Support Us

ހިތަދޫގެ ކުރީގެ މެޖިސްޓްރޭޓް ޑރ. އަބްދުﷲ ފާރޫގު އިބްރާހީމް އަދި އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު (ވ)

އިސްލާމިކު މިނިސްޓްރީގެ ސަބަބުން ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ހުރަސްއެޅެނީ: ހިތަދޫގެ ކުރީގެ މެޖިސްޓްރޭޓް

މިނިސްޓްރީ އޮފް އިސްލާމިކު އެފެއާރޒުގެ ސަބަބުން ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ހުރަސްއެޅެން ފަށައިފި ކަމަށް ވިދާޅުވެ އައްޑޫ ސިޓީ ހިތަދޫގެ ކުރީގެ މެޖިސްޓްރޭޓް ޑރ. އަބްދުﷲ ފާރޫގު އިބްރާހީމް ޝަކުވާގެ ސިޓީއެއް މިނިސްޓަރަށް ފޮނުއްވައިފިއެވެ.

އޭނާ މިއަދު ކުރެއްވި ޓުވީޓެއްގައި އެ ސިޓީ ވަނީ ހިމަނުއްވައިފައެވެ. އެ ސިޓީގައި ވާގޮތުން އޭނާ ފާސްކުރުމަށް ފޮނުއްވި ފޮތެއްގައި "ހުކުން" ލިޔުމުގެ ބަދަލުގައި "ޙުކުމް" ލިޔުމަށް އެންގެވުން ހިމެނެއެވެ.

"ދިވެހި ބަހުން ލިޔާއިރު "ހުކުން" ލިޔެވިދާނެ ކަމަށް ފެނެއެވެ. ބަހުގެ އެކަޑަމީގެ ދެ ބަސްފޮތުގައި ވެސް "ހުކުން" އެބަ އޮތެވެ." އޭނާ ލިއުއްވައިފައި ވެއެވެ. "އަދި "ހަރާން" ލިޔުމުގެ ބަދަލުގައި "ޙަރާމް" ލިޔުމަށް އެންގެވުމެވެ. ދިވެހި ބަހުން ލިޔާއިރު "ހަރާން" ލިޔެވިދާނެ ކަމަށް ފެނެއެވެ. ރަދީފުގައި އެ ބަސް އެ ގޮތަށް އެބައޮތެވެ. އަދި "އިސްލާންދީން" ލިޔުމުގެ ބަދަލުގައި "އިސްލާމްދީން" ލިޔުމަށް އެންގެވުމެވެ. ދިވެހި ބަހުން ލިޔާއިރު "އިސްލާންދީން" ލިޔެވިދާނެ ކަމަށް ފެނެއެވެ. ރަދީފުގައި އެ ބަސް އެ ގޮތަށް އެ ބައޮތެވެ. އަދި "ބަހުސު"ގެ ބަދަލުގައި "ބަޙުޘް" ލިޔުމަށް އެންގެވުމެވެ. ދިވެހި ބަހުން ލިޔާއިރު "ބަހުސު" ލިޔެވިދާނެ ކަމަށް ފެނެއެވެ. ރަދީފުގައި އެ ބަސް އެ ގޮތަށް އެބައޮތެވެ."

އަދި އޭނާ ފާސް ކުރުމަށް ހުށަހަޅުއްވައިފައިވާ "އިސްލާމީ އަޚްލާޤު" ނަމަކަށް ކިޔުނު ފޮތުގައި ހުރި ހުރިހާ އާޔަތްތައް މުސްހަފުލްމަދީނާއިން ނެގުމަށް އަމުރުކުރައްވާފައިވާ ކަމަށާއި ދުނިޔޭގައި އިސްލާމީ އެތަކެއް ގައުމުތަކެއް އޮވެފައި ކީރިތި ޤުރުއާން ލިޔުއްވުމުގައި އެ ގައުމުތަކުގައި ސުންނަތް ޖަމާއަތުގެ ބޭކަލުން އެއްބަސްވާ ފޮންޓުތަކާއި ސޮފުޓުވެއަރ ބޭނުންކުރެވޭއިރު ދިވެހިރާއްޖޭގައި ގާނޫނަކުން ނުވަތަ ގާނޫނެއްގެ ދަށުން ހެދޭ ގަވާއިދަކުން ވަކި ފޮންޓެއް ނެގުމަށް ލާޒިމުކޮށްފައި ނުވާހާލު އެ ފޮތުގައި ހުރި ހުރިހާ އާޔަތްތަކެއް މުސްހަފުލްމަދީނާއަށް ބަދަލު ކުރެއްވުމަށް އަމުރުކުރެއްވެވީ ކޮންސަބަބަކާ ހުރެ ކަމެއް ނޭނގުނުކަން ފާހަގަކުރައްވައިފައިވެއެވެ.

"އެ މިނިސްޓްރީގެ ދީނީ ފޮތް ފާސްކުރުމަށް އެދޭ ފޯމުގައި ވެސް އޮންނަނީ "ކީރިތި ޤުރްއާނުގެ އާޔަތްތައް مصحف مدينة އިން ނުވަތަ އެފެދަ އެހެން ޤުރްއާންގެ އާޔަތްތަކުގައި ފިލިޖެހޭ ފަދަ ސޮފްޓެވެއަރއަކުން ލިޔެފައި ހުރުމަށެވެ." ޑރ. ފާރޫގު ވިދާޅުވިއެވެ. "އެހެންކަމުން އިސްވެ ދެންނެވުނު ކަންތައްތަކާ މެދު އަދި އެއްފަހަރު ވިސްނައިވަޑައިގަތުމަށް ފަހު ޖަވާބެއް ދެއްވުން އެދި ދެންނެވިއެވެ. ދެއްވި ޖަވާބަކީ "ކުރީން އިސްލާހުކުރުމަށް ދެންނެވިފައިވާ ކަންތައްތައް އިސްލާހުކުރެއްވުމަށް ފަހު ހުށަހެޅުއްވުމަށެވެ." އެ ފަދަ ޖަވާބުތަކަކީ ގޮތްދޫނުކުރުމާއި ބޮޑާކަމާއި ނުވަތަ ތަންދޮރު ނުފިލުމެވެ. ނުވަތަ ގަސްތުގައި ދީން ފެތުރުމަށް ހުރަސްއެޅުމެވެ. ކޮންމެއަކަސް މިނިސްޓްރީ އޮފް އިސްލާމިކު އެފެއާރޒު ޒިއްމާދާރު މުއައްސަސާއަކަށް ވާންވެއްޖެއެވެ. ހަމަ ގަބޫލުކުރާ ތަނަކަށް ވާންވެއްޖެއެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *