Support Us

މަސްދަރު ހާމަކުރުން ލާޒިމްކުރާ އިސްލާޙު އަލުން އިޞްލާހުކުރުމަށް ނިންމަވައިފި

ބައެއް ހާލަތްތަކުގައި މަސްދަރު ހާމަކުރުން ލާޒިމްކުރާ ގޮތަށް ހެއްކާބެހޭ ޤާނޫނަށް މިއަހަރުގެ ޖުލައިމަހު ގެނައި އިސްލާހާ ގުޅިގެން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދިނުމަށް އެ ޤާނޫނު އަލުން އިޞްލާހުކުރުމަށް ނިންމަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިންތިޒާމުކޮށްގެން ރޭ ބޭއްވި ފުރަތަމަ "މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް 2022″ ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހެއްކާ ބެހޭ ޤާނޫނުގެ 136 ވަނަ މާއްދާގެ {ށ} އަށް، ގެނައި އިސްލާހާމެދު މީޑިއާގެ ކަންބޮޑުވުމެއް އޮތްކަން ފާހަގަކުރެވޭ ކަމަށާއި އެކަމާ ގުޅޭގޮތުން އެމަނިކުފާނު މީޑިއާގެ ބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައިވާ ކަމުގައެވެ. ރައީސުލްްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ނޫސްވެރިކަމަށް ޤާނޫނީ ހުރަހެއްގެ ގޮތުގައި ކުރިން، "އަބުރު ރައްކާތެރިކުރުމުގެ ނަމުގައި" އޮތް ޤާނޫނު މި ސަރުކާރުން އުވާލައްވައި ނޫސްވެރިންނަށް މިކަމުގައި އޮތް ކަނބޮޑުވުން ވެސް ޙައްލުކޮށްދެއްވާފައިވާކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ރާއްޖޭގައި ބްރޯޑްކާސްޓިންގެ މަސައްކަތްތައް ފެށިގެން އައި ގޮތުގެ މައްޗަށާއި ޓީވީއާއި ރޭޑިޔޯއިން ރާއްޖޭގެ މުޖުތަމަޢަށް ގެނެސްދިން ރަނގަޅު ބަދަލުތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

މިރޭގެ ޙަފްލާގައި ލައިފްޓައިމް އެޗީވްމަންޓް އެވޯރޑް ލިބިވަޑައިގެންނެވި ދެ ބޭފުޅުން ކަމުގައިވާ ސަމަރުބުލޫ އިބްރާހީމް މަނިކް އަދި އަލް މަރްޙޫމާ ޒާހިދާ އިބްރާޙިމުގެ އެވޯރޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. މި ދެ ބޭފުޅުންނަކީ ޒަމާނާއެކު އޭރު ރާއްޖެއަށް އަންނަމުންދިޔަ ބަދަލުތަކުގެ ތެރޭގައި އެކިއެކި ދާއިރާތަކުން ޢާންމު ރައްޔިތުން ހޭލުންތެރިކޮށް ކަންކަމަށް އަހުލުވެރިކުރުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރެއްވި ބްރޯޑްކާސްޓް ދާއިރާ ޚިދުމަތުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވެވަޑައިގެންނެވި ދެ ބޭފުޅުންނެވެ.

މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ނޫސްވެރިކަން އަންނަން އޮތް ޖީލުތަކާ ހަމައަށް އަމާނާތްތެރިކަމާއެކު ފޯރުކޮށްދޭންޖެހޭކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ފުޅާދާއިރާއެއްގައި އޮތްނަމަވެސް ނޫސްވެރިން ހިފަހައްޓަންޖެހޭ އަޚްލާޤީ މިންގަޑުގެ ތެރޭގައި ޒިންމާދާރުކަމާއެކު ނޫސްވެރިކަން ކުރުމުގައި ކުރިޔަށްދިއުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގެ ނޫސްވެރިންނަށް ބޭނުންވާ ހުނަރާއި ޤާބިލްކަމާއި ތަމްރީނު ލިއްބައިދިނުމަށް ކުރިޔަށްވުރެ ބޮޑަށް، މިހާރު މަސައްކަތް ކުރަންޖެހޭ ކަން ފާހަގަކުރައްވައި އެކަމުގައި ސަރުކާރާ އަދި ވަކިން ޚާއްޞަކޮށް ބްރޯޑްކާސްޓިންގ ކޮމިޝަނާއި މީޑިއާ ކައުންސިލްގެ ދައުރުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ.

މި ރޭގެ ޙަފްލާގައި މޯލްޑިވްސް ބްރޯޑްކާސްޓް އެވޯރޑްގެ ޖޫރީގެ އެވޯޑް ލިބިވަޑައިގެންނެވި ބޭފުޅުންނަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *