Support Us

ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ތިނަދޫގެ ބޮޑުފާލަން -އަދިވެސް ފޮޓޯ: މުހައްމަދު އަޚްތަރު

ތިނަދޫގެ ރޫހު މިހާރު ކޮބާ؟

"ފެން މީރުވި ރީތި ރަށޭ މީ، ރޫޙު ވަނީ ތިނަދޫގައޭ…" މި ޅެން, ލަވައެއްގެ ސިފައިގައި ހިނގަން ފެށީ މީގެ 30 އަހަރު ކުރިންނެވެ. ގދ. ތިނަދޫ އަބްދުﷲ އަފީފްގެ މި ޅެން ނުވަތަ ލަވައިގައި ތިނަދޫގެ ސިފަތަކާއި ޙާލަތު ވަރަށް ފުރިހަމަޔަށް ގެނެސްދީފައިވެ އެވެ. މި ލަވަ ވެގެން ދިޔައީ ރަށަށް ވަރަށް ތަފާތު ރޫޙެއް ގެނުވި ޖޯޝަކަށެވެ. ރަށުގައި ކުރާ ކޮންމެ މަސައްކަތެއްގެ ދިރުމަކަށެވެ. ކޮންމެ ކުޅިވަރެއްގެ ޢަޒްމީ ވިންދަކަށެވެ. ކޮންމެ މުނާސަބަތެއްްގެ ގައުމީ ރޫހަކަށެވެ. ތިނަދޫގައި އޮންނަ މިދެންނެވި ރޫޙަކީ މުޅި ރާއްޖޭގެ ސަމާލުކަން ހުއްޓުނު ރޫޙެކެވެ. ތިނަދޫގެ ގައުމީ ލަވައެއް ފަދައިން އެ ލަވަ މުޅި ރާއްޖެއަށް މަޝްހޫރުވިއެވެ. ތިނަދޫގައި ކުރާ ކޮންމެ ކަމެއް ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެނގެން ފެއްޓިއެވެ. އެއީ އަޖައިބެއް ފަދަ ރޫޙެކެވެ.

ކުރީގެ ފޮޓޯއެއްގައި ތިނަދޫގެ ޒުވާނުންތަކެއް ސަގާފީ ހެދުމުގައި -އަދިވެސް ފޮޓޯ: މުހައްމަދު ނަސީމު

އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫޙުގެ ސަބަބުން ފާހަގަކޮށްލެވޭ ގިނަ ކަންތައްތަކެއްވެސް ތިނަދޫގައި ކުރެވިފައި އެބަހުއްޓެވެ. އެގޮތުން ދެ ވަނަ ފަހަރަށް މި ރަށުގައި މީހުން އާބާދުކުރުވިތާ 25 އަހަރު ފާހަގަކުރުމުގެ ގޮތުން 1991 ވަނަ އަހަރު ރައްޔިތުން ކުރި މަސައްކަތްތަކުގެ ތެރޭގައި ނެރުބައްތި ޖެހުމާއި މަގުތަކުގެ ނަންބޯޑު ޖެހުމާއި މަގުބައްތި ޖެހުމާއި ފަޅު ފުންކުރުމާއި ކަރަންޓު ކޭބަލް ގޭގެޔަށް ގެންދިޔުމަށް މަގުކޮނުން ފަދަ ކިތަންމެ ކަމެއް ފާހަގަ ކުރެވެއެވެ. ކްލަބް ޖަމްޢިއްޔާތައް އެހާ ހަލަބޮލިކަމާއެކު ކުޅިވަރާއި ރަށުގެ ގިނަ ކަންތައްތަކުގައި އަބަދުވެސް އުޅެއެވެ. ސްކޫލް ކުދިންވެސް އުޅެނީ ވަރަށް ރޫޙުގައެވެ.

ސުވާލަކީ އެ ފޯރި އާއި ޖޯޝު އަދި އެ ރޫހު މިހާރު ކޮބައިހެއްޔެވެ؟

ތިނަދޫގައި ކުރިން ކަތީބުކަން ކުރެއްވި ބޭފުޅަކު ވަރަށް ފަހުން ވިދާޅުވި އެވެ. "މި ދުވަސްތައް އެއްވެސް ޖޯޝެއް، ފޯރިއެއް ނެތި ދާ ދިޔުމަކީ ވަރަށް ބޮޑަށް ވިސްނައި ފިކުރުކުރަން ޖެހޭ ކަމެއް. ނޫން ނަމަ ޤައުމިއްޔަތު އޮންނާނީ ގެއްލި އަތުނުޖެހޭ ހިސާބުގައި."

ތެދެކެވެ. މިއަދު މިއޮތީ ޙާލަތު ބަދަލުވެފައެވެ. ރޫޙް ތަފާތު ވެފައެވެ. ވެރިކަމުގެ ވައްޓަފާޅިއަށް އައި ބަދަލާއެކު އެއްކަލަ ރޫޙް ސިޔާސީ އޮއިވަރުގައި ޖެހި މުޅިން ތަފާތު ވެއްޖެއެވެ. މިއަދު ފެންނަނީ ޒާތީ ރޫޙެކެވެ. އެއްބަޔަކު އަނެއް ބަޔަކު ކުށްވެރިކޮށް ފާޑުކިޔާ ރޫޙެކެވެ. ނަތީޖާއަކަށްވީ ރަށަށް ލިބެމުންދިޔަ އިޖްތިމާޢީ ކުރިއެރުން އެއްކޮށް ހުއްޓުމެވެ. އިގްތިސާދީ ގޮތުން އެތައް ކަމެއް ބަލިކަށިވުމެވެ. އުމްރާނީ ތަރައްޤީ ވެސް ވަޅުޖެހުމެވެ.

ނިމިގެން ދިޔައީ މިނިވަން ދުވަހެވެ. ސަރުކާރުގެ ބައެއް އޮފީސްތަކުގެ މަގު ފާރަށް، ކުލަވެއްޓިފައިވާ ޤައުމީ ދިދައެއް އަމުނާލުން ނުވަތަ ބައެއް ޢިމާރާތްތަކުގެ ފާރަށް ބޮކިފައްޗެއް އެއްލާލުން ފަދަ ކަމެއް ނޫނީ މި ރަށަކުން ނުފެނެއެވެ. މިއަދުގެ އިރާއެކު  ފެށިގެން، ކުރިއަށް މި ދަނީ ބޮޑު އީދު ދުވަހެވެ. ޚާއްޞަ ކަމެއް އޮތްހެނެއް އަދި ހިއެއްނުވެއެވެ. މިއަށްވުރެ ކުދި އަދި ވަސީލަތްތައް މަދު ރަށްތަކުގައި ޢީދުގެ ފޯރި ވަރަށް ގަދަވާނެ ކަމަށްވެއެވެ.

ތިނަދޫ ބަނދަރުމައްޗަށް އުދައަރައިގެން ދިޔަ ބޮޑުވެފައި -އަދިވެސް ފޮޓޯ: މުހައްމަދު އަޚްތަރު

ތިނަދޫގެ ޒުވާނަކު ބުނީ މި ރަށަށް ދިމާވެގެން އުޅެނީ އެއްގަލަކަށް އަރަން ނޭނގިގެން އުޅޭތީ ދިމާވާ މައްސަލައެއް ކަމުގައެވެ.

"ރޫޙު އަލުން ގެނައުމަކީ ވެރިންނާއި ޖަމިއްޔާތަކުން ވިސްނައިގެން ކޮށްފިއްޔާ މާ ބޮޑު ކަމެއް ނޫން،" ނަން ހާމަ ކުރަން ބޭނުން ނުވާ ޒުވާނާ ބުންޏެވެ.

ތިނަދޫގައި އޮތް ވަރުގަދަ ވަތަނީ ރޫޙް ނެތި ދިއުމުން އެހެން ނަތީޖާއެއްވެސް އެބަ ދައްކައެވެ. އާނއެކެވެ. ތިޔަ ހީކުރެއްވީ ރަނގަޅަށެވެ. ރައްޔިތުންގެ އުންމީދު ގެއްލިއްޖެއެވެ. ވެރިންވެސް ފެންނަނީ ނެގިމަޑުވެފައިވާ ބައެއްހެންނެވެ. ގައުމީ ފެންވަރުގެ ދުވަހެއް އަޔަސް ޒުވާނުންނާއި ފަންނުވެރިންވެސް ތިބެނީ މާޔޫސްވެފައެވެ.

ރަށުގެ ހާލަތު މި ދަރަޖަޔަށް ވެއްޓިފައިވާއިރުވެސް އުންމީދު ކަނޑާނުލާ ބަޔަކު އުޅޭކަން ފާހަގަވެއެވެ. ތިނަދޫގައި އަދިވެސް ރޫޙް ވާކަން ސޯޝަލް މީޑިއާގައި އެބަ ދައްކައެވެ. އެކި ނަންނަމުގައި ޕޭޖްތައް ހަދައި ފޮޓޯ އާއި ވީޑިއޯތައް ލައިގެންނެވެ. އެހެންކަމުން ދެންނެވެން އޮތީ ތިނަދޫގެ ރޫޙް އަދިވެސް ވިންދުޖަހާ ކަމަށެވެ. ކުރަން އޮތް ކަމަކީ ޒާތީ ރޫޙް ދޫކޮށްލައި ތަރައްޤީ އާއި ތަހުޒީބުގެ ރޫޙައިގެން ތެދުވަންވީއެވެ. ތިނަދޫގައި ވަނީ ޢަޖައިބެއް ފަދަ ރޫޙެއްކަން އަލުންބަލުން ދައްކަންވީއެވެ.

"…ފެނިލީމާ ހަމަޖެހުމެއް ދޭ، ރޫހުވަނީ ތިނަދޫގައޭ.."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *