Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: އަނެއް ދިވެހިރާއްޖެ އިން އަސްލު ދިވެހިރާއްޖެ އަށް ދިއުން!

އެމް.ޑީ.ޕީ އުފެދުނު އަހަރު ދުނިޔޭގެ އަލިކަން ދުށް ދިވެހި ދަރީން އަންނަ އަހަރު ތިބޭނީ ވޯޓުލެވޭ އުމުރުގައި ކަމަށާއި އެ ޒުވާނުންނަށް ރަނގަޅު ގޮތް ހޯދައިދެވޭނީ އެމް.ޑީ.ޕީއަށް ކަމަށް، ރޭގެ ކޮންގްރެސްގައި ވާހަކަ ދައަކަވަމުން އެމް.ޑީ.ޕީގެ އިސް ލީޑަރ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އިރު އެ ޒުވާނުންގެ ޤައުމު އިންޑިއާ އަށް ވިއްކާލައްވައި، އެ ޒުވާނުންގެ ބޮލުގައި މިލިއަނުން ދަރަނި އަޅުއްވައި، ބޭކާރު އެއާޕޯޓްތައް ހަދައި، ބޭކާރު އެމްބަސީތައް ހުޅުވައި، ޤައުމުގެ ބައިތުލްމާލު ހަފުސް ކުރައްވަނީ އެވެ. ހުކުރު ދުވަހުގެ ރޭގެ ޕީ.ޕީ.އެމްގެ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވި ފަދައިން، ރައީސް ސޯލިހު ވަނީ "ކޮރަޕްޝަނަށް ޒީރޯ ޓޮލެރެންސް" އޭ ވިދާޅުވެ ހަޤީގަތުގައި ކޮރަޕްޝަނާއި ފަސާދަ އާއްމު ކުރައްވައިފައެވެ.

އެމް.ޑީ.ޕީގެ ކޮންގްރެސްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ 30 އަހަރުގެ ވެރިކަމުގައި ނުގެނެވޭ ވަރުގެ ތަރައްޤީ އިބޫ ސޯލިހުގެ ހަތަރު އަހަރުގެ ވެރިކަމުގައި ގެނެސް ދައްވައިފި ކަމަށެވެ. ކޮރަޕްޝަނަށް އެތައް މިލިއަން ނަަގައިގެން، ރައްޔިތުން ދަރަނިވެރިކޮށްފައި ގެނުވާ ކޮންކްރީޓް ތަރައްޤީ އަކީ ހަޤީގީ ތައްރައްޤީއެއް ނޫނެވެ. ތިރީސް އަހަރުން ނުގެނުނެވުނު މަހުޖަނުކަން ފައްޔާޒުގެ އާއިލާގެ އެކި ބޭފުޅުންނަށް ހަމަ ގައިމުވެސް އިބޫ ސޯލިހު ގެނެސްދެއްވައިފިއެވެ. ރައްޔިތުންވީ ހަމަ ބިކައެވެ. ޤައުމުވީ އަޅުވެއްޗެވެ. ރައީސް ޔާމީން ވިދާޅުވި ފަދައިން ޤައުމުގައި ހިނގާ ބޮޑެތި ކަންތައްތަކަށް އަޅާނުލައްވައި، ރިއެކްޓް ނުކުރައްވައި ރައީސް ސޯލިހު ހަނުހުންނެވުމުން ޑިމޮކްރެސީ މިވަނީ ދޯކާއަކަށް ބަދަލުވެފައެވެ. ބިލާހަކަށް ބަދަލުވެފައެވެ.

ހުކުރު ދުވަހުގެ ރޭ މާލޭގެ ދެކޮޅުގައި ބޭއްވުނު ތަފާތު ދެ ބައްދަލުވުމަކީ 2023 ގެ ރިއާސީ ވާދައިގެ ރިހާސަލެކެވެ. ކާނިވާ ސަރަހައްދުގައި ރައީސް ޔާމީނަށް ޕީ.ޕީ.އެމްގެ 2023 ވަނަ އަހަރުގެ ރިއާސީ ޓިކެޓް ހަވާލު ކުރެވުނު އިރު ސޯޝަލް ސެންޓަރުގައި އެމް.ޑީ.ޕީގެ ރައީސާއި އެ ޕާޓީގެ އިސް ލީޑަރު ބޭރު ފުށުން ހިނިވަރުނަ ކުރައްވައިގެން ތިއްބަވައިގެން އެތެރެފުށުން އެއްބޭފުޅަކު އަނެއްބޭފުޅަކު ރޮލާ ފަރިއްކުޅުއްވައިފިއެވެ. އެތެރޭގެ މި ހަނގުރާމައިގައި އެމް.ޑީ.ޕީ ދެފަޅިވެ، ދެކަފިވެ ގޮސް، 2023 ގައި ކާމިޔާބެއް ހޯދުމަކީ ވުން ވަރަށް ނާދިރު ކަމެކެވެ.

ރޭގެ ކޮންގްރެސްގައި އެމް.ޑީ.ޕީގެ ރައީސް ނަޝީދު ވިދާޅުވީ 2023 އަންނައިރު އެމް.ޑީ.ޕީއާ އެކު ކޯލިޝަންގެ އެހެން ޕާޓީތައް ނުތިބޭނެ ކަމަށެވެ. މާނައަކީ އަދާލަތާއި ޖުމްހޫރީ ޕާޓީ އާއި މައުމޫނުގެ އެމް.އާރް.އެމް އެހެން ކޮޅުކޮޅަށް ދާނެކަމަށެވެ. އެހެންކަމުން ރައީސް ސޯލިހަށް ނަޝީދު ގޮވާލެއްވީ 2023 ގައި ރައީސްކަން ބޭނުންފުޅު ނަމަ އޭގެ ކުރިން ވެރިކަމުގެ ނިޒާމް ބަރުލަމާނީ އަށް ބަދަލު ކުރައްވައި، ނަޝީދަށް ބޮޑުވަޒީރުކަން ދެއްވައި، ސޯލިަހށް ރައީސްކަން ކަށަވަރު ކުރެއްވުމަށެވެ. މިއީ ރައްޔިތުންނަށް ފައިދާ ބޮޑީ ކޮން ގޮތެއްތޯ ބެލުމުގެ ބަހުސެއް ނޫނެވެ. މިއީ އެމް.ޑީ.ޕީ އަށާއި ނަޝީދަށާއި ސޯލިހަށް އެންމެ ފައިދާ ބޮޑީ ކޮންގޮތެއްތޯ ނިންމުމުގެ ބަހުސެކެވެ.

ރޭގެ ކޮންގްރެސްގައި ރައީސް ސޯލިހު ފެނުނީ އާއްމު އުސޫލާ އެއްގޮތަށް ހިކްމަތްތެރިކަން ބޭރުފުށުން ދެއްކެވިތަނެވެ. ހަޤީގަތަކީ ރައީސް ސޯލިހުގެ ތަގްރީރުން ފެނުނީ ކޮންމެވެސް މީހަކު ލިޔެފައި އޮތް ފަށުވި އިބާރާތް ތަކެއް ވިދާޅުވިތަނެވެ. އޮއްޓަރެއް، ލީޑަޝިޕެއް ނެތެވެ.

ދިވެހީންނަށް އުފާވެރި މާދަމާއެއް ގެނައުމަށް ދިއްލި ދަންމަރު ނިވުނަނުދީ ކުރިއަށް ދާން ޖެހޭ ކަމަށް ސޯލިހު ވިދާޅުވިއިރު އެ ދިއްލެވި ދަންމަރުން ފެންނަނީ ކުދި ވިޔަފާރިތައް ބަނގުރޫޓުވީތަނެވެ. ތަކެތީގެ އަގު އިންތިހާ އަށް ބޮޑުވީތަނެވެ. އިގްތިސޯދު ފުނޑޭތަނެވެ. ކޮރަޕްޝަން އިންތިހާ އަށް ބޮޑުވީތަނެވެ. ޤައުމުގައި ފާހިޝް އަމަލާއި މާރާމާރީ އިތުރުވީތަނެވެ. ޑްރަގް މައްސަލަ އާއި ގޭންގް ހަނގުރާމަ ހައްދުން ނެއްޓި ތަނެވެ. ސިޔާސީ ވެރީންގެ އިތުބާރާއި ޝަރަފް ގެއްލި، ޤައުމުގެ އަގު ވެއްޔާ މޮޑެވުނު ތަނެވެ. އިންޑިއާ އަށް ޤައުމު ވިކި، ޚާރީޖީ ސިޔާސަތު އިންޑިއާގެ މުށުތެރެއަށް ދިޔަތަނެވެ. މީ ދިވެހިން ދެކެން ބޭނުންވި ދަންމަރެއް ނޫނެވެ. ވާސިލްވާން ބޭނުންވި ހާލަތެއް ނޫނެވެ.

ރޭގެ ޕީ.ޕީ.އެމް ޖަލްސާގައި ރައީސް ޔާމީން ވިދާޅުވި ފަދައިން، ނުވިހާ ކޮންމެ ދިވެހި ދަރިއެއްގެ ބޮލުގައި މި ސަރުކާރުން ތިން ލައްކަ ވަރަކަށް ރުފިޔާގެ ދަރަނި އަޅުވައިފިއެވެ. އަދި ދުނިޔޭގައި ތިބި ކޮންމެ ދިވެއްސެއްގެ ބޮލުގައި އެތައް މިލިއަން ރުފިޔާގެ ދަރަނި އަޅުވައިފިއެވެ. މިސަރުކާރުން ބިލިއަނުން ނެގިހާ ލޯނުތައް އަސްލު ދައްކަން ޖެހޭނީ ދެން އަންނަ ސަރުކާރަކުންނެވެ. އެމް.ޑީ.ޕީން ރައްޔިތުންނަށް މިދައްކަނީ ދަން-މަރެއް ނޫނެވެ. މިއީ ދަން-ތުރައެކެވެ. ދަން-ޖެހުމެކެވެ. ދަން-މަޅިއެކެވެ.

ސެޓުލްމެންޓް އެގްރީމެންޓުގެ ނަމުގައި އެތައް ބަޔަކަށް މިލިއަނުން ދައުލަތުގެ ބަޖެޓުން އިބޫ ސޯލިހު ބައްސަވައިފިއެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް މުޅި ޤައުމުގެ ޚާރީޖީ ބާރުތައް ދެއްވައިގެން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭކާރު އެމްބަސީ ހަދައިގެން އާއިލީ މީހުންނާއި ސިޔާސީ މީހުންނަށް މިލިއަނުން މުސާރައާއި ވަޒީފާ ދެއްވައިގެން، އަމިއްލަފުޅު ސިޔާސީ އަދި ޒާތީ މަންފާ އަށް ޤައުމުގެ ބައިތުލްމާލު ހަފުސް ކުރައްވަނީއެވެ.

ދަންމަރު ދިއްލަވައިގެން، ފަށުވި އިބާރާތުން ރައްޔިތުން ލޮލުގައި އަނދުން އަޅުއްވައިގެން ރައީސް ސޯލިހަށް 2023 ލިބިވަޑައެއް ނުގަންނަވާނެއެވެ. ބޮޑުވަޒީރު ކަމުގެ ހުވަފެން ދެކެވަޑައިގެން ނަޝީދަކަށް ވެސް ވެރިކަމެއް ލިބިވަޑައެއް ނުގަންނަވާނެއެވެ. ލުތުފީ އާއި ސަގަރު ނާސިރު ބޮލަށް ޗިޕު ޖަހައިގެން، ތަމަޅަ ޓައިގަރުންކޮޅެއް ފޮނުވައިގެން ރާއްޖެ އަޅުވެތި ނުކުރެވުމުން ވެރިކަމުގައި ތިބި ބަޔަކަށް ފައިސާ ބަހައިގެން ރާއްޖެ އަޅުވެތި ކުރުމަށް އިންޑިއާއިން ޖަހާ މަރުފައްޔަކުން މި އިސްލާމީ ދައުލަތުގެ ހުުންގާނު އިންޑިއާ އަކަށް ނުލިބޭނެއެވެ.

އަޅުގަނޑަކީ 2018 ގެ ރިއާސީ އިންތިހާބްގައި ރައީސް ޔާމީނަށް ފާޑުކިޔައިފައި ލިއުނު މީހަކީމެވެ. އަޅުގަނޑުގެ ބައެއް ލިއުންތަކުން މިހާރު ޔާމީނަށް ތާއީދުކުރާތީ ބައެއް މީހުން ސުވާލުކުރެއެވެ. ރައީސް ޔާމީން ވަކި ކޮރަޕްޓް ނޫނީ ހެއްޔެވެ؟ ވަކި މާ ދީންވެރީ ހެއްޔެވެ؟ ވަކި ޚުދުމުހުތާރު ނުވަނީ ހެއްޔެވެ؟ ތެދެކެވެ. ރައީސް ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގައި ވަރަށް ޚުދްމުހްތާރުކޮށް ކަންތައް ތަކެއް ކުރެއްވިއެވެ. ކޮރަޕްޝަން ވެސް ހަމަ އޮތެވެ. ދީނާ ފުށުއަރާ ބައެއް ކަންތައްތައް ވެސް ހިނގިއެވެ. ނަމަވެސް އެމް.ޑީ.ޕީން ޤައުމު ވައްޓާލާފައި މިއޮތް ކޮރަޕްޝަނާއި އަޅުވެތި ކަމާއި ފާހިޝް ކަމާއި ލާދީނިއްޔަތުގެ ވަޅުގަނޑުން މިޤައުމު ނަންގަވައިދެއްވޭނެ ފަދަ ވެރިއަކަށް މިވަގުތު ފެންނީ ހަމަ ރައީސް ޔާމީނެވެ.

ތެދެކެވެ. ރައީސް ޔާމީންގެ ފަހަތްޕުޅުގައި އަދިވެސް އަދުރޭ ފަދަ ރައްޔިތުންގެ ކުރިމަތީގައި މާބޮޑު މަޤްބޫލްކަމެއް ނެތް ވެރީން އެބަ ތިއްބެވިއެވެ. ނަމަވެސް، ވަރުގަދަ ރަނިންމޭޓަކާ އެކު، ކުރީގެ މިސްޓޭކް ތަކުން ފިލާވަޅު ލިބިވަޑައިގެން، އާފެށުމަކުން ރައީސް ޔާމީން ފައްޓަަވައިފި ނަމަ މިޤައުމު އިންޑިއާގެ އަޅުވެތިކަމުން ސަލާމަތްކޮށްދެއްވޭނެ ލީޑަރަކީ ހަމަ ޔާމީނެވެ. މި ޤައުމުގެ އިގްތިސޯދު ހަމައަކަށް އަޅުއްވައި، ބޭކާރު އެމްބަސީތައް ބަންދު ކުރައްވައި، ހަރަދުތައް ކުޑަ ކުރައްވައި، ޚާރިޖީ ސިޔާސަތު މިނިވަން ކުރައްވައި، ގިސާސް ހިއްޕަވައި، ގޭންގް ހަނގުރާމަ ހުއްޓުވައި، ޑްރަގްގެ ވަބާއިން ސަލާމަތް ކުރައްވައި، އިސްލާމީ، ރިވެތި، ތަނަވަސް ޤައުމެއް އިއާދަކުރެއްވޭނެ ކަމަށް ފެންނަނީ ހަމަ ޔާމީނަށެވެ.

އަޅުގަނޑު މިހެން ލިޔާތީ ރައްޓެއްސަކު ބުންޏެވެ. ތިވަރަށް ޔާމީނަށް ތާއީދު ކުރާއިރު ޔާމީނު ކީއްކުރަން ޕީ.ޕީ.އެމް މީހަކުވެސް ގުޅާލަނީކީ ނޫނެވެ. ދެން ކީއްކުރަން ލިޔާ އެއްޗެއްތޯ ރަހްމަތްތެރިޔާ ސުވާލު ކުރިއެވެ. މިއީ ދިވެހި ޤައުމު އަސްލު ހަލާކުވެގެން މިއުޅޭ ސަބަބެވެ. ގިނަ މީހުންނަށް ހީވަނީ ކޮންމެ ލިޔުންތެރިއަކު ލިޔަން ޖެހެނީ ވެސް ޒާތީ ފައިދާއަށް ބަލައިގެން ކަމަށެވެ. ޤައުމުގެ މަސްލަހަތަށް ވުރެ ޒާތީ މަސްލަހަތު އިސްނުކުރާ މީހަކީ މޮޔައެއް ކަމަށެވެ. އަޅުގަނޑު ހައްގު ބަސް މިބުނަނީ ޒާތީ ފައިދާއެއް ހޯދާކަށް ނޫނެވެ. ރައީސް ޔާމީން ލައްވާ ގުޅުވާކަށް ނޫނެވެ. ޔާމީން ވެރިކަމަށް ވަޑައިގަތުމުން އަޅުގަނޑު މާގާމެއް ހޯދާކަށް ވެސް ނޫނެވެ. އަދި ދެއްވިއަސް ނުވެސް ހިފާނަމެވެ. އަޅުގަނޑު އެދެނީ މިޤައުމުން ކޮރަޕްޝަން ފޮހެވި، އިންޑިއާގެ އަޅުވެތިކަމުން ސަލާމަތްވެ، ލާދީނިއްޔަތު ނެތި ގޮސް، ޑްރަގާއި ގޭންގު ހަނގުރާމައިން ސަލާތްމަތްވެ، ތަނަވަސް، އަމާން، ދީންވެރި މުޖުތަމައުއަކަށް ބަދަލުވުމެވެ. އެމް.ޑީ.ޕީގެ ބަހުރުވައިން ބުނާނަމަ އަނެއް ދިވެހި ރާއްޖެއިން އަސްލު ދިވެހިރާއްޖެ އަށް ބަދަލުވުމެވެ.