ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ބައިވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން ޚާއްޞަ ކުޅިވަރު ފެސްޓިވަލެއް ބާއްވައިފިއެވެ. މި ކުޅިވަރު ފެސްޓިވަލުގެ ޙަރަކާތްތައް ބާއްވައިފައި ވަނީ އިއްޔެ ހަވީރު، ލ. ގަން، ޒޯން ސްޓޭޑިއަމްގައާއި، އެރަށުގެ ގޮނޑުދޮށް ސަރަޙައްދުގައެވެ.
މި ކުޅިވަރު ފެސްޓިވަލް ފަށްޓަވައިދެއްވައި، މި ފެސްޓިވަލްގައި ކުރިޔަށްދިޔަ ކުޅިވަރު ޙަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން މި ކުޅިވަރު ޙަރަކާތްތަކުގައި ވަޒީރުންނާއި ސަރުކާރުގެ އިސްވެރިންނާއި އެލްޖީއޭގެ މެމްބަރުންނާއި ސަރުކާރުގެ ކަމާ ގުޅޭ ދާއިރާތަކުގެ ފަންނީ މާހިރުންނާއި ކައުންސިލްތަކުގެ މެމްބަރުންނާއި މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ. ކޮންފަރެންސްގެ ބައިވެރިންގެ މެދުގައި ކުރިޔަށް ގެންދިޔަ ކުޅިވަރު ޙަރަކާތްތަކުގެ ތެރޭގައި ބީޗް ވޮލީއާއި ދުވުން ފަދަ ކުޅިވަރުތައް ހިމެނެއެވެ.
ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް މިފަހަރު ލ. ގަމުގައި ބާއްވާއިރު މި ކޮންފަރެންސްގައި ބައިވެރިވަނީ، ދެކުނުގެ އަތޮޅުތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުންނެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މި ކޮންފަރެންސްގެ، ސެޝަންތައް ހަތަރު ތީމަކަށް ކުރިޔަން ގެންދާއިރު، ކައުންސިލްތަކުގެ ޚިޔާލާއި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުގެ އިސްބޭފުޅުންނާއި ހިއްސާކޮށް މަޝްވަރާކުރެއްވުމަށް ފުރުޞަތު ލިބިގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.



advertisment