Support Us

ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ގެނައުމަކީ މައްސަލަތަކަށް އޮތް ހަަމައެކަނި ހައްލެއް ނޫން: ރައީސް

ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ގެނައުމަކީ ކުޑަކުދިންނަށް ދިމާވާ މައްސަލަތަކަށް އޮތް ހަމައެކަނި ހައްލު ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، "ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް" އިފްތިތާޙްކޮށްދެއްވައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި ކުރިއަށްދާ މި ސިމްޕޯޒިއަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުޑަކުދިންގެ ހެދި ބޮޑުވުމަށާއި އެކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް ވެސް އެންމެ މުހިންމީ ޢާއިލީ ގުޅުމުގެ ބަދަހިކަން ކަމަށާއި، ޢާއިލާގެ ތެރެއިން އެކުދިންނަށް ލޯތްބާއި އޯގާތެރިކަން އިޙްސާސްވާނީ، ގެވެށި ގުޅުން ބަދަހިވި ވަރަކުން ކަމަށެވެ. އެހެންކަމުން ގެވެށި ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން، ސަރުކާރުން މިހާރުވެސް ގިނަ ޕްރޮގްރާމްތަކެއް ހިންގަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދައުލަތުން ކިތަންމެ އޯގާތެރިކަމާއެކު، ކިތަންމެ ހޭހަންކޮށްގެން ކުދިން ބެލެހެއްޓިޔަސް، މައިންބަފައިންގެ ލޯބިން މަޙްރޫމުވުމުން ކުޑަކުދިންނަށް އެ ލިބޭ އުނިކަމާއި ހިތްދަތިކަން ފޫބެއްދޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން އެމަނިކުފާނު ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ގެނައުމަކީ، މައްސަލަތަކަށް އޮތް ހަމައެކަނި ޙައްލު ނޫންކަމަށާއި، އެކުދިންގެ ކުރިމަގަށް ވެސް އެންމެ ރަނގަޅު ގޮތަކީ، ގާތްތިމާގެ މީހުންނާ އެކުގައި މުޖްތަމަޢާ ލާމެހިގެން އުޅެވޭނެ ގޮތެއް ހޯދައިދިނުން ކަމަށެވެ. މިގޮތުން ކުޑަކުދިންގެ ހިޔާ އަދި ހުޅުމާލެ ފިޔަވަތީގައި ދައުލަތުގެ ފަރާތުން ބަލަހައްޓަމުން އައި ކުދިންނަށް އިޖްތިމާޢީ ޢާއިލީ ވެއްޓެއް ހޯދައިދިނުމަށް، ހަ ރަށެއްގައި ޖެންޑަރ މިނިސްޓްރީގެ ފަރާތުން އަމާން ވެށިތަކެއް ޤާއިމުކޮށް، އެކުދިން މިހާރު ވާނީ އެ ތަންތަނަށް ބަދަލުކުރެވިފައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުގައި ވިދާޅުވީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ތަފާތު އެތައް ދާއިރާއަކުން އަޅުގަނޑުމެން މިއަދު މަސައްކަތް ކުރަންޖެހިފައިވާ ކަމަށެވެ. މިގޮތުން ކުޑަކުދިން މަސްތުވާތަކެތީގެ ނުރައްކަލުން ސަލާމަތް ކުރުމަކީ މިއަދު އުފުލަންޖެހިފައިވާ އެންމެ ބޮޑު އެއް ޒިންމާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

"ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް" މިބޭއްވީ އެކަމަށް ނުހަނު ބޭނުންވެފައިވާ ދަނޑިވަޅެއްގައި ކަމަށާއި މިގޮތުން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ހުރި ގޮންޖެހުންތަކަކީ ކޮބައިކަން، މަހާސިންތާގެ މަޝްވަރާތަކުން ދެނެގަނެވޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

މި ސިމްޕޯޒިއަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ، ސިމްޕޯޒިއަމް އާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ފޮތެއް ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަަށް އަރުއްވާފައެވެ.

"ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް" ކުރިއަށްދާނީ މިއަދާއި މާދަމާ ކްރޮސް ރޯޑް މޯލްޑިވްސްގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *