އިނގިރޭސި ރަސްކަމުގައި 70 އަހަރު ރެނދެލިކަން ކުރެއްވި ކުއީން އެލިޒަބަތް (ދެވަނަ) އުމުރުފުޅުން 96 އަހަރުފުޅުގައި މިއަދު އަވަހާރަވެއްޖެއެވެ.
ޝާހީ ގަނޑުވަރުން ނެރުނު ބަޔާނެއް ބުނި ގޮތުގައި ރާނީ އަވަހާރަވީ ސިއްހީ ހާލުކޮޅު ގޯސްވެ، ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، ސްކޮޓްލެންޑްގައި ހުންނަ ޝާހީ ގަނޑުވަރު ބެލްމޯރަލް ކާސަލްގަ އެވެ. ރާނީ އަވަހާރަވިކަން ރަސްމީކޮށް އިއުލާން ކުރެއްވީ އެކަމަނާގެ ދޮށީ ދަރިކަލުން ޕްރިންސް ޗާލްސެވެ.
ރާނީ އަވަހާރަވުމާ އެކު، ޝާހީ އާދަކާދައިގެ ދަށުން، އިނގިރޭސި ރަސްކަމުގެ ތަޚުތާ ޕްރިންސް ޗާލްސް ހަވާލުވެ ވަޑައިގަންނަވާނެއެވެ. ޗާލްސް ރަސްކަން ކުރައްވާނީ "ކިންގް ޗާލްސް 3″ ގެ ނަމުގައެވެ.
ކުއީން އެލިޒަބަތަކީ އިނގިރޭސިވިލާތުގެ އިތުރުން އިތުރު 14 ގައުމެއްގެ ވެސް ރާނީ އެވެ. އަދި ކޮމަންވެލްތުގެ އެންމެ އިސްވެރިޔަކީ ވެސް އެކަމަނާ އެވެ. މި ހުރިހާ ރަސްކަމެއްގެ ތަޚުތެއް ވެސް ދެން ލިބިވަޑައިގަންނަވާނީ ކިންގް ޗާލްސްއަށެވެ.
ރާނީ ފަސްދާނުލުން އޮންނާނީ 10 ދުވަސް ފަހުންނެވެ. ރާނީ އަވަހާރަވުމުން އަމަލުކުރާނެ ގޮތާ ބެހޭ ގޮތުން މާ ކުރިން އެކަށައަޅައިފައިވާ ޝާހީ ޕްލޭން ކަމަށްވާ "އޮޕަރޭޝަން ލަންޑަން ބްރިޖް"ގައި ވާގޮތުން ކުރިއަށް އޮތް 10 ދުވަހު ކުރިއަށް ގެންދާނީ ރާނީގެ ހަށިކޮޅަށް އެންމެ ފަހުގެ އިހްތިރާމް އަދާކުރުމާއި ރަސްމީ އެހެން އިހުތިފާލްތަކެވެ.
ރާނީގެ ޖަނާޒާގައި ދުނިޔޭގެ ގިނަ ލީޑަރުންތަކެއް ބައިވެރިވާނެ ކަމަށް ވަނީ ބެލެވިފައެވެ.



advertisment