Support Us

ލ. އަތޮޅު ކައުންސިލުން ހިންގި އަދަބީ ތަމްރީނު ޕްރޮގްރާމް ނިންމައިލައިފި

ލ. އަތޮޅު ކައުންސިލްގެ ފަރާތުން ދިވެހިބަހުގެ އެކެޑަމީއާ ގުޅިގެން ހިންގި ފަސް ދުވަހުގެ އަދަބީ ތަމްރީނު ޕްރޮގްރާމް މިއަދު ނިމިއްޖެއެވެ.

މި ތަމްރީނު ޕްރޮގްރާމަކީ އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ހައްދުންމަތީ އިސްކޫލުތަކުގެ މެދުގައި ބާއްވާން ތާވަލުކުރެވިފައިވާ ވާހަކަދެއްކުންތެރިކަމުގެ މުބާރާތަށް ފަރިތަކުރުމަށް ޓަކައި ބޭނުންވާ އިރުޝާދާއި ހުނަރާއި ތަމްރީނު، އިސްކޫލްތަކުގެ ދަރިވަރުންނަށާއި މުދައްރިސުންނަށް ފޯރުކޮށްދެއްވުމުގެ މަޤުޞަދުގައި ހިންގި ޚާއްޞާ ޕްރޮގްރާމެކެވެ. މި މަހު 26އިން 30އަށް ހައްދުންމަތީގެ ހުރިހައި އިސްކޫލެއްގައި މި ޕްރޮގްރާމް ހިންގީ އަތޮޅުގެ އިސްކޫލުތައް ހަ ގްރޫޕަކަށް ބަހާލައިގެންނެވެ. އެއީ ގަމު ސަރަހައްދުގައި ހިމެނޭ ޙަމަދު ބިން ސުލްޠާން އާލްޘާނީ ސްކޫލާއި އިހައްދޫ ސްކޫލާއި މުކުރިމަގު ސްކޫލްގެ ދަރިވަރުންނަށާއި ބެލެނިވެރީންނަށް ގަމުގައި ހިންގި ތަމްރީނާއި ލ. އަތޮޅު ތަޢުލީމީ މަރުކަޒާއި މާމެންދޫ ސްކޫލްގެ ދަރިވަރުންނަށް ފޮނަދޫގައި ބޭއްވި ޕްރޮގްރާމާއި ދަނބިދޫ ސްކޫލާއި ލ. އަތޮޅު މަދަރުސާއާއި މުންޑޫ ސްކޫލަށް ޚާއްޞަކޮށްގެން މާބައިދޫގައި ދެވުނު ތަމްރީނާއި އިސްދޫ ސްކޫލާއި ކަލައިދޫ ސްކޫލްގެ ދަރިވަރުންނަށާއި މުދައްރިސުންނަށް އަމާޒުކޮށްގެން އިސްދޫގައި ދެވުނު ތަމްރީނާއި ހިތަދޫ ސްކޫލާއި ކުނަހަންދޫ ސްކޫލަށް ޚާއްޞަކޮށްގެން ހިތަދޫގައި ބޭއްވުނު ޙަރަކާތާއި، މާވަށު ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރީންނަށް އަމާޒުކޮށްގެން މާވަށުގައި ހިންގި ޚާއްޞަ ޕްރޮގްރާމެކެވެ.

މިއިން ކޮންމެ ގްރޫޕެއްގައި ހިމެނޭ ސްކޫލްތަކަކަށް ވަކިވަކީން އެއް ދުވަހުގެ މުއްދަތަށް ހިންގި މި ޕްރޮގްރާމްގައި ވާހަކަދެއްކުންތެރިއަކަށް ދަރިވަރުން ވުމަށް ޓަކައި ކުރެވިދާނެ އަސާސީ ކަންތައްތަކާއި މި ރޮނގުން ދަރިވަރުން ތަމްރީނުކުރުމަށް ޓަކައި ބޭނުންވާނޭ ހުނަރާއި އުކުޅުތައް ދަރިވަރުންނަށާއި މުދައްރިސުންނަށް އޮޅުންފިލުވައިދިނެވެ. އަދި ދަރިވަރުން ތައްޔާރުކުރުމުގެ މަސައްކަތަކީ މާދަމާއިން ފެށިގެން ދާއިމީ ގޮތެއްގައި ކުރިއަށް ގެންދެވޭ ޕްރޮގްރާމަކަށް ހެދުމަށް ވެސް މުދައްރިސުންނަށް އިރުޝާދު ދިނެވެ.

މި ތަމްރީނު ޕްރޮގްރާމުގައި މުދައްރިސުންނަށާއި ދަރިވަރުންނަށް ދިވެހިބަހުގެ އެކެޑަމީގެ ފަރާތުން މަޢުލޫމާތު ދެއްވީ، ވާހަކަދެއްކުންތެރިކަމުގެ ޤައުމީ މުބާރާތްތަކާއި އެކިއެކި އަދަބީ މުބާރާތްތަކުގައި އެންމެ ދިގު މުއްދަތެއްގައި ފަނޑިޔާރުކަން ކޮށްދެއްވައިފައިވާ އަދި ވާހަކަދެއްކުންތެރިކަމާއި އަދަބީ އެކި ފަންނުތަކުގައި ރާއްޖޭގެ ނަން މަޝްހޫރު ބޭބޭފުޅުންނެވެ. މީގެ ތެރޭގައި ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުން ވެސް ހިމެނިވަޑައިގަތެވެ.

ހައްދުންމަތީ އިސްކޫލުތަކަށް ހިންގުނު މި ޕްރޮގްރާމަށް އެ އަތޮޅު ރަށްރަށުގެ އިސްކޫލުތަކާއި ކައުންސިލްތަކުން، އަދި ވަކީން ޚާއްޞަކޮށް އަތޮޅު ކައުންސިލުން ދިމް ތަރުޙީބާއި އެއްބާރުލުމަށް ޓަކައި އެ އަތޮޅު އިސްކޫލްތަކުގެ ޕްރިންސިޕަލުންނަށާއި މުދައްރިސުންނަށް ދިވެހިބަހުގެ އެކެޑާމީން ވަރަށް ބޮޑަށް ޝުކުރުވެރިވެއެވެ. އަދި މިފަދަ ޕްރޮގްރާމެއް ހިންގައިގެން ކުދީން ތައްޔާރުކޮށްގެން މި ފަދަ އަދަބީ މުބާރާތެއް އަތޮޅުގައި ބާއްވާން ރޭވި ކަމަށް ޓަކައި ލ. އަތޮޅު ކައުންސިލްގެ ރައީސަށާއި ސެކްރެޓަރީ ޖެނެރަލާއި އެންމެހައި މުވައްޒިފުންނަށް ވެސް ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފު ޢަބްދުއްރަޙީމް ޝުކުރު އަދާކުރެއްވިއެވެ.

ހައްދުންމަތީ އަތޮޅު ކައުންސިލުން އެ އަތޮޅުގެ އިސްކޫލުތަކުގެ މެދުގައި އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ބާއްވާން ހަމަޖެހިފައިވާ ވާހަކަދެއްކުމުގެ އަތޮޅު މުބާރާތަށް ތައްޓާއި އިނާމު ވެސް ވަނީ ދިވެހިބަހުގެ އެކެޑަމީއިން މިހާރު ހުށަހަޅައިފައެވެ. މިކަން ހާމަކުރައްވައިފައިވަނީ ފަސް ދުވަހުގެ މި ތަމްރީނު ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވުމަށް ޓަކައި ޙަމަދު ސްކޫލްގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *