Support Us

ރުޅިއަންނަ އިރަށް ފުލުހުންނަށް ހަމަލާދީގެން ވަނީ ކޮން ފައިދާއެއް؟

ސަރުކާރާ މެދު އިދިކޮޅު ފަރާތްތަކުން ހިތްހަމަނުޖެހޭ ކޮންމެ ފަހަރަކު މަގުތައްމައްޗަށް މީހުން އެއްކޮށް، އާއްމު ހަމަޖެހުން ބަދަލުކޮށްލުން މިއީ އާ ކަމެއް ނޫނެވެ. މިއިން ކޮންމެ ފަހަރަކު ވެސް ރައްޔިތުންގެ ސަލާމަތާއިި ރައްޔާތެރިކަން އަދި ގައުމީ ސުލްހަ މަސްލަހަތު ހިފަހައްޓަން އެންމެ ފުރަތަމަ ނިކުންނަ ބަޔަކީ ދިވެހި ފުލުހުންނެވެ. އެހެން ނަމަވެސް ހިތާމައަކީ ގައުމީ ވާޖިބު އަދާކުރަން ނިކުންނަ ދިވެހި ފުލުހުންނަށް މިފަދަ މުޒާހަރާތަކުގެ ސަބަބުން އެކި ފަހަރު އެކި ވަރުގެ އަނިޔާއާއި ގޯނާ ކުރުންތައް އާއްމު ވަމުންދާ ކަމެވެ. މިކަން މާޒީގައި ހިނގާފައިވާ މިފަދަ މުޒާހަރާތަކަށް ބަލާލި ނަމަވެސް ފެންނަން ހުންނާނެ އެވެ.

ފުލުހުންގެ ވާޖިބަށް ހުރަސް އަޅައިގެންނާއި ފުލުހުންނަށް ހަމަލާދީގެން މިފަދަ މުޒާހަރާތަކުގެ ތެރެއިން ހައްޔަރުކުރާ މީހުން ވެސް މަދެއް ނޫނެވެ. އެފަދަ އަމަލްތައް ހިންގަނީ ސީދާ ކޮން ބައެއްކަން ގިނަ ފަަހަރު ނޭނގުނު ނަމަވެސް އެކަމަށް ހިތްވަރުދޭ ބަޔަކު ވެސް ތިބޭނެކަން އެއީ ޔަގީން ކަމެކެވެ. މިއީ ހަމަ ބުއްދި ހުރި ކޮންމެ މީހަކުމެ ގަބޫލްކުރާނެ ހަގީގަތެކެވެެ.

މިހާރު އޮތް ސަރުކާރުން ރައްޔިތުން ނިކަމެތިކުރަަމުންގެންދާ ކަމަށް ބުނެ ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމުގެ ނިޔަތުގައި ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހާ ދިމާކޮށް އިދިކޮޅު ޕީޕީއެމްޕީއެންސީ ކޯލިޝަނުން ވަނީ މަގުމައްޗަށް ނުކުމެ ސިލްސިލާ މުޒާހަރާތަކެއް ފަށައިފަ އެވެ. މި މުޒާހަރާތައް އެންމެ ފަހުން ބޭއްވި ރޭ މުޒާހަރާއާ ގުޅިގެން ސަލާމަތީ ކަންތައްތައް ބެހެލެހެއްޓުމުގައި ހަރަކާތްތެރިވި ފުލުހުންގެ ތެރެއިން ދެ ފެލުހެއްގެ ގަޔަށް މުޒާހަރާގެ ތެރެއިން މީހަކު ވަނީ ހައްޕުނޑު ޖަހާފަ އެވެ. ކޮންމެ މީހެއް ކުރި ކަމެއް ކަމުގައި ވީނަމަވެސް މި އަަމަލަކީ ވަރަށް ވެސް ފިނޑި ނާތަހުޒީބު އަމަލެއްގެ ގޮތުގައި ގިނަ ބައަކު ސިފަކުރެ އެވެ.

މުޒާހަރާގެ ތެރެއިން ފުލުހެއްގެ ގަޔަށް ހައްޕުނޑު ޖަހައިފައި -ފޮޓޯ: ޕޮލިސް

މުޒާހަރާގެ ތެރެއިން ދެ ފުލުހުންގެ ގަޔަށް ހައްޕުނޑު ޖެހީ އެ ދެ ފުލުހުން ގާނޫނީ ވާޖިބު އަދާ ކުރަމުން ދަނިކޮށް، އެ އަމަލަކީ ވަރަށް ވެސް ނާތަހުޒީބު އަމަލެއް،" އެ އަމަަލް ކުށްވެރިކުރައްވާ ކޮމިޝަނާ އޮފް ޕޮލީސް މުހައްމަދު ހަމީދު ކުރައްވާފައިވާ ޓުވީޓެއްގައިވެ އެވެ.

ފުލުހުންނަށް ހަމަލާދީފައި ވަނީ މުޒާހަރާގެ ތެރެއިން މީހަކު ކަމުގައި ވީނަމަވެސް އެކަން ކުރީ މުޒާހަރާގެ ބައިވެރިއެއް ނޫން ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބް ރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު މުހައްމަދު ޝިޔާމް ވިދާޅުވެ އެވެ. ޕީޕީއެމްޕީއެންސީގެ މުޒާހަރާގައި ފުލުހުންގެ ގަޔަށް ހައްޕުނޑު ޖެހީ ބަޔަކު އަޑީގައި ތިބެގެން ރާވައިގެން ކަމަށާއި އެކަމުގެ މައުލޫމާތު ކުރިއާލާ ފުލުހުނަށް ވެސް އެނގިފައިވާކަން ޔަގީން ކުރެވޭ ކަމަށް ޝިޔާމު ކުރައްވާފައިވާ ޓުވީޓެއްގައިިވެ އެވެ.

ޝިޔާމް ވެސް އެ ހައްދަވަނީ އިތުރުފުޅެކޭ ވެސް ބުނެވޭނެ ޖާގައެއް ނެތެވެ. ސަބަބެއް ނެތި އެއްވެސް ނޫނެވެ. އެކި އެކި ސަރުކާރުތަކުގައި އެކި ފަހަރު މަތިން ކުރިއަށް ގެންގޮސްފައިވާ މުޒާހަރާތަކުގައި އެފަަދަ އެތައް ކަމެއް ހިނގައި ހަވާލުވާނެ ފަރާތެއް ނެތިދާ ކިތަންމެ ފަހަރެއް މާޒީވެ ގޮސްފައިވެ އެވެ. އެގޮތުން މުޒާހަރާތަކުގެ ތެރެއިން ފުލުހުންގެ ގަޔަށް މިރުސް ފެނާއި ކަޅުތެލާއި ފުޅި ފަދަ ތަކެތި އުކާފައި ހުރި ފަހަރުތައް ވެސް މަދެއް ނޫނެވެ. އެފަދަ ކޮންމެ ފަހަރަކު މުޒާހަރާތައް ބާއްވާ ފަރާތްތަކުން އެކިއެކި ނޫސްބަޔާންތަކާއި އެއްޗެހި ނެެރެ އެ އަމަލްތައް ކުށްވެރި ކުރާލެއް ވެސް މަދެއް ނޫނެވެ. އަދި އެފަދަ ހަމަލާތައް ގިނަ ފަހަރަށް ދީފައި ހުންނަނީ މުޒާހަރާގެ ބައިވެރިންގެ ބޭރުން މުޒާހަރާގެ ތެރެއަށް ވަންނަ ބައެއް ކަމަށް މުޒާހަރާތަކުގެ އިސް ބޭބެފުޅުން ވިދާޅުވެފައިވާ ފަހަރު ވެސް މަދެއް ނޫނެވެ. ނަމަވެސް މުޒާހަރާތަކުގެ ބައިވެރިން ސީދާ ފުލުހުންނަށް ހަމަލާ ދޭ މަންޒަރުތަކާއި ފޮޓޯތަކާއި ވީޑިއޯތައް ވެސް މިގޭކުރިން އެތަކެއް ފަހަރު މަތިން ވަނީ ފެނިގެން ގޮސްފަ އެވެ. އެހެން ކަމުން މުޒާހަރާތަކުގެ ބައިވެރިން ފުލުހުންނަށް ގޯނާކޮށް، އަނިޔާ ނުކުރެއޭ ވެސް ބުނެވޭކަށް ނެތެވެ.

މާޒީއަށް ބަލާއިރު މިފަދަ ހިތާމަވެރި އެތައް ހާދިސާއެއް އެކިފަހަރު މަތިން އެކިއެކި އެއްވުންތަކާއި މުޒާހަރާތަކާ ގުޅިގެން ފުލުހުންނަށް ވަނީ ކުރިމަތިވެފަ އެވެ. ސިޔާސީ ރޫހުގައި މުޒާހަރާތަކުގެ ބައިވެރިން ފުލުހުންނަށް އެކި ކަހަލަ އަނިޔާތައް ކޮށްފައި އެބަހުއްޓެވެ. ވެރިން އެ ވެރިންގެ ޕްރޮޕެގަންޑާތައް ފެތުރުމަށް ވެސް މޮޅެތި އުކުޅުތައް ބޭނުންކޮށްފައި ހުންނަ ފަހަރުތައް މަދެއް ނޫނެވެ. ފުލުހުންގެ ގައިގާ ތަޅާނެ ކުދިން ކޮޅެއް ނެރެން މަސައްކަތްކުރެއްވި ލީޑަރުންނާއި ގާނޫނާ ހިލާފް އަމުރުތައް ތަންފީޒު ނުކުރާ ފުލުހުން މަގާމުން ދުރުކުރުމާއި ފުލުހުންގެ ބޮލުގައި އެކިއެކި އިލްޒާމްތައް އަޅުވައި ރައްޔިތުންގެ ކުރިމަތީގައި ދިވެހި ފުލުހުންގެ އަގު ވައްޓާލަން މަސައްކަތްކުރި އެތައް މުޒާހަރާތައް ވެސް މަދެއް ނޫނެވެ.

މުޒަހަރާތަކާއި އެއްވުންތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް ހަރަކާތްތެރިވާ ފުލުުހުން ވެސް ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކުގެ ބޭރުން ހަރަކާތްތެރިވާ ފަހަރުތަައް ވެސް ދެއެވެެ. އޭގެ މާނައަކީ ރުޅި އަންނަ ކޮންމެ ފަހަރަކު ގާނޫނުތައް މުގުރާލައި އަމިއްލައަށް ކަންކަމުގައި ގޮތް ނިންމުމެއް ނޫނެވެ. ފުލުހުންގެ މައްސަލަތަކަކީ ވެސް ބެލޭނެ މައްްސަލަތަކަކަށް ވާއިރު ބާރުގެ ބޭނުން ނުހަމަ ގޮތުގަައި ކުރާ ފުލުހުންގެ މައްސަލަތައް ވެސް ބަލަން ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނެއް އުފައްދާފައި އޮވެ އެވެ. އެހެންވީރު އެ ޤާނޫނާ އެއްގޮތަށް ކޮންމެ ބަޔަކުވެސް އަމަލް ކުރުމުން ނޫނީ މިކަންކަން ހައްލު ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ އެވެ.

ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން މުޒާހަރާކޮށް ހިތްހަމަނުޖެހޭ ކަންކަމާ އަޑު އުފުލާ ހެދުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިދީފައިވެ އެވެ. އޭގެ މާނައަކީ އެ ހައްގުގެ ބޭނުން ހިފަން ލިބޭ ކޮންމެ ފަހަަރަކު ޖޯޝުގައި ގޮސް ގާނޫނީ އިމުން ބެރުވާ ހިނދު، އެ ބައެއް ހަމަ މަގަށް އަޅުވައިދޭން ތިބި ދިވެހި ފުލުހުންނަށް ފުރައްސާރަކޮށް، އަނިޔާކޮށް ގޯނާ ކުރުމެއް ނޫނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *