Support Us

ރަން ވަނަތައް ހޯދި އަހުމަދިއްޔާގެ ދަރިވަރުންނަށް އިނާމު ދެއްވަނީ، އަދި އަހުމަދިއްޔާގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު (ކ)

ރަންތާޖުގެ އަޙްމަދިއްޔާ ސްކޫލް: މަތީ ސާނަވީގައި ވެސް ވިދުން ގަދަވަނީ!

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަކީ އެ ސްކޫލްގެ ދަރިވަރުން ހޯދާ މޮޅު ނަތީޖާއާއި އެ ދަރިވަރުންގެ މަތިވެރި އަޚްލާގުގެ ސަބަބުން ރާއްޖޭގައި އެންމެ މަޤްބޫލް ސްކޫލެވެ. ދާދި ފަހަކާ ޖެހެންދެން މި ފަޚުރުވެރިކަމަކީ އެ ސްކޫލްގެ ސާނަވީ ދަރިވަރުންގެ މިލްކެކެވެ. ނަމަވެސް މިއަދު އަޙްމަދިއްޔާގެ މަތީ ސާނަވީ ދަރިވަރުން ވެސް މި ވަނީ ހަށިފޮޅާލައިފައި ނުކުމެ ތަޢުލީމީ ރޭހުގެ އެންމެ މަތީ ފަޑީގައި ފައިތިލަ ސާބިތުކޮށްފައެވެ. މިހާރު އަޙްމަދިއްޔާގެ މަތީ ސާނަވީ ދަރިވަރުންނަކީ ވެސް އެންމެ މޮޅު ނަތީޖާ ނެރޭ، އަދި ބެލެނިވެރިންނާއި ދަރިވަރުންގެ މެދުގައި އެންމެ މަޤްބޫލުކަމެއް ހޯދަމުން އަންނަ ސްކޫލްގެ ރަންތާޖުގެ ހިއްސާދާރުންނެވެ.

ވޭތުވެދިޔަ އަހަރުގެ އޭލެވެލް އިމްތިޙާނަށް ބަލާއިރު އަޙްމަދިއްޔާގެ ދަރިވަރުން ވަނީ އެކައުންޓިންގ އާއި ބިޒްނަސް އިން ދުނިޔޭގެ އެއްވަނަ އާއި، ފިޒިކްސް އާއި ކެމިސްޓްރީއާއި ހިސާބުން ވެސް ދުނިޔޭގެ ފެންވަރުގެ އެކި ވަނަތައް ޙާޞިލްކޮށް އަޙްމަދިއްޔާގެ އިތުރުން މުޅި ރާއްޖެ ފަޚުރުވެރިކޮށްދީފައެވެ.

އެކައުންޓިންގ އިން ދުނިޔޭގެ އެއްވަނަ ހޯދި އަޙްމަދިއްޔާގެ އަޙްމަދު އަލާނަށް އެޑިއުކޭޝަން މިނިސްޓަރު އިނާމު ދެއްވަނީ

އެކައުންޓިންގ އިން ދުނިޔޭގެ އެއްވަނަ ހޯދި އަޙްމަދިއްޔާގެ އަޙްމަދު އަލާން ބުނީ މަތީ ސާނަވީއަށް ކިޔެވުމަށް ދަރިވަރުންނަށް އެންމެ ރަނގަޅު ސްކޫލަކީ އަޙްމަދިއްޔާ ކަމަށާއި، ރާއްޖޭގެ އަދި ދުނިޔޭގެ ފެންވަރުގައި އަޙްމަދިއްޔާ ސްކޫލްގެ ދަރިވަރުން ހޯދަމުން އަންނަ ރަންވަނަތައް މިކަމުގެ ހެއްކަކަށް ފުދޭ ކަމަށެވެ.

"އަޅުގަނޑުގެ އެންމެ މަޤްބޫލް ސްކޫލަކީ އަޙްމަދިއްޔާ. އަޅުގަނޑަކީ އުފަންރަށުގެ ސްކޫލުން ސާނަވީ ތަޢުލީމު ހާސިލްކުރުމަށްފަހު މަތީ ސާނަވީ ތައުލީމަށް އަޙްމަދިއްޔާ ސްކޫލާ ގުޅުނު ދަރިވަރެއް. އެންމެ ފުރުތަމަ ދުވަހު ވެސް ސްކޫލްގެ މާހައުލު ފެނި ހައިރާންވި. ސްކޫލްގެ އިދާރީ މުވައްޒަފުންނާއި މުދައްރިސުން އަދި މެނޭޖްމަންޓްގެ ފަރާތުން ފެނިގެންދިޔަ އެކުވެރިކަމުން އެއީ ފުރުތަމަ ދުވަސްކަން ވެސް ހަނދާންނެތި ދިޔަ. ތެދަށް ދަންނަވާނަމަ 10 އަހަރު ދުވަހު ކިޔެވި ސްކޫލާމެދު ވެސް އުފެދިފައިނުވާ ލޯބި އަޙްމަދިއްޔާއާ މެދު ތިން އަހަރުގެ ތެރޭގައި އުފެދުނު،" އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ލިވަރޕޫލް އިން އެކައުންޓިންގެ ދާއިރާއިން ކިޔަވަން ތައްޔާރުވަމުން އަންނަ އަލާން ބުންޏެވެ.

އޭލެވެލްގެ ފިޒިކްސް އާއި ކެމިސްޓްރީ އާއި ހިސާބުން ވެސް ދުނިޔޭގެ ގަދަ 10ގައި ހިމެނި އެޑެކްސެލްގެ ގްރޭޑް ޕްރައިޒް ޙާޞިލްކުރި އަހުމަދިއްޔާގެ އަޙްމަދު ރަފްހާނަށް އެޑިއުކޭޝަން މިނިސްޓަރު އިނާމު ދެއްވަނީ

އޭލެވެލްގެ ފިޒިކްސް އާއި ކެމިސްޓްރީގެ އިތުރުން ހިސާބުން ވެސް ދުނިޔޭގެ ގަދަ 10ގައި ހިމެނި އެޑެކްސެލްގެ ގްރޭޑް ޕްރައިޒް ޙާޞިލްކޮށް، އިނގިރޭސިވިލާތުގެ ކެމްބްރިޖް ޔުނިވަރސިޓީން އެއޮރޯ ސްޕޭސް އިންޖިނިއަރިންގެ ރޮނގުން ކިޔަވަންދާން ތައްޔާރުވަމުން އަންނަ އަޙްމަދު ރަފްހާން ފާއިޒް ބުނީ އަޙްމަދިއްޔާގައި ކިޔަވަން ފުރުޞަތު ލިބުނީތީ ނުހަނު އުފާކުރާ ކަމަށާއި، އަޙްމަދިއްޔާ އަކީ ވަކި ކުއްޖަކު ތަފާތުކުރުމެއް ނެތި ހަމަހަމަކަމާއެކު ކިޔަވައިދޭ ސްކޫލެއް ކަމަށެވެ. ޓިއުޝަން ނެގުމުގެ ބަދަލުގައި ރައްޓެހިންނަށް ޓިއުޝަން ދިން ރަފްހާން ބުނީ ދުނިޔޭގެ ފެންވަރުގައި ކާމިޔާބު ހޯދީ އެއިން އެއްވެސް މާއްދާއަކުން ޓިއުޝަން ނުނަގައި ކަމަށާއި، އަޙްމަދިއްޔާގައި ރަނގަޅަށް ކިޔަވަން މަސައްކަތްކުރާ ދަރިވަރަކަށް ޓިއުޝަނެއް ބޭނުންވާނެ ކަމަށް ނުދެކޭ ކަމަށެވެ. ރަފްހާން ސަބަބަކަށް ދެއްކީ ކުލާހުން ބޭރުގައި ވެސް އަޙްމަދިއްޔާގެ ޓީޗަރުންގެ އެހީތެރިކަން ބޭނުން ކޮންމެ ވަގުތަކު ލިބުމެވެ.

"އެންމެ ފުރަތަމަ އޭލެވެލްއަށް ކިޔަވަން ފެށިއިރު ހިތަށް އެރި ޓިއުޝަނާ ނުލައި މިކަން ވާނެބާވައޭ ވެސް. އެކަމަކު ޓީޗަރުންގެ އެހީތެރިކަމާއި ބަހައްޓާ ގާތްކަން ފެނި، އަދި ނަގައިދޭ އިތުރު ކްލާސްތަކުގެ ތަޖުރިބާއިން ފަހުން ޔަގީންވެއްޖެ އަޙްމަދިއްޔާގައި އުޅޭ ކުދިންނަށް ޓިއުޝަން ބޭނުންނުވާނެކަން،" ރަފްޙާން ބުންޏެވެ.

އެކައުންޓިންގ އިން ދުނިޔޭގެ އެއްވަނަ ހޯދި އަޙްމަދިއްޔާގެ ދަރިވަރު ނަފްހާ މޫސާ އަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު އިނާމު ދެއްވަނީ

އެކައުންޓިންގ އިން ދުނިޔޭގެ އެއްވަނަ ހޯދި އަޙްމަދިއްޔާގެ ދަރިވަރު ނަފްހާ މޫސާ ބުނީ އޭނާއަކީ ވަރަށް އާދައިގެ ނަތީޖާއަކާ އެކު އަޙްމަދިއްޔާގައި އޭލެވެލްއަށް ކިޔަވަން ފެށި ދަރިވަރެއް ކަމަށާއި ހައި އެޗީވަރސް އެވޯޑާއި އަދި، އެއްވެސް މާއްދާއަކުން ދުނިޔޭގެ އެއްވަނަ ލިބުމަކީ ހުވަފެނަކުން ވެސް ލިބޭނެ ކަމަށް އުއްމީދުކުރި ޝަރަފެއް ނޫންކަމަށެވެ. ނަފްހާ ވެސް ބުނީ އެފަދަ މަގާމަކަށް އާދެވުނީ އަޙްމަދިއްޔާއިން ކޮށްދިން މިންނެތް ބުރަ މަސައްކަތުން ކަމަށާއި، ތަޢުލީމީ ރޭހުގައި އަޙްމަދިއްޔާގެ ވިދުންގަދައީ އެ ސްކޫލުން ނަފްހާ ފަދަ އެތައް ނަފްހާއެއް އުފެއްދުމަށް ރެއާއި ދުވާލު ކެނޑިނޭޅި ކުރާ ބުރަ މަސައްކަތުގެ ސަބަބުން ކަމަށެވެ.

ބިޒްނަސް އާއި އެކައުންޓިންގ އިން އޭލެވެލްގައި މުޅި ދުނިޔެއިން ފަޚުރުވެރި އެއްވަނަ ހޯދައި ހައި އެޗީވަރސް ސްކޮލަރޝިޕްގައި އިނގިރޭސިވިލާތަށް ފުރަން ފޮށިތަންމަތި ބަންނަމުން އަންނަ އަޙްމަދިއްޔާގެ ދަރިވަރު އަޙުމަދު ރަސަލް ތަސްލީމް ބުނީ ދުނިޔޭގެ ފެންވަރުގެ ނަތީޖާއެއް ހޯދަން ބޭނުންނަމަ މަތީ ސާނަވީއަށް ވަންނަންވީ އަޙްމަދިއްޔާއަށް ކަމަށެވެ. ރަސަލް ބުނީ އެންމެ އެހީތެރި، އެންމެ މޮޅު، އެންމެ ޚުލްޤް ހެޔޮ މުދައްރިސުންގެ ކައިރިން އުނގެނެން ބޭނުން ނަމަ، އަދި އެންމެ އަޚްލާޤް ރަނގަޅު ބައިވެރިންނާ އެކު ހިތްހަމަޖެހިގެން އަމާން މާހައުލެއްގައި ކިޔަވަން ބޭނުން ނަމަ ވަންނަންވީ ސްކޫލަކީ އަޙްމަދިއްޔާ ކަމަށެވެ.

ބިޒްނަސް އާއި އެކައުންޓިންގ އިން އޭލެވެލްގައި މުޅި ދުނިޔެއިން އެއްވަނަ ހޯދި އަޙްމަދިއްޔާގެ ދަރިވަރު އަޙުމަދު ރަސަލް ތަސްލީމަށް އެޑިއުކޭޝަން މިނިސްޓަރު އިނާމު ދެއްވަނީ

އަޙްމަދިއްޔާގެ ދަރިވަރުންނަށް އިތުރު ތަޖުރިބާއާއި ތަމްރީން ހޯދައިދިނުމަށް ރާއްޖެއާއި ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް ވެސް ރަސަލް ފާހަގަކުރިއެވެ. މީގެ އިތުރުން ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ދަރިވަރުން ބައިވެރިކޮށް އެ ހޯދައިދޭ ޢިލްމާއި ތަޖުރިބާއަށް ވެސް، ވަކިން ޚާއްޞަ ގޮތެއްގައި ވޯލްޑް ސްކޮލަރސް ކަޕާއި ރޮބޮޓިކްސްގައި އަޙްމަދިއްޔާއިން ބައިވެރިވެ ރަންވަނަތަކެއް ޙާޞިލްކުރާކަން ރަސަލް ފާހަގަކުރިއެވެ. ރަސަލްގެ ވާހަކައިގެ ތެދުކަން ހާމަވެގެން ދަނީ މި ދިޔަ އޮގަސްޓު މަހު ފަހުކޮޅު ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގައި ބޭއްވި މިއަހަރުގެ ވޯލްޑް ސްކޮލަރސްކަޕްގެ ފުރަތަމަ ބުރުގައި ބައިވެރިވި އަޙްމަދިއްޔާގެ 16 ޓީމު ވެސް ތައިލޭންޑްގައި އޮންނަ ދެވަނަ ބުރަށް ދަތުރުކޮށްފައިވާ ކަމެވެ.

މަލްޓިމީޑިއާގެ ފަހި، ފުރިހަމަ ޒަމާނީ ވަޞީލަތްތަކާއެކު އޭސީ ކްލާސްރޫމްތަކުގައި ކިޔަވައިދިނުމުގެ އިތުރުން އަޙްމަދިއްޔާގައި ވަނީ ލެބޯޓަރީގެ ޚިދުމަތް ވެސް އެންމެ ފުރިހަމައަށް ޤާއިމްކުރެވިފައެވެ. އޭލެވެލްއަށް ކިޔަވައިދެނީ ތަޖުރިބާކާރު، ޤާބިލް މުދައްރިސުންނެވެ. ރާއްޖެއިން ބޭރަށް ކުރާ ތަޖުރިބާ ދަތުރުތަކުގެ އިތުރުން އަތޮޅުތެރެއަށް ވެސް ތަފާތު އެކި ދަތުރުތައް އަންނަނީ ބާއްވަމުންނެވެ. މިގޮތުން އޭލެވެލް ބިޒްނަސް ދަރިވަރުން މިއަހަރު ވަނީ ބެންކޮކަށް ދަތުރުކޮށްފައެވެ. އަދި އެ ދަރިވަރުން ވަނީ ކ. ހިންމަފުށްޓާއި ހުރާއަށް ވެސް ދަތުރެއް ކޮށްފައެވެ.

ތަޖުރިބާ ދަތުރެއްގައި އަހުމަދިއްޔާގެ އޭ ލެވެލް ބިޒްނަސް ދަރިވަރުން މިއަހަރު ވަނީ ތައިލެންޑަށް ގޮސްފައި

އަޙްމަދިއްޔާއިން ދަރިވަރުންގެ ކުރިމަގަށް ކުރަމުންދާ މަސައްކަތް ޝުކުރުވެރިކަމާއެކު ބަލައިގަންނަ ބަޔަކީ ހަމައެކަނި ދަރިވަރުންނެއް ނޫނެވެ. ގްރޭޑް 8 ން ފެށިގެން 12 އާ ހަމައަށް އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގައި ކިޔަވައި ހައިއެޗީވަރސް ސްކޮލަރޝިޕް ކާމިޔާބުކޮށްފައިވާ ދަރިވަރެއްގެ ބެލެނިވެރިޔަކު ވެސް ހުރީ އޭނާގެ ދަރިފުޅު އަޙްމަދިއްޔާއަށް ވެއްދުނީތީ ނިކަން އުފަލުންނެވެ. އޭނާ ވިދާޅުވާ ގޮތުން އެހެން ސްކޫލަކުން ޖާގަލިބިފައި އޮއްވައި ގްރޭޑް 8 އަށް އޭނާގެ ދަރިފުޅު އަޙްމަދިއްޔާއަށް ވައްދަން ނިންމި ނިންމުމާމެދު މިއަދު އޭނާ އިންތިހާއަށް ފަޚުރުވެރިވެއެވެ.

"އަޙްމަދިއްޔާ ޓީޗަރުންނާއި މެނޭޖްމަންޓާ ހާދަ ރަނގަޅޭ. ސުވާލެއް ކުރިޔަސް ވަގުތުން ޖަވާބުދެއްވާނެ. ފޯނުކުރިއަސް ވަގުތުން ޖަވާބުދާރީވޭ. ވަކި ކުއްޖަކަށް ވަކި ގޮތެއް ހެދުމެއް ނޯވޭ. އަޅުގަނޑު ދަރިފުޅު އަބަދުވެސް ބުނޭ މަންމާއޭ އަޙްމަދިއްޔާ ކުދިން ވަރަށް ޑިސިޕްލިންއޭ. އެއްވެސް ވަރަކަށް ހަނގާކުރުމެއް ވެސް ނޯވެއޭ. ހުރިހާ ކުދިން ވެސް ޓީޗަރުން ވެސް އެހާ ފްރެންޑްލީއޭ،" އެ ބެލެނިވެރިޔާ ވިދާޅުވިއެވެ. "ވަރަށް ގިނަ ޕޭރަންޓުން އަޅުގަނޑަށް ގުޅާފައި އަހާ، އަޙްމަދިއްޔާއަށް އެ މީހުންގެ ދަރިން ވައްދަން ބޭނުން ވާހަކަ. އަޅުގަނޑު އެ އެންމެންނަށް ވެސް ދޭ ޖަވާބަކީ ރަނގަޅު، މޮޅު ނަތީޖާއެއް ބޭނުމިއްޔާ އޯލެވެލްއަށް ވެސް އޭލެވެލްއަށް ވެސް ވައްދަންވީ އަޙްމަދިއްޔާ އަށޭ. އޯލެވެލް ޓީމެއް، އޭލެވެލް ޓީމެއް ކިޔާނެ ކަމެއް ނެތް. އެހާ ގަޔާވެގެން އެހާ ޖޯޝުގައި ކުދިންގެ ނަތީޖާ ރަނގަޅުކުރަން މަސައްކަތްކުރާ ޓީމެއް މި ރާއްޖެއަކު ނޯންނާނެއޭ."

އޭނާ ވެސް އެންމެ ބޮޑަށް ފާހަގަކުރެއްވީ އެންމެ ރަނގަޅު ނަތީޖާއާ ހަމައަށް ދަރިވަރުން ގެންދަން އަޙްމަދިއްޔާއިން ކެނޑިނޭޅި ކުރާ ބުރަ މަސައްކަތެވެ. އަދި ކުދިންގެ ސުލޫކާއި ތަރުބިއްޔަތަށް ދޭ އިސްކަމެވެ. ކުދިންނާ މެދު ބަހައްޓާ އޯގާތެރިކަމާއި އަޅައިލުމެވެ.

ރާއްޖޭގެ ތައުލީމީ ތަޚުތުގައި އަހުމަދިއްޔާ ކުރަމުން އަންނަ ރަސްކަމުގެ އާރުކާޓީއަކީ، އެއްވެސް ޝައްކެއް ނެތް ގޮތުގައި، ހިދުމަތްތެރި ޕްރިންސިޕަލް މުހައްމަދު ރަޝީދެވެ. ކުދިންގެ ތައުލީމީ ފެންވަރު މަތިކޮށް، ކުރިއެރުވުމަށް ވަރުބަލިކަމެއްނެތި އޭނާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅެވެ. އެއީ ތައުރީފުން ފުރިފައިވާ ޚިދުމަތެކެވެ. އައްސަރިބަހާއި ސާބަސް ހައްގު ހިދުމަތެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
121
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *