Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: އަޅުގަނޑަކީ އައްޑޫ ސިޓީގެ މޭޔަރު ނަމަ!

އެމް.ޑީ.ޕީ ވެރިކަމަށް އައީ އައްޑޫ ސިޓީ އަކީ ރާއްޖޭގެ "ބަގީޗާ ސިޓީ" އަކަށް ހަދަން ވައުދުވަމުންނެވެ. ނަމަވެސް ވެރިކަމަށް އައިފަހުން އައްޑޫގެ މަގުތަކުގައި ހުންނަ ހިޔާދޭ ގަސް ކެނޑުން ނޫންކަމެއް ނުކުރެއެވެ. ބަގީޗާ ސިޓީ އަކަށް ވުމުގެ ބަދަލުގައި އައްޑޫ އަދިވެސް އޮތީ ހޫނުގަދަ، ޖަންގަލީ ސިޓީއެއްގެ ގޮތުގައެވެ. އަޅުގަނޑަކީ އައްޑޫ ސިޓީގެ މޭޔަރު ނަމަ އައްޑޫސިޓީގެ ހުރިހާ މަގެއްގައި ތާރު އަޅައި، ތާރުއެޅި ހުރިހާ މަގެއްގެ ޕާރކިންގް ޒޯން ތަކުގައި ހިޔާދޭ ބޮޑެތި ގަސް ޖަހާނަމެވެ. އައްޑޫސިޓީ އަކީ ދިވެހިރާއްޖޭގެ ބަގީޗާ ސިޓީ އަށް ހަދާނެކަމަށް ރައީސް ސޯލިހުގެ ރިއާސީ ވައުދުތަކުގެތެރޭ ހިމެނިފައި ވިއަސް މިހާތަނަށް ސަރުކާރުގެ އެއްވެސް ފަރާތަކުން، ނުވަތަ ސިޓީ ކައުންސިލުންވެސް އައްޑޫގެ މަގުތައް ފިނިކޮށް، ތިމާވެށި ރީތި ކުރުމަށް ގަސްއިންދުމުގެ އެއްވެސް ވާހަކައެއް ދައްކާ އަޑެއް ނީވެއެވެ.

އައްޑޫގެ ޕާރކް ތަކާއި ހުސް ބިންތަކުގައި އަނބު، ޖަންބު، ޖަނބުރޯލު، ސައްކެޔޮ، ބަނބުކެޔޮ، ފޭރު، އަންނާރު، ކުންނާރު، އަދި ދަނބު (ބެރީސް) ފަދަ ހިޔާދޭ މޭވާ ގަސް އިންދާނަމެވެ. އައްޑޫ އަކީ މުޅި ރާއްޖޭގެ ނިސްބަތުންވެސް ބިންގަނޑު ރަނގަޅު، ހުސްބިން ގިނަ އަތޮޅެކެވެ. ހުރިހާ މަގެއްގައި ތާރު އަޅައި، މަގުތަކުގައި ހިޔާދޭ ބޮޑެތި ގަސް އިންދުމުގެ އިތުރުން ޕާރކް ތަކާއި ހުސް ބިންތަކުގައި ހިޔާދޭ މޭވާ ގަސް ހެއްދިއްޖެ ނަމަ އޭގެން ކައުންސިލަށާއި ރައްޔިތުންނަށް މާލީ ފައިދާ ތަކެއް ވެސް ކުރާނެއެވެ. އަދި ސިޓީގެ ތިމާވެށި ހިތްގައިމުވެފައި ފިނިވާނެއެވެ.

ސިޓީގެ މައި މަގުތަކުގެ ދެފަރާތުގައި، ދުވާރުމަތީގައި އަތުރާފައިވާ ބޮޑެތި ސިމެންތި މުށިތަކުގައި ބޯގަންވިލާ ގަސް އިންދައި "ބަގީޗާ ސިޓީ"ގެ ތީމަށް އައްޑޫ ތަރައްގީ ކުރާނަމެވެ. މިފަދަ އެތައް މުށިގަނޑު ތަކެއް ސިޓީ ކައުންސިލުން ގުދަން ކޮށްފައިވެސް އެބަހުއްޓެވެ. އެހެންކަމުން އެމުށިތައް ނެރެ، މަގުތަކުގައި އަތުރާ، އެމުށިތަކުގައި ބޯގަންވިލާ ގަސް އިންދައި، ސިޓީގެ މާހައުލު އާރޯކޮށްލުމަކީ ވަރަށް ފަސޭހައިން، ހަރަދެއް ނުގޮސް ކުރެވިދާނެ ކަމެކެވެ. މި މުށި ތަކުގައި ބޯގަންވިލާ ހައްދައި، ގަސްކާނާ އަޅައި، ރަނގަޅަށް ފެންދީގެން ބެލެހެއްޓިއްޖެނަމަ ސިޓީގެ މައިމަގުތަކުގެ އެއްކޮޅުން އަނެއް ކޮޅަށް ބޯގަންވިލާ ހެދިފައި ހުންނަ އިރު ނުހަނު ރީތިވާނެއެވެ.

އައްޑޫގެ ރަސްމީ މާ ކަމުގައިވާ ފިނިފެންމާ މުޅި ސިޓީގައި އާލާކޮށް، ހުރިހާ ރަށެއްގެ ބަނދަރު ސަރަހައްދުގައި ބޮޑެތި، ހިޔާދޭ ގަސް ޖަހައި، އައްޑޫސިޓީއަކީ ހިތްފަސޭހަ، ފިނި، ޗާލު، ނަލަ، ބަގީޗާ ސިޓީ އަކަށް ހަދާނަމެވެ. މިއީ މާބޮޑު ހަރަދެއް ނުކޮށް އައްޑޫގެ މަޖުލިސް ހަތް މެމްބަރުންނާއި ތޭރަ ކައުންސިލަރުން ގުޅިގެން ކުރެވިދާނެ ކަމެކެވެ.

އަޅުގަނޑަށް މޭޔަރުކަން ލިބިއްޖެ ނަމަ އައްޑޫގެ ރުއްޖެހެރެ ސަރަހައްދުގެ ފުއްޓަރު ފަރާތު (ކަޅިބިއް) ބީޗް ސަރަހައްދު ދިވެހީންނަށް ހާއްސަ ޕިކްނިކް ސަރަހައްދެއްގެ ގޮތުގައި ތަރައްޤީކޮށް، ބާބެކު އޭރިއާ، ޗޭންޖިންގް ރޫމް، ފާހާނާ، އޯޕަންއެއަރ ޝަވަރ، އަދި ކެފޭއެއްވެސް ހިމެނޭ ގޮތަށް ތަރައްޤީ ކުރާނަމެވެ. އަދި ހުޅުމީދޫ ސަރަހައްދުގައިވެސް ހަންކެޑެ ފަދަ ޕިކްނިކް-ބީޗް ސަރަހައްދެއް ތަރައްޤީ ކުރާނަމެވެ.

މަރަދޫ އާއި ހިތަދޫއާ ދެމެދު އެތަކެއް ދިވެހީންނާއި ވަޒީފާއަށްދާ މީހުންނާއި ފަތުރުވެރީން ސައިކަލާއި ކާރާއި ޕިކަޕާއި ލޮރީއާއި ބަހާއި ބައިސިކަލް ފަދަ ތަކެތީގައި ދަތުރު ކުރާއިރު އެފަރާތްތަކަށް ހިދުމަތް ދިނުމަށް މަރަދޫ އާއި ހިތަދޫއާ ދެމެދު ލިންކް ރޯޑުގައި ގާޑިޔާ-ކެފޭ، ފާހާނާ، ރެސްޓް އޭރިއާ އާއި ފިނިމައިޒާން ހިމެނޭ ގޮތަށް ހިތްފަސޭހަ ސަރަހައްދެއް ހަދާނަމެވެ.

ސިޓީގެ ހުރިހާ ރަށެއް ކަމުގައިވާ ހިތަދޫ، މަރަދު-ފޭދޫ އަދި ހުޅުމީދޫގެ ކަޅިބިއް ފަރާތު ބީޗު ދެމެހެއްޓެނިވި ގޮތެއްގައި ސާފުކޮށް ބޭއްވޭނެ އިންތިޒާމެއް، ކައުންސިލާއ ސަރުކާރާ ގުޅިގެން ހަމަޖައްސައި، ކަޅިބިއްފަރާތުން ގެސްޓް ހައުސް ހަދަން މިހާރު ދޫކޮށްފައި ހުރި ބިންތަކުގައި ގެސްޓް ހައުސް އެޅުން އަވަސް ކުރުވާނަމެވެ. އަދި، ދިވެހީންނަށް ކަޅިބިއްފަރާތު ބީޗު ބޭނުންކުރެވޭނެ ގޮތް ފަހިކޮށްދީ، ކަޅިބިތުގެ އެކި ހިސާބުތަކުގައި ފިނި މައިޒާން ހަދާ، ގާޑިޔާތަކުގެ ވިޔަފާރި ކަޅިބިތަށް ތައާރަފް ކޮށް، ހިދުމަތްތައް ލިބޭނެ ގޮތްހަދާނަމެވެ. ބޭނުމަކީ އެސަރަހައްދުތަކުގައި މިހާރު އޮންނަ ފަޅުކަން ކަނޑުވާލައި، ރޭގަނޑު ވެސް އަދި ދުވާލު ގަޑީގައި ވެސް މީހުން ގިނަ، މުނި ފޫހި ފިލުވޭ، ލުއި ވިޔަފާރިތައް ހިނގާ ސަރަހައްދު ތަކަކަށް އައްޑޫގެ ރަށްރަށުގެ ކަޅިބިއްތައް ހެދުމެވެ. އަދި ހިތަދޫ، މަރަދޫ، ފޭދު އަދި ހުޅުމީދޫގަވެސް ކަޅިބިއްފަރާތު މޫދުގައި ޑެކް ޖަހައިގެން "ސަންސެޓް" ރެސްޓޯރެންޓް ހަދާނަމެވެ.

އަޅުގަނޑަށް މޭޔަރުކަން ލިބިއްޖެ ނަމަ ލޯކަލް ޓޫރިޒަމަށް ޓާރގެޓްކޮށް، ހާއްސަކޮށް އައްޑޫގެ ރައްޔިތުން، އަދި އާއްމުކޮށް ދިވެހި ހުރިހާ ރައްޔިތުން ޗުއްޓީ ހޭދަކުރުމަށް، "ދިވެހި ރިސޯރޓެއް" އައްޑޫގައި ތަރައްޤީ ކުރާނަމެވެ. އެ ދިވެހި ރިސޯރޓް ވާނީ ދިވެހީންނާއި ބިދޭސީ ވޯރކްޕާރމިޓް ހޯލްޑަރުންނަށް ޗުއްޓީ ހޭދަ ކުރެވޭ ގޮތަށް އައްޑޫސިޓީގައި ދެތަރީގެ ފެންވަރަށް ހަދާ 50 ކޮޓަރީގެ "ދިވެހި ރިސޯރޓް" އަކަށެވެ. އެތަނުގައި ކެފޭ އަކާއި ރެސްޓޯރެންޓެއް، އަދި ވޯޓަރ ސްޕޯރޓްސް އާއި ޑައިވިންގް ސެންޓަރެއްވެސް ހުންނާނެއެވެ.

މާހެރެ، ކޯހެރެ، ދީރޮނޑި ފަދަ، ހިތަދޫ ފަޅުތެރޭގައިވާ ރަށްރަށް ލަކުޑި ފާލަންތަކަކުން ގުޅާލާ، ބެޓެރިން އޮޕަރޭޓްކުރާ ބަގީ ކާރުގައި އެރަށްތަކުގެ ދެމެދު ދަތުރުކުރެވޭގޮތަށް ހަދައި އެރަށްތަކަކީ އާދަޔާ ހިލާފް ތަފާތު ގެސްޓް ހައުސް ސަރަހައްދެއްގެ ގޮތުގައި އަޅުގަނޑު ތަރައްޤީ ކުރާނަމެވެ. އައްޑޫ އަކީ ޔުނެސްކޯގެ ގުދުރަތީ ތަރިކައެކޭ ކިޔައިގެން ކަކުންޏާއި މޫދުވިނަ ހިމާޔަތް ކުރަން ދޫކޮށްލައިގެން، އައްޑޫ ރައްޔިތުން ތަރައްޤީއިން މަހްރޫމްކޮށްގެން އަޅުގަނޑެއް ނުހުންނާނަމެވެ.

އަޅުގަނޑަށް މޭޔަރުކަން ލިބިއްޖެނަމަ އެއަރބަސް އޭ-380 ގެ ބިޔަ މަތިންދާ ބޯޓް ޖެއްސޭ ފެންވަރަށް ގަން އިންޓަރނޭޝަނަލް އެއަރޕޯރޓް ތަރައްޤީކޮށް، ކަނޑަށް ޖައްސާ މަތިންދާ ބޯޓުގެ (ސީޕްލޭން) ބޭސްއެއް ގަމުގައި ތަރައްޤީކޮށް، އައްޑޫސިޓީ އާއި ފުއައްމުލަކާއި ހުވަދޫގެ ރިސޯރޓްތައް ސީޕްލޭން ވިއުގައަކުން ގުޅާލާނަމެވެ. މީގެ އިތުރުން ގަން އެއެއަރޕޯރޓްގައި ޒަމާނީ ފެންވަރުގެ އިންފްލައިޓް ކޭޓަރިންގެ ހިދުމަތްދޭނެ ތަނަކާއި، އެއަރޕޯރޓް ލައުންޖް ތަކާއި، ރެސްޓޯރެންޓް ތަކާއި، ޑިއުޓީ ފްރީ ފިހާރަތައް ހަދައި ދުވާލަކު މަދުވެގެން ބައިނަލްއަޤްވާމީ ޝެޑިއުލް ފަސް ފްލައިޓް ގަމަށް ޖެއްސޭވަރަށް އަޅުގަނޑު ގަން ތަރައްޤީކުރާނަމެވެ.

އަދި، އަޅުގަނޑަކީ މޭޔަރު ނަމަ މިހާރު ގަމުގައި ހިންގަމުންދާ ފްލައިންގް ސްކޫލާއި އެމް.އެން.ޔޫ އާއި ގުޅިގެން، ޒަމާނީ ފެންވަރުގެ އެއަރކްރާފްޓް އިންޖިނއަރިންގް އެންޑް ޕައިލެޓް ޓްރެއިނިންގް ކޮލެޖެއް، ކެމްޕަސް އެކަމަޑޭޝަނާ އެކު، ގަމުގައި ތަރައްޤީ ކުރާނަމެވެ.

ގަމުގައި ވީރާނާވާން ދޫކޮށްލާފައި އޮތް ދޫގަސް ހޮޓާ މަރާމާތުކޮށް، ތިން ތަރީގެ ފެންވަރުގެ ސިޓީ/އެއާރޕޯރޓް ހޮޓަލެއްގެ ގޮތުގައި އަޅުގަނޑު ދޫގަސް ތަރައްޤީ ކުރާނަމެވެ. އަދި ބޮޑެތި ފަސިންޖަރު ލައިނަރ ގާތް ކުރެވޭ ވަރުގެ ކްރޫސް ޝިޕް ޓަރމިނަލެއް ގަމުގައި ހަދާނަމެވެ. އަގުހެޔޮކޮށް ދަތުރުކުރާ "ބެކްޕެކާރސް" ފަތުރުވެރީންނަށާއި އެތެރޭގެ ލޯކަލް ޓޫރިޒަމަށް ޓާރގެޓްކޮށްގެން ތިން ތަރީގެ ހޮޓަލެއްގެ ގޮތުގައި ގަމުގެ ދޫގަސް ތަރައްޤީކޮށް، އެތަން "ގޭން ބެކްޕެކާރސް މެރިނާ ހޮޓެލް" މި ތީމަށް ތަރައްޤީ ކުރާނަމެވެ.

އަޅުގަނޑަކީ މޭޔަރު ނަމަ، ޒަމާނީ، ފުރިހަމަ ސްޕޯރޓްސް އެރީނާ އެއް، އައްޑޫސިޓީގެ ހިތަދޫ ސްޓޭޑިއަމް މިހާރު ހުރި ތާނގައި، ތަރައްޤީކުރާނަމެވެ. މި ސްޕޯރޓްސް އެރީނާގައި ޒަމާނީ ފެންވަރުގެ އެތުލެޓިކްސް ޓްރެކަކާއި ވޮލީ ކޯޓް، ބާސްކެޓް ކޯޓް، ޓެނިސް ކޯޓް ފަދަ ކޯޓް ތަކާއި ފުޓްބޯޅަ ދަނޑު ފަދަ ދަނޑުތަކާއި ޖިމް އާއި ބޭރުގެ ފްޓްބޯޅަ ޓީމްތަކަށް ކޭމްޕް ކުރެވޭފަދަ އެކަމަޑޭޝަން އާއި ފެސިލިޓީސްތައް ހުންނާނެއެވެ. އަދި ފެތުމުގެ ކުޅިވަރު ކުރިއެރުވުމަށް ޓަކައި "ސްވިމިންގ ޕޫލް ކޮމްޕްލެކްސް" އެއް ވެސް މިތާނގައި ހުންނާނެއެވެ.

އައްޑޫސީޓީގެ ފޭދޫގައި އޯޕަން އެއާ އެންޓަރޓެއިންމެންޓް އެރީނާ އަކާއި ޒަމާނީ ސިނަމާއެއް ހިމެނޭގޮތަށް މުނިފޫހިފިލުވުމުގެ ސްޓޭޑިއާއެއް ހަދާ، ބޭރުގެ ޝޯތައްވެސް އަދި މާލޭގެ ފަންނާނުންގެ ޝޯތައްވެސް މިތާނގައި ބޭއްވޭގޮތަށް ހަދާނަމެވެ. އަދި މި އެންޓަރޓެއިންމެންޓް ސެންޓަރާ އިންވެގެން ސަރަހައްދީ ފެންވަރުގެ ޝޮޕިންގް މޯލްއެއް ވެސް ބިނާ ކުރާނަމެވެ.

އަޅުގަނޑަކީ މޭޔަރު ނަމަ އައްޑޫގެ އެކި ރަށްރަށުގައި މިހާރު ހުރި، ވީރާނާ ވަމުންދާ ކުޑަކުދީންގެ ޕާރކްތައް މަރާމާތުކޮށް މިހާރަށްވުރެ ރަނގަޅަށް އެތަންތަން ބެލެހެއްޓޭނެ ގޮތް ހަދާނަމެވެ. އަދި އައްޑޫ ސިޓީ ސްކޮޔާގެ ނަމަގުގައި މިހާރި ހަދާފައިވާ ޕާރކުގެ މަސްފެންގަނޑު އެތަނުން ނަގައި، މަސްފެންގަނޑު ހުރި ތާނގައި ޒުވާނުންނާއި ކުޑަކުދިން ސްކޭޓް ކުރާނެ ސްކޭޓިންގް ރިންގެއް ހަދާނަމެވެ. އަދި ސިޓީ ސްކޮޔާގެ އެއްކޮޅުގައި ކުޑަކުދިންގެ ޕާރކެއް ހަދައި އެތަނުގައި ސްލައިޑާއި ސީސޯ ފަދަ ތަކެތި ބަހައްޓާނަމެވެ. އަދި ޕޮޕް ކޯނާއި، އައިސް ކޯން ފަދަ ކުޑަކުދީންނާ ގުޅޭ ތަކެތި ވިއްކާ ސްޓޭންޑެއް އެޕާރކްގައި ހަދާނަމެވެ. އަދި ސިޓީ ސްކޮޔާގެ ކަނެއްގައި އައުޓްޑޯ ޖިމެއް ހަދައި، ހެނދުނުގެ ހޫނުގަޑިއާއި، މެންދުރާއި، އަސުރުގެ ހޫނުގަޑީގައި ވެސް ސިޓީ ސްކޮޔާ އަކީ ހިތްގައިމު، ފިނި ތަނަކަށް ހެދުމަށްޓަކައި އެތާގައި ހިޔާދޭ ބޮޑެތި ގަސްޖަހައި، ހުރިހާ ގަޑިއެއްގައި ވެސް ކަސްރަތު ކުރެވޭ ފަދަ ފިނި ޕާރކަކަށް އެތަން ހަދާނަމެވެ.

އަޅުގަނޑަކީ މޭޔަރު ނަމަ އައްޑޫ ސިޓީގެ ހުރިހާ ރަށެއް އެއްފަސް ކުރުމުގެ ގޮތުން ހިތަދޫ އިން މީދޫއަށް ބްރިޖަކުން ގުޅާލާލުމެވެ. ދައުލަތުން ލޯލާރިއެއްވެސް ހަރަދު ނުކޮށް، ސިނަމާލެ ބްރިޖަށް ވުރެ ކުޑަ ބަޖެޓަކުން ހިތަދޫ-މީދޫ ބްރިޖް އަޅާނަމެވެ. އައްޑޫސިޓީގެ އެމް.ޑީ.ޕީ ހަތް މެމްބަރުންނާއި ތޭރަ ކައުންސިލަރުން އެންމެ ބޮޑަށް ވަކާލާތު ކުރަންޖެހޭ އެއް ކަމަކީ ހިތަދޫ-މީދޫ ބްރިޖުގެ މަޝްރޫއެވެ. މިބްރިޖަކީ މައިގަނޑު ގޮތެއްގައި ހިތަދޫ ފަޅުތެރެއިން، ފަރުމަތިން ބިން ހިއްކައިގެން އެޅޭނެ ބްރިޖެކެވެ. ކަނޑު ހުރަސްކޮށް ބްރިޖް އަޅަން ޖެހޭނީ ވަރަށް ކުޑަ ތަންކޮޅެއްގައެވެ. އެއީ ކަނޑިހެރަގެ ދަފަރާތުން އޮތް ދެ ކަނޑުއޮޅި މަތިން އެކަންޏެވެ. ބްރިޖްގެ އަނެއްބަޔަކީ ހަޤީގަތުގައި ބްރިޖެއް ނޫނެވެ. އެއީ ބިން ހިއްކައިގެން އަޅާ ހައިވޭ އެކެވެ.

ބްރިޖްގެ މި މަޝްރޫއާ އެކުއެކީގައި މީދޫ އާއި ހިތަދޫގެ ފަޅުން ބިން ހިއްކައިގެން ކޮންޓެއިނަރ ބަނދަރެއް ހަދައި، ހިއްކި ބިމުގައި ރިސޯރޓާއި ހޮޓެލް އަދި ގެސްޓް ހައުސް އާއި ތަފާތު ފެކްޓަރީތައް ހަދާނަމެވެ. މިއީ ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން ބީލަމަށް ލައިގެން އަމިއްލަ ފަރާތެއް ލައްވާ ތަރައްޤީ ކުރެވިދާނެ މަޝްރޫއު ތަކެކެވެ. ދައުލަތުން މާބޮޑު ހަރަދެއް ނުގޮހެވެ. މިކަން ހަޤީގަތަކަށް ހެދުމަށްޓަކައި ހަތް މެމްބަރުންނާއި ތޭރަ ކައުންސިލަރުން މިނިސްޓަރުން އަރިހަށް ގޮސް އާދޭސް ދަަންނަވައި، ރައީސް އަރިހަށް ގޮސް އާދޭސް ދަންނަވައި، އަދި ކަމާ ގުޅޭ އެހެނިހެން މުއައްސަސާތަކަށް ގޮސް އާދޭސްކޮށް، އަދި މާލެއާއި ބޭރުގެ އިންވެސްޓަރުން އައްޑޫއަށް ގެނެސްގެން ވިއަސް އަޅުގަނޑު މިކަން ކުރާނަމެވެ.

އައްޑޫސިޓީގެ ވެރިކަން ކުރާ ރަށް، ހިތަދޫގައި، މިހާރު އަޅަން ރޭވިފައިވާ އިސްލާމީ މަރުކަޒު އަޅުގަނޑު ނަމަ ނާޅާނަމެވެ. އޭގެ ބަދަލުގައި މިހާރުވެސް ހިތަދޫގައި ހުރި، އިސްލާމީ މަރުކަޒެއްގެ ފެންވަރު ލިބިފައިވާ ބިޔަ އިބްރާހިމް މިސްކިތް އިތުރަށް ފުޅާކޮށް، އިސްލާމީ ލައިބްރަރީ އަކާއި އިތުރު ކްލާސްރޫމާއި ޤުރުއާނާ ބެހޭ މަރުކަޒަކާއި ކޮންފަރެންސް ހޯލެއް އެތާނގައިި ހަަދައި އެތަން، މަދުވެގެން 1000 މީހުންގެ ޖާގައިގެ އިސްލާމީ މަރުކަޒަކަށް ބަދަލު ކުރާނަމެވެ.

އަޅުގަނޑަކީ މޭޔަރު ނަމަ އަތޮޅުގެ ޒުވާނުން މަސްތުވާ ހިކި ތަކެެއްޗާއި ދިޔާ ތަކެތިން ސަލާމަތްކުރުމަށް ޓަކައި ޒަމާނީ ފެންވަރުގެ ރީހެބިލިޓޭޝަން ސެންޓަރެއް އައްޑޫސިޓީގައި ތަރައްޤީ ކުރާނަމެވެ. މި ރިހެބިލިޓޭޝަން ސެންޓަރ ވާނީ ސަރަހައްދީ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ފަދަ ޒަމާނީ ވަސީލަތްތައް ހުރި ތަނަކަށެވެ. އަދި އެތަނުން ފަރުވާ ހޯދަން މާލޭސިޓީ އާއި ރާއްޖޭގެ އެހެން އަތޮޅުތަކުން މީހުން އަންނަ ވަރުގެ ފެންވަރު ރަނގަޅު ޑީޓޮކްސް ސެންޓަރަކަށެވެ.

އަދި އައްޑޫ ސިޓީގެ އަމަން ބެލެހެއްޓޭ އަދަދަށް ފުލުހުން އައްޑޫ އަށް ގެނައުމަށް ސަރުކާރަށް ބާރުއަޅައި، އެކަން އެގޮތަށް އަޅުގަނޑު ކުރުވާނަމެވެ. އައްޑޫގައި ފުލުހުން ޕެޓްރޯލް ކުރާ ވެހިކަލް ތަކުގެ އަދަދު އިތުރުކޮށް، ހުރިހާ މަގެއްގައި މަގުބައްތި ޖަހައި، ޕެޓްރޯލް ކުރުން ގިނަކޮށް، ހިތަދޫގެ ކަޅިބިއް ސަރަހައްދަކީ ޕާޓޭއިންގެ އައްޑާ ތަކެއްގެ ގޮތުގައި އޮތް އޮތުން ބަދަލު ކުރާނަމެވެ.

އަޅުގަނޑުގެ މޭޔަރު ކަމުގައި، ސަރުކާރުގެ ހުރިހާ އޮފީހެއް ހިމެނޭ ގޮތަށް، އެއް އިމާރާތަކުން، ފަސޭހަކަމާ އެކު، އައްޑޫގެ ރައްޔިތުންނަށް ހިދުމަތް ދެވޭނެ މަގު ފަހިކުރުމުގެ ގޮތުން ދިހަބުރީގެ އުސް އޮފީސް އިމާރާތެއް އައްޑޫ ސިޓީ ކައުންސިލާ އިންވެގެން އޮތް ބިމުގައި ހަދައި ތަރައްޤީ ކުރާނަމެވެ.

އައްޑޫ ސިޓީގެ ހިތަދޫއާއި މީދޫ ފަޅު ގުޅޭ ސަރަހައްދުގައި ބިންހިއްކައިގެން އަޅުގަނޑުގެ މޭޔަރު ކަމުގައި ތަރައްޤީ ކުރާ ސަރަހައްދުގައި ހަދާ ކޮންޓެއިނަރ ބަނދަރު، ބައިނަލްއަޤްވާމީ ޓްރާންސްޝިޕްމެންޓް ބަނދަރަކަށް ބަދަލު ކުރާނަމެވެ. އައްޑޫ މިއޮތް ސަރަހައްދަކީ ގިނަ އަދަދަކަށް ބައިނަލްއަޤްވާމީ ޔޮޓާއި، ކޮންޓެއިނަރ ބޯޓު ދަތުރުކުރާ ސަރަހައްދަކަށް ވުމުން މި ދެންނެވި ޓްރާންސްޝިޕްމެންޓް ބަނދަރާ އިންވެގެން ބައިނަލްއަޤްވާމީ ބޯޓުފަހަރަށް ހިދުމަތްދެވޭ ފެންވަރުގެ ޑްރައިޑޮކިން ނުވަތަ ބޯޓު އެހެލައިގެން މަރާމާތު ކުރެވޭ ތަނެއް ވެސް ތަރައްޤީ ކުރާނަމެވެ. އަޅުގަނޑަކީ މޭޔަރު ނަމަ، ހަމައެކަނި ޓްވީޓެއް ކޮށްލާފައި، ޗަކް ނޮރިސް ހެދިގެން ލޭންޑްރޯވަރެއްގައި ދެކޮޅަށް ދުއްވަ ދުއްވައެއް ނުހުންނާނަމެވެ. އަމަލުން ތަރައްޤީ ގެންނާނަމެވެ.

އަޅުގަނޑަކީ މޭޔަރު ނަމަ އައްޑޫގެ ސިއްޙީ ދާއިރާއަށް އިންޤިލާބެއް ގެންނާނަމެވެ. އެމް.އާރް.އައި އަދި ސީ.ޓީ.ސްކޭންގެ އިތުރުން ޕެޓް ސްކޭން ފަދަ ޒަމާނީ މުހިއްމު ހިދްމަތްތަކާއި ޒަމާނީ ޑެންޓަލް ހިދުމަތާއި ކެންސަރު ބައްޔާއި ކީޑްނީ ބަލި އަދި ޑައިބެޓިކްސްގެ އެންމެ ޒަމާނީ ފަރުވާ އާއި ހަމުގެ ޒަމާނީ ފަރުވާ ފަދަ ހިދުމަތްތައް ހިމެނޭގޮތަށް، ގިނަ ސްޕެޝަލިސްޓް ޑޮކްޓަރުންނާ އެކު، ފުރިހަމަ ޓާރޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް އަޅުގަނޑު ތަރައްޤީ ކުރާނަމެވެ. އެ ހޮސްޕިޓަލްގައި ޒަމާނީ ފެންވަރުގެ ޓްރޯމާ ސެންޓަރަކާއި، ނަފްސާނީ ބަލިތަކަށް ފަރުވާދެވޭނެ ވަސީލަތްތަކާއި، ޕެރަމެޑިކްސް އާއި އެކު ޒަމާނީ އެމްބިއުލޭންސްގެ ހިދްމަތް ލިބެން ހުންނާނެއެވެ. ހަމަ އެފަދައިން ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗް. އާރ.އެޗް) ޕްރައިވެޓައިޒްކޮށް އޭ.ޑީ.ކޭ ނުވަތަ ޓްރީޓޮޕް ފަދަ އަމިއްލަ ކުންފުންޏަކުން ހިންގާގޮތަށް ދުކޮށްލާނަމެވެ. އޭގެ ސަބަބުން ސިޓީގެ ސިއްހީ ދާއިރާއަށް އިންޤިލާބެއް އައިސް، އައްޑޫ ސިޓީ އަކީ މެޑިކަލް އަދި އެޑިއިކޭޝަނަލް ފަތުރުވެރިކަމުގެ ހަބަކަށް ބަދަލުވެގެން ދާނެއެވެ.

ރައީސުލް ޖުމްހުރިއްޔާ އާއި މިނިސްޓަރުން އަރިހު އާދޭސް ދަންނަވައިގެން، އަދި މުއައްސަސާތަކުގެ ކުރިމަތީ ޓެންޓް ޖަހައިގެން ރޭކުރަން ޖެހުނަސް، މަތީގައިވާ ކަންތައްތަކަށް ބާރުއަޅައި އައްޑޫ ރައްޔިތުންނަށް ހައްޤު މިންވަރަށް އައްޑޫ ތަރައްޤީ ކޮށްދިނުމަށް ބާރުއެޅުމަކީ އެމް.ޑީ.ޕީ އަށް ނިސްބަތްވާ އައްޑޫގެ މަޖުލިސް މެމްބަރުންނާއި، އެމް.ޑީ.ޕީ އަށް ނިސްބަތްވާ އައްޑޫގެ ކައުންސިލަރުން ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އަވަސްގޮތެއްގައި ކުރަންޖެހޭ ކަމެކެވެ. އަޅުގަނޑަކީ އައްޑޫ ސިޓީގެ މޭޔަރު ނަމަ މަޑުން ބަލާކަށް ނުހުރީމުހެވެ. ކައުންސިލް ތަކާއި ސިޓީތަކަށް ލިބިފައިވާ ބާރުތަކާއި އިޙްތިޔާރްތައް ބޭނުންކޮށްގެން، ސަރުކާރަށް ހުއްޓުމެއް ނެތި ޕްރެޝަރުކޮށްގެން، މާލޭގެ އިންވެސްޓަރުންނާއި ބޭރުގެ އިންވެސްޓަރުންނަށް އައްޑޫ އަށް ދައުވަތުދީގެން، އެންމެންނާ ގުޅިގެން އަޅުގަނޑު އައްޑޫ ތަރައްޤީ ކުރާނަމެވެ. އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ހަދައިގެން އިންޑިއާއަށް އަޅުވެތިވާކަށް ނުޖެހެއެވެ. އައްޑޫ ސިޓީގެ މޭޔަރު މިކޮލަމް ކިއުއްވާފަ އަޅުގަނޑުގެ ވިޝަން ތައާރަފް ކުރަވައިފިނަމަ އަޅުގަނޑު މޭޔަރު ކަމެއް ބޭނުމެއް ނޫނެވެ. އެއިރުން އަޅުގަނޑުގެ ވޯޓު ނިޒާރަށެވެ. ޑީލް؟