Support Us

ބޯހިމެނުމުން ލިބޭ މަޢުލޫމާތުތަކަކީ ތަރައްޤީއަށް ބޭނުންހިފޭނެ މުހިންމު މަޢުލޫމާތުތަކެއް: ފައިސަލް

ބޯހިމެނުމުގެ މަސައްކަތުން ލިބޭ މަޢުލޫމާތުތަކަކީ ރާއްޖެ ތަރައްޤީކުރާއިރު ބޭނުންހިފޭނެ މުހިންމު މަޢުލޫމާތުތަކެއް ކަމަށާއި، އެފަދަ މަޢުލޫމާތުތަކުގެ އަލީގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެންމެ ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމުގައި ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހުޅުމާލޭގައި ހުންނަ "ބޯހިމެނުން 2022″ގެ މަސައްކަތް ކުރިއަށްދާ މަރުކަޒަށް ޒިޔާރަތްކުރައްވައި އެތަނުގައި މަސައްކަތްކުރައްވާ ފަރާތްތަކާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ ބޯހިމެނުމުގެ މަސައްކަތުން ލިބޭ މަޢުލޫމާތުން ރާއްޖޭގެ ދުރު މުސްތަޤްބަލަށް ގިނަ ކަންކަން ރޭވުމަށް ފަސޭހަތަކެއް ލިބޭނެކަން ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ރާއްޖޭގެ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢު ކުރިއަށްގެންދިއުމަށްވެސް މުހިންމު މަޢުލޫމާތުތަކެއް ލިބިގެންދާނެކަމުގައި ވިދާޅުވެފައެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން، ނައިބު ރައީސް ވަނީ ބޯހިމެނުމުގެ މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވާ ފަރާތްތަކުން ކުރައްވާ މަސައްކަތް ފާހަގަކުރައްވާ އެ ފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެވެ. އެމަނިކުފާނު ވަނީ ކިޔެވުމުން ލިބޭ މަޢުލޫމާތާއި އެއްވަރަށް ޢަމަލީ ތަޖުރިބާލިބުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. އަދި އެމަނިކުފާނު ވަނީ ބޯހިމެނުމުގެ އަމަލީ މަސައްކަތުގައި ދަރުމަވެރިންގޮތުގައި ގިނައިން މަސައްކަތްކުރައްވަނީ ޒުވާނުންކަން ފާހަގަކުރައްވައި މި މަސައްކަތުން ލިބޭ ތަޖްރިބާއަކީ އެ ބޭފުޅުންގެ މުސްތަޤްބަލަށް ލިބޭ މުހިންމު ތަޖްރިބާއެއްކަން ފާހަގަކުރައްވާފައެވެ.

މިއަދުގެ ޒިޔާރަތްކުރެެއްވުމުގައި ހުޅުމާލޭގެ ބޯހިމެނުމުގެ ސެންޓަރުގައި މަސައްކަތްކުރައްވާ ބޭފުޅުންނާ ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ މިހާރު ބޯހިމެނުމުގެ މަސައްކަތްތައް ކުރިއަށްގޮސްފައިވާ މިންވަރަށް ބެއްލެވުމަށްފަހު އެދުވަހެއްގެ ޓާގެޓަށް މަސައްކަތްތައް ކުރިއަށްދާކަން ފާހަގަކުރައްވާފައެވެ. އަދި އެކަމުން ދޭހަވަނީ ރައްޔިތުން ބޯހިމެނުމުގެ މަސައްކަތަށް އެއްބާރުލުން ދެމުންދާކަންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ބޯހިމެނުމުގެ މަސައްކަތަކީ ޤައުމީ މަސައްކަތެއްކަން ފާހަގަކުރައްވާ އެމަސައްކަތް ކުރިއަށްގެންދިއުމުގައި ކޮންމެ ރައްޔިތެއްވެސް އެބާރުލުންދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *