Support Us

ކޮލަމް އަތުކުށް: ރަދީފުގައި އޮންނަ ލިޔަކުރާ ޚިލާފަށް ލަފުޒުތައް ލިޔުމަކީ ޒިންމާދާރު ގޮތެއް ނޫނެވެ.

ލަފުޒެއްގެ ލިޔަކުރާއި ތަލައްފުޒު ދެނެގަތުމަށް ޓަކައި ރުޖޫއަވާންޖެހޭނީ އެ ބަހެއްގެ "ލަފުޒުފޮތަށެވެ." ރަދީފަށެވެ. ދިވެހިބަހުގެ ލަފުޒުތައް ވެސް އޮންނަ ރަނގަޅު ގޮތް ބަލާން ރުޖޫޢަވާން ޖެހޭނީ "ދިވެހިބަހުގެ ރަދީފަށް"ކަމަށް ހަމަ ގައިމު ވެސް، ހަމަ ގަބޫލުކުރާ ކޮންމެ މީހަކު ވެސް ގަބޫލުކުރާނެއެވެ. އެއީ ވަކި މީހަކަށް ކަމު ނުދާ ލަފުޒެއް ކަމަށް ވިޔަސް، ބަހާ ބެހޭ އެންމެ އިސް އިދާރާއަކުން ޝާއިޢުކުރައްވައިފައިވާ ރަދީފުގައި އޮންނަ ގޮތަކީ ގަބޫލުކުރާންޖެހޭ ގޮތެވެ. އެ ގޮތަށް ރަދީފުގައި އޮންނަ ލަފުޒެއް ކަމުނުދާކަމަށް އަމިއްލަޔަށް ނިންމައި، އެހެން ގޮތަކަށް ލިޔާން އެންގުމަކީ ވަރަށް ޣައިރުޒިންމާދާރު ގޮތެކެވެ.

ކޮންމެ ބަހަކަށް ވެސް ތަފާތު ބަސްބަހުން ވަދެފައި ހުންނަ ލަފުޒުތައް ވަރަށް ގިނައިން ހުރެއެވެ. އެ ލަފުޒުތައް އެކި ބަސްބަހަށް ވަދެ ބޭނުންކޮށްފައި ހުންނަނީ، އެ ބަހެއްގެ އަޑުތަކާއި ތަބީއަތާއި ސަގާފަތަށް ފެތޭ ގޮތަށެވެ. މިސާލަކަށް ދިވެހިބަހަށް "computer" (ކޮމްޕިޔުޓަރ) މި ލަފުޒު ވަދެފައިވަނީ "ކޮންޕިޔުޓަރު" މި ގޮތަށެވެ. ދިވެހިބަހުގެ "އަތޮޅު" މި ލަފުޒު އިނގިރޭސިބަހަށް ވަދެފައިވަނީ "atoll" (އެޓޯލް) މި ގޮތަށެވެ. ފާރިސީބަހުން ދިވެހިބަހަށް "نماز" ވަދެފައިވަނީ "ނަމާދު"ގެ ގޮތުގައެވެ. ޢަރަބިބަހުން ދިވެހިބަހަށް "بحث" ވަދެ މިހާރު ދިވެހިވެފައިވަނީ "ބަހުސް"ގެ ގޮތުގައެވެ. ޢަރަބިބަހުގެ "الأميرالبحر" ވިލާތުގެ އެކި ބަސްބަހުގެ މަގުން އައިސް އިނގިރޭސިބަހަށް ވަދެފައިވަނީ "admiral" (އެޑްމިރަލް)ގެ ގޮތުގައެވެ. އެކަމަކު ހަމަ މި ލަފުޒު ދިވެހިބަހަށް ވަނީ (މާނަ ވެސް ހަނިވެގެން) "މީރުބަހުރު"ގެ ގޮތުގައެވެ. ޢަރަބިބަހުގެ "فردوس" (ފިރުދައުސް) މި ލަފުޒު، ވިލާތުގެ އެކި ބަސްބަހަށް ވަދެ އެ މަގުން އިނގިރޭސިބަހާ ހަމައަށް އައިއިރު އޮތީ "ޕެރަޑައިސް" (paradise)އަށް ވެފައެވެ. މި ފަދަ އެތައް ސަތޭކަ މިސާލުތަކެއް އެކި ބަސްބަހުން ދިމާއަށް ފެންނާން އެބަހުއްޓެވެ. ލިޔަކުރާއި ތަލައްފުޒުގެ އިތުރަށް މާނަ ބަދަލުވެގެން ވެސް، އަދި މާނަ ހަނިކޮށް ފުޅާކޮށްގެން ވެސް ބައެއް ލަފުޒު އެކި ބަސްބަހަށް ވަދެފައި އެބަހުއްޓެވެ. އަޅުގަނޑު ދަންނަވައިލާން މި އުޅެނީ ކޮންމެ ދިމާއަކުން އައި ކޮންމެ ލަފުޒެއް ނަމަވެސް އެ ބަހެއްގެ އަހުލުވެރީން އެ ލަފުޒެއް ބޭނުންކުރާންވާނީ އެ ބަހެއްގައި އެ ލަފުޒު ބޭނުންކުރާން އެ ބަހެއްގެ ރަދީފުގައި (ނުވަތަ ޤާމޫސްގައި ނުވަތަ ޑިކްޝަނަރީގައި) އޮންނަ ގޮތަށް އެ ބަހެއްގައި ބޭނުންކުރާ މާނައިގައި ކަމަށެވެ.

ޢަރަބިބަހުން އައިސް ދިވެހިވެފައި އޮތް ލަފުޒެއް ކަމަށްވާ "ބަހުސް" މި ލަފުޒުގެ އަޞްލަކީ "بحث" ކަމަށް ވިޔަސް ދިވެހިބަހުގައި އެ ލަފުޒު ތަލައްފުޒުކުރަނީ އަދި ލިޔަނީ ވެސް އެހެންނެއް ނޫނެވެ. އަދި މާނަ ވެސް ވަނީ ބަދަލުވެފައެވެ. ދިވެހިބަހުން "ބަހުސް"ގެ މާނަ މިހާރު އެންމެ ގުޅެނީ ވެސް ޢަރަބިބަހުގެ "مناقشة" މި ލަފުޒުން ދޭހަވާ މާނައާއެވެ. އެކަމަކު ޢަރަބިބަހުގެ "بحث"ގެ އެންމެ އާންމު މާނަ ދޭހަވާ ގޮތަށް ދިވެހިބަހުގައި ބޭނުންކޮށް އުޅެނީ "ދިރާސާ"އެވެ. މި ފަދަ މިސާލުތައް ވެސް ބައިވަރެވެ.

އަޅުގަނޑު މި ވާހަކަ މި ދަންނަވައިލީ ކޮންމެވެސް ބޭފުޅަކު ފޮތެއް ފާސްކުރައްވާން ދައުލަތުގެ ކަމާބެހޭ އިދާރާއަށް ހުށަހެޅުއްވި އިރު، އެ ފޮތުގައި ދިވެހިބަހުގެ ގަވާއިދާ އެއްގޮތަށް ލިޔެފައި ހުރި ލަފުޒުތައް ދިވެހިބަހުގެ ރަދީފުގައި އޮތް ގޮތާ ޚިލާފަށް، އެ ލަފުޒު އައި އަޞްލު ބަހުގައި އެ ލަފުޒު ތަލައްފުޒުކުރާ އަޑާ ގުޅޭ ގޮތަށް، ލިޔާން އެންގެވިކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވައި ކުރެއްވި "ގޮވެއްޔަކާ" ހަވާލާދެއްވައި ލިޔުއްވައިފައިވާ ލިޔުމެއް ނޫހަކުން ފެނިގެންނެވެ. މިއީ ތެދެއްކަމަށް ވާނަމަ، އެއީ ދެރަކަމެކެވެ. އެހެނީ ދީނީ ފޮތެއް ދީނީ ކަންކަމާ ބެހޭ އިދާރާއަކުން ޗެކުކުރައްވައި ފާސްކުރައްވަނީ އޭގައި ހިމެނޭ މައުލޫމާތު ނުވަތަ އޮއްޓަރު (ކޮންޓެންޓް)ގައި ހުރީ ޞައްޙަ މަޢުލޫމާތުތޯ ކަށަވަރުކުރެއްވުމަށް ޓަކައެވެ. އެއީ ކުރައްވާންޖެހޭނެ ކަމެކެވެ. ނަމަވެސް އެ ފޮތެއްގައި އިމްލާކުށާއި އަތުކުށާއި ލިޔަކުރު ކުށް ހުރިތޯ ޗެކުކުރައްވާންވާނީ އެ ފަންނުގެ ބޭފުޅުންނެވެ. އަދި ދިވެހިބަހުގެ ރަދީފުގައި ހުންނަ ލަފުޒުތައް ދިވެހި ރަދީފުގައި ނެތް ލަފުޒުތަކަށް ބަދަލުކޮށް ނުވަތަ ދިވެހިބަހުގައި މިހާރު އެކަށައެޅިފައިވާ ގަވާއިދާ އެއް ގޮތަށް ލިޔެފައިވާ ބައިތައް އެ ގަވާއިދާ ޚިލާފަށް ބަދަލުކުރާން އެންގެވުމަކީ ޒިންމާދާރު ގޮތެއް ނޫނެވެ. އަދި އިސްލާމީ ތަޢުލީމަށް މޮޅު ކޮންމެ ބޭފުޅަކީ ބަހުގެ ދާއިރާއަށް ވެސް މޮޅު ބޭފުޅަކަށް ވާނެކަމަށް ގަބޫލުފުޅުކުރެއްވުމަކީ ވެސް ރަނގަޅު ކަމެއް ނޫނެވެ.

ދިވެހިރާއްޖޭގެ ކުރީގެ ޢިލްމުވެރީންކަމުގައިވާ، މުޙަންމަދު ޖަމީލު ދީދީއާއި ޙުޞައިން ޞަލާޙުއްދީން ފަދަ ބޭފުޅުން ދިވެހިބަހުގެ ބަސްވާރުންނަށް ވެވަޑައިގަތީ އެ ބޭފުޅުންނަކީ ކޮންމެހެން ދީނީ ޢިލްމުވެރީންނަށް ވީތީކީ ނޫނެވެ. އެއީ ދިވެހިބަސް ދިރާސާކުރެއްވި، އެ ދާއިރާއިން މަޢުލޫމާތު ހޯއްދަވައި އެއްކުރައްވައި، ގަވާއިދު ފޮތްތައް ލިޔުއްވައި އަދަބީ ގިނަ ޚިދުމަތްތަކެއް ކުރައްވައިފައިވާ އަދީބުންނަށް އެ ބޭފުޅުން ވީތީއެވެ. ވަކި ދާއިރާއަކުން ޢިލްމުވެރިއަކަށް ވެވަޑައިގަތުމަކީ އެ ބޭފުޅަކު އޮޓޮމެޓިކުން އަދީބަކަށް ނުވަތަ ބަސްވާރަކަށް ވެވަޑައިގަންނަވާނޭ ސަބަބެއް ނޫނެވެ.

ކިތަންމެ މޮޅު ޢިލްމުވެރިއަކަސް ކިތަންމެ މޮޅު އަދީބަކަސް ނުވަތަ ބަސްވާރަކަސް ދިވެހިބަހުން ލިޔާ ލިޔުންތަކުގައި ދިވެހިބަހުގައި އެކަށައެޅިފައިވާ ގަވާއިދަށާއި ދިވެހިރަދީފަށް އިޙުތިރާމުކުރައްވާން ޖެހޭނެކަމީ ހަމަ ބުއްދީން ވިސްނައިލައިފި ކޮންމެ މީހަކު ވެސް ގަބޫލުކުރާނެ ހަގީގަތެކެވެ. އެކަށައެޅިފައިވާ ގަވާއިދަކީ ނުވަތަ ރަދީފުގައި ލަފުޒެއްގެ ލިޔަކުރު އޮންނަ ގޮތަކީ ނުވަތަ މާނަ އޮންނަ ގޮތަކީ ފަރުދީ ގޮތުން ވަކި މީހަކު ގަބޫލުނުކުރާ ގޮތެއްކަމަށް ވިޔަސް އެކަށައެޅިފައިވާ ގަވާއިދުގައި އޮންނަ ގޮތަކީ ނުވަތަ ރަދީފުގައި އޮންނަ ގޮތަކީ ރަނގަޅު ގޮތެއް ނޫންކަމަށް ބުނުމަކީ ޢިލްމީ ގޮތެއް ނޫނެވެ. ބަހުގެ ގަވާއިދުގައި ވެސް ނުވަތަ ރަދީފުގައި އޮންނަ ގޮތަށް ވުރެ ރަނގަޅު ގޮތެއް އެއްވެސް ބޭފުޅަކަށް އެނގިވަޑައިގަންނަވާ ނަމަ، އެ ކަން ރަނގަޅު މަގަށް ގެންނަވާން "ރަނގަޅު މަގުން" މަސައްކަތްކުރެއްވުމަކީ އޮންނާނެ ފުރުޞަތެކެވެ. ނަމަވެސް އެކަށައެޅިފައި އޮންނަ ގަވާއިދެއް ބަދަލު ނުވާހާ ހިނދަކު އެ ގަވާއިދަށް ޢަމަލުކުރުމަކީ ލާޒިމުކަމެއްކަމުގައި ނޫނީ ނުވާނެއެވެ.

އާދޭހެވެ! އަޅުގަނޑު ދަންނަވާން މި އުޅެނީ މި ވާހަކައެވެ. ރަދީފުގައި އޮންނަ ލަފުޒަކީ ކަމުދާ ލަފުޒެއް ނޫނޭ ނުވަތަ އެ ލަފުޒެއްގެ ލިޔަކުރު ނުބައޭ ބުނުމަކީ ފަރުދީ ގޮތުން، ކުރުން ރަނގަޅު ކަމެއް ނޫނެވެ. އަދި .ބަހުސް، ގަވާއިދު، ޔަގީން، ހާޒިރީ، ގަމީސް، ތާކިހާ، ތަބައް، އަލަމާރި، ގަލަން، ކޮންޕިޔުޓަރު، ނަމާދު، ރޯދަ ފަދަ، އެކި ބަސްބަހުން ދިވެހިބަހަށް އައިސް ދިވެހިވެފައި ހުރި ލަފުޒުތައް ދިވެހިބަހުގެ ރަދީފުގައި އޮންނަ ގޮތަށް ލިޔެގެން ނުވާނޭ، އެ ލަފުޒުތައް ލިޔާންވާނީ އެ ލަފުޒުތައް އައި އަސްލު ބަހުގައި އޮންނަ ގޮތަށޭ، ނުވަތަ އެ އަޑު ނުކުންނަ ގޮތަށޭ ބުނުމަކީ ބަހުގެ ސަގާފަތާ ޚިލާފުކަމެކޭ ދަންނަވައިލާން ބޭނުންވީއެވެ. ހަމައެކަނި ޚިޔާލު ފާޅުކޮށްލުމުގެ ގޮތުންނެވެ. އެއްވެސް އެހެން ހައިސިއްޔަތަކުންނެއް ނޫނެވެ.

ބޭނުންކޮށްފައިވާ ބައެއް ލަފުޒުގެ މާނަ:

ލިޔަކުރު  (ނ)   ލަފުޒެއްގެ އަކުރުތަކާއި ފިލިތައް ތަރުތީބުކޮށް ލިޔެފައި އޮންނާން ޖެހޭ ގޮތް

ތަލައްފުޒު  (ނ)  ލަފުޒު ކިޔާ ގޮތް

ފަރުދީ   (ނއ)  މީހާގެ އަމިއްލަ ހައިސިއްޔަތު

އިސްލާމިކު މިނިސްޓްރީގެ ސަބަބުން ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ހުރަސްއެޅެނީ: ހިތަދޫގެ ކުރީގެ މެޖިސްޓްރޭޓް

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1

One Response

  1. އަޒީބެއެވެ، މިއީ ދިވެހިން ލިޔެފައިވާ ލިޔުމެއްތޯއެވެ؟ ނޫނީ މިއީ އަރަބިން ލިޔެފއިވާ ލިޔުމެއްތޯއެވެ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *