Support Us

ރައީސްގެ ދެކަނބަލުން އިނގިރޭސި ރާނީ އަށް އެންމެފަހުގެ އިޙްތިރާމް އަދާކުރައްވައިފި

އަވަހާރަވެފައިވާ އިނގިރޭސި ރާނީ އެލިޒަބަތު ދެ ވަނައަށް އެންމެފަހުގެ އިޙްތިރާމު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު އަދާކުރައްވައިފިއެވެ.

އުމުރުފުޅުން 96 އަހަރުގައި މި މަހު އަށް ވަނަ ދުވަހު އަވަހާރަވި ރާނީއަށް އެންމެފަހުގެ އިޙްތިރާމު އަދާކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ވަނީ ލަންޑަނުގެ ލަންކަސްޓަރ ހައުސްގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ތަޢުޒިޔާގެ ދެ މެސެޖު ލިއުއްވާފައެވެ. މި ދެ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާރލްސް ތިންވަނަ އަށާއި ޝާހީ ޢާއިލާއަށާއި އިނގިރޭސިވިލާތާއި އަދި ކޮމަންވެލްތް ޤައުމުތަކުގެ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައެވެ.

ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިއުއްވި މެސެޖުގައި ރާނީ އަވަހާރަވުމާ ގުޅިގެން މުޅި ދުނިޔެ ހިތާމަ ފާޅުކުރަމުންދާއިރު، އެކަމަނާގެ ޤައުމުގައި، އެކަމަނާގެ އެންމެ ގާތްބޭފުޅުންނާއެކު، އެންމެ ފަހުގެ އިޙްތިރާމް އަދާކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވުމަކީ، އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޝަރަފެއް ކަމަށް ވިދާޅުވެފައިވެއެވެ. އަދި ރާނީ އެލިޒަބަތުގެ ހަނދާންތަކަކީ ހިތްތަކުގައި ބިންވަޅުނެގިފައިވާ އެތައް ޖީލުތަކަށް ދެމި އޮންނާނެ ހަނދާންތަކެއް ކަމުގައި ވެސް ފާހަގަކުރައްވާފައިވެއެވެ.

ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ލިއުއްވާފައިވާ މެސެޖުގައި، އިނގިރޭސި ރާނީ އަވަހާރަވުމަކީ، އެކަމަނާއަށާއި މުޅި ދުނިޔޭގެ އެތައް ބަޔަކަށް ފުން ހިތާމައެއް ގެނުވި ކަމެއްކަން ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން އެކަމަނާ ވަނީ މި ދަތުރުފުޅުގައި ވަޑައިގެންނެވުމުގެ ކުރިން، އެކަމަނާގެ މަންމާފުޅުގެ އަރިހަށް ވަޑައިގެންނެވުމުން، އިނގިރޭސި ރާނީގެ ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވާކަން ފާހަގަކުރައްވަމުން، އެކަމަނާގެ މަންމާފުޅު ދެއްވި މެސެޖު ފާހަގަކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އެކަމަނާގެ އަމިއްލަފުޅު ނަންފުޅުގައާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެންމެހާ މައިންގެ ފަރާތުން، އިނގިރޭސި ރާނީ، މައެއްގެ ގޮތުގައި، އެކަމަނާގެ ޤައުމަށާއި ރައްޔިތުންނަށްޓަކައި ކޮށްދެއްވި ޚިދުމަތްތަކަށް ތަޢުރީފު އަދާކުރައްވާފައެވެ.

ރާނީ އެލިޒަބަތުގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ވެސްޓްމިންސްޓަރ އެބީގައި މާދަމާއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *