Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ލެއްގި ބުދާއި އިންޑިއާ، އަދި ހަނދި ހަސަނުގެ ވެރިކަން!

ރާއްޖޭގެ އުތުރުގެ އެކި އަތޮޅުތަކުގެ އެކި ރަށްރަށަށް ހިންދޫ ކަލާނގެތަކުގެ ބުދުތަކެއް މި ސެޕްޓެމްބަރު މަހު ތެރޭ ވަނީ ލައްގައިފައެވެ. އެތެއްގެ ސިފަ ހުންނަ ހިންދޫ ބުދެއް ށ. ފޭދުއަށް ލެއްގިއިރު ހދ. ހަނިމާދޫ، ހއ. ފިއްލަދޫ، ހދ. ކުރިނބީ އަދި ހދ. ވައިކަރަދު އަށް ވެސް ވަނީ މުޝްރިކުން އަޅުކަން ކުރަން ގެންގުޅޭ ބުދުތައް ލައްގައިފައެވެ. އިހަވަންދުއަށް ލައްގައިފައި ވަނީ ބަރަހަނާ ފިރިހެނެއް ރަމްޒުވާ ގޮތަށް އޮތް ބުދެކެވެ. ހިންދޫންނަކީ އެތައް ހާސް ތަފާތު ކަލާނގެތަކަކަށް އަޅުކަންކުރާ ބައެކެވެ. އޭގެ ތެރެއިން ބައެއް މީހުން ފިރިހެނުންގެ ޖިންސީ ގުނަވަނަށް ވެސް އަޅުކަން ކުރެއެވެ. ދިވެހި ސަރުކާރުގެ ބޮޑުން އިންޑިއާ އަށް ގޮސް ކަރާއިކަރު ޖައްސައި މި ސަލާމް ކުރަނީ ފިރިހެން ގުނަވަނަށް އަޅުކަން ކުރާ ހަރުބީ ހިންދޫ ކާފަރުންނާއެވެ.

ރާއްޖޭގެ ރަށްތަކަށް ކުއްލިއަކަށް މިހާ ގިނަ ބުދުތަކެއް މި ލައްގަނީ މިއީ ދިވެހީންނަށް ބުދުދީން ތައާރަފްކުރާން ވެގެން ބަޔަކު ރާވައިގެން ކަނޑަށް އަޅާ ބުދުތަކެއް ބާވައެވެ؟ އިންޑިއާ އިންވެސް މިކަން ކޮށްފާނެއެވެ. މިވެސް ހަމަ ކޮށްލަން ޖެހޭ ސުވާލެކެވެ. ދައްކަން ޖެހޭ ވާހަކައެކެވެ.

ދެން އެހެން ވާހަކައެކެވެ. މިމަހު އަޑު އިވުނު އަނެއް ވާހަކަ އަކީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ 23 މުއައްޒަފަކަށް މަސައްކަތުގެ އިތުރު ތަޖުރިބާ ހޯދައިދިނުމަށް އިންޑިއާ އަށް ދަތުރަކު ދިޔަ ވާހަކައެވެ. އިންޑިއާ ސަރުކާރުގެ ހަރަދުގައެވެ. އިންޑިއާ އަށް ގެންގޮސްގެން ރާއްޖޭގެ ނޫސްވެރީންނަށް އެތަކެއް ތަޖުރިބާއެއް ހޯދައިދީފިއެވެ. ސިވިލް ސާވަންޓުންގެ ޓީމްތަކާއި ޓީޗަރުންނާއި ކޯޓުތަކުގެ މުއައްޒަފުންވެސް އިންޑިއާ އަށް ތަމްރީނު ދަތުރުތަކުގައި ގެންދަނީ އެވެ. އިސްލާމް ޓީޗަރުންނާއި ޤުރުއާން ޓީޗަރުންވެސް އަދި ގެންދާނެއެވެ. ހުކުރު މިސްކިތް މަރާމާތު ކުރަނީ އިންޑިއާ އިންނެވެ. ދުވަސްކޮޅަކުން އިސްލާމީ ކަންތައްތަކުގެ ފަތުވާ މަޖުލިސްގެ މެމްބަރުންވެސް އިތުރު ތަޖުރިބާ ހޯދުމަށް އިންޑިއާ އަށް ގެންދާނެއެވެ. މުސްލިމުން ގައިގައި ތަޅައި މަރާނެ ގޮތް ދަސްކޮށްދީ، އެކަމުގެ ތަޖުރިބާ ހޯދައިދިނުމަށް ދިވެހި ފުލުހުންވެސް އަދި އިންޑިއާ އަށް ގެންގޮސްފާނެއެވެ. ދިވެހި ބަސް ދަސްކޮށްދިނުމަށް ދިވެހިބަހުގެ އެކަޑެމީގެ މެމްބަރުން އިންޑިއާއަށް ގެންދިއުން ވެސް އަދި އޮތީ އެވެ. މިއީ ވެސް ހަމަ ދައްކަންޖެހޭ ވާހައެކެވެ. ބަޔަކު ކޮސްވެދާނެއެވެ.

ދެން އެހެން ވާހަކައެކެވެ. މިމަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިނގިރޭސި ރާނީގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުންނާއި ރައީސް އޮފީހުގެ ބޮޑު ވަފުދެއް ލަންޑަނަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ދަނޑިވަޅެއްގައި ދިވެހި ޝޭހެއް ކަމުގައިވާ ޝެއިޚް އާދަމް ނިޝާން ވިދާޅުވެފައިވަނީ ޖަނާޒާ އަކީ އަޅުކަމެއް ކަމަށާއި، ކާފަރެއްގެ ޖަނާޒާގައި ބައިވެރިވާ މީހާ އެ ބައިވެރިވަނީ ޝިރުކުގެ އަމަލެއްގައި ކަމަށެވެ. އަޅުގަނޑަކީ ޝެއިޚެއް ނޫނެވެ. އަޅުގަނޑު ވަކި އެއްޗެކޭ ނުދަންނަވާނަމެވެ. ނަމަވެސް ޝެއިހް ނިޝާން އެ ވިދާޅުވި އެއްޗަކާމެދު ވިސްނާލުމަކީ ދިވެހި ސަރުކާރުން ކުރަން ހަމަ އެންމެ ރަނގަޅު ކަމެކެވެ. ދައްކާލަން ރަނގަޅު ވާހަކައެވެ. އާންމުން ރައްޔިތުންގެ ޖީބުން ނަގާ އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްފައި، އަމުދުން މިހާ ދަތި ދުވަސްވަރެއްގައި، ރާނީގެ ޖަނާޒާ އަށް ރައީސް ސޯލިހު ކޮންމެހެން ހަމަ ވަޑައިގަންނަވަންޖެހޭތޯއެވެ؟ މިކަމުން ދިވެހީންނަށް ހުރީ ކޮންފައިދާއެއްތޯއެވެ؟

އެއްރަ ށަކަށް ވަޑައިގެން ވޮލީ ކުޅުއްވާފައި، އަނެއް ރަށަކަށް ވަޑައިގެން ދައުލަތުގެ ހަރަދުގައި 2023ގެ ރިއާސީ އިންތިހާބަށް ކެމްޕެއިން ކުރައްވާފައި، ކޮންމެވެސް ބައެއްގެ ތާއިދު ހޯއްދަވަން އެވޯޑެއް ދެއްވާފައި، އެމެރިކާއިން، އިނގިރޭސިވިލާތުން، އިންޑިއާށް ބުރު ޖެއްސެވުމަށް ފަހު ރައްޔިތުންގެ ކަމަކާ އުޅުއްވާނެ ވަގުތެއް ރައީސް ސޯލިހަށް ވޭތޯއެވެ؟ ރައީސް ކަމަށް ހޮވިވަޑައިގަތީ ދައުލަތުގެ ހަރަދުގައި އެއް ރަށުން އަނެއް ޤައުމުން ބުރުޖައްސަވާކަށް ނޫނެވެ. ނަސާރާ ދީނުގެ އެ އަޅުކަމުގައި، އެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަކީ ދީނަށާއި ޤައުމަށާއި ރައްޔިތުންނަށް ޓަކައި ކުރައްވާ ކަމެއްތޯއެވެ؟ މިއީ ޙިކްމަތްތެރި ރައީސްގެ ހިކުމަތު އަމަލީގެ ދަށުން ކޮންމެހެން ކުރައްވަންޖެހޭ ކަމެއްތޯއެވެ؟ މިއީ ޝިރުކުގެ އަމަލެއްތޯ ޝެއިހް އިމްރާން އަރިހުން ނާއްސަވަންތޯއެވެ؟

ދެން އެހެން ވާހަކައެކެވެ. މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް ދިނުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން މިދިޔަ ހަފްތާގައި ރައީސް ސޯލިހު މާމޮޅު ވާހަކައެއް ވިދާޅުވެއްޖެއެވެ. ދިވެހި ނޫސްވެރިންނަށް ނޫސްވެރިކަމުގެ ފުރިހަމަ މިނިވަންކަން އަލަށް ލިބުމުން މިހާރު އުޅެނީ "ހަނދި ހަސަނަށް، މޫދު ހިތަކަށް ލިބުމުން" އުޅުނު ގޮތަށް ކަމަށް ރައީސް ސޯލިހު ވިދާޅުވުމުން ނޫސްތަކުގައި ލިޔެއުޅޭ ދިވެއްސެއްގެ ގޮތުން އަޅުގަނޑު ހިތަށް އެރީ ހަނދި ހަސަނަށް މޫދު ހިތަކަށް ލިބިގެން އުޅުނު ގޮތެކޭ ރައީސް ސޯލިހަށް ވެރިކަން ލިބިވަޑައިގަތުމުން އުޅުއްވާ ގޮތެކޭ ވަކި ތަފާތެއް ނެތް ކަމަށެވެ. އެއް ރަށަށް ވަޑައިގެން ވޮލީ ކުޅުއްވާފައި، އެމެރިކާ އަށް ވަޑައިގެން އދ.ގެ އާއްމު މަޖުލިސްގެ ރައީސް އަބްދުﷲ ޝާހިދާ ބައްދަލު ކުރައްވާފައި މޫނުބަލާ ލޯގަނޑެއްގެ ކުރިމަތީ ހުންނަވައިގެން ރާއްޖޭގެ ސިފައިންގެ ވެރިޔާއާ ބައްދަލު ކުރައްވާފައި ހަނދި ހަސަނު މޫދުގައި އުޅުނު ގޮތަށް ފުމެނަންގަވަނީ އެވެ. ހަނދި ހަސަނަށް ރާއްޖޭގެ ރައީސްކަން ލިބިއްޖެ ނަމަ އުޅޭނެ ގޮތް މިހާރު ދިވެހި ނޫސްވެރީންނަށް ހަމަ ގައިމުވެސް އެނގޭނެއެވެ.

ދިވެހި ނޫސްވެރިން ލިޔާ ރިޕޯޓް ތަކުގައި ހިމަނާ މައުލޫމާތުގެ މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް ޤާނޫނު ބަދަލުކޮށް، އިންޑިއާ އައުޓޭ ލިއުމަކީ ޖިނާއީ ކުށަކަށް ހަދައި، ނޫސްވެރިކަމުގައި ނުސީދާކޮށް ތަޅުއަޅުވަން މަސައްކަތް ކުރައްވާފައި ރައީސް ސޯލިހު މި ވިދާޅުވަނީ މާބޮޑު މިނިވަން ކަމެއް ލިބިގެން ދިވެހި ނޫސްވެރިން މޮޔަގެން، ހަނދި ހަސަނުހެން ފުމެނަގަނީ ކަމަށެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އާއި ކެބިނެޓްގައި ތިއްބެވި ގިނަ މިނިސްޓަރުން، ނެންގެވުނު ތާކުން ނެންގެވުނު އެއްޗެއް ނަންގަވަމުން، ހިތުހުރި ގޮތަކަށް މަޤާމުގެ ބޭނުން ކުރައްވަނީ އެވެ. ހަނދި ހަސަނަކީ އެބޭފުޅުން ނޫންތޯއެވެ؟ ފުރާނަ އާއި މިނިވަންކަން އަތްމައްޗަށް ލައިގެން، ކުޑަ އާމްދަނީއަކަށް ދިވެހި ނޫސްވެރިން މަރުފަލި ޖަހަނީ ރައްޔިތުންގެ ހައްޤުގައެވެ. ސިޔާސީ ބޮޑުން މިލިއަނުން މުސާރަ ނަންގަވައިގެން، ދައުލަތުގެ އިނާޔަތް ތަކުގައި، މަޤާމުގެ ބޭނުން ހިއްޕަވައިގެން އުދުހެނީ އެވެ. އެކަމަކުވެސް ހަނދިހަސަނަކަށް މިވީ ނިކަމެތި ލިއުންތެރިންނެވެ. މީހަކު ފަހެ ކޮހެއް ނުވާނެތޯއެވެ؟