Support Us

ބިނާވެށީގެ ޕްލޭން ތައްޔާރުކުރުމުގެ މައްސަލަ ޙައްލުކުރުމަށް ޤާނޫނު ބަދަލުކުރަންޖެހޭ ނަމަ އެކަން ކުރުން މުހިއްމު: ރައީސް

ބިނާވެށީގެ ޕްލޭން ތައްޔާރުކުރުމުގައި ހުރި ދަތިތައް ޙައްލުކުރުމަށް ޤާނޫނު ބަދަލުކުރަންޖެހޭ ނަމަ އެކަން ކުރެއްވުން މުހިއްމުކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ލ.ގަމުގައި މިހާރު ކުރިޔަށްދާ، ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ދެވަނަ ސެޝަންގެ ރިޔާސަތު ބަލަހައްޓަވައި އިއްޔެ ދެއްކެވި ވާހަކަފުޅުގައެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ތިންވަނަ ސެޝަންގެ މައުޟޫޢެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ، "ބިނާވެށީގެ ޕްލޭން އެކުލަވާލުން" މިއެވެ. މި ސެޝަންގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މުޙައްމަދު އަސްލަމާއި، މިނިސްޓަރ އޮފް ޓޫރިޒަމް، ޑރ. ޢަބްދުﷲ މަޢުޞޫމާއި، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، ޑރ. ޙުސައިން ރަޝީދު ޙަސަން އަދި، ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މެންބަރު، ތުޅާދޫ ދާއިރާގެ މެންބަރު އަލްއުސްތާޛާ ޙިސާން ޙުސެއިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ލާމަރުކަޒީ ޤާނޫނަށް ގެނެވުނު ބަދަލުތަކާ އެއްގޮތަށް ބިނާވެށި ޕްލޭންތައް އެކުލަވާލުމަށް ކައުންސިލްތަކަށް ދަތިތަކެއް ކުރިމަތިވަމުންދާކަން ހާމަވެފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ރަށްރަށުގެ ތަރައްޤީއަށް ކުރަން ހުރި މަސައްކަތްތަކުގައި ހުރަސްތައް ހުރިކަން ކައުންސިލްތަކުން ފާހަގަކުރައްވަމުން ދާތީ، ޤާނޫނަށް އިސްލާޙް ގެނެސްގެން ނަމަވެސް އެކަމަށް ލުއި ފަސޭހަ މަގެއް ހޯދަން ޖެހޭ ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

މިޕެނަލް ޑިސްކަޝަންގެ ތެރޭގައި ވަނީ، ބިނާވެށި ޕްލޭން އެކުލަވާލުމުގައި ދިމާވެފައިވާ ދަތިތަކަށް ޕްލޭނިންގ މިނިސްޓްރީއިން ހުށަހަޅުއްވާފައިވާ ޙައްލުތަކާ ގުޅޭ ވީޑިއޯއެއްވެސް ދައްކާފައެވެ. މީގެ އިތުރުން، ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވަނީ، ބިނާވެށީގެ ޕްލޭންތައް ހެދުމުގައި ކައުންސިލްތަކަށް ފަސޭހައިން އެކަން ކުރެވޭނެ ގޮތްތައް ވިދާޅުވެދެއްވާފައެވެ.

މުޅި ރާއްޖެއިން މިހާތަނަށް ލޭންޑް ޔޫސްޕްލޭންތައް މިނިސްޓްރީއަށް ފޮނުއްވާފައިވަނީ ފަސްދޮޅަހަކަށް ރަށުންކަން ފާހަގަކުރައްވައި، މިނިސްޓަރ އަސްލަމް ވިދާޅުވީ، މިފަހަރުގެ ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ބައިވެރިވާ ރަށްތަކުގެ ތެރެއިން، މިނިސްޓްރީއަށް ލިބިފައި ވަނީ 11 ރަށެއްގެ ބިނާވެށީގެ ޕްލޭން ކަމަށެވެ. އަދި އޭގެ ތެރެއިން ހަތް ރަށެއްގެ ބިނާވެށީގެ ޕްލޭންގައި މައްސަލަތައް ފާހަގަވެ ފާސްނުވާކަން މިނިސްޓަރ ފާހަގަ ކުރެެއްވިއެވެ.

މީގެ އިތުރުން މިސެޝަންގައި ވެސް ވަނީ، ފަނޯއްލަ ދަރުބާރުގައި މަޝްވަރާކުރެވުނު ކަންކަމާ ގުޅޭގޮތުން ކައުންސިލަރުންގެ ފަރާތުން ޕްރެޒެންޓޭޝަނެއް ހުށައެޅުމުގެ އިތުރުން، ފަނޯއްލަ ދަރުބާރުގައި، ކައުންސިލަރުން މަޝްވަރާކުރައްވައި ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުންނާ ކައުންސިލަރުން ފާހަގަކުރައްވަން ބޭނުންވާ އިތުރު ކަންކަން ފާހަގަކުރެއްވުމަށް ވެސް ޕެނަލް ޑިސްކަޝަންގެ ތެރެއިން ފުރުޞަތު ދެއްވާފައެވެ. މިގޮތުން ކައުންސިލްތަކުގެ ފަރާތުން ފާހަގަކުރި، ކަންތައްތަކުގެ ތެރޭގައި ބިނާވެށީގެ ޕްލޭންތައް ހެދޭނެ ފަދަ ފަންނީ މުވައްޒަފުން ކައުންސިލްތަކުގައި ނެތުމާއެކު، އެކަމަށް މުވައްޒަފުންނަށް ތަމްރީން ޕްރޮގްރާމްތައް ހިންގައިދިނުން ހިމެނެއެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ދެވަނަ ސެޝަން ފެށުމުގެ ކުރިން، އަމާން މުޖްތަމަޢެއް ޤާއިމުކުރުމާ ގުޅޭގޮތުން މުއައްސަސާތަކުން ކުރައްވަމުންގެންދަވާ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަނެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ. މީގެ އިތުރުން މި ސެޝަން ނިންމުމަށްފަހު ދެމެހެއްޓެނިވި ސަލާމަތީ ވެށްޓަކަށް ދިފާޢީ ވިސްނުން މި މައުޟޫޢަށް ބިނާކޮށް ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ފަރާތުން ބައިވެރިންނަށްވަނީ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންގެ ތެރެއިން 107 ބޭފުޅުންނާއިއެކު، ޖުމްލަ 270 ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ. ވިއަވަތި ރާއްޖެ ކޮންފަރެންސްގައި މާދަމާ ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ދެ ސެޝަންގެ މައުޟޫޢުއަކީ، ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުވުމާއި، ވިލުންވެރި މުޖުތަމަޢެއް ބިނާކުރުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *