"ހަނގުރާމަކުރަންޖެހޭ ގޮތަށް ތަމްރީނުކުރުން" މިއީ ދުނިޔޭގައި ސިފައިން ތަމްރީނުކުރުމުގައި ގެންގުޅޭ އަސާސްތަކުގެ ތެރެއިން އެއް އަސާސެވެ. މި އަސާސް ބުނެދެނީ ސިފައިން ތަމްރީނުކުރަންޖެހެނީ ހަނގުރާމަކުރަން ޖެހޭ ގޮތަށް ކަމަށާއި ހަނގުރާމަ ކުރަންޖެހެނީ ދެވޭ ތަމްރީނާ އެއްގޮތަށް ކަމަށެވެ. ސިފައިންނަށް ދެވޭ ތަމްރީނުތައް ވީހާ ވެސް ބޮޑަކަށް އަސްލު ހާލަތެއްގައި ކަންކުރާނެ ގޮތަށް ބަލައިގެން ކުރިއަށް ގެންދަން ޖެހޭތީ އެ ތަމްރީނުތައް ވެފައިވަނީ ވަރަށް މަތީ ދަރަޖައަކަށް ރިސްކް އެކުލެވޭ ތަމްރީނުތަކަކަށެވެ. ސިފައިންނަށް ދެވޭ އަސްކަރީ ތަމްރީނުތަކުގައި މީހުން މަރުވުމާއި ބޮޑެތި އަނިޔާތައް ވުމަކީ ހިނގަމުންދާ ކަންކަމެވެ. ބައެއް ފަހަރު އެފަދަ ހާދިސާތައް ހިނގަނީ ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ނޭޅިގެންނެއްނޫނެވެ.
ސިފައިންނަށް ޒިންމާއަކީ މިޝަން ފުރިހަމަކުރުމެވެ. ހަވާލުކުރެވޭ ޓާސްކުތައް އަދާކުރުމެވެ. އެއީ އަމިއްލަ ފުރާނަ ނުރައްކަލަށް ހުށަހެޅިފައިވާ ހާލަތެއްގައި އަދާކުރަންޖެހޭ ޓާސްކަކަށްވެދާނެއެވެ. އެ ހާލަތުގައި އޭނާ ދުނިޔެ ދޫކުރަން ވެސް ޖެހިދާނެއެވެ. ކަނޑައެޅިގެން ފުރާނަ ސަލާމަތް ނުކުރެވޭނެކަން އެނގި ހުރެވެސް ދުޝްމަނުންނާ ކުރިމަތިލާންޖެހިދާނެއެވެ. ސިފައިންގެ މީހާ ތަފާތުވަނީ އެހެންވެއެވެ. ފަހުގެ ތާރީޚަށް ބަލާއިރު 1988 ނޮވެންބަރު ތިންވަނަ ދުވަހު އެ ދުވަހުގެ ބަޠަލު، ޝަހީދު ކޯޕްރަލް ޙުސައިން އާދަމާއި ރެކީ ޕެޓްރޯލަށް ބޭރަށް ނިކުތް ހިތްވަރުގަދަ ސިފައިން އަދާކުރީ އެފަދަ އުނދަގޫ އަދި ނުރައްކާތެރި ދައުރެކެވެ.

ސިފައިންގެ މީހަކަށް ވަނީ އަސާސީ ފެންވަރަށް ތަމްރީނުވެގެންނެވެ. އެއަށްފަހުގައި ދެން އޮންނަނީ އިތުރަށް ތަމްރީނުވުމެވެ. ދެން ވެސް އޮންނަނީ ތަމްރީނުވުމެވެ. މިޝަން ފުރިހަމަކުރުމަށް މަސައްކަތް ކުރަމުން ވެސް ކުރަން ޖެހޭ ކަމަކީ ތަމްރީނުވުމެވެ. ހަނގުރާމައިގެ ހާލަތުގައާއި ސުލުހައާއި އަމާންކަމުގެ ހާލަތުގައި ވެސް ސިފައިންކުރާނެ އެންމެ މުހިންމު ކަމަކީ ތަމްރީނު ކުރުމާއި ތަމްރީނުވުމެވެ. ސްޓޭންޑެޑްތައް މެއިންޓެއިންކޮށް ދެމެހެއްޓުމެވެ. ހަނގުރާމައިގެ ފަންނުވެރިކަމާއި ހަނގުރާމަވެރި ސިފަތައް ދެމެހެއްޓުމާއި ނެގެހެއްޓުމެވެ. މިއަށްވުރެ މުހިންމުކަމެއް ސިފައިންނަކަށް ނޯވެއެވެ.
ކޮންމެ ޤައުމެއްގެ ސިފައިންނަކީ އަބަދު ހަނގުރާމަކުރާ އަދި ހަނގުރާމަކުރަންޖެހޭ ބައެއް ނޫނެވެ. އެއީ ޙަޤީޤަތުގައި އެ ޤައުމެއްގެ ރައްޔިތުންގެ ނަސީބެވެ. އެކަމަކު ނޭނގޭ ކަމަކީ އެ ނަސީބު އޮންނާނީ ކިހާ ދުވަހެއް ވަންދެން ކަމެވެ. ނޭނގެނީ ހަނގުރާމަކުރަން ޖެހޭނެ ދުވަހަކާއި ވަގުތެކެވެ. ދީނާއި ޤައުމުގެ މިނިވަންކަމާއި ސިޔާދަތުގެ ދިފާޢުގައި ފުރާނައިން ޤުރުވާންވާން ނިކުންނަންޖެހޭނެ ވަގުތެކެވެ. ކޮންމެ ޤައުމެއްގައި ވެސް އަސްކަރިއްޔާއެއް އޮންނަނީ އެ ޤައުމުގެ މިނިވަންކަން ރަމުޒުކޮށްދޭށެވެ. ސިޔާދަތީ ބާރުގެ ހާމަކޮށްދޭށެވެ. ޤައުމު މިނިވަންކަން ދިފާޢުކޮށް ރައްޔިތުންނަށް މިނިވަން ޖައްވަކަށް ނޭވާލުމުގެ ފުރުސަތު ހޯދައިދޭށެވެ.
ސިފައިންނަކީ ދިވެހިރާއްޖޭގެ އަސްކަރީ ލަޝްކަރެވެ. ދިވެހިރާއްޖޭ ޤައުމީ ދިފާޢީ ބާރެވެ. ނަމަވެސް މަދަނީ ޚިދުމަތްތަކެއް ވެސް ދިވެހި އަސްކަރިއްޔާގެ ރޭންޖް އޮފް މިލިޓަރީ އޮޕަރޭޝަންސްގައި އޮވެއެވެ. އެހެންކަމުން ސިފައިން ވާންޖެހެނީ އަސްކަރީ އަދި މަދަނީ ޚިދުމަތްތައް ވެސް ފޯރުކޮށް ދިނުމުގެ ޤާބިލުކަންހުރި ބަޔަކަށެވެ. ދިވެހި ސިފައިންނަށް ދެވޭ އަސްކަރީ ތަމްރީނުތަކުގެ އިތުރުން މަދަނީ ޚިދުމަތްތަކާ ގުޅޭ ތަމްރީނުތައް ވެސް ދޭންޖެހެއެވެ.
ކޮންމެ ސިފައިންގެ މީހަކީ ހަނގުރާމަވެރިއެކެވެ. އޭނާގެ އެންމެ އިސް ވާޖިބަކީ ޤައުމުގެ ދުޝްމަނުންނާ ދެކޮޅަށް ހަނގުރާމަކުރުމެވެ. އެހެންކަމުން ސިފައިން ތަމްރީނު ކުރަންޖެހެނީ ދުނިޔޭގެ ސަލާމަތީ ވެށްޓަށް އަންނަ ބަދަލުތަކާއި ޒަމާނީ ތުރެޓް ތަކަށް އަމާޒުކޮށެވެ. މިއަދު ސަލާމަތީ ގޮތުން ޤައުމުތަކާ ކުރިމަތިވަނީ ކުރިން ނެތް މައްސަލަތަކާއެވެ. ކުރިން ނެތް ހައިބްރިޑް ތުރެޓްތަކާއެވެ.
ކުރިން ކުރަމުންއައި ކަންތައްތަކުން ވެސް ނުރައްކާ ކުރިމަތިކުރާ ގޮތާއި ހަމަލާދޭ ވައްޓަފާޅި ބަދަލުކޮށްފިއެވެ. ކަނޑުފޭރުމާއި ވައިފޭރުމެވެ. ހައިޖެކިންގއާއި ހޮސްޓެޖިންގނެވެ. އިންސާނީ ވަގުފާރިއާއި ޑްރަގު ވަގުފާރިއެވެ. ކްރޮސްބޯޑަރ ޓެރަރިޒަމެވެ. ދީނީގޮތުން ހައްދުފަހަނައަޅާ ދިއުމާއި ހަރުކަށި ފިކުރެވެ. ދީނީ ހަމަނުޖެހުމާއި ސިޔާސީ ހަމަނުޖެހުންތަކެވެ. ބޭރުގެ ބާރުތަކުގެ ނުފޫޒާއި ނޮން ސްޓޭޓް އެކްޓަރުންގެ ނުރައްކަލެވެ.
މިއަދު އަސްކަރިއްޔާތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ނުރައްކާތަކާ އެއްހަމައެއްގައި ހަރަކާތްތެރިވުމަށް އާ ތަމްރީނުތައް ފަރުމާކުރުމާއި ތަމްރީނުތަކަށް ބަދަލު ގެނައުމަކީ ކުރަންޖެހޭ ކަމެކެވެ. އެގޮތުން އިންޑިވިޖްއަލް ޓްރޭނިންގތަކާއި ކަލެކްޓިވް ޓްރޭނިންގ ތަކުގެ އިތުރުން އެކްސަސައިޒްތަކަށް ވެސް ބަދަލުތައް ގެނެވެއެވެ. އަދި ލަޝްކަރުގެ އޮނިގަނޑާއި އޮޕަރޭޝަނަލް ތަރުތީބަށް ވެސް ޒަމާނާއި ހާލަތާ ގުޅޭގޮތަށް ބަދަލު ގެނެވެއެވެ. ތަމްރީނުތަކާއެކު ޒަމާނީ ހަތިޔާރާއި އާލަތްތަކާއި ވަސީލަތްތައް ވެސް ހޯދަން ޖެހެއެވެ.

ސިފައިން ހަދާ ތަމްރީނުތައް ބަލައި މޮނީޓަރކޮށް ސްޓޭންޑެޑް ދަމަހައްޓާ ފަދައިން ތަމްރީނުތަކަށް ގެންނަންޖެހޭ ބަދަލުތައް ދިރާސާކޮށް އެ ދިރާސާތަކުގެ މައްޗަށް ތަމްރީނުތައް ބައްޓަން ކުރެވެއެވެ. މިއީ ނުހުއްޓި ހިނގާ ޕްރޮސެސްއެކެވެ.
ސިފައިން ވާންޖެހެނީ ޖިސްމާނީގޮތުންނާއި ނަފްސާނީ ގޮތުން ފިޓްބަޔަކަށެވެ. މީގެ އިތުރުން ދީނީ ލޯތްބާއި ޤައުމީ ރޫޙު ހުރި ބަޔަކަށް ވެގެން ނޫނީ ފައިޓިންގ ފިޓް ފޯހަކަށް ސިފައިންގެ ލަޝްކަރު ނުވާނެއެވެ.
ސިފައިންނަށް ދެވޭ ތަމްރީނުތަކުން ޢިލްމު (ނޮލެޖް) އާއި ހުނަރު (ސްކިލް) އަދި އެޓިޓިއުޑަށް ބަދަލު ގެނެއެވެ. ކޮންމެ ކަމެއް ވެސް ޕްލޭންކޮށް ޕްލޭނާއި ޕްރޮސީޖަރތަކާ އެއްގޮތަށް ކުރުއަށް ގެންދަން ފަރިތަކުރެއެވެ. ވަރަށް ގިނައިން ރިހާސްކުރެއެވެ. މިއިން ކޮންމެ ކަމެއް ގުޅެނީ ތަމްރީނުތަކާއެވެ. ތަކުރާރުކޮށް ފަރިތަކޮށް ތައްޔާރުވެގެން ތިބުމުން ހަނގުރާމައިގައި ދުޝްމަނުން ބަލިކުރުމަށްޓަކައި އަވަހަށް އަދި ކަންކުރަން ނިންމާ ގޮތަކަށް ރިއެކްޓް ކުރުމުގެ ޤާބިލުކަން ލިބެއެވެ.
- މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި



advertisment