެ. ނުވަތަ ފައިދާ ދެނިވި علم އެކެވެ. ނުވަތަ صالح ދަރިއަކު އެމީހަކަށް ކުރާ دعاء އެވެ. رواه مسلم .އެހެންކަމުން ވަގުފަކަށްވުމުގެ އަސާސީ ޝަރުޠަކީ ވަގުފުކުރެވޭ އެއްޗެއްގެ އަސްލު (ރައުސުލްމާލު) ހިފެހެއްޓިފައި (ހިނގަހިނގާ) ހުރުމެވެ.

އެއްޗެއް ވަޤުފުކުރުމުގެ ބޭނުމަކީ ވަޤުފުކުރާމީހާއަށް އެއިން ހެޔޮދަރުމަ ދާއިމަށް ލިބިލިބި ހުރުމާއި ވަޤުފުކުރެވޭ ކަމަކަށް އެއިން މެދުނުކެނޑި މަންފާ ލިބުމެވެ. އެއީ ޞަދަޤާތްތަކުގެ ތެރެއިން نبيއާ صَلَّى اللهُ عَلَيْهِ وَسَلَّمَ އުފެއްދެވި އައުވައްތަރެކެވެ. އެހެންކަމުން ވަގުފުކުރެވޭ ރައުސުލްމާލު ހޭދަކުރެވިގެންނުވާނެއެވެ. ހޭދަކުރަންޖެހޭނީ އެ އެއްޗެއް އިންވެސްޓުކުރުމުން ނިކުންނަ ފައިދާތަކެވެ.

ނަގުދު ފައިސާއިން ވަޤުފުކުރުމާމެދު ފިޤުހު علمވެރީން ދެ ޤައުލަކަށް اختلاف ކުރައްވާފައި ވެއެވެ. އެއީ ހުއްދަވުމާއި ނުވުމުގެ މައްޗަށެވެ. ބާޙިޘު ބުރަވަނީ ނަގުދު ފައިސާއިން ވަޤުފުކުރުން ހުއްދަ ކަމަށެވެ. ސަބަބަކީ އެކަން މަނާކުރާ ނައްޞެއްނެތުމެވެ. އަދި އެކަމުން ޝަރުޢީ އެހެން އުޞޫލަކަށް ހުރަސް ނޭޅޭތީއެވެ. ނަމަވެސް އެ ވަގުފުކުރެވުނު ފައިސާއެއް ރައުސުލްމާލަކަށް ހެދުން ޝަރުޠެވެ. ހޭދަކުރެވޭންޖެހޭނީ އެއިން ފައިދާ ނިކުންމައިގެން އެ ފައިދާއެކެވެ.

"މިސްކިތްތަކަށް އެހީވާ ވަގުފު ފަންޑު" އުފެދިފައިވަނީ 2010 ގައެވެ. އެއީ ވަގުފެއް ކަމުގައިވާ ނަމަ ވޭތުވެދިޔަ 12 އަހަރުގައި އެއަށް މީހުން ކުރި ވަގުފުގެ ފައިސާގެ ރައުސުލްމާލުގެ އަދަދާއި އެ ވަގުފުގެ ރައުސުލްމާލު އިންވެސްޓުކުރެވޭ ގޮތަކާއި އިންވެސްޓުކޮށްގެން ލިބޭ މަންފާތައް ހޭދަވާގޮތް ރައްޔަތުންނަށް އެނގެންޖެހެއެވެ. ވަގުފުގެ ހިސާބުކިތާބު ދެއްކުމަކީ ލާޒިމުކަމެކެވެ. ވަގުފެއް ހަވާލުކުރެވިފައިވާ ފަރާތުން ވަގުފުގެ ކަންތައް ކުރާން ފިގުހު އިލްމުވެރީން ކަނޑައަޅުއްވާފައިވާ ގޮތް ނޫން އެހެން ގޮތަކަށް އަމަލުކޮށްފި ނަމަ ބައެއް ފިގުހު އިލްމުވެރީންގެ އަހިހުގައި އެ މީހަކު ވާހުށީ މުނާފިގަކަށެވެ. މިސާލަކަށް ނަމަ ޙަނަފީންގެ ރައުޔަކީ އިމާރާތަށް ހޭދަކުރަންޖެހޭ ބޭނުމެއް އޮއްވައި އެހެން ކަމަކަށް ހޭދަކޮށްފި އެ ناظرއަކު ވާހުށީ ފާސިޤަކަށެވެ. އެ ގޮތަށް އަމަލުކޮށްފި ނަމަ އެމީހެއްގެ ފިސްޤު ކަށަވަރު (ސާބިތު) ވާނެކަމަށެވެ. އަދި އެ މީހަކު ބޭރުކުރުން ވާޖިބުވާނެ ކަމަށެވެ. އެހެންކަމުން ވަގުފުގެ ހިސާބުކިތާބަށް ވަގުފާ ހަވާލުވާ ފަރާތަކުން ވަރަށް ބޮޑަށް ރައްކާތެރިވާންޖެހޭނެއެވެ.

މިނިސްޓްރީ އޮފް އިސްލާމިކު އެފެއާރޒުގެ "މިސްކިތްތަކަށް އެހީވާ ވަގުފު ފަންޑަ"ކީ ދާއިމީ ވަގުފެއް ނަމަ އޭގެ ރައުސުލްމާލު ހުންނަންޖެހޭނީ ދާއިމަށް އިންވެސްޓުކުރެވިފައެވެ. އެއީ ވަގުތީ ވަގުފެއް ނަމަ އަމަލުކުރަން ޖެހޭނީ ވަގުތީ ވަޤުފާ މެދު އަމަލުކުރުމަށް ފިގުހުގައި ކަނޑައެޅިފައިވާ ގޮތަށެވެ. ވަޤުފު ފޮށްޓަކީ (ފަންޑަކީ) އެކަކަށް ވުރެގިނަ މީހުން ބައިވެރިވެގެން ވަޤުފެއް އުފެއްދުމެވެ.  އޭގެ މިސާލަކީ ކުރާ ހޭދައެއްގެ ގޮތުގައި ގިނަ ބަޔަކު ފައިސާ ޖަމާކޮށް رأس المال އެއް އުފައްދައި އެއިން ނުއުފުލޭ ވަޤުފެއް ނުވަތަ އުފުލޭ ވަޤުފެއް އުފައްދައި ދެން އެއިން ނިކުންނަ މަންފާ އެބަޔަކު ގަސްތުކުރި ކަމަކަށް ހޭދަކުރުމެވެ. ވަޤުފު ފޮށިތައް (ފަންޑުތައް) ބިނާވަނީ ތިން އުސޫލެއްގެ މައްޗަށެވެ. އެއީ ވަގުތީ ވަޤުފާއި، ފައިސާގެ ވަޤުފާއި، ގިނަ ބަޔެއްގެ ހިއްސާ އެކުލެވޭ ވަޤުފެވެ. ޢަރަބި ބަހުން ނަމަ (وقف المؤقت، وقف النقود، وقف المشاع) އެވެ.

ނޯޓު: ވަގުފުގެ ބައެއް މައުލޫމާތު ދިވެހި ބަހުން ބޭނުންފުޅު ނަމަ ތިރީގައިވާ ލިންކުން ބައްލަވައިލައްވާށެވެ. https://docdro.id/rX0Ozgn