ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް މއ. އަތަމާވިލާ، ޢަބްދުލްޣަފޫރު މުޙައްމަދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ޢައްޔަންކުރައްވައިފިއެވެ.
ޢަބްދުލްޣަފޫރު މުޙައްމަދަށް މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްދެއްވީ މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
ޢަބްދުލްޣަފޫރު މުޙައްމަދު އެންމެ ފަހުން ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާޖްގެ މަގާމުގައެވެ. އޭގެ ކުރިން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓެރީގެ މަގާމާއި އެކުވެރި ދައުލަތްތަކުގައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބުގެ މަޤާމާއި ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުގެ މަޤާމާއި އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިސްމަޤާމުތައް ވެސް ފުރުއްވާފައިވެއެވެ.
ޢަބްދުލްޣަފޫރު މުޙައްމަދު ވަނީ އެމެރިކާގެ ޓަފްޓްސް ޔުނިވަރސިޓީގެ ފްލެޗަރ ސްކޫލް އޮފް ލޯ އެންޑް ޑިޕްލޮމަސީން އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން މާސްޓާރސް ޙާސިލުކުރައްވާފައެވެ.



advertisment