Support Us

އާ އިންޖީނުގެއާއެކު ވޭވަށުގައި ދުރު މުސްތަޤްބަލަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވެމުންދާނެ: ރައީސުލްޖުމްހޫރިއްޔާ

ފެނަކަ ކޯޕަރޭޝަނުން މ. ވޭވަށުގައި އަލަށް އިމާރާތްކުރި އިންޖީނުގެއާއެކު ކުރިއަށް އޮތް ވިހި، ތިރީސްއަހަރަށް އެއްވެސް ދަތިކަމެއްނެތި ކަރަންޓުގެ ޚިދުމަތް އެ ރަށަށް ފޯރުކޮށްދެވެމުންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ވޭވަށުގައި އަލަށް އިމާރާތްކުރި އިންޖީނުގެއާއި އޮފީސް ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު މެންދުރުކުރި ވޭވަށުގެ އާ އިންޖީނުގެ ސަރަޙައްދުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން ދިވެހިރާއްޖެއަށް ގެންނަން ބޭނުންވާ ޖަޒީރާ ތަރައްޤީގެ އެންމެ ބޮޑު ބައިވެރިންނަކީ ފެނަކަ ކޯޕަރޭޝަނާއި އެމް.ޓީ.ސީ.ސީ ކަމުގައި ފާހަގަކުރައްވާފައެވެ. އަދި ފެނަކަ ކޯޕަރޭޝަންއާއި އެމް.ޓީ.ސީ.ސީގެ އެއްބާރުލުމާއެކު މުޅި ރާއްޖެއަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދެވޭނެކަމުގެ ޔަޤީންކަށް އޮތްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފެނަކަ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތައް ރައްޔިތުން ބަލައިގެންފައިވާކަން ހާމަކުރައްވާފައެވެ. އަދި އެކަމަށްޓަކައި އެމަނިކުފާނު ވަނީ އެ ކުންފުންޏަށް ޝުކުރުއަދާކުރައްވާފައެވެ. މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން އެމަނިކުފާނު ވަނީ ފެނަކައިން ފޯރުކޮށްދޭ ޚިދުމަތްތައް ރައްޔިތުން ބަލައިގެންފައިވާ މިންވަރުގެ ހެއްކެއްގެ ގޮތުން ރާއްޖޭގެ ބޮޑު ބައެއްގެ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކައުންސިލްތަކުން އެކުންފުންޏާ ހަވާލުކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުންވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް އައިސްޕްލާޓްގެ ޚިދުމަތް ނެތުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ކުރިއަށް އޮތް ސެޕްޓެންބަރުމަހުގެ ތެރޭގައި އައިސްޕްލާންޓްތައް ފެނަކައާ ހަވާލުކުރެވިގެން ދާނެކަމުގައިވެސް ވިދާޅުވެފައިވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ވޭވަށުގެ ޒުވާނުން ބޭނުވާ ތަރައްޤީ ގެނައުމަށްވެސް މިސަރުކާރުން މަސައްކަތްކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ. އެގޮތުން ކުޅިވަރުގެ އެކިއެކި ފެސިލިޓިސްތައް ޤާއިމުކުރުމުގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އެއްބާރުލުން ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވުމުގެ ކުރިން އެމަނިކުފާނު ވަނީ މި ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދުމުގައި އެއްވެސް ތަފާތުކުރުމެއްނެތި ހުރިހާ ރަށަކަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ.

ވޭވަށުގައި ކުރިން ބޭނުން ކުރަމުން އައި އިންޖީނުގެއަކީ، މީގެ 29 އަހަރުކުރިންފެށިގެން ބޭނުން ކުރަމުން އައި އިންޖީނުގެއެކެވެ. އަދި އިންޖީނުގެ ހުރީ ރަށުގައި މީހުންދިރިއުޅޭ ގެތަކުގެ ތެރޭގައި ކަމަށް ވުމާއިއެކު އެކަމުގެ ސަބަބުން އާންމުރައްޔިތުންނަށް ގިނަ އުނދަގޫތަކެއް ދިޔައީ ކުރިމަތިވަމުންނެވެ.

ފެނަކަ ކޯޕަރޭޝަނުން އަލަށް ހުޅުވި އިންޖީނުގެއަކީ، 208 ސްކެއާ މީޓަރު ބޮޑު އިންޖީނުގެއެކެވެ. މި އިންޖީނުގޭގައި ހަތަރު މުވައްޒަފުން އަދި އޮފީސް އިމާރާތުގައި 25 މުވައްޒަފުންނަށް މަސައްކަތްކުރެވޭނެ ޖާގަ ހުރެއެވެ. ކުރިން ހުރި އިންޖީނުގޭގެ ކެޕޭސިޓީއަކީ 368ކިލޯވޮޓް ނަމަވެސް އަލަށް މިހުޅުވުނު އިންޖީނުގެ ޑިޒައިންކޮށްފައި ވަނީ 400 ކިލޯވޮޓް ގެ ތިން ޖެންސެޓް ބަހައްޓައި ޚިދުމަތްދެވޭނެ ގޮތަށެވެ. އަލަށް މިހުޅުވުނު އިންޖީނުގޭގެ މިހާރުގެ ކެޕޭސިޓީއަކީ 448ކިލޯވޮޓް އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *