Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: އައްޑޫ ބޮއްސުންލައި ދައުލަތް ފެއިލްވިއިރު މޭޔަރު ކުރެއްވީ ޓްވީޓް އެކަނި؟

އައްޑޫ ސިޓީގައި މަސްތުވާ ތަކެތީގެ މައްސަލަ ބޮއްސުންލައި، މުޅި ދިވެހި ދައުލަތް ފެއިލްވެއްޖެ ކަމަށް އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު އިއްޔެ ޓްވީޓެއް ކުރެއްވި އެވެ. އޭގެ ދުވަސްކޮޅެއް ކުރިން މޭޔަރ ނިޒާރު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ އައްޑޫގެ މަގުތައް އިންޑިއާގެ އެފްކޯންސް ކުންފުނިން ހަދަނީ ރައްޔިތުންނަށް ފަހުން އެކަން ބޮޑު މުސީބާތަކަށް ވެދާނެ ކަހަލަ ގޮތަކަށް ކަމަށެވެ. ސުވާލަކީ މިހެން ކޮށްލައްވާ ޓްވީޓަކުން ނިޒާރުގެ މޭޔަރު ކަމުގެ ޒިންމާ އަދާ ކުރެއްވުނީތޯއެވެ؟ ބޯޓެއްގެ ކައްޕި އަކަށް ލައިފައި ހުންނަ މީހާ އެބޯޓުގެ އިންޖީނު ފެއިލްވުމުން އިންޖީނު ފެއިލްވެއްޖެ ކަމަށާއި އެކަން މުސީބާތަކަށް ވެއްޖެއޭ ކިޔާފައި ޓްވީޓް ކޮށްލުމުން ކައްޕީގެ ޒިންމާ އަދާވީތޯއެވެ؟ މިޒަމާނުގެ ބައެއް ވެރީން ހީފުޅު ކުރައްވާ ގޮތުގައި ޒަމާނީ ސޯޝަލް މީޑިއާ އިން ޓްވީޓް ކޮށްލެއްވުމުން ހުރިހާ ކަމެއްގެ ޒިންމާ އުފުއްލެވުނީއެވެ؟

އޮންލައިން ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ނިޒާރު ވިދާޅުވީ އައްޑޫގައި ފޭރުމާއި ވައްކަމާއި ޑްރަގް ބޭނުންކުރުން އާންމު ކަމަކަށް ވެއްޖެ ކަމަށާއި، ރޯމާ ދުވާލު ތަންތަން ފަޅައި ވައްކަންކޮށް، މީހުންނަށް ބިރުދައްކައި، ފޭރި، މާރާމާރީ ހިންގުން ވެސް އިންތިހާ އަށް ގިނަވެއްޖެ ކަމަށެވެ. ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ހޯމް މިނިސްޓަރ ޝެއިހް އިމްރާން ޓެގް ކުރައްވައި ނިޒާރު ކުރެއްވި ޓްވީޓެއްގައި ދައުލަތް ފެއިލް ވެއްޖެ ކަމަށް ވިދާޅުވެ އެމް.ޑީ.ޕީގެ ސަރުކާރަށް ފާޑު ވިދާޅުވިއިރު ނިޒާރަކީ އެމް.ޑީ.ޕީގެ އިސް ބޭފުޅެކެވެ. ރައީސް އިބޫ ސޯލިހުގެ ސަރުކާރު ފެއިލްވެ، އައްޑޫގެ ޑްރަގްސް މައްސަލަ ސަރުކާރަށް ހައްލު ނުކުރެވޭ ނަމަ އައްޑޫ ރައްޔިތުންނާ އެކު ނިކުމެވަޑައިގެން ސަރުކާރު ޒިންމާދާރު ކުރެއްވުމަކީ ނިޒާރުގެ ޒިންމާއެކެވެ. އައްޑޫ ރައްޔިތުން ނިޒާރު މޭޔަރު ކަމަށް ހޮވީ ކޮންމެ މައްސަލައެއް ޓްވީޓް ކޮށްލެއްވުމަށް ފަހު ހަށިފޮޅާލައްވާފައި ހުންވާކަށް ނޫނެވެ. ނިޒާރު ވިދާޅުވާ ގޮތަށް ދައުލަތް ފެއިލްވެފައިވާ ނަމަ އައްޑޫ ރައްޔިތުންނާ އެކު ނިކުމެވަޑައިގެން އެކަން ހައްލު ކުރައްވާށެވެ.

މިފަހަކަށް އައިސް އައްޑޫ ސިޓީގައި ވައްކަން ވެސް ވަނީ ހައްދުން ނައްޓައިފައެވެ. އައްޑޫ ސިޓީ ކައުންސިލްގެ ހިތަދޫ މޫލެކެޑެ ދާއިރާގެ މެމްބަރު އަހުމަދު ސައީދު މީޑިއާއަށް ވިދާޅުވެފައިވާ ގޮތުގައި އޭސީތަކާއި، ކޮމްޕިއުޓަރުތައް ފަދަ އަގުބޮޑު ސާމާނުވެސް ވަގަށް ނެގުން އާއްމުވެއްޖެ އެވެ. އަދި ފުލުހުނަށް އެކަން ކަން ނުހުއްޓުވޭ ކަމަށާއި އައްޑޫ ސިޓީފަދަ ބޮޑު ސިޓީއަކަށް ބޭނުންވާ ވަރަށް ފުލުހުުންނާއި، ޕެޓްރޯލް ކުރާނެ ވެހިކަލް ވެސް އައްޑު ޕޮލިހުގައި ނެތް ކަމަށް ކައުންސިލަރ ސައީދު ވިދާޅުވިއެވެ. މިމައްސަލާގައި ރައީސުލް ޖުމްހޫރިއަޔާ އާއި ނައިބު ރައީސްއާ ވެސް ކައުންސިލުން ބައްދަލުކޮށް ޝަކުވާ ހުށަހެޅުމުން އަދިވެސް ހެޔޮ ބަދަލެއް ނާންނަ ކަމަށް ސައީދު ވިދާޅުވިއެވެ. އެވަރަކުން އަދި ނުފުދެއެވެ!

އައްޑޫ ސިޓީގެ ކައުންސިލަރުންނާއި މޭޔަރ ޓްވީޓް ކުރައްވައި މީޑިއާ އަށް މިފަދައިން މައުލޫމާތު ދެއްވުމަކުން އަދި ނުފުދެއެވެ. އިބްރާހިމް ނާސިރުގެ ރައީސް ކަމުގައި ހުޅުލޭ އެއާރޕޯޓް ހައްދަވަން ރައްޔިތުންނާ އެކު ނިކުމެވަޑައިގެން ޤައުމީ ޖޯޝްގައި މަސައްކަތް ކުރެއްވި ގޮތަށް އައްޑޫ ހަމައަކަށް އަޅުއްވަން މޭޔަރާއި ކައުންސިލަރުން ނިކުމެވަޑައިގަންނަވަން ޖެހެއެވެ. ބޮޑު މުސާރައާއި އިނާޔަތް ދީފައި ތޭރަ ކައުންސިލަރުން އައްޑޫ ސިޓީ ކައުންސިލަށް ހޮވީ ފިނި ކޮޓަރީގައި ތިއްބަވައިގެން ޓްވީޓް ކުރައްވާކަށް ނޫނެވެ. އަމަލުން ބަދަލު ގެނުވާށެވެ. ރައީސް މައުމޫންގެ ޒައާމަތުގައި ކޮލެރާ ބަލި އާއްމުވުމުން ރައްޔިތުނާ އެކު މައުމޫން ނިކުމެވަޑައިގެން މަސައްކަތް ކުރެއްވި ފަދަ ޤައުމީ ރޫހުގައި ނިޒާރުމެން އައްޑޫ ތަރައްޤީކޮށް، ރައްކާތެރި ތަނަކަށް އައްޑޫ ހެދުމަށް މަސައްކަތް ކުރައްވަން ޖެހެއެވެ. ޓްވީޓް ކޮށްލެއްވުމަކުން ނުފުދެއެވެ. އިންޑިއާގެ އެފްކޯންސް އިން އައްޑޫގެ މަގުތައް ހަދަނީ ފަހުން މުސީބާތަކަށް ވެދާނެ ފަދަ ގޮތަކަށް ކަމުގައި ވަނީ ނަމަ ރައްޔިތުންނާ އެކު ނިކުމެވަޑައިގެން އެކަން ހުއްޓުވައި ހަމަ މަގަށް އަޅުއްވާށެވެ.

ދައުލަތް ފެއިލްވެއްޖެއޭ ވިދާޅުވެ ޓްވީޓް ކޮށްލައްވާފައި ދެމިޔަކަނުން ހީރާޕައްނާ ނެރުއްވުމަކުން ނުފުދެއެވެ. ދައުލަތް ފެއިލްވެއްޖެ ނަމަ ކައުންސިލް ވެސް އެއޮތީ ފެއިލްވެފައެވެ. އައްޑޫ ސިޓީ ސްކޮޔާ އަކީ ކީއްކުރަން ކޮން މަޤްސަދެއްގައި ހެދި ތަނެއްކަން ނޭނގޭ ގޮތަށް، ބޭކާރުކޮށްފައި އެއޮތީ ދައުލަތް ފެއިލްވެގެންތޯއެވެ؟ އެތާނގެ އެއްކަނެއްގައި ކުޑަކުދީންގެ ސްލައިޑް ފަދަ ކުޅޭ ތަކެތި ހިމެނޭ ކޯނަރެއް ނަހަދައި އެއޮތީ ދައުލަތް ފެއިލްވެގެން ތޯއެވެ؟ އެތާނގައި ކުޑަ ކުދީންނަށް ހިދުމަތް ދެވޭ ފަދަ، ޕޮޕް ކޯނާއި އައިސް ކޯން ވިއްކާ ސްޓޭންޑެއް ނުހަދައި، އެއޮތް "މަސް ފެންގަނޑު"ގެ ބަދަލުގައި ސްކޭޓް ރިންކެއް ނަހަދާ އެއޮތީ ދައުލަތް ފެއިލްވެގެންތޯއެވެ؟ އަމިއްލަ ފަރާތެއްގެ ޔޮޓެއް ބަންނަން ކަމަށް ބުނެ ދިން ބިމުގައި ބަން ޔޮޓް އެތަނުން ނުނަގައި 10 ވަރަކަށް އަހަރުވެ، ހިތަދޫގެ މަލަމަތިން ބޮޑު ބައެއް ގެއްލިފައިވާއިރު އެކަން ނުހުއްޓުވަނީ ދައުލަތް ފެއިލްވެގެން ތޯއެވެ؟ ހޮސްޕިޓަލެއް އަޅަން ކަމަށް ބުނެ ސިމް ޑީޑީގެ އައިމް.ޑީ.ސީ ހޮސްޕިޓަލަށް ޑރ.ވަހީދުގެ ރައީސް ކަމުގައި ދިން ބިން އަދިވެސް އެއްވެސް ކަމެއް ނުކޮށް އެހެން އޮތް އިރު ރައްޔިތުން ބިން ނުލިބިގެން ރޮނީ އެވެ. މަސައްކަތެއް ނުކުރާތީ އެތަން އަތުނުލައި ތިއްބަވަނީ ދައުލަތް ފެއިލްވެގެން ތޯއެވެ؟ ނުވަތަ ކައުންސިލާއި މޭޔަރ ފެއިލްވެގެންތޯ އެވެ؟

އައްޑޫގައި އޮތް އެންމެ ތިން ރިސޯޓުގެ ތެރެއިން ދެ ރިސޯޓް ބަންދުކޮށްފައި އެ އޮތީ ދައުލަތް ފެއިލްވެގެންތޯއެވެ؟ ނުވަތަ ރައްޔިތުންނާ އެކު ނިކުމެވަޑައިގެން ނިޒާރަށް ދައުލަތް ޒިންމާދާރު ނުކުރެއްވޭތީ ތޯއެވެ؟ ދައުލަތް އޮތީ ހަމަ ރނގަޅަށް ވެސް ފެއިލްވެފައެވެ. ބައިވަރު އެތައް ސަބަބުތަކާ ހުރެ ދައުލަތް ފެއިލްވެފައި އޮތްކަމަށް ބުނަން ހަމަ މަޖުބޫރެވެ. އެކަމަކާ ޝައްކެއް ނެތެވެ. ހަމައެކަނި މައްސަލައަކީ ޓްވީޓް ކޮށްލައްވާފައި އެހެން ކަމެއް ނުކުރައްވާތީ އެވެ. ކުރެވެން ހުރި ކަންކަން ވެސް ނުކުރައްވާތީ އެވެ. ފެއިލްވެފައި ތިބި ބަޔަކު ފެއިލްވާން ބައިތިއްބާފައި އައްޑޫ ރައްޔިތުންނާ އެކު ނިކުމެވަޑައިގެން މޭޔަރ ނިޒާރަށް ކުރެއްވޭނެ ކަންކަން ހުންނާނެއެވެ. ފުރަތަމަ އެ ކަންކަން ކުރައްވާށެވެ. އެއިރުން ނިޒާރުގެ އިހްލާސްތެރިކަން ރައްޔިތުން ޤަބޫލް ކުރާނެއެވެ. ކޮންމެ މީހަކަށް ވެސް ޓްވީޓެއް ކޮށްލެވިދާނެއެވެ. އެކަމަކު ލީޑަރޝިޕް ދެއްކޭނީ ވަރަށް މަދު ބަޔަކަށެވެ.