އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސް ތިން ވަނައިގެ މަންމާފުޅު، އަދި އިނގިރޭސި ވިލާތުގެ ރަނިކަމުގެ ތަޚުތުގައި 70 އަހަރަށްވުރެ ގިނަދުވަހު އިންނެވި، ރާނީ އެލިޒަބަތު 2 ވަނަ ޢުމުރުފުޅުން 96 އަހަރުފުޅުގައި އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި، އިނގިރޭސި ރަސްގެފާނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، ރާނީ އެލިޒަބަތު ދެ ވަނަ އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކު ކަމަށާއި އަދި ކޮމަންވެލްތުގެ މެމްބަރު ޤައުމެއްގެ ގޮތުގައި އޮތް ދިވެހިރާއްޖޭގެ ރައްޔިތުން ވެސް މި ހިތާމައިގައި ބައިވެރިވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވަނީ ވިދާޅުވެފައެވެ.
އަދި އެކަމަނާގެ 70 އަހަރުފުޅުވީ މޫރިތި ރަނިކަމުގައި، އެކަމަނާގެ ހަޔާތްޕުޅުގައި، ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގެ ވާޖިބު އަދާކުރައްވައި، ދުނިޔެއަށް ބަދަލުތަކެއް ގެނެސްދެވިކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެކަމަނާގެ ރަނިކަމަކީ، ކޮމަންވެލްތުގެ ޤައުމުތަކުގެ މެދުގައި އޮތް އެއްބައިވަންތަކަމާއި ބަދަހިކަމުގެ އަލިގަދަ ދަންމަރެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ރާނީ އެލިޒަބަތުގެ ކެތްތެރިކަމާއި ވާޖިބުއަދާކުރެއްވުމުގެ މަތިވެރި ސިފަތަކުގެ ޒިކުރާ، ޖީލުތަކަށް ދެމިހުންނަނިވި ގޮތުގައި ދިރިދެމިހުންނާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
މާރިޗު 13، 1972 ގައި ރާނީ އެލިޒަބަތު ދެ ވަނަ ދިވެހިރާއްޖެއަށް ވަޑައިގެންނެވި އިރު، އެ ހަނދާންތަކަކީ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ޙަޔާތުން މުހިއްމު ހަނދާނެއްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ، އެކަމަނާގެ ލާމަސީލު ހަޔާތްޕުޅުގައި އިނގިރޭސިވިލާތަށާއި ކޮމަންވެލްތުގެ ޤައުމުތަކަށް ހަމަޖެހުމާއި ކުރިއެރުން ގެނެސްދެއްވުމަށް އެކަމަނާ ކުރެއްވި މަސައްކަތްޕުޅުގެ ހަނދާންވެސް އައުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިމެސެޖުގައި ވަނީ، އިނގިރޭސި ޝާހީ ޢާއިލާއަށާއި އިނގިރޭސި ރައްޔިތުންނަށާއި ކޮމަންވެލްތުގެ މެމްބަރުންނަށް ތަޢުޒިޔާ ފޮނުއްވާފައެވެ.



advertisment