Support Us

ކޮލަމް ގަލަން: ތަރައްގީއަށްޓަކައި ދެމެހެއްޓެނިވި ދަނޑުވެރިކަމެއް މުހިންމު

ދިވެހިރާއްޖެ ވަނީ ދެމެހެއްޓެނިވި ދަނޑުވެރިކަމަށް މުހުތާދުވެފައެވެ. ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ މިހާރުގެ ސިޔާސަތުގެ މިސާލަކީ މިނިސްޓްރީ އޮފު ފިޝަރީޒުގެ ކަނެއްގައި ހުންނަ ކުޑަކުޑަ ކޮޓަރިއެއްގެ މިސާލެވެ. ދިވެހިރާއްޖޭގައި ހުރިހާ ބާވަތެއްގެ ތަރުކާރީއާއި މޭވާ އުފެއްދުން ދަތިކަމަކަށް ވިޔަސް ތަރުކާރީތަކާއި މެވާގެ ބައެއް ބާވަތް ހެއްދިދާނެ ކަމަށް ފެނެއެވެ. މިސާލަކަށް ޓޮމާޓޯ، ކިއުކަމްބަރ، އަދި ބައެއް ބާވަތުގެ ތަރުކާރީ ވިނަތައް މިހާރަށްވުރެ ރަނގަޅަށް ހެއްދިދާނެ ކަމަށް ފެނެއެވެ. ނަމަވެސް މިކަމަކީ ދަނޑުވެރިކަމުގެ މަތީ ތައުލީމު ބޭނުންވާ ކަމަކެވެ. 

ދުޅަހެޔޮ ސިއްހަތަކަށް ބޭނުންވާ ތަރުކަރީއާއި މޭވާ ދިވެހީންނަށް ގަންނަން ލިބެނީ ގާތްގަނޑަކަށް ރަނާއި ރިހީގެ އަގުގައި ކަމަށް އަޅުގަނޑު ވާނީ މީގެ ކުރީގެ ލިޔުމެއްގައި ބުނެފައެވެ. އެހެންކަމުން އެ ތަކެތީގެ ޑިއުޓިއާއި ޓެކުސް 0% އަށް ދަށްކުރުންޖެހޭ ކަމަށް ވެސް ބުނެފައެވެ. ނަމަވެސް އެއީ ވަގުތީ ހައްލެކެވެ. ދާއިމީ ހައްލެއްނޫނެވެ. ދާއިމީ ހައްލަކީ ދެހެއްޓެނިވި ދަނޑުވެރިކަމަކަށް މަގުފަހިކުރުމެވެ.

ހުސްނުވާ އާސަންދައެއް ދީގެން މިވަގުތު މިދަނީ ދިމާވާ ސިއްހީ މައްސަލަތައް ހައްލުކުރަމުންނެވެ. އެ އާސަންދަ މުސްތަގުބަލުގައި ހުސްނުވެ ބޭއްވުމަށް ޓަކައި ވެސް ދުޅަހެޔޮ ސިއްހަތަކަށް ބޭނުންވެއެވެ. އެކަމަށް ޓަކައި ކުރަންޖެހޭ އެއް ކަމަކީ ރައްޔަތުންނަށް ދުޅަހެޔޮ ސިއްހަތެއް ލިބުން އެދިގެން ތަރުކަރީއާއި މޭވާ އަގުހެޔޮކޮށް ލިބޭނެގޮތެއް ހެދުމެވެ. އެހެންކަމުން ދެހެއްޓެނިވި ދަނޑުވެރިކަމަކަށް މަގުފަހިކުރުން ދިވެހީންނަށް މިއަދު މިވަނީ ނުހަނު ބޭނުންވެފައެވެ.

ދިވެހިރާއްޖެއަކީ ބިމުގެ ދަތިކަން އޮތް ތަނަކަށްވިޔަސް ހޮލެންޑު ފަދަ ކުދި ގައުމުތައް ވެސް ތަރުކާރީއާއި މޭވާ އުފެެއްދުމުގެ ރޮނގުން ކުރި ހޯދާފައިވާތިވެ ކަމުގެ ޕުރޮފެޝަނަލް މީހުންގެ އެހީގައި ދިވެހިރާއްޖެއަށް އަމާޒުކޮށްގެން ދިރާސާއެއް ހެދިދާނެ ކަމަށް ފެނެއެވެ. ބިމުގެ ދަތިކަން އޮންނަ ތަންތަނުގައި މިހާރު ދަނޑުވެރިކަމަށް ބޭނުންކުރަނީ ބިލްޑިންގުތަކެވެ. އެހެންކަމުން ދިވެހި ޒުވާނުންނަށް ދަނޑުވެރިކަމުގެ މަތީތައުލީމު ދެވިއްޖެ ނަމަ އެކުދީންނަށް ދަނޑުވެރިކަމުގެ ރޮނގުން ރަނގަޅު ނަތީޖާއެއް ނެރެދެވިދާނެ ކަމަށް ފެނެއެވެ.

ނިސްބަތުން ގިނަ ޒުވާނުންތަކެއް މިހާރު ތިބެނީ ކުރާނެ ކަމެއް ނެތިގެން ނުވަތަ އަދާކުރާނެ ވަޒިފާއެއް ނެތިގެން މަގުމަތިވެފައެވެ. މަސްތުވާތަކެތީގެ ވަބާއާއި ކުށުގެ ވެށިތައް ގިނަވާން މެދުވެރިވާ އެއް ސަބަބަކީ ވެސް ޒުވާނުން ބޭކާރުވެފައިތިބުމެވެ. އިސްވެދެންނެވި ފަދަ ދަނޑުވެރިކަމުގެ މަޝްރޫއުތައް އަތޮޅުތަކުގައި ގިނަވެއްޖެ ނަމަ ވަޒީފާގެ ފުރުސަތު އިތުރުވާނެކަން ކަށަވަރެވެ. އަންދާސާކުރެވޭގޮތުން ކޮންމެ އަތޮޅެއްގައި އެ ފަދަ މަޝްރޫއު ހިންގަންފަށައިފި ނަމަ މަދުވެގެން ތިރީސްހާސް ވަޒީފާގެ ފުރުސަތު ހުޅުވައިލެވިދާނެއެވެ. އަދި ޒުވާނުން މަސްތުވާތަކެއްޗާ ދުރުކުރުގެ ފުރުސަތު ބޮޑުކުރެވިދާނެއެވެ. ސަބަބަކީ މިފަދަ ދަނޑުވެރިކަމުގެ މަޝްރޫއުތަކަކީ އެ ފަންނުގެ ޓެކުނިކަލް މީހުން ގިނަ އަދަދަކަށް ބިނާކުރަން ޖެހޭ ކަމެކެވެ. ޒުވާނުން ބިނާކުރުން ގިނަވާ ވަރަކަށް މަސްތުވާތަކެއްޗާއި ކުށުގެ ވެށިތަކުން ޒުވާނުން ސަލާމަތްކުރެވޭނެ ކަމަށް ފެނެއެވެ.

ދިވެހިރާއްޖެއަކީ ފަތުރުވެރިކަމުގެ ސިނާއަތެއް އޮންނަތަނެކެވެ. ބޭނުންވާ ތަރުކާރީއާއި މޭވާގެ މާރުކޭޓު މުޅީންހެންވެސް އޮންނަނީ އަވަށްޓެރި ގައުމުގަތުގެ ނުވަތަ ބޭރު ގައުމުތަކުގެ ނުފޫޒުގެ ދަށުގައެވެ. ދަނޑުވެރިކަމުގެ މަޝްރޫއުތައް އަތޮޅުތަކުގައި ރަނގަޅަށް ހިނގަންފަށައިފި ނަމަ އާއްމުންނަށް ބޭނުންވާ ވަރަށްވުރެ އިތުރަށް އުފެއްދޭ ތަކެތި އެ އަތޮޅެއްގެ ކައިރި ރިސޯޓުތަކަށް ވިއްކައިގެން ދިވެހި ވިޔަފާރި ފުޅާކޮށްލެވިދާނެކަމުގެ އުއްމީދު ބޮޑެވެ.

އިސްވެ ދެންނެވުނު ކަންތައްތަކަށް ރިއާޔަތްކުރުމާއެކު ތީގައި މިދަންނަވަނީ އެގުރިކަލްޗަރުގެ ރޮނގުން ދުނިޔޭގެ ނަމޫނާ ގައުމަކަށް ދިވެހިރާއްޖެ ހެދުމުގެ ހުވަފެނެކެވެ. ގޮވާމާއި ނިއަމިސޫފީގެ މަޝްރޫއުތަކަކީ އެކަތި އަނެކައްޗާ ގުޅި ލާމެހިފައިވާ ކަންތަކެވެ. މިސާލަމަށް ދަނޑުވެރިކަމުގެ މަޝްރޫއެއް އުފައްދައިފި ނަމަ އެއިން އުކައިލެވޭތަކެތި ގެރިބަކަރީގެ ކާނާއަށް ބޭނުންކުރެވޭނެއެވެ.

އެކެއް: އެގުރިކަލްޗަރުގެ ރޮނގުން މަތީތައުލީމު ހޯދަން ބޭނުންވާ ޒުވާނުންނަށް އެގުރިކަލްޗަރުގެ ރޮނގުން ދުނިޔޭގެ ކުރި ހޯދާފައިވާ ގަމުތަކުގައި ކިޔެވުމުގެ ފުރުސަތު ފުޅާކޮށް ހުޅުވައިލުމެވެ.

ދޭއް: ޒަމާނީ ޓެކުނޮލެޖީގެ އެހީގައި ތަރުކާރީއާއި މޭވާ އުފެއްދުމުގެ މަޝްރޫއެއް ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގައި ގާއިމުކުރުމަށް ޒުވާނުންނަށް ފަންނީ އެހީތެރިކަމާއި މާލީ ހެހީތެރިކަން ފޯރުކޮށްދިނުމެވެ.

ތިނެއް: ޒަމާނީ ޓެކުނޮލެޖީގެ އެހީގައި ގެރި ފާމެއް އުފެއްދުމުގެ މަޝްރޫއެއް ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގައި ގާއިމުކުރުމަށް ޒުވާނުންނަށް ފަންނީ އެހީތެރިކަމާއި މާލީ ހެހީތެރިކަން ފޯރުކޮށްދިނުމެވެ. މިވަގުތު ދިވެހިރާއްޖޭގެ ގިނަ ރައްޔަތުން ބޭނުންކުރަން ޖެހެނީ ބޭރުން އެތެރެކުރާ ހިކިކިރެވެ. ދިވެހިރާއްޖޭގައި މުނިފޫހިފިލުވަން އަސް ގެންގުޅެވޭ ނަމަ ފާމެއް ހަދައިގެން އަތޮޅުތަކަށް ބޭނުންވާ ނިސްބަތަކުން ގެރި ބަކަރި ވެސް ގެންގުޅެވިދާނެ ކަމަށް ފެނެއެވެ.

ހަތަރެއް: ޒަމާނީ ޓެކުނޮލެޖީގެ އެހީގައި ކުކުޅު ފާމެއް އުފެއްދުމުގެ މަޝްރޫއެއް ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގައި ގާއިމުކުރުމަށް ޒުވާނުންނަށް ފަންނީ އެހީތެރިކަމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. ދިވެހިރާއްޖެއަކީ މަސްވެރިކަމުގެ ސިނާއަތެއް އޮންނަ ތަނަކަށް ވާތީވެ މަހުން އުކާލެވޭ ކަށްޓާއި އެހެނިހެން ތަކެއްޗަކީ ކުކުޅުގެ ކާނާ ތައްޔާރުކުރުމަށް ބޭނުންކުރެވިދާނެ ތަކެއްޗެވެ.

ދަންނައެވެ. ދިވެހި ބައެއް ޒުވާނުން މިކަމަށް ވަރަށް ހިތްވަރުކޮށްފިއެވެ. ނަމަވެސް ފަށައިގަންނަ ތަނުން ކުރިޔަށް ދެވޭނެ އެއްވެސް މަގެއް ނުފެއެވެ. އެ ޒުވާނުން އެތިބީ މާޔޫސްވެ ވަރުބަލިވެފައެވެ. ސަބަބަކީ އެ ފަދަ މަޝްރޫއުތަކަށް ސަރުކާރުން ދޭންޖެހޭ އެއްބާރުލުން ނުލިބޭތީ ކަމަށް ފެނެއެވެ. އެ ފަދަ އެއްބާރުލުމުގައި ހިމެނެނީ އެންމެ ފުރަތަމަ އެކަމަށް ބޭނުންވާ ތައުލީމު ދިނުމެވެ. ދެން އެ ކަން ފަށައިގަތުމަށް ބޭނުންވާ މާލީ އެހީތެރިކަމާއި ފަންނީ އެހީތެރިކަން ދިނުމެވެ.

ތިނެއް: ދިވެހިރާއްޖޭގެ ރަށްތަކުގެ މަގުތަކުގައި ގަސް އިންދުމުގެ މަޝްރޫއެއް ގާއިމުކުރުމެވެ. މިހަރުވެސް އެ މަޝްރޫއު ކުރިޔަށް އެބަދެއެވެ. އެއީ ރަނގަޅު ބަވަތިއެކެވެ. ނަމަވެސް އާއްމު މަގުތަކުގައި އާލާކުރެވިދާނެ މޭވާ ލިބޭނެ ވައްތަރުގެ ގަސްތަކަކީ ކޮބައިތޯ ބަލައި އެފަދަ ގަސްތައް އިންދުމަށް އިސްކަންދިނުން މުހިންމުކަމަށް ފެނެއެވެ.