ޤައުމަށް ބޭނުންވާ ފަދަ ރަނގަޅު ތަޢުލީމީ ޖީލެއް ބިނާކުރެވޭނީ، ހުރިހާ ފަރާތްތަކަކުންވެސް އެފަރާތްތަކާ ހަވާލުވެފައިވާ ޒިންމާއާއި މަސްޢޫލިއްޔަތު ފުރިހަމައަށް އަދާކޮށްގެން ކަމުގައި ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ފޭސް ދޭއްގައި ހުޅުވި ފުރަތަމަ ސްކޫލް، ކާމިލް ދީދީ ޕްރައިމަރީ ސްކޫލް، ހުޅުއްވައިދެއްވައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ބެލެނިވެރިން ދަރިވަރުން ސްކޫލަށް ފޮނުވަނީ ވަރަށް ފޮނި އުއްމީދަކާއި ޔަޤީންކަމަކާ އެކުގައި ކަމަށާއި، އެކުދިންނާ މެދު ޤައުމުވެސް ފޮނި އުއްމީދުތަކެއް ކުރާ ކަމަށެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، މުދައްރިސުންނާއި ބެލެނިވެރިންނާއި ސަރުކާރުގެ ޒިންމާއެއްވެސް އެބައޮތް ކަމަށާއި، ޤައުމަށް ހެޔޮލަފާ ޖީލެއް ލިބެން އޮތީ، އެ ހުރިހާ ފަރާތްތަކަކުންވެސް އެފަރާތްތަކުގެ މަސްޢޫލިއްޔަތު ފުރިހަމައަށް އަދާކޮށްގެން ކަމަށެވެ. އަދި އެކަކު އެކަނި ކުރާ މަސައްކަތުން ބައެއް ކަންކަމަކީ ކާމިޔާބު ނުކުރެވޭނެ ކަންކަން ކަމަށާއި، ކާމިޔާބީއާ ހަމައަށް ދެވޭނީ އެންމެން އެކުގައި ގުޅިގެން ކުރާ މަސައްކަތުން ކަމުގައެވެ.
ނައިބު ރައީސް ވިދާޅުވީ، ތަޢުލީމީ ހަޔާތް ނިންމާފައި ނުކުންނަ ދަރިވަރުންނަކީ، ދިރިއުޅުމަކަށް ތައްޔާރުވެފައިވާ މަސައްކަތް ދަސްވެ އަދި މުޖުތަމަޢަށް އަހުލުވެރިވެފައިވާ އަދި ރިވެތި ސިފަތަކުން ޒީނަތްތެރިވެފައިވާ ދަރިވަރަކަށް ވާންޖެހޭނެ ކަމަށެވެ. އަދި އެދަރިވަރަކީ އުފެއްދުންތެރި އަމިއްލަ މަސައްކަތުން ދިރިއުޅެވޭނެ ދަރިވަރަކަށްވެސް ވާންޖެހޭނެ ކަމަށާއި އެކަން ކުރެވެން އޮތީ މުޅި މުޖުތަމަޢަށް އޮތް ޒިންމާ އަދާކުރެވިގެން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ، ރިވެތި އަޚުލާޤަށް ވުރެ މުހިއްމު އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން، ދަރިވަރުންގެ ވަށައިގެންވާ މާހައުލުން ފެންނަން ވާނީ ރިވެތި އަޚުލާޤާއި ރިވެތި ބަސްތަކުން މީހުންނާއި މުޚާތަބު ކުރެވޭ މަންޒަރުކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ، ސްކޫލު ނިސްބަތްވާ، އަހުމަދު ކާމިލްދީދީގެ ޙަޔާތްޕުޅުގެ މައްޗަށްވެސް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން އެމަނިކުފާނަކީ ތަޢުލީމީ ދާއިރާއަށާއި ދިވެހި އަދަބިއްޔާތަށް ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
ކާމިލްދީދީ ޕްރައިމަރީ ސްކޫލް އަޅާފައިވަނީ، ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ޓަވަރުތައް ކައިރީގައެވެ. އެ ސްކޫލަކީ، ފައުންޑޭޝަން ލެވެލުން ފެށިގެން، ގުރޭޑް ޙަޔަކާ ހަމައަށް ކިޔަވައިދޭ ސްކޫލެކެވެ. އެ ސްކޫލުގައި 824 ދަރިވަރުން ތަޢުލީމް ހާޞިލްކުރާއިރު، މުދައްރިސުންނާއެކު ޖުމުލަ 65 މުވައްޒަފުން މިވަގުތު އެ ސްކޫލުގައި އެބަތިއްބެވެ.
ކާމިލްދީދީ ޕްރައިމަރީ ސްކޫލް ނިސްބަތްވަނީ، ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީގެ ދަށުން ވަޒީރުލްމަޢާރިފްގެ މަޤާމަށް އައްޔަނުކުރެއްވި އަލްއުސްތާޛު އަޙްމަދު ކާމިލްދީދީއަށެވެ. އެމަނިކުފާނަކީ ދިވެހި އަދަބިއްޔާތުގައިވެސް ފާހަގަކޮށްލެވޭ ޝަޚުސިއްޔަތެކެވެ.



advertisment