Support Us

ކެޔޮނިރު ކޮލަމް

ދެއީދު އެއްވާ މި ހުކުރު ދުވަހުގެ ހެޔޮ ދުއާ!

މިއޮތީ އިސްލާމް ދީނުގެ ދެ އީދެއް އެއްވެފައެވެ. ކޮންމެ ހުކުރު ދުވަހަކީ މުސްލިމުންނަށް އީދެކެވެ. އަލްހާ އީދާއި ހުކުރު ދުވަސް އެއްވުމުން ދެ އީދެއް މިއޮތީ އެއް ދުވަހަކަށްވެ، ދުވަހުގެ ބަރަކާތް އިތުރުވެފައެވެ. މި ބަރަކާތްތެރި މުނާސަބަތުގައި ކެޔޮނިރު ކޮލަމުން ގެނެސްދޭން ގަސްތު ކުރަނީ ދެ ދުނިޔޭގެ ދިންނެވުން އެދިގެން ކުރަން، އިންޝާﷲ، ވަރަށްވެސް ފުރިހަމަ ދުއާއެކެވެ. މިދުއާގެ ހުރި ތަފާތުކަން އިހުސާސް ވާނީ ފެށިގެން ނިމެންދެން ކިޔާލުމުންނެވެ. ﷲ އަޅަމެންގެ މިދުއާ އިޖާބަ ކުރައްވާށިއެވެ. އާމީން.

ހައްދަވައި ބޮޑު ކުރެއްވި، ރަހްމާން ވަންތަ ރަހީމް ވަންތަ މާތް ﷲ.
މިއަޅާ އަށާއި މިއަޅާގެ މަންމަ އާއި ބައްޕަ އަށް،
އަދި މިއަޅާގެ އަނބިމީހާ/ ފިރިމީހާ އަށް،
އަދި މިއަޅާގެ ހުރިހާ ދަރީންނަށް،
އަދި މިއަޅާގެ މާމަމެންނާއި ކާފަމެންނަށް،
އަދި މިއަޅާގެ އެއްބަނޑު ތިމާގެ އެންމެންނަށާއި ހުރިހާ މުސްލިމުންނާއި މުސްލިމާއިންނަށް އަދި މޫމިނުންނާއި މޫމިނާއިންނަށް: ފާފަ ފުއްސަވާ، އަޅަމެންގެ ތައުބާ ޤަބޫލް ކުރައްވާފާނދޭވެ. އަދި އަޅަމެންނަށް ދުނިޔޭގައިވެސް އެންމެ ހެއުގޮތް ދެއްވާ އާހިރަތް އެއަށްވުރެވެސް އަމާން ކުރައްވައި ކާމިޔާބު ދެއްވާފާނދޭވެ.

ޔާﷲ! އިބަﷲ ދެ ދުނިޔޭގައި ވެސް ހެއްދެވި ހުރިހާ އަޒާބަކާއި ފިތުނަ އަކާއި ހަސަދައަކާއި ސިހުރަކާއި އަދާވަތްތެރި ކަމަކާއި ހުރިހާ ބައްޔަކާއި ކުއްލި އެކްސިޑެންޓް ތަކުންނާއި ނުރައްކާތެރި ހުރިހާ ކަމަކުން، އަދި ހުރިހާ މުސީބާތަކުން އަޅަމެން ސަލާމަތް ކުރައްވާ ރައްކައުތެރި ކުރައްވާފާދޭނވެ.

ފަހު ޒަމާނުގެ އާފާތްތަކުންނާއި ފިތުނަތަކުންނާއި ނުރައްކާތަކުން އަޅަމެންނަށް އަމާންކަން ދެއްވާ، އިބިލީހާއި އިބިލީހުގެ އައުވާނުންގެ ވަސްވާސް ތަކުންނާއި ނުބައިކަމުން އަޅަމެންނަށް ރައްކާތެރިކަން ދެއްވާ، އަޅަމެންނަށް ދެދުނިޔޭގައިވެސް ގެއްލުން ހުރި ކަންކަމުން އަޅަމެން ދުރުކުރައްވާފާނދޭވެ. އަދި ޔައުޖޫޖު މައުޖޫޖުގެ ނުބައި ކަމުންނާއި ދައްޖާލުގެ ފިތުނައިންނާއި ނުބައިކަމުން އަޅަމެނަށް ރައްކާތެރިކަން ދެއްވާފާދޭނވެ.

ޔާﷲ. އަޅަމެން ފަރުލު ނަމާދާއި ސުންނަތްކަން ގަދަވެގެންވާ ތަހައްޖުދު ނަމާދާއި ވިތުރި ނަމާދާއި ހެނދުނުގެ ލުހާ ނަމާދުގެ އަހުލުވެރީންގެ ތެރެއިން ލައްވާފާނދޭވެ.

އަދި ގިނަގިނައިން ކީރިތި ޤުރުއާން ކިޔަވާ، ޤުރުއާނުގެ އަހުލުވެރީންގެ ތެރެއިން އަޅަމެން ލައްވާފާނދޭވެ. އަދި ފަރުލު ރޯދައާއި ހޯމަ ބުރާސްފަތީގައި ހިފާ ސުންނަތް ރޯދައިގެ އަހުލިވެރީންގެ ތެރެއިން އަޅަމެން ލައްވާފާނދޭވެ.

އަދި ﷲގެ ރުއްސެވުމާއި ފުއްސެވުން އެދިގެން، އެއްވެސް ދެއްކުންތެރިކަމެއް ނެތި ގިނަގިނައިން ސަދަގާތްދޭ ސަދަގާތުގެ އަހުލުވެރީންގެ ތެރެއިން އަޅަމެން ލައްވާފާނދޭވެ.

އަދި ފަރުލު ޒަކާތް އޭގެ އެންމެ ފުރިހަމަ އަދަދަށް، އޭގެ ހައްގު ފަރާތާ ހަވާލުކޮށް އެހައްގު އަދާކުރާ ޒަކާތުގެ އަހުލުވެރީންގެ ތެރެއިން އަޅަމެން ލައްވާފާނދޭވެ.

އަދި ގިނަގިނައިން ކައުބަތުﷲ ގެފުޅަށް ޒިޔާރަތްކޮށް ގިނަގިނައިން ހައްޖުވެ އުމްރާވާ، އަދި އެ ހައްޖާއި އުމްރާއާއި ނަމާދާއި ރޯދައާއި ޒަކާތާއި ސަދަގާތާއި ޤުރުއާން ކިޔެވުމުގެ އަޅުކަންތައް އެބައެއްގެ ކިބައިން އިބަﷲ ޤަބޫލްކުރައްވާ އަޅުންގެތެރެއިން އަޅަމެން ލައްވާފާނދޭވެ.

ޔާﷲ. ލައިލަތުލްޤަދުރިވިލޭރޭގެ ފުރިހަމަ ސަވާބާއި ދަރުމަ ގިނަ ގިނައިން ރޯދަމަސް ތަކުގައި ލިބޭ ސޯލިހް އަޅުންގެ ތެރެއިން އަޅަމެން ލައްވާނދޭވެ. އަދި ހުކުރު ވިލޭރެއަކު ނުވަތަ ހުކުރު ދުވަހަކު، މާތްވެގެންވާ މަދީނާގައި، އިބަﷲގެ ރަސޫލާ (ސ.ވ) ގެ މިސްކިތްކޮޅުގައި ނަމާދަށް ވާ ހާލު އަޅަމެންގެ ފުރާނަ، އިބަﷲގެ ރަހްމަތުގެ މަލާއިކަތުން ހިއްޕަވާ އަޅުންގެ ތެރެއިން އަޅަމެން ލައްވާފާނދޭވެ.

ޔާﷲ! އަޅަމެންނަށް ހަލާލު ތަކެތިން ރިޒުގު ދެއްވާ، ހަރާމް ތަކެއްޗާ ދުރުކުރައްވާ، އުހުރަވީ ފައިދާއެއް ނެތް ދުނިޔަވީ އުފާތަކާ އަޅަމެން ދުރުކުރައްވާ، އެއަމަލުތަކާ އަޅަމެންނާ ދެމެދު ފަރުދާއެއް ލައްވާފާނދޭވެ. އަދި އަޅަމެންގެ ރިޒުގުގައި ބަރަކާތް ލައްވާ، ހިތްހަމަޖެހުމާއި ފުދުންތެރިކަން ދެއްވާފާނދޭވެ.

އަދި އަޅަމެންނަށް ފުރިހަމަ ސިއްހަތު ދެއްވާ، އުމުރު ދިގު ކުރައްވާ، އެދިގު އުމުރުގައި ބަރަކާތް ލައްވާ، އެދިގު އުމުރުގައި އިބަﷲ އަށް ގިނަގިނައިން ހަމްދުކޮށް ޝުކުރުކޮށް، ތަގްވާވެރިކަމާ އެކު އަޅުކަންކުރާ، ދެއްކުންތެރިކަމުންނާއި ބޮޑާކަމުން އެއްކިބާ ވެގެންވާ އަޅުންގެ ތެރެއިން އަޅަމެން ލައްވާފާނދޭވެ.

އަދި އަޅަމެންގެ ބުރުސޫރަ ރިވެތި ކުރައްވާ، އަމަލުތައް ރިވެތި ކުރައްވާ، އަހްލާޤް ފުރިހަމަ ކުރައްވާ، ހެޔޮލަފާ ސޯލިހް، ތަގްވާވެރި އަޅުންގެ ތެރެއިން ލައްވާފާނދޭވެ.

ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! އަޅަމެންގެ ހިތްތައް މިސްކިތްތަކާ ގުޅުއްވާފާދޭވެ. އަދި އިބަ ރަސްކަލާނގެއަށް ކިޔަމަންގަތުމާ އަޅަމެންގެ ހިތްތައް ގުޅުއްވާފާދޭނވެ. އަދި އިބަރަސްކަލާނގެ ހަޟްރަތަށް އަޅަމެންގެ ލޯތްބާއި ޝައުގުވެރިކަން ޖައްސަވާފާދޭވެ.

އަދި އިބަﷲ ގެ ފޮތް، ކީރިތި ޤުރުއާން ގިނަގިނައިން ކިޔަވާ، އެފޮތް ހިތުދަސް މީހުންގެ ތެރެއިން އަޅަމެން ލައްވާފާދޭވެ. އަދި އެ ޤުރުއާނަކީ އަޅަމެންގެ ހިތްތަކުގެ ރަބީއު ކަމުގައި، އަދި އަޅަމެންގެ ހިތްތަކުގެ ޝިފާ ކަމުގައި އަދި އަޅަމެންގެ ލޯތަކުގެ ނޫރު ކަމުގައި ލައްވާފާނދޭވެ.

އަދި ﷲގެ މަގަށް ގޮވާލާ، އެމާތް މަގުގައި ޖިހާދުކުރާ، އަދި ރަސޫލުﷲ (ސ.އ.ވ) ގެ ފަރާތުން އިހްލާސްތެރިކަމާއި އެކު  ރިސާލަތު ފޯރުކޮށްދޭ ބަޔަކު ކަމުގައި އަޅަމެން ލައްވާފާނދޭވެ.

ޔާ ﷲ! ހިކުމަތާއި، ފައިދާ ކުރަނިވި އިލްމު އަޅަމެންނަށް މިންވަރު ކުރައްވާ، ރުޅި މަޑުކަމުން އަޅަމެންގެ އަޙްލާޤް ރިވެތި ކުރައްވާފާނދޭވެ. އަދި ތަޤްވާވެރިކަމުން އަޅަމެން މާތް ކުރައްވާ، ފުރިހަމަ ސިއްހަތުން އަޅަމެން ރިވެތި ކުރައްވާފާނދޭވެ.

ޔާﷲ! އަޅަމެންނަށް ހެޔޮ ލަފާ، ސޯލިހު އެދުރުންތަކެއް ދެއްވާ، ތަޤްވާވެރި ރަނގަޅު އެކުވެރީންތަކެއް ދެއްވާފާނދޭވެ.

ހައްދަވާ ގެންގުޅުއްވާ އިލާޙް! އަޅަމެންނަށް ފުދުންތެރިކަން ދެއްވާފާނދޭވެ. އަދި ލިބޭ މިންވަރަށް ފުދިގެން، ﷲ އަށް ހަމްދުކޮށް ޝުކުރުވެރިވެ ތިބޭ، މިންވަރަށް އީމާންވާ ބަޔަކު ކަމުގައި އަޅަމެން ލައްވާފާނދޭވެ.

ޔާﷲ! އިބަ ރަސްކަލާނގެ ރަސްކަންފުޅު ފިޔަވާ އެހެން ފަރާތްތަކަށް ބަރޯސާވުމުން އަޅަމެންގެ ހިތްތައް އެއްކިބާ ކުރައްވާ ތޯހިރު ކުރައްވާފާނދޭވެ.

އަދި އެބަޔަކު ދެކެ އިބަﷲ ލޯބިވެވޮޑިގެންވާ، އަދި އެބަޔަކުވެސް އިބަﷲ ދެކެ ލޯބިވާ މީހުންގެ ތެރެއިން އަޅަމެން ލައްވާފާނދޭވެ. އަދި އިބަﷲ ދެކެ ލޯބިވާ ކޮންމެ މީހަކަށް ކަމޭހިތާ އެފަދަ މީހުން ދެކެ ލޯބިވާ ބަޔަކު ކަމުގައި އަޅަމެން ލައްވާފާނދޭވެ. އަދި އިބަ ރަސްކަލާނގެ ރަސްކަންފުޅު ދެކެ ލޯބިވުމާ ކައިރިކޮށްދޭ ކޮންމެ އަމަލަކަށް ލޯބިކުރާ ބަޔަކު ކަމުގައި އަޅަމެން ލައްވާފާނދޭވެ.

ޔާﷲ! އިބަ ރަސްކަލާނގެއަށް ތަވާޟުއުވެރިވުމުން އިބަރަސްކަލާނގެ އެބައެއްގެ ދަރަޖަ އުފުއްލަވާ މީހުންގެ ތެރެއިން އަޅަމެން ލައްވާފާނދޭވެ. އަދި އިބަރަސްކަލާނގެ ރަސްކަންފުޅުގެ ހައިބަތަށްޓަކައި ހަމަހިމޭންވުމުން އެމީހަކު ދެކެ އިބަﷲ ލޯބިވެވޮޑިގެންވީ މީހުންގެ ތެރެއިން އަޅަމެން ލައްވާފާނދޭވެ. އަދި އިބަރަސްކަލާނގެ ރަސްކަންފުޅަށް ކުއްތަންވުމުން އިބަﷲ އެމީހަކާ ކުއްތަންވެ ވޮޑިގެންވީ މީހުންގެ ތެރެއިން އަޅަމެން ލައްވައިފާދޭވެ. އަދި އިބަރަސްކަލާނގެ ހަޟުރަތުގައި ދުޢާ ދެންނެވުމުން އިބަރަސްކަލާނގެ އެމީހާގެ ދުއާ އިޖާބަކުރެއްވި މީހުންގެ ތެރެއިން އަޅަމެން ލައްވާނދޭވެ.

ޔާﷲ! މުސްކުޅި ބަލިންނާއި، މުސްކުޅި އުމުރުގެ މުސީބާތްތަކުންނާއި، ބޮޑެތި ބަލިތަކުން، އަދި މަރުގެ ސަކަރާތުންނާއި، މަރު ހިއްޕެވުމުގެ ވޭނާއި އިމްތިހާން ތަކުން، އަދި މަރުމަތީގައި ޝައިތާނާ ކުރިމަތި ކުރުވާ ފިތުނަތަކުން އަޅަމެން ސަލާމަތް ކުރައްވާ ފުރިހަމަ ރައްކާތެރިކަން ދެއްވާފާނދޭވެ.

އަދި އަލާމެންގެ ހަޔާތުން ދުވަހެއްގައި، ނިދީގައި، ރަސޫލުﷲ ހުވަފެނުން ފެނުމުގެ ނަސީބު މިންވަރު ކުރައްވާފާނދޭވެ. އަދި ހުވަފެނުގައި ފެނުމަށް ފަހު މަހުޝަރުގައި އެމާތް ނަބިއްޔާއާ ބައްދަލުވެ، ކައުސްރުކީ އާރުން ބޯން ލިބި، ރަސޫލުﷲ (ސ.އ.ވ) ގެ ޝަފާއަތް ލިބޭ އަޅުތަކުންގެ ތެރެއިން އަޅަމެން ލައްވާނދޭވެ.

އަދި އަޅަމެންގެ ފުރާނަ ހިއްޕެވޭ ވަގުތު އެފުރާނައާ ހަވާލުވަނީ މޫނު އަލި، ރަހްމަތުގެ މަލާއިކަތުން ކަމުގައި ލައްވާ، އަޅަމެންގެ ފުރާނައާއެކު އެންމެ މަތީ އުޑަށް، އިބަﷲގެ ހަޒުރަތަށް އެމަލާއިކަތުން އެރުއްވުމުގެ އިޒުނަ ދެއްވައި، އަޅަމެންގެ ފުރާނައަށް ރަހްމަތްލައްވާފާނދޭވެ. އަދި އެފުރާނަ އަނބުރާ ހަށިގަނޑަށް ވާސިލްވެ، ކަށްވަޅުގައި ސުވާލުކުރެވޭ ވަގުތުގައި އަޅަމެނަށް ސާބިތުކަމާއި ކެއްތެރިކަމާއި، އިބަﷲގެ ހަޒުރަތުން ތެދުމަގު ދައްކަވާފާނދޭވެ.

ޔާﷲ. އަޅަމެންގެ ކަށްވަޅު ފުޅާ ކުރައްވައި، އަމާން ކުރައްވައި، ކަށްވަޅުގެ ފިއްތާލުމުން އަޅަމެންނަށް އަމާންކަން ދެއްވާފާނދޭވެ. އަދި އަޅަމެންގެ ކަށްވަޅުގައި ސުވަރުގެއަށް ދޮރެއް ލައްވައި، ހުރިހާ ބިރުވެރިކަމަކާއި ނުބައިކަމަކުން އަޅަމެންގެ ކަށްވަޅު އަމާން ކުރައްވައި، ބަރްޒަހްގެ އަޒާބުން އަޅަމެން މިންޖު ކުރައްވައި ސަލާމަތް ކުރައްވާފާނދޭވެ.

އަދި ތާޅަފިލި ފުމެލެވޭ ވަގުތު ކަށްވަޅުތަކުން އަޅަމެން ތެދުވާ ތެދުވުމަކީ ހިތްހަމަޖެހިގެން، އިބަﷲގެ ރުއްސެވުމާ އެކު ތެދުވާ ތެދުވުމެއް ކަމުގައި ލައްވާފާނދޭވެ.

އަދި މަހްޝަރުގެ ދިގު ވަގުތުގައި، މަހްޝަރުގެ ގިނަގުނަ އިމްތިހާންތަކާއި ވޭންތަކާއި މުސީބާތްތަކުން އަޅަމެންނަށް ސަލާމަތްކަން ދެއްވައި އަރްޝީގެ ހިޔާ ނޫން ހިޔަލެއްނުވާ އެދުވަހުގައި އަރްޝީގެ ހިޔަލުގައިވާ އަޅުތަކުންގެ ތެރެއިން އަޅަމެން ލައްވާފާނދޭވެ.

އަދި މަހްޝަރު ދުވަހު އިބަﷲގެ ވަޖުހުފުޅު ފެނި، އިބަﷲ އަށް އެދުވަހުން މަހްޝަރު ބިމުގައި ސަޖިދަކުރުމުގެ އިޒުނައާއި ހެޔޮ ރަހްމަތް ލިބޭ އަޅުތަކުންގެ ތެރެއިން އަޅަމެން ލައްވާފާނދޭވެ.

އަދި ހިސާބު ބެއްލެވޭ ވަގުތުގެ ބިރުވެރިކަމުންނާއި، އަމަލުތަކުގެ ފަތްކޮޅު ހަވާލުކުރެވޭ ވަގުތުގެ ބިރުވެރިކަމުން އަޅަމެން ސަލާމަތް ކުރައްވާ، ކަނާއަތުން ފަތްކޮޅު ލިބޭ އަޅުތަކުންގެ ތެރެއިން އަޅަމެން ލައްވާފާނދޭވެ. އަދި ނަރަކަ ނުވަތަ ޖަހައްނަމް މަހްޝަރަށް ގެނެވޭ ވަގުތުގެ ބިރުވެރިކަމުން އަޅަމެން ސަލާމަތް ކުރައްވާފާނދޭވެ.

ޔާﷲ. އެއްވެސް އެހެން އިންސާނެއްގެ ހައްގަކަށް އަޅަމެންނަށް، އަޅަމެންގެ ނުބައިކަމުން އަރައިގަނެވިފައިވާނަމަ އެމީހުންގެ ހިތްތަކުގައި އަޅަމެންނަށް މާފްކުރުމުގެ ރޫހުލައްވާ، އަޅަމެންނަށް އަފޫ ކުރައްވާ، އެމީހުންގެ ހައްގަށް އެރިފައިވާ މިންވަރުން އޭގެ އެތައް ގުނައަކުން އެމީހުންނަށް ހެޔޮ ބަދަލު ސުވަރުގެއިން ދެއްވާފާނދޭވެ. ހަމަ ކަށަވަރުން އިބަﷲ އީ އެންމެ އިންސާފުވެރި، އިބަ ﷲގެ އަޅުތަކުންނަށް އެންމެ ލޯބިވެވޮޑިގެންވާ ރަސްކަލާނގެއެވެ.

އަދި ހިސާބު ބެއްލެވުމުގެ ބޮޑު އިމްތިހާނުން ފާސްވެ، ކަނާއަތުން ފަތްކޮޅު ލިބި، ފަސޭހަކަމާއި އަމާންކަމާއި އަވަސްކަމާއެކު، ހުރިހާ ބިރުވެރިކަމަކުން ސަލާމަތްވެގެންވާ ހާލު، އަލިވިދުވަރުގެ މިސާލުގައި ސިރާތުމަގު ހުރަސްކުރާ އަޅުތަކުންގެ ތެރެއިން އަޅަމެން ލައްވާފާނދޭވެ. އަދި އިބަﷲގެ އިސްމުފުޅުން ސިރާތުމަގު ހުރަސްކުރަން ފެށުމުގެ ހެޔޮ ރަހްމަތް މިންވަރު ކުރައްވާ މީހުންގެ ތެރެއިން އަޅަމެން ލައްވާ، އަދި ސިރާތުމަގު ހުރަސްކުރާއިރު އެމަގުގެ ދަށުންވާ ބިރުވެރި ނަރަކައިގެ އަލިފާން، ބިސްމިﷲ ކިއުމުގެ ސަބަބުން އަލިފާންގަނޑު ފިނިވެ، އެއްވެސް ނުރައްކަލެއް ނެތި ސިރާތުމަގު ހުރަސްކުރާ ސޯލިހް އަޅުންގެ ތެރެއިން އަޅަމެން ލައްވާފާނދޭވެ.

އަދި ސިރާތުމަގު ހުރަސްކޮށް ސުވަރުގޭގެ ދޮރުކޮޅާ ހަމައަށް އަމާންކަމާއެކު، ﷲގެ ހެޔޮ ރަހްމަތުން ވާސިލްވެ، ޤަންތަރާގެ މަރުހަލާގައި ވެސް އަޅަމެންގެ ހެޔޮ އަމަލުތަކުން އެއްވެސް މިންވަރެއް އުނިނުވެ، ހިތްހަމަޖެހުމާއި ﷲގެ ރުއްސެވުމާ އެކު ސުވަރުގޭގެ ދޮރުކޮޅުން، އުފަލުން ވަންނަ ސޯލިހް އަޅުންގެ ތެރެއިން އަޅަމެން ލައްވާފާނދޭވެ. އަދި އަޅަމެންނަށް ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ކަމުގައިވާ ޖަންނަތުލް ފިރްދައުސް ދެއްވާފާނދެވެ.

އަޅަމެންގެ ފާފަ ފުއްސަވައި، ތައުބާ ޤަބޫލް ކުރައްވައި، ހެޔޮ ރަހްމަތް ލައްވައި، ދެދުނިޔޭގެ ހުރިހާ ނުބައިކަމަކުން ސަލާމަތް ކުރައްވައި، އިބަﷲގެ ރަހްމަތުގެ ހިޔަލުގައި މި ދުނިޔެއާއި އާހިރަތުގައިވެސް ވާ ސޯލިހް އަޅުންގެ ތެރެއިން އަޅަމެން ލައްވާފާނދޭވެ.

ހައްދަވާ ބޮޑުކުރެއްވި، ރަހްމާން ވަންތަ ރަހީމްވަންތަ ޔާﷲ! އިބަރަސްކަލާނގެ ދީލަތިވަންތަކަމާއި ތަނަވަސްކަމުގެ ތެރެއިން އިބަރަސްކަލާނގެ ހަލާލު ރިޒުޤުގެ ދޮރުކޮޅުތައް އަޅަމެންގެ މައްޗަށް ހުޅުއްވައި ދެއްވާނދޭވެ. އަދި އިބަﷲގެ ރަސްކަންފުޅު ފިޔަވައި އެހެން ފަރާތެއް އަޅަމެންގެ މައްޗަށް އައްޔަންވެ ހަވާލުވެގެންދިޔަ ނުދެއްވާނދޭވެ. އަޅަމެންގެ ފާފަ ފުއްސަވާ ތައުބާ ޤަބޫލް ކުރައްވާނދޭވެ. އާމީން