Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ހުކުރު ޚުތުބާގައި ސަރުކާރުން ބަގުޑި ބެއްދުން!

މީގެ ދެތިން އަހަރު ކުރިން ރ. މީދޫގައި ފުރަވެރި މޯލްޑިވްސް ރިސޯޓް ހަދަމުން ދިޔަ ދުވަސްވަރެވެ. އެ ރިސޯޓް އިމާރާތް ކުރުމުގެ މަސައްކަތުގައި އުޅުނު މީހުންގެ 90% ވަރަކަށް މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ. މަސައްކަތް ކުރާ މީހުންގެ ސަރުދާރަކަށް ހުރީ އައްޑު އަތޮޅު މީދޫ މީހެއް ކަމުގައިވާ އަބްދުﷲ މަނިކުފާނެވެ. ރަށް ހަދަމުންދިޔަ ދުވަސްވަރު ރަށުގައި ހުކުރު ނުކުރާތީ ބަންގްލްދޭޝް ބައެއް މީހުން ބުނެގެން ވަގުތީ މިސްކިތެއް ހަދައި އެތަނުގައި ހުކުރު ކުރަން ފެށިއެވެ. އެރަށުގައި ހުކުރަށްދާ މީހުންގެ 90% އަކީ ބަންގްލަދޭޝް މީހުން ކަމުގައި ވާތީ އިމާމުވެ ހުކުރު ކުރީ މަސައްކަތު މީހުންގެ ތެރެއިން ބަންގްލަދޭޝް މީހެކެވެ. އޭނާ ހުކުރު ޙުތުބާ ކިޔައި އުޅުނީވެސް ބަންގްލަދޭޝް ބަހުންނެވެ. މިގޮތަށް ބަންގްލަދޭޝް މީހުން ލައިގެން، ބަންގްލަދޭޝް އިމާމަކު ލައިގެން، ހުކުރު ކުރިއިރު ދިވެހިންގެ ތެރެއިން 15 ވަރަކަށް މީީހުންވެސް ހުކުރަށް ގޮސް އުޅުނެވެ. ނަމަވެސް ބޮޑު ތަނުން ގިނައީ ބަންގްލަދޭޝް މީހުންނެވެ.

މިހެން ހުކުރު ކުރަނިކޮށް ރަށުގެ ސަރުދާރަކަށް ހުރި އަބްދުﷲ މަނިކުފާނަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން އެއް ދުވަހަކު ގުޅައިފިއެވެ. ސުވާލުކުރީ ބަންގްލަދޭޝް މީހަކު ލައިގެން، ބަންގްލަދޭޝް ބަހުން ޙުތުބާ ކިޔައިގެން ފުރަވެރީގައި ހުކުރު ކުރަނީ ކީއްވެގެން ތޯއެވެ؟ ހުސް ބަންގާޅީން ހުކުރަށް ދާއިރު އެމީހުންނަށް ޙުތުބާ ފަހުމު ވާނީ ބަންގާޅު ބަހުން ޙުތުބާ ނުކިޔައި ދެން ކޮން ބަހަކުން ކީމަތޯ އަބްދުﷲ މަނިކުފާނު، ރައްދުގައި ސުވާލު ކުރިއެވެ. އިސްލާމިކް މިނިސްޓްރީން ގުޅި މީހާ ބުނީ ހުއްދަ ނުނަގައި ހުކުރު ނުކުރެވޭނެ ކަމަށެވެ. ނަމާދާއި ހުކުރު ކުރަން ހުއްދަ ނަގަން ޖެހޭތޯ މަނިކުފާނު ސުވާލުކުރިއެވެ. އިސްލާމިކް މިނިސްޓްރީން ގުޅި މީހާގެ އަނގަބަންދުވުމުން ޖަވާބުގައި ބުނީ "އެހެން ވިއަސް ހުއްދަ ނުނަގައި ހުކުރު ނުކުރެވޭނެ" ކަމަށެވެ. އަދި، އެގޮތަށް ހުކުރު ނުކުރުމަށް އިންޒާރު ދީ، އަމުރު ކުރުމަށް ފަހު އިސްލާމިކް މިނިސްޓްރީގެ ކޯލް ނިންމާލިއެވެ. ނަމަވެސް މަނިކުފާނުގެ ބެލުމުގެ ދަށުން މަސައްކަތް ކުރަމުން ދިޔަ ފުރަވެރީގެ ރަސްމީ މިސްކިތް ހުޅުވެންދެން އެރަށުގައި ހުކުރު ކުރީ ހަމަ ބަންގާޅު މީހާއެވެ. ޙުތުބާކީ ވެސް ހަމަ ބަންގާޅު ބަހުންނެވެ!

އޭގެ އަހަރުތަކެއް ފަހުން އެއް ދުވަހަކު އަބްދުﷲ މަނިކުފާނު ހުޅުމާލެއިން މާލެއަށް ދާން ޓެކްސީ އަކަށް އެރިއެވެ. ދަތުރު ނިމެން ކައިރިވުމުން ޓެކްސީއަށް ދޭންވީ ކިހާވަރެއްތޯ ސުވާލު ކުރިއެވެ. ޑްރައިވަރު ޖަވާބެއް ނުދިނުމުން އަނެއްކާ ވެސް ސުވާލު ތަކުރާރު ކުރިއެވެ. އަނެއްކާ ވެސް ޖަވާބެއް ނުލިބުމުން ޖަވާބު ނުދެނީ ކިއްވެގެންތޯ ޑްރައިވަރު ކުރެން އެހިއެވެ. ޑްރައިވަރު ބުނީ ތިކިޔާ އެއްޗެއް ނޭނގޭ ކަމަށެވެ. ވެގެން އުޅޭ ގޮތަކީ އަބްދުﷲ މަނިކުފާނު ޑްރައިވަރާ ސުވާލު ކުރީ އައްޑޫ ބަހުން ކަމުގައި ވުމެވެ. "ދޭއްވީ ކެހެއި ވަރަށް؟" އެވެ. މަނިކުފާނު އައްޑޫ ބަހުން ކުރި ސުވާލު ޑްރައިވަރަށް ފަހުމް ވެސް ވިއެވެ. ނަމަވެސް އައްޑޫ ބަހުން އެހީތީ ރުޅި އައިސްގެން ގަސްތުގައި ޖަވާބު ނުދީ ހަނު އިނީ އެވެ.

ތި ވާހަކަ ދައްކަނީ އެހެން ބަހުރުވަ އަކުން ކަމަށާއި ދިވެހި ބަހުން އެހުމުން ޖަވާބު ދޭނެ ކަމަށް ޑްރައިވަރު މަލާމާތުގެ ރާގެއްގައި ބުންޏެވެ. ޖަވާބުގައި މަނިކުފާނު ބުނީ އައްޑޫ ބަހަކީ ވެސް ރާއްޖޭގެ ޤާނޫނު ބުނާގޮތުން ދިވެހި ބަސް ކަމަށާއި ތިމަންނާވެސް މިވާހަކަ ދައްކަނީ ދިވެހި ބަހުން ކަމަށެވެ. މަނިކުފާނު އައި ރުޅީގައި އަމިއްލަ ނަފްސަށް ވައުދެއް ވިއެވެ. ދެން ދުވަހަކުވެސް "މާލޭ" ބަހުން ވާހަކަ ނުދެއްކުމަށެވެ. އެބަހަށް ކިޔަނީ "މާލޭ" ބަހެވެ. އެހެންވީ އިރު އެބަސް "ދިވެހި" ބަހަށް ވެފައި "އައްޑޫ" ބަސް ދިވެހި ބަހަށް ނުވާންޖެހޭ ސަބަބެއް ނެތް ކަމަށް މަނިކުފާނު ބުނެއެވެ.

ސުންނަތް ނަމާދުގެ ސަޖިދާގައި އޮވެ ކޮންމެ ބަހަކުން ވެސް ﷲ އަށް ދުއާ ދެންނެވެއެވެ. ވީއިރު ރާއްޖޭގައި ހުކުރު ޙުތުބާ ކިޔަން ޖެހެނީ ހަމައެކަނި މާލޭ ބަހުން ކަމުގައި ޤަވާއިދެއް ހަދައިގެން އިސްލާމިކް މިނިސްޓްރީން މިއުޅޭ އުޅުމަކީ ސީދާ ނަސްލީ ތަފާތު ކުރުމެކެވެ. ރައްޖެތެރޭ މީހުންނަކީ ފަސް ކުޅަނދު ހަމަނުވާ ބައެއް ކަމުގައި އަދިވެސް ދެކެނީއެވެ. ހުކުރަށް ދަނީ ބަންގާޅީން ކަމުގައިވާނަމަ ހުކުރު ޙުތުބާ ދިވެހި ބަހުން ކިޔައިގެން އެމީހުުންނަކަށް ވާނެ ފައިދާ އެއް ނެތެވެ. އައްޑޫ އަތޮޅުގެ ހުކުރު ކުރާ މިސްކިއްތަކުގައި މާލޭ ބަހުން ހުކުރު ޙުތުބާ ކިއުމަށް ވުރެ އައްޑޫ ބަހުން ހުތުބާ ކިއުން މާ އައުލާކަން ބޮޑުވެގެން ވެއެވެ. އެފަދައިން ޙުތުބާ ކިޔާނަމަ ހުކުރަށްދާ އައްޑޫ މީހުންނަށް ހުތުބާގެ އަސަރު ކުރުން ވެސް މާ ބޮޑު ވާނެއެވެ.

މިދިޔަ ހުކުރު ދުވަހު އައްޑޫ އަތޮޅު މީދޫގެ މިސްކިތެއްގައި އައްޑޫ ބަހުން ހުތުބާ ކިޔައިގެން އިސްލާމިކް މިނިސްޓްރީން ވަނީ އިމާމަކު ސަސްޕެންޑު ކޮށްފައެވެ. އައްޑޫގެ އިމާމެއް ކަމުގައިވާ މުހައްމަދު ރަޝީދު ވަނީ މިދިޔަ ހުކުރު ދުވަހު މީދޫ މަސްޖިދުއް މަޖްދުއްދީނުގައި ހުކުރު ހުތުބާ ކީއިރު އިސްލާމިކް މިނިސްޓްރީން ފޮނުވި ހުތުބާ އައްޑޫ ބަހަށް ބަދަލުކޮށްގެން ކިޔާފައެވެ. މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް މީޑިއާ އަށް ވިދާޅުވީ، ހުތުބާ ކިޔުމުގެ އުސޫލާ ހިލާފުވެގެން އެ މައްސަލަ އިތުރަށް ބެލުމަށްޓަކައި ޙަތީބަކު ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

އައްޑޫ ބަހުން ޙުތުބާ ކިޔައިގެން ޙަތީބު ސަސްޕެންޑު ކުރި އިރު އޭނާގެ ފަހަތުން ހުކުރު ކުރި މައުމޫމުންގެ ހުކުރު އަނެއްކާ ސައްޙަވި ބާވައެވެ؟ ނަމާދާއި ހުކުރަކީ ﷲ އަށް ޙާލިސްކޮށް ކުރާ އެއްޗެހެކެވެ. އެއީ ހަރުކަށި ޤަވާއިދު ހަަދައިގެން، ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ނޫނެވެ.

އައްޑޫ ސިޓީގައި އައްޑޫ ބަހުން ޙުތުބާ ކިޔައިގެން އިމާމަކު ސަސްޕެންޑު ކުރުމަކީ ޗައިނާގެ އުއިޣޫރު މީހުން ނަމާދުކޮށް، ޤުރުއާން ކިޔަވަން ޖެހޭނީ ޗައިނާ ސަރުކާރުން ބުނާ ގޮތަކަށް ކަމަށް ހަދާފައިވާ ޤަވާއިދު ކަހަލަ ދެކޮޅުނުޖެހޭ، ހަރުކަށި ޤަވާއިދެކެވެ.

މިވަރަކުން ޤަވާއިދު ހަދައިގެން، މާލޭ ބަހުން ލިއެގެން، ހުރިހާ އިމާމުން ލައްވާ، ރޮބޮޓުން ތަކެއްހެން، ކޮންމެ ހުކުރު ދުވަހަކު މިކިއުއްވާ ހުތުބާގައި އޮއްޓަރެއްވެސް ހުންނަނީކީ ނޫނެވެ. ބައެއް ހުކުރު ދުވަސް ދުވަހު އިމާމު މީހާ ރޮބޮޓެއްހެން ބަލައިގެން ޙުތުބާ ކިޔަމުންދާއިރު، ކީކޭހޭ ތިހިޔަނީ އަހައި މިސްކިތުމެދުގަ އިހުރެ ހަޅޭއްލަވާފާނަމޭ ހިތަށް އަރާ ދުވަސް ދުވަސް މަދެއް ނޫނެވެ. ކުޑަކުދިންގެ ދުވަހުގެ ހުތުބާ ކުޑަކުދިންނާ ގުޅުވާފައި، ނެށުންތެރިންގެ ދުވަހުގެ ޙުތުބާ ނެށުންތެރިންނާ ގުޅުވީމައި އެއޮތީ ޙުތުބާ ލިޔެވިފައެވެ. މާލޭ ބަހުން ކިޔެނިކޮށް ނިމުނީ އެވެ. ޙުތުބާގައި ރިބާ ހަރާމޭ ލިޔެފައި، އާޔަތާއި ހަދީސް ކިޔާފައި، ހަމަ އެއްކަލަ އިސްލާމިކް މިނިސްޓަރު ނިސްބަތްވާ ސަރުކާރުގެ ބޭންކުން މިލިއަނުން ރިބާ ކައިފައި، ބޭންކުން ސަރުކާރަށް ރިބާ ފައިދާ ދިނުމުން އެރިބާގެ ފައިސާއިން މިސްކިތް އަޅާފައި، ރިބާ އެކުލެވޭ ފައިސާއިން މުދިމަށް މުސާރަ ދީފައި، މާލޭބަހުން ހާސަރުތަކެއް ކިޔަކަސް މިސްކިތަށް ހުކުރަށްދާ މީހުންނަށް ވާ ފައިދާއެއް ނެތެވެ. މިހާރު މިކިޔާ ޙުތުބާ އަޑު އެއްސަސް ގިނަފަހަރު ވާ ފައިދާއެއް ނެތެވެ.

ލަަދެއް އަގަލެއް ނެތުމުން، ހަރުކަށި ޤަވާއިދު ހަދައިގެން، ތިމާމެންގެ ބާރު ހުރިކަން ދެއްކިއަކަސް އެއީ އިސްލާމީ އުސޫލެއް ނޫނެވެ. ހުތުބާގައި ބަގުޑި ބައްދަނީ ރައްޔިތުންނަށް ހަޤީގަތް އޮޅުންފިލައިފާނެތީ އެވެ. ހުތުބާއިން ސިޔާސީ ޕްރޮޕެގެންޑާ ނުފެތުރިދާނެތީއެވެ. ސަސްޕެންޑުކުރި ޙާތިބްގެ ސަސްޕެންޝަން އުވާލައި، އޭނާގެ ހުއްދަ އިއާދަ ކުރުމަށް ހުރިހާ ރައްޔިތުން ގޮވާލަން ޖެހެއެވެ. ތިގޮތަށް ރައްޔިތުންގެ ބޮލަށް އަރައިގެން 2033 ކީއްކުރަން 3033 ގައި ވެސް އަދާލަތު ޕާޓީ އަކަށް އިންޝާﷲ ވެރިކަމެއް ނުލިބޭނެއެވެ. ހަނދާންނައްތާލާށެވެ. ނަމުން ދީނީ ޕާޓީ ހެދިގެން، އަމަލުން މޯދީ އުނގަށް ވެއްޓިގެން، އެމް.ޑީ.ޕީގެ ލާދީނީ ބައެއް ސިޔާސަތުތަކަށް ބީރު ކަންފަތެއް ދީގެން ކޯލިޝަނުގައި އޮވެ ރައްޔިތުން އޮޅުވާލަން ނޫޅޭށެވެ. ވެރިކަމޭ ކިޔައިގެން އަނގަ ހުޅުވުމުގެ ކުރިން ދީނަށް ފުރައްސާރަ ކުރާ މީހުން ހިމެނޭ ކޯލިޝަނުން ވަކިވާށެވެ. އަދި އައްޑޫގެ މިސްކިތްތަކުގައި އައްޑޫ ބަހުން ޙުތުބާ ކިޔަން ހުއްދަ ދޭށެވެ. ސަސްޕެންޑު ކުރި ޙާތިބުގެ ސަސްޕެންޝަން އުވާލާށެވެ. އަދި ސަރުކާރުން ޙުތުބާގައި ބަގުޑި ބައްދައިގެން އޮންނަ އޮތުން ނިމުމަކަށް ގެންނާށެވެ. ގުޑް ލަކް ވިތު ވިޝަން 2033!