Support Us

އިނގިރޭސި ރަސްގެފާނު ޗާލްސް (ކ) އަރިހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒުނާ

އިނގިރޭސި ރާނީގެ ޖަނާޒާގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

އަވާހަރަވެފައިވާ އިނގިރޭސި ރާނީ އެލިޒަބަތު (2 ވަނަ) ރަސްމީ ޢިއްޒަތުގައި ފަސްދާނުލުމަށް ބޭއްވި ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނު އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ.

އުމުރުފުޅުން 96 އަހަރުގައި މި ސެޕްޓެމްބަރު މަހުގެ އަށް ވަނަ ދުވަހު، ރާނީ އެލިޒަބަތު އަވަހާރަވިއިރު، މިހާތަނަށް އެންމެ ގިނަ ދުވަހު އިނގިރޭސި ތަޚުތުގައި އިންނެވީ އެކަމަނާއެވެ. އެކަމަނާ ވަނީ މެދުނުކެނޑި 70 އަހަރަށްވުރެ ގިނަދުވަހު ރަނިކަން ކުރައްވައިފައެވެ.

ރަސްމީ އެންމެ މަތީ ޢިއްޒަތުގައި، ރާނީ އެލިޒަބަތު ފަސްދާނުލާފައި ވަނީ، އެކަމަނާގެ މިސާލެއް ނެތްފަދަ ރަނިކަމާއި އިނގިރޭސި ވިލާތަށާއި ކޮމަންވެލްތުގައި ހިމެނޭ ޤައުމުތަކަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް ޝުކުރު އަދާކުރުމަށްފަހުގައެވެ.

ލަންޑަންގެ ވެސްޓްމިންސްޓަރ އެބީގައި އޮތް ރާނީ އެލިޒަބަތުގެ ޖަނާޒާގައި އިނގިރޭސި ޝާޚީ ޢާއިލާގެ މެމްބަރުންނާއި އިނގިރޭސި ދައުލަތުގެ އެންމެ އިސްވެރިންނާއި ދުނިޔޭގެ ޤައުމުތަކުގެ އެންމެ އިސްވެރިންނާއި ކޮމަންވެލްތުގައި ހިމެނޭ ޤައުމުތަކުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން އާއްމު ރައްޔިތުންގެ ގިނަ ބަޔަކު ވެސް ވަނީ ބައިވެރިވެރިވެފައެވެ. ރާނީ އެލިޒަބަތުގެ ޖަނާޒާއަށްފަހު، އިނގިރޭސިވިލާތުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ފޮރިން، ކޮމަންވެލްތް، އެންޑް ޑިވެލޮޕްމަންޓް އެފެއާޒް ޖޭމްސް ކްލީވަރލީ ދެއްވި ފަރިއްކޮޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

އާދީއްތަ ދުވަހު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ، ރާނީއަށް އެންމެފަހުގެ އިޙްތިރާމް އަދާކުރައްވައި، ލަންޑަނުގެ ލެންކަސްޓަރ ހައުސްގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި، ތަޢުޒިޔާގެ މެސެޖު ލިޔުއްވާފައެވެ. ދިވެހިރާއްޖެއަކީ ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް ވުމާއިއެކު، ކޮންމަންވެލްތުގެ އެންމެ އިސްވެރިޔާ ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވުމުގެ ގޮތުން، ސެޕްޓެމްބަރު ނުވަޔަކުން ފެށިގެން ތިން ދުވަސް ވާންދެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފައި ބެހެއްޓިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *