މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި އެންމެ ޝަރަފުވެރި ވަނަތައް ޙާޞިލުކުރި ދަރިވަރުންނަށް އިނާމާއި ޓްރޮފީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަވާލުކޮށްދެއްވައިފިއެވެ.
މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާ ރެއާ މިރޭ ވެސް ވަނީ ބާއްވާފައެވެ. އެގޮތުން މިރޭ ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޘާނަވީ އަދި މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން ވަކިވަކި މާއްދާތަކުން މުޅި ދުނިޔެއިން އެއް ވަނަ ނަތީޖާ ހޯދި 18 ދަރިވަރުންނަށް ޓްރޮފީ އަދި ހަނދާނީ ލިއުން ހަވާލުކޮށްދެއްވާފައެވެ. އަދި 2020-2021 ވަނަ އަހަރުގެ ޘާނަވީ އަދި މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެއް ވަނަ ހޯދި 17 ދަރިވަރުންނަށް އެމަނިކުފާނު ވަނީ ޓްރޮފީއާއި ހަނދާނީ ލިއުން ހަވާލުކޮށްދެއްވާފައެވެ.
ރައީސުލްޖުމްޙޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙުމަދާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.
މިޖަލްސާގައި، ޘާނަވީ އަދި މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންގެ ތެރެއިން 2 ވަނަ ހޯދި 29 ދަރިވަރުންނަށް ޓްރޮފީއާ ހަނދާނީ ލިއުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ.
ޘާނަވީ އަދި މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންގެ ތެރެއިން ތިން ވަނަ ހޯދި ދަރިވަރުންނަށް މިރޭގެ ޖަލްސާގައި އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.
މިނިމުނު ދިރާސީ އަހަރަކީ، ރާއްޖޭގައި މަތީ ޘާނަވީ އިމްތިހާންތަކާއި ޘާނަވީ އިމްތިހާންތަކުގެ އެންމެ ނަތީޖާ ރަނގަޅު އަހަރެވެ. ޘާނަވީ ތަޢުލީމު ނިންމައި، މިއަހަރު ދިވެހިރާއްޖެއިން 5955 ދަރިވަރުން އެސް.އެސް.ސީ އަދި އޯލެވެލް އިމްތިޙާނުތަކުގައި ބައިވެރި ވިއިރު، މަތީ ޘާނަވީ ތަޢުލީމު ނިންމައި، ދިވެހިރާއްޖެއިން 2641 ދަރިވަރުން ވަނީ އެޗް.އެސް.ސީ އަދި އޭލެވެލް އިމްތިހާނުތަކުގައި ބައިވެރިވެފައެވެ.
ޘާނަވީ އިމްތިހާނުތަކުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން، 757 ދަރިވަރުން ވަނީ ޤައުމީ ގަދަ 10 ގައި ހިމެނިފައެވެ. އަދި، 13 ދަރިވަރަކު ވަކިވަކި މާއްދާތަކުން ދުނިޔޭގެ ގަދަ 10 ގައި ހިމެނިފައިވާއިރު، ހަ ދަރިވަރަކު ވަނީ ހައި އެޗީވްމަންޓް އެވޯޑް ޙާޞިލުކޮށްފައެވެ.
މީގެ އިތުރުން، މަތީ ޘާނަވީ އިމްތިޙާނުތައް ނިންމި ދަރިވަރުންގެ ތެރެއިން 348 ދަރިވަރަކު ޤައުމީ ގަދަ 10 ގައި ހިމެނިފައިވާއިރު، 41 ދަރިވަރަކު ވަނީ ވަކިވަކި މާއްދާތަކުން ދުނިޔޭގެ އެންމެ މޮޅު 10 ވަނައިގެ ތެރޭގައި ހިމެނިފައެވެ.



advertisment