Support Us

ތަޖުރިބާކާރު ނޫސްވެރިން ކިޔަވައިދޭ ނޫސްވެރިކަމުގެ ކޯސް ފަށައިފި

ތަޖުރިބާކާރު ނޫސްވެރިން ކިޔަވައިދޭ ނޫސްވެރިކަމުގެ ކޯސް ރޭ ފަށައިފި އެވެ. މި ކޯހަކީ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއެކު ސޮއިކޮށްފައިވާ ފަހުމުނާމާގެ ދަށުން ޝަހީބު މީޑިއާއިން ހިލޭ ހިންގައިދޭ ކޯހެކެވެ.

ދެ ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ "ނޫސްވެރިކަމުގެ އަސާސީ ހުނަރު ދަސްކޮށްދޭ ކޯސް" ފެށުމުގެ ހަފުލާގައި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް މުހައްމަދު ޝަފާއު ހަސަނާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ވާހަކަ ދެއްކެވިއެވެ. މި ގޮތުން ތަމްރީނުގެ މުހިންމުކަމުގެ މައްޗަށް ދެ ބޭފުޅުން ވެސް ވާހަކަ ދެއްކެވިއެވެ. އުނގެނުމަށް ލިބިފައިވާ މި ފަހި ފުރުސަތުގެ ބޭނުން ހުރިހާ ބައިވެރިން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ޝަފާއު އެދިވަޑައިގަތެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އެންމެ އިސްކަމެއް ދީގެން ކުރަމުންދާ އެއް މަސައްކަތަކީ ޤާބިލް ނޫސްވެރިން ބިނާކުރުމާއި އެކި ފަރާތްތަކާ ގުޅިގެން، ބޭނުންތެރި ޓްރެއިނިންތައް ބޭއްވުންކަން މަރިޔަމް ވަހީދާ ފާހަގަކުރެއްވިއެވެ.

އޯގަސްޓް 21އިން ސެޕްޓެމްބަރު 6އަށް (ރޭގަނޑު 8 އިން 10.30 އަށް) އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި ކުރިއަށްދާ މި ކޯހަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި މިހާރުވެސް މަސައްކަތްކުރާ ޒުވާނުންނާއި ނޫސްވެރިކަމުގެ ދާއިރާއަށް އަލަށް ވަންނަން ބޭނުންވާ ޒުވާނުންގެ ލޯހުޅުވައިދީ، އޮއްޓަރު ހުރި، ފޭރާން ހެޔޮ ޚަބަރު ލިޔާނެ ގޮތްތަކާއި ނޫސްވެރިކަމުގެ އަސާސީ ހުނަރުތައް ދަސްކޮށްދޭ ތަމްރީނު ކޯހެކެވެ. މި ކޯހުގައި މީޑިއާގައި ހަރަކާތްތެރިވާ ނޫސްވެރިންނާއި މުޅިން އަލަށް މި ދާއިރާއަށް ވަންނަން ބޭނުންވާ ޖުމްލަ 30 މީހުން ބައިވެރިވެއެވެ.

މި ކޯހުގައި ކިޔަވައިދެއްވާނީ ދިވެހި ނޫސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވެވަޑައިގަންނަވާ އެންމެ ތަޖުރިބާކާރު، އެންމެ ފުންނާބު އުސް، ނޫސްތަކުގެ އެޑިޓަރުން ފެންވަރުގެ ބޭފުޅުންނެވެ. އޭގެ ތެރޭގައި މުޅިން ވެސް ތިއްބަވާނީ ނޫސްވެރިކަމުގެ ގައުމީ އިނާމާއި، ނޫސްވެރިކަމުގެ އަލިމަސްގަލަން ނުވަތަ ނޫސްވެރިކަމުގެ ރަންގަލަން ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ.

ނޫސްވެރިކަމުގެ ކޯހުގައި ކިޔަވައިދެއްވާ ބޭފުޅުން:

  1. މުހައްމަދު ޝަހީބު، އަދިވެސް އޮންލައިންގެ ސީ.އީ.އޯ/ އެޑިޓަރު
  2. މޫސާ ލަތީފު، ދައުރު އޮންލައިންގެ އެޑިޓަރު
  3. އިސްމާއިލް ނަސީރު، މިހާރު އޮންލައިންގެ އެޑިޓަރު
  4. ހުސެއިން ފިޔާޒު މޫސާ، އަދަދު އޮންލައިންގެ އެޑިޓަރު
  5. އާދަމް ހަލީމު، "މި"ގެ ސީ.އީ.އޯ/ އެޑިޓަރު
  6. ސިނާން އަލީ، ވަން އޮންލައިންގެ ސީ.އީ.އޯ/ އެޑިޓަރު
  7. އަހުމަދު ޒާހިރު (ހިރިގާ)، ދައުރު އޮންލައިންގެ މެނޭޖިން އެޑިޓަރު
  8. އިމާދު ލަތީފު، ނިއުސް އެނަލިސްޓް
  9. މުހައްމަދު އާސިފު، މޮންދުު ޕްރޮޑަކްޝަންސްގެ ސީ.އީ.އޯ
  10. މުހައްމަދު އާމިރު (ފަރެސް)، ދިވެހިބަހުގެ ތަޖުރިބާކާރެއް

ޝަހީބު މީޑިއާއަކީ ދިވެހި މީޑިއާ ހެޔޮ ގޮތުގައި ދަމަހައްޓައިދީ ކުރިއަރުވައިދޭނެ ޒިންމާދާރު ނޫސްވެރީން ތަމްރީނުކުރުމާއި، ޒުވާނުންނަށް މީޑިއާގެ ދާއިރާއިން ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމާއި މީޑިއާ މެނޭޖުކުރުމާއި މީޑިއާ މާކެޓިން އަދި ޕްރޮމޯޝަނާ ގުޅޭ އެކިއެކި މަސައްކަތް ކުރުމުގެ މަގުސަދުގައި 2010 ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވްލޮޕްމަންޓުގައި ރަޖިސްޓްރީކޮށްފައިވާ، ރާއްޖޭގެ ނޫސްވެރިކަމުގައި 30 އަހަރުގެ ތަޖުރިބާ ހޯއްދަވައިފައިވާ މުހައްމަދު ޝަހީބު ހިންގަވާ "މީޑިއާ ހައުސް" އެެކެވެ. ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ނޫސްވެރިން ތަމްރީނުކުރައްވައިފައި ވަނީ ޝަހީބެވެ.

ޝަހީބު މީޑިއާއިން އިންތިޒާމްކުރި ނޫސްވެރިންގެ ތަމްރީނު ޕްރޮގްރާމްތައް 2010 އިން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ހިންގައިފައެވެ. މިގޮތުން، މާލެ އާއި އައްޑޫގެ އިތުރުން ކުޅުދުއްފުށީގައި ވެސް ވަނީ ނޫސްވެރިކަމުގެ ތަފާތު ކޯސްތައް ހިންގައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *