ތިން ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސަށް ލ. ގަމަށް ކުރެއްވެވި ދަތުރުފުޅު ނިންމަވާލައްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މާލެ ވަޑައިގެންފިއެވެ.
މި މަހުގެ 11-12 އަށް ކުރިޔަށްގެންދިޔަ މި ކޮންފަރެންސް ފަށްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ކޮންފަރެންސްގެ ބޭނުމަކީ ލާމަރުކަޒީ ނިޒާމަށް ގެންނެވި ބަދަލުތައް ތަންފީޒު ކުރެވެމުންދަނީ ރައްޔިތުން އެދޭގޮތަށްތޯ ދެނެގަނެ، ރައްޔިތުންގެ މަޝްވަރާއާ ޚިޔާލު ހޯއްދަވައިގެން މުޅި ނިޒާމު ފުރިހަމަ ކުރެއްވުން ކަމުގައި ވިދާޅުވެފައެވެ.
މި ކޮންފަރެންސް ފެށުމުގެ ކުރިން ކޮންފަރެންސްގެ ބައިވެރިންނަށް އަމާޒުކޮށްގެން ގުޅުން ބަދަހިކުރުމުގެ ގޮތުން ސްޕޯޓްސް ފެސްޓިވަލްއެއް ވަނީ ގަމުގައި ކުރިޔަށްގެންގޮސްފައެވެ.
މި ފަހަރުގެ ކޮންފަރެންސްގައި، ސަރުކާރުގެ އިސްބޭފުޅުންނާއި ސަރުކާރުގެ ކުންފުނިތަކާއި އަދި ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ހިމެނޭހެން ޖުމްލަ 270 ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 107 ބޭފުޅުން ހިމެނެއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ މި ކޮންފަރެންސްގައި، ހަތަރު ސެޝަނެއް ކުރިޔަށް ގެންދިޔައެވެ. އަދި ކޮންމެ ސެޝަނެއްގައިވެސް ޕްރެޒެންޓޭޝަންތައް ހުށައަޅައި މަޝްވަރާތައް ބޭއްވެވިއެވެ. މިގޮތުން، މި ސެޝަންތަކުގައި މަޝްވަރާކުރެވުނު މައުލޫޢުތަކުގެ ތެރޭގައި ހިމެނެނީ، މިންތީގެ ހަމަހަމަކަމާއި ބިނާވެށީގެ ޕްލޭން އެކުލަވާލައި ތައްޔާރު ކުރުމާއި ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމާއި، ވިލުންވެރި މުޖުތަމަޢެއް ބިނާކުރުމެވެ. މި ސެޝަންތަކުގައި ކައުންސިލްތަކުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އެބޭފުޅުންގެ ޚިޔާލާއި ހުރި މައްސަލަތަކާއި ކަންބޮޑުވުންތައް ހުށައަޅުއްވައި ސީދާ ރައީސުލްޖުމްހޫރިއްޔާއާ އަދި ސަރުކާރުގެ މަތީފެންވަރުގެ ބޭފުޅުންނާއި އެކު ވަނީ މަޝްވަރާކުރައްވާފައެވެ.
ކައުސިލްތަކަށް މާލީގޮތުންނާއި އަދި ޤާނޫނީ ގޮތުން އިތުރު ބާރުތައް ލިބިދީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އަށް ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރައްވާފައި ވަނީ 15 ޑިސެންބަރު 2019 ގައި ބޭއްވި ފުރަތަމަ ވިއަވަތި ރާއްޖެ މަޝްވަރާ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.



advertisment