Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ބޭކާރު އެމްބަސީތަކާއި ކައުންސިލްތަކާއި ކުރީގެ މެމްބަރުންގެ އިނާޔަތްތައް!

ދިވެހި ރައްޔިތުންނަށް އިނގޭތޯއެވެ؟ ލާމަރުކަޒީ ގޮތުން ޤައުމު ހިންގަންށޭ ކިޔައިގެން އެމް.ޑީ.ޕީ އިސްވެ އޮވެ ތައާރަފްކުރި ބޭކާރު ނިޒާމްގެ ދަށުން ރާއްޖޭގެ އެކި ރަށްރަށާއި އަތޮޅުތަކުގައި ގާތްގަނޑަކަށް އެއްހާސް ކައުންސިލަރުން ކޮންމެ ފަސް އަހަރަކުން އެއްފަހަރު އިންތިހާބު ކުރެވެއެވެ. މި ކައުންސިލަރުންގެ މަހު މުސާރައަށް މަހަކު ފަނަރަ ވަރަކަށް މިލިއަން ރުފިޔާ ޚަރަދު ވެއެވެ. އެހުރިހާ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް ހިންގާނެ އިމާރާތްތަކާއި އެތަންތަނުގެ ކަރަންޓާއި ކައުންސިލްތަކުގެ އިދާރީ މުއައްޒަފުންގެ މުސާރަ އަށް އެތައް މިލިއަން ރުފިޔާއެއް ކޮންމެ މަހަކު ޚަރަދުވެއެވެ. މިފަދަ ގިނަ ކައުންސިލަރުންނަކީ، މަޖުލިސް މެމްބަރުން ފަދައިން، މާބޮޑު ތައުލީމެއް، ތަޖުރިބާއެއް ނެތް ސިޔާސީ މީހުންނެވެ. ޓައި އަޅާފައި ކޮންމެ ދުވަހަކު އޮފީހަށް ގޮސް ސޮއިކޮށްލާފައި ކޮފީ ބުރު ޖަހައި، ފޯނު ކޮއްޓުން ނޫން ކަމެއް މީގެ ތެރެއިން ގިނަ މީހުން ނުކުރެއެވެ. ނުވެސް ކުރެވޭނެ އެވެ.

މިސާލަކަށް އައްޑޫ ސިޓީ ކައުންސިލްގައި (މޭޔަރު ހިމެނޭ ގޮތަށް) 13 ކައުންސިލަރުން ތިބެއެވެ. މި 13 ކައުންސިލަރުން ކޮންމެ ދުވަހަކު އޮފީހަށް ގޮސް ކުރާނެ މަސައްކަތެއް ކައުންސިލަކު ނޯވެއެވެ. މިއީ ބޮޑު އިސްރާފެކެވެ. ލާމަރުކަޒީ ގޮތުން އަތޮޅުތަކާއި ސިޓީތައް ހިންގުމަކުން މައްސަލައެއް ނެތެވެ. ނަމަވެސް މިހާރު އެ ނިޒާމް ރޭވިފައި އޮތް ގޮތް ކަމުނުދަނީ އެވެ.

ކޮންމެ އަތޮޅެއްގެ ހުރިހާ ރައްޔިތުންގެ ވޯޓަކުން އެ އަތޮޅަކަށް ހޮވަންވީ އަތޮޅުވެރިއެކެވެ. އެއަށް ފަހު ކޮންމެ ރަށަކަށް ކަތީބަކު ހޮވަންވީއެވެ. އެއިރުން ތިބޭނީ ވިއްސަކަށް އަތޮޅުވެރީންނާއި 200 ވަރަކަށް ކަތީބުންނެވެ. ދެން ތިބޭނީ އަތޮޅު އަދި ރަށު އޮފީސްތަކުގެ އިދާރީ މުއައްޒަފުންނެވެ. މިފަދަ ބަަދަލެއް ގެނައުމުން ދައުލަތުގެ ބަޖެޓުން މަހަކު އެތައް މިލިއަން ރުފިޔާއެއް ސަލާމަތް ކުރެވޭނެއެވެ. މިހާރު މިއޮތް ގޮތަށް އެއް ހާސް ކަންސިލަރުން އިހްލާސްތެރިކަމާ އެކު، ބުރަކޮށް މަސައްކަތްކޮށް، އެމީހުން ކުރާނެ މަސައްކަތް ހުރިނަމަ މައްސަލައެއް ނެތެވެ. އެވަރަށް މަސައްކަތެއް ވެސް ނެތެވެ. ޒިންމާދާރެއްވެސް ނުކުރެވެއެވެ. ހުއްޓަސް މަސައްކަތެއް ނުވެސް ކުރެއެވެ. ކުރުމުގެ ގާބިލްކަމެއް ވެސް ނެތެވެ.

ކައުސިލްތަކުގެ އިތުރުން ދެން އަނެއް ބޮޑު، ބޭކާރު ހަރަދު ކުރަނީ ރާއްޖެއިން ބޭރުގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީތަކާއި ކޮންސިއުލޭޓް ތަކަށެވެ. މިއީ މިސަރުކާރުގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ހިންގަވާ ބޮޑު މާފިޔާ ގޭންގެއް ފަދަ ބައިގަނޑެކެވެ. ބަނގްލަދޭޝާއި ޕާކިސްތާނުގައި ރާއްޖޭގެ އެމްބަސީއެއް ހަމަ ހުންނަން ޖެހޭތޯއެވެ؟ ސްރީލަންކާ އާއި އިންޑިއާގައި އެމްބަސީ ހުރުމުން މި ސަރަހައްދަށް ފުދެއެވެ. ޖަރުމަނާއި ބެލްޖިއަމާއި އިނގިރޭސިވިލާތުގައި ކީއްކުރާ ދިވެހި އެމްބަސީތަކެއް ތޯއެވެ؟ ޔޫރަޕިއަން ޔުނިއަން އަށް ކަނޑައަޅާ އެމްބަސީއެއް ހުރުމުން މުޅި ޔޫރަޕަށް ފުދޭނެއެވެ؟ ސިންގަޕޫރާއި މެލޭޝިއާ އާއި ޖަޕާނާއި ތައިލޭންޑުގައި ތަފާތު ހަތަރު އެމްބަސީ ހުންނަން ޖެހޭތޯ އެވެ؟ ސިންގަޕޫރުގައި އެމްބަސީ އެއް ހުރުމުން އެ ސަރަހައްދަށް ފުދޭނެއެވެ. ޔުނައިޓެޑް އެރެބް އެމިރޭޓްސް އާއި ސައުދީ އެރެބިއާގައި ދެ އެމްބަސީ ހަމަ ހުންނަން ޖެހޭތޯއެވެ؟ ސައުދީ އެރަބިއާގައި އެމްބަސީއެއް ހުރުމުން މެދު އިރުމައްޗަށް ފުދޭނެއެވެ. މީގެ އިތުރުން އ.ދ އާއި ޔޫރަޕިއަން ޔުނިއަންގައި އެމްބަސީ ހުރުމުން ފުދޭނެ އެވެ. އެގޮތަށް ބަދަލު ކޮށްފިނަމަ ދުނިޔޭގެ އެކި ހިސާބުގައި ހުންނާނީ ރާއްޖޭގެ އެންމެ ހަތް އެމްބަސީ އެވެ. މިހާރު މިހިރަ ގޮތަށް ޖަޕާނުން، އިނގިރޭސި ވިލާތުން، ބެލްޖިއަމުން، ގޮސް ސުވިޒަލޭންޑަށް ދާންދެން ބޭކާރު އެމްބަސީ ހަަދައި، އެތަން ތަނަށް ހާހަކަށް ވުރެ ގިނަ މުއައްޒަފުން ލައި، އެތަންތަނުގެ ސިޔާސީ މަޤާމް ތަކުގައި ތިބޭ މީހުންނަށް، މަހަކު އެތައް މިލިއަން ރުފިޔާއިން މުސާރަދީ، ސިޔާސީ މީހުންގެ ދަރީން އެމްބަސީތަކުގެ ވަޒީފާ ތަކަށް ލައިގެން ޝާހިދު ހިންގަވާ ބޭކާރު ހަަރަދުތައް ދެން އަންނަ ސަރުކާރަކުން ހުއްޓާލަން ޖެހެއެވެ.

މިސާލަކަށް ބަލަނީނަމަ، ޝްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގައި އިނގިރޭސި އަކުރުން އޭ.ބީ.ސީ.ޑީ ވެސް ނޭނގޭ މީހުން ލައިފައި އެބަތިއްބެވެ. މަހަކު އެތައް ލައްކަ ރުފިޔާގެ މުސާރަ އެއިން ކޮންމެ މީހަކަށް ދެއެވެ. އެމްބަސީ ތަކަށް ސިޔާސީ މީހުން ލައިގެން މިކުރާ ސިޔާސީ ބޭކާރު ހަރަދަކީ ކައުންސިލްތައް ކުޑަކުރަން ޖެހޭ ގޮތަށް ކުޑަކުރަން ޖެހޭ އަނެއް ކަމެވެ.

އެމްބަސީ ތަކުގެ ހަރަދު ކުޑަކޮށް، މުއައްޒަފުން މަދުކޮށް، އަދި ކައުންސިލްތަކުގެ މުސާރަ ކުޑަކޮށް، އަތޮޅުތަކުގެ ކައުންސިލަރުންގެ އަދަދު މަދު ކުރުމަށް ފަހު، ދެން ކުރަން ޖެހޭ މުހިއްމު އަނެއް ކަމަކީ ރައްޔިތުންގެ މަޖުލީހުގެ ކުރީގެ މެމްބަރުންނަށް ދައުލަތުން ދޭ އިނާޔަތްތައް ކަނޑާލުމެވެ. މަޖުލިސް މެމަބަރުންނަށް އިނާޔަތާ އެކު މަހަކު ލައްކަ އެއްހާ ރުފިޔާ ލިބެއެވެ. މިހާރު އޮންނަ ގޮތުން ފަސްއަހަރުގެ އެންމެ ދައުރެއް އަދާކޮށްފައިދާ މެމްބަރަކަށް ވެސް މުސާރައިގެ 30%، ކޮންމެ މަހަކު، ޕެންޝަނުގެ ގޮތުގައި އުމުރު ދުވަހަށް ލިބެއެވެ. ދެ ދައުރު އަދާ ކޮށްފިނަމަ މުސާރައިގެ 45%، އުމުރު ދުވަހަށް ލިބެއެވެ. އޭގެ އިތުރުން ކުރީގެ މެމްބަރުންނާއި އެ މެމްބަރުންގެ އާއިލާތަކަށް ހެލްތު އިންޝުއަރެންސް، ދައުލަތުގެ ޚަރަދުގައި، އުމުރު ދުވަހަށް ލިބެއެވެ.

އޭގެ އިތުރުން ކުރީގެ މެމްބަރުންނަށް އޮފިޝަލް ޕާސްޕޯޓެއް ވެސް ލިބެއެވެ. ކޮންމެ ދައުރަކު އެތައް މެމްބަރުންނެއް ބަދަލުވަމުން ދާއިރު މިއީ ދައުލަތަށް ބަލަދު އަރާފައި އޮތް ކޮންފަދަ ބޮޑު ބޭކާރު ބައިގަނޑެއްތޯއެވެ؟ މިކަން ހުއްޓުވަން، އެމް.އެން.ޕީގެ ނައިބު ރައީސް، އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވަނީ ކުރީގެ މެމްބަރުންނަށް ދައުލަތުން ދޭ އިނާޔަތްތައް ކަނޑާލަން މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކާ ބެހޭ ގާނޫނަށް މިދިޔަ ޖުލައި މަހު އިސްލާހެއް ހުށަހަޅުއްވައިފައެވެ. މި ބިލުގެ ފުރަތަމަ ކިއުން މި އޮގަސްޓް މަހު ވަނީ މަޖުލީހުގައި ބައްވާފައެވެ. އިހްލާސްތެރި ކަމެއް ހުރި މެމްބަރުންތަކެއް ނަމަ މިބިލް ފާސްކޮށް، މި ބިޔަ، ބޮޑު ބުރައިން ދިވެހި ދައުލަތާއި ރައްޔިތުން ސަލާމަތް ކޮށްދޭނެއެވެ.

ކުރީގެ މެމްބަރުންގެ އިނާޔަތްތައް ހުއްޓާލުމުގެ އިތުރުން މަޖުލީހުގެ މެމްބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން އިތުރުވާ ގޮތަށް އޮތް އޮތުން ވެސް ނިމުމަކަށް ގެންނަން ޖެހެއެވެ. ދާއިރާތަކުގެ އާބާދީގެ ނިސްބަތުން މެމްބަރުންގެ އަދަދު އިތުރުވާ ގޮތަށް އޮތްއޮތުން ނިމުމަކަށް ގެނެސް މަޖުލީހުގެ މެމްބަރުންގެ އަދަދަލީ 87 ގެ ގޮތުގައި ހިފެހެއްޓިފައި ބޭއްވުމަށް މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ވަނީ މަޖުލީހަށް އިސްލާހެއް ފޮނުއްވައިފައެވެ. މިއީ ވެސް ދައުލަތުގެ ހަރަދު ކުޑަކުރަން އިންތިހާ އަށް މުހިއްމު ބަދަލެކެވެ. އިސްލާހެކެވެ. މިކަން މިމަގުން ކޮށް، މަޖުލީހުގެ މެމްބަރުން މި އިސްލާހު ފާސް ކުރެއްވުމަކީ ރައްޔިތުންނަށް ކޮށްދެއްވޭނެ ޙިދުމަތެއްކަން ޔަޤީނެވެ.

ދައުލަތުގެ ބަޖެޓަށް މިފަދަ ބޮޑެތި ބުރަކަން ދީގެން އެންމެ ފައިދާ ނަގާ ފަރާތްތަކަކީ ރާއްޖޭގެ ސިޔާސީ މައިދާނުގެ އެ އިރެއްގެ އެންމެ ނުފޫޒު ގަދަ ފަރާތްތަކެވެ. މި ސަރުކާރުގައި ނަމަ ރައީސް ސޯލިހާއި ރައީސް ނަޝީދާއި ފޮރިން މިނިސްޓަރ ޝާހިދާއި، ދިފާއި ވަޒީރު މާރިޔާ އާއި އިކޮނޮމިކް މިނިސްޓަރ މާރިޔާ ދީދީ އާއި ފިނޭންސް މިނިސްޓަރ އަމީރާއި ޕްލޭނިންގް މިނިސްޓަރ އަސްލަމް ފަދަ ބޭފުޅުންގެ އިތުރުން މަޖުލިސް މެމްބަރުންނާއި ކައުންސިލްތަކުގެ ރައީސުން ފަދަ ބޭފުޅުންނެވެ. މިފަދަ ހުރިހާ ސިޔާސީ ފަރާތްތަކަށް، ކޮރަޕްޝަނާއި ފަސާދައާއި އަމިއްލަ މަންފާ އަށް ހުޅުވާދީފައިވާ ދޮރުތައް ބަންދުކޮށް، އިސްރާފް ހުއްޓުވުމަކީ ދެން އަންނަ ސަރުކާރަކުުން ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. ނަމަވެސް، ހިތާމައަކީ ކޮންމެ ބަޔަކު ވެސް އިދިކޮޅުގައި ތިބޭ އިރު މިފަދަ ވާހަކަ ތަކަށް ތާއިދު ކޮށް، ވެރިކަން ލިބުމުން ފައިސާ އާއި ބާރުގެ މަސްތުގައި ޖެހި، އަމިއްލަ ފައިދާ އަށް އިސްކަން ދީ، ރައްޔިތުންގެ މަސްލަހަތަށް ކޮޅުފައިން އަރައި ވެއްޔާއި މޮޑެލާތީ އެވެ. އަންނަ އަހަރު އެކަން އެހެން ނުވުމަކީ އަނެއްކާ ވެސް އުއްމީދެކެވެ.