Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: މަގޭ ނަޔާ ގުލްޒާރަކަށް ރާއްޖެ އަލުން ހެދުން!

އައްޑޫ އިން ފެށިގެން ހއ. ކެލައާ ހަމަ އަށް ދިވެހީން އެއް ވާހަކައެއް ކިޔައި އުޅޭ ކަމަށާއި އެވާހަކަ އަކީ ބޮޑުތަކުރުފާނު ވާހަކަ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން ދެތިން "ވާހަކަ"އެއް ހިތަށް އެރިއެވެ. ފުރަތަމަ ވާހަކަ އަކީ ބޮޑުތަކުރުފާނު ދިވެހި ޤައުމަށްޓަކައި ވެވަޑައިގެންނެވި ޤުރުބާނީ ވެއްޔާ މޮޑެލެއްވުމުގެ އާރުކާޓީ އަކީ ރައީސް ނަޝީދު ކަމެވެ.

ބޮޑުތަކުރުފާނަކީ ބޭރު ޤައުމަކަށް ރާއްޖޭގެ ވައިގެ މައި ބަނދަރު ނުއަގުގައި ވިއްކާލައްވާނެ ފަދަ ޤައްދާރެއް ނޫނެވެ. ބޮޑުތަކުރުފާނަކީ ތިމަންނާމެންނަކީ ނުވަ އަހަރުގައި ކުދީން ކައިވެނި ކުރުވާނެ ފަދަ ހައްދުފަހަނަ އެޅި ބައެއް ނޫން ކަމަށް ބުނެ ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރައްވާނެ ބޭފުޅެއް ނޫނެވެ. ބޮޑުތަކުރުފާނަކީ ތިމަންނާގެ ޕާޓީ ނޫން އެހެން ޕާޓީ އެއްގެ މީހަކު ތިމަންނާ ކައިރިއަށް އަތުވެއްޖެ ނަމަ ތިމަންނާގެ ހުރި ނުލަފާކަން ދައްކާލާނެ ކަމަށް ވިދާޅުވާނެ ބޭފުޅެއް ނޫނެވެ. ބޮޑުތަކުރުފާނަކީ ބޯންޖެހޭނެ ކަމަށް ވިދާޅުވެ ދިވެހީން މަސްތުވުމަށް ހިއްވަރު ދެއްވާނެ ބޭފުޅެއް ނޫނެވެ. ބޮޑުތަކުރުފާނު ޖިހާދު ކުރެއްވީ ޕޯޗްގީޒުން ދިވެހީންގެ ކަރަށް ރާއަޅައި ރާ ބޯންދޭން އުޅުނީމައި އެކަން ހުއްޓުވާށެވެ. އެހުރިހާ ހަރުދަނާ އަސާސެއް އެކޮޅުކޮޅުން ޖެއްސެވީ ނަޝީދުގެ ވެރިކަމުގައެވެ.

ބޮޑުތަކުރުފާނު ހިންގެވި މަގަކުން ހިންގެވުމުގެ ހައްޤު އޮތް ސިޔާސީ ވެރިއެއް މިޤައުމުގައި، ހާއްސަކޮށް އެމް.ޑީ.ޕީގައި މިއަދު ނެތެވެ. ދިވެހީން އެއްގަލަކަށް އަރައި، އެއްމަގަކުން ހިނގީ އެއްގޮތަކަށް ވާހަކަ ކިޔައިގެން ކަމަށް ނަޝީދު ވިދާޅުވިއިރު ނަޝީދަކީ އެކި ފަހަރު އެކިގޮތަށް ވާހަކަ ވިދާޅުވެ، ދިވެހީންގެ އިސްލާމީވަންތަ ފިކުރާ ވަރަށް ބީރައްޓެހި ބޭފުޅެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޒިނޭ ކުރައްވާ ފޮޓޯ ތިމަން މަނިކުފާނު އަތުގައި އެބަހުއްޓޭ ވިދާޅުވުމަށް ފަހު އެކަން ވެސް ދިވެހި ނޫސްވެރީން އޮޅުވާލީ ކަމަށް ވިދާޅުވެ މުޅި ވާހަކައިގެ މަފްހޫމް ބަދަލުކޮށްލެއްވި ބޭފުޅެކެވެ. ދިވެހީން އެއްބައިވަންތަ ކުރުވަނީ އެއްވާހަކައެއް އެއްގޮތަކަށް ކިޔައިގެން ކަމުގައި ވަނީ ނަމަ ނަޝީދަކީ އެއްވާހަކައެއް ހާސް ގޮތަށް ކިޔައިގެން އެކި ފަހަރު އެކި ގޮތަށް އެއް ވާހަކައެއް އަނބުރުއްވައިގެން، ދިވެހީން އޮޅުވާލައްވައިގެން ވެރިކަމުގައި ދެމިހުންނަވާ ސިޔާސީ ބޭފުޅެކެވެ. ދުނިޔެ މަކަރާއި ޖަހައިގެން ފަރީއްކުޅުއްވާ ސިޔާސީ ބޭފުޅެކެވެ. ނަޝީދު ރަނގަޅުވާނީ ބޮޑުތަކުރުފާނުގެ ނަން ވެސް ނުގަތީޔާއެވެ.

ފޮތްކިއުމުގެ އާދަ އާލާކުރުމުގެ ގޮތުން ޤައުމީ ޔުނިވަރސިޓީން ހޮނިހިރު ދުވަހު ފެއްޓި، "ފަހި ލައިބްރަރީ" ހަރަކާތް ހުޅުވައިދެއްވަމުން ދެއްކެވި ވާހަކައިގައި ނަޝީދު ވިދާޅުވީ ރާއްޖެ، ދިވެހި ރާއްޖެއަކަށް ވަނީ އެއް ވާހަކައެއް އެންމެން ކިޔާތީ ކަމަށެވެ. އެއީ ކޮންމެ މަހަކު އެއްފަހަރު ރަންނަމާރި އެރުމުން ރަންނަމާރި އަށް ޤުރުބާން ކުރުމަށް ކޮންމެ މަހަކު ބިކުރުވެރި އަންހެން ކުއްޖަކު ދެމުން އައިގޮތުގެ ވާހަކަ ކަމަށް ވެސް ވެދާނެއެވެ. ދިވެހި ތާރީޚު ފުރިފައިވަނީ މިކަހަލަ ފުލޯކު އެތައް ވާހަކަ ތަކަކުންނެވެ. ބޮޑުތަކުރުފާނު ވާހަކައިގައި މައްސަލައެއް ނެތެވެ. އެއީ ހަމަ ޤައުމީ ބަތޮލެކެވެ. ނަމަވެސް ނަޝީދުމެން ދައްކަވަން ރަނގަޅީ ބޮޑުތަކުރުފާނު ވާހަކަ އަށް ވުރެ ބޮޑަށް އަނދިރިއަނދިރިންގެ ވާހަކަ އާއި ރަންނަމާރީގެ ވާހަކައެވެ. އެއީ ވެސް ހަމަ އެއްގޮތަކަށް ދިވެހީން ކިޔައި އުޅޭ ވާހަކަތަކެވެ. މިހާރު ދިވެހީންނަށް ބިރު ދައްކައިގެން އަޅުވެތިކުރަން ދައްކާ ރަންނަމާރި އަކީ ކޮވިޑެވެ! މިހާރުގެ އަނދިރިއަނދިރިންނަކީ އިންޑިއާ އަށް ޤައުމު އަލުވެތިކުރަން އުޅޭ "ކޯލިޝަން" އެވެ!

ނަޝީދާއި އެމް.ޑީ.ޕީ 2008 ވަނަ އަހަރު ވެރިކަމަށް އައީ ދިވެހީންނަށް ހުވަފެނެއް ދައްކައިގެންނެވެ. އެއީ ނަޝީދާއި އެމް.ޑީ.ޕީ އަށް ވެރިކަން ދީފިނަމަ ދިވެހީންގެ ނަޔާ ގުލްޒާރުގައި ނޫރާނީމާ ފޮޅޭނެ ކަމަށް ދެއްކި ހުވަފެނެކެވެ. އެ ގުލްޒާރުގައި ބުލްބުލްތަކާއި ކޮކާތަކާ އުދުހޭނެ ކަމުގެ ހުވަފެނެވެ. މުނިޔާ ތަކާއި ގުރާތަކާ މިނިވަންކަމާ އެކީ، ދުނިޔޭގެ ވައި ލިބޭ ގޮތަށް، އުފަލުން އެ ގުލްޒާރުގައި އުޅޭނެކަމުގެ ހުވަފެނެވެ.

ނަމަވެސް ނަޝީދަށް ވެރިކަން ލިބިވަޑައިގަތް ހިސާބުން ބޮޑުފެންވަޅުގޭ ސީދީ ސިފަކުރެއްވި ގުލްޒާރު ބަދަލުވެގެން ދިޔައީ ޚުދުމުހުތާރު ވެރިކަމަކަށެވެ. އިންޑިއާ އަށް ދިވެހީން އަޅުވެތި ކުރުވާ ވެރިކަމަކަށެވެ. ޒަމާނުއްސުރެ ދިވެހީން އުޅެމުންއައި އިސްލާމީ ރިވެތި އުސޫލްތަކަށް ހަޖޫ ޖަހާ، ދީން ބަލިކަށިކުރުވާ ވެރިކަމަކަށެވެ. ބޯންޖެހޭނެ ކަމަށާއި ބޯންދޭނެ ކަމަށާއި، ބިރަކާނުލާ މަޖާ ކުރެވެންޖެހޭނެ ކަމަށް ބުނާ ވެރިކަމަކަށެވެ. ބޮޑުފެންވަޅުގޭ ސީދީގެ ޅެމަކީ އާ ޤާނޫނު އަސާސީއާ އެކު ދިވެހީން އުޅޭނެ މިނިވަން އުފާވެރި ދިރިއުޅުން ސިފަކޮށްދިން ޅެމެއް ކަމަށް ނަޝީދު ވިދާޅުވިއަސް، އެ ޅެމުގައިވާ ގުލްޒާރު، 2008 ވަނަ އަހަރު ކަށިކުނބުރު ވަލަކަށް ބަދަލުކޮށްލެއްވީ ނަޝީދާއި އެމް.ޑީ.ޕީ އެވެ.

ރާއްޖެ ދިވެހި ރާއްޖެއަކަށް ވަނީ އެންމެން އެއްވާހަކައެއް ކިޔާތީ ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް ރާއްޖެ އަކީ މިހާރު "ދިވެހި" ރާއްޖެ އެއް ނޫނެވެ. ދިވެހީންގެ ދީން މިފަސްގަނޑުގައި ނިކަމެތި ކޮށްފިއެވެ. ދިވެހީންގެ މިނިވަންކަން އިންޑިއާ އަށް ވިއްކާލައިފިއެވެ. ޑިމޮކްރެސީގެ ނަމުގައި ގެނައި ޕާރޓީ ސިސްޓަމުން ދިވެހި ދައުލަތް ބަނގުރޫޓު ކޮށް، ދިވެހީން ބިކަކޮށްފިއެވެ.

މިއީ މިހާރު ދިވެހީންގެ ރާއްޖެ އެއް ނޫނެވެ. މިކަމުން ސަލާމަތް ވެވެން އޮތީ އެންމެން އެއްވާހަކައް ކިޔައިގެން ނެވެ. އެއީ ބޮޑު ތަކުރުފާނު ވާހަކައެއް ނޫނެވެ. އެއީ އެމްޑީ.ޕީ އާއި، ނަޝީދާއި، ރައީސް ސޯލިހާއި، މި ނުބައި ކޯލިޝަން އާއި، މާރިޔާ އާއި، ޝާހިދާއި، އަމީރާއި، ޝަމާލް، އާއި، މިފަދަ ހުރިހާ ނުބައި ކަމަކުން ސަލާމަތް ވުމުގެ ވާހަކައެވެ. ޤައުމުގެ ހަލާކަކީ މިއީ ކަން ޤަބޫލްކޮށް އެންމެން އެކައްޗެއް ކިޔައިގެންނެވެ. ހުރިހާ ދިވެހީން ކިޔަންވީ ވާހަކަ އަކީ މިއީ އެވެ. ޤަބޫލް ކުރަންވީ ހަޤީގަތަކީ މިއީ އެވެ. މި ހަޤީގަތް ޤަބޫލްކޮށް، އެންމެން އެކައްޗެއް ކިޔައިގެން މެނުވީ ރާއްޖެ "ދިވެހި" ރައްޖެއަކަށް އަލުން އަނބުރައި ހެދޭކަށް ނެތެވެ.

ބޮޑުފެންވަޅުގޭ ސީދީގެ ނަލަ ޅެމުގެ އަވައިގައި ދިވެހީން ޖައްސައިގެން ދިވެހީންނަށް އެމް.ޑީ.ޕީން ދިން ކެހިން ސަލާމަތްވެ، އެންމެން އެކައްޗެއް ކިޔައިގެން މިކަން ބަދަލުކުރުމުގެ ވަގުތު މިވަނީ ޖެހިފައެވެ. ސީދީ ސިފަކުރެއްވި ނަޔާ ގުލްޒާރުގައި މުނިޔާތަކާއި ގުރާތަކާއި ބުލްބުލް ތަކެއް ފަދައިން ދިވެހީންނަށް އުފަލުން އުދުހެެވެން އޮތީ އެއިރުންނެވެ. އަޅުވެތިކަމާއި ދަރަނިވެރި ކަމާއި ލާދީނިއްޔަތުން ސަލާމަތްވާން އޮތީ އެގޮތުގެ މަތީންނެވެ.