...

Support Us

ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ޒުވާނުންގެ ދައުރު މުހިއްމު: ފައިސަލް

ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ޒުވާނުންގެ އާބާދީގެ ދައުރަކީ މުޅި ދުނިޔެއަށްވެސް ވަރަށް މުހިއްމު ދައުރެއް ކަމުގައި ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ޔޫތު މިނިސްޓްރީ އާއި ކުޅުދުއްފުށީ ސިޓީކައުންސިލާއި ރާއްޖޭގައި ހުންނަ އދ ގެ އޮފީސް ގުޅިގެން، ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމާއި ޒުވާނުންގެ ދުވަހުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ، ކޯވިޑް-19 އާ ގުޅިގެން ދުނިޔެއަށް ކުރިމަތިވި ދަތިތަކާއި އަދި އިޤުތިޞާދީ އިޖުތިމާއީ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން އެމަނިކުފާނު ވިދާޅުވީ، ކޯވިޑް-19އިން އަރައިގަނެ ކުރިޔަށް ދިޔުމަށް މަސައްކަތް ކުރާއިރު، މުޖުތަމުގެ ވިސްނުންތަކާ އެކު ކަންކަން ނިންމުމުގައި ޒުވާނުންގެ ދައުރެއް އޮތުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި އެކަމުގައި އޮތް ގޮންޖެހުންތަކަކީ ކޮބައިކަން ދެނެގަނެ މަސައްކަތް ކުރަން ޖެހޭކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ދިވެހިރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ ޒުވާނުން ކަމަށާއި، އެހެންކަމުން ތަރައްޤީގެ ކޮންމެ މަރުހަލާއެއްގައި ވެސް އެ މީހުން ޝާމިލުކުރުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ ތަރައްޤީގެ މަސައްކަތުގައި، ރާއްޖޭގެ ޒުވާން އާބާދީ އަދާކުރާ ދައުރަކީ، ޝައްކެއްވެސް ނެތް ގޮތުގައި، ވަރަށް މުހިންމު ދައުރެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގެ ސިވިލް ސާވިސްގައި 11 ހާހަށް ވުރެ ގިނަ ޒުވާނުން ވަޒީފާ އަދާކުރަމުންދާ ކަމަށާއި އިތުރު އެތައް ޒުވާނުންނެއް ޕްރައިވެޓް ސެކްޓަރުގައި މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ކޯވިޑް-19އާ ދެކޮޅަށް މަސައްކަތް ކުރުމުގައި ޒުވާނުންގެ ފަރާތުންވެސް ނަމޫނާ މަސައްކަތްތަކެއް ފެނިގެންދިޔަ ކަމަށެވެ. އަދި އެ މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގެ ޒުވާނުންގެ އާބާދީއަކީ ރާއްޖޭގެ މުސްތަޤްބަލަށް އުންމީދީ އާބާދީއެއްކަން ހާމަވެގެން ގޮސްފައިވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މާދަމާގެ މުސްތަޤުބަލަށްޓަކައި އެންމެ މުހިއްމު ކަމަކީ، ޒުވާނުން ބާރުވެރިކުރުން ކަމަށާއި، ޒުވާނުންނަށް ތައުލީމާއި ތަމްރީންގެ ފުރުޞަތުތައް ހޯދައިދީ، ޒުވާނުންނަކީ ޤާބިލް ބަޔަކަށް ހެދުންކަމަށެވެ. އަދި މިކަމަކީ އެންމެން އެއްބައިވެ އެކުގައި މަސައްކަތް ކުރަންޖެހޭ ކަމެއްކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިވަގުތު ދިވެހި ޤައުމު ބޭނުން ވަނީ އެންމެން އެކުވެ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށާއި ޒުވާނުންގެ ދުވަހުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ބޭއްވި މި ޖަލްސާގައި ނައިބު ރައީސްވަނީ، ދުވަހާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ޚާއްސަ ވީޑިއޯއެއްވެސް އިފްތިތާހްކޮށްދެއްވައިފައެވެ.

މިޖަލްސާގައި، ރާއްޖޭގައި ހުންނަވާ އދ.ގެ ރެސިޑެންޓް ކޯޑިނޭޓަރ ކެތަރިން ހެސްވެލް އާއި ޔޫތު މިނިސްޓްރީގެ އިސްބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގައި ކުޅުދުއްފުށީ ދާއިރާތައް ތަމްސީލް ކުރައްވާ މެމްބަރުންނާއި،ކުޅުދުއްފުށީ ސިޓީގެ މޭޔަރާއި ކުޅުދުއްފުށީގެ މުއައްސަސާތަކުގެ ވެރިން ބައިވެރިވިއެވެ.

ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ، ކޮންމެ އަހަރެއްގެވެސް އޮގަސްޓް މަހުގެ 12 ވަނަ ދުވަހެވެ.

މި އަހަރުގެ ޒުވާނުންގެ ދުވަހުގެ ޝިއާރަކީ "ޖީލުތަކުގެ އެއްބައިވަންތަކަން: ހުރިހާ އުމުރަކާ ގުޅޭ މުސްތަޤުބަލެއް ބިނާކުރުން" މި ޝިއާރެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް