Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ޑރ. މުނައްވަރު ވެސް ރިޔާސީ ރޭހަށް؟

ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރަކީ އަޅުގަނޑާ އަނެއްހެން ރަހްމަތްތެރި ބޭފުޅެއް ވެސް ނޫނެވެ. މީގެ ހައެއްކަ ދުވަސް ކުރީން އަޅުގަނޑުގެ މޮބައިލް ފޯނަށް އަންނަނީ ކޯލެކެވެ. ނުދަންނަ ނަމްބަރަކުންނެވެ. އެވަގުތު ބިޒީވީމާ އަޅުގަނޑު ފަހުން ކޯލްބެކް ކުރީމެވެ. ވާހަކަ ދައްކާލުމުން އެނގުނީ މުނައްވަރު ކަމެވެ. އަޅުގަނޑުގެ ލިއުންތައް ވިދާޅުވާ ކަމަށް މުނައްވަރު ވިދާޅުވިއެވެ. ދެން ދެއްކެވީ ޤައުމުގެ ހާލަތުގެ ވާހަކައެވެ. އަޅުގަނޑަކީ ޤައުމުގެ އެކި މައްސަލަތަކާ މެދު ލިޔާ މީހަކަށް ވާތީ މުނައްވަރުގެ ޚިޔާލް ހިއްސާކޮށްލެއްވީއެވެ.

ފާޙިޝް އަމަލުތައް އާންމުވެފައިވާ ވަރާ އަޅާބަލާއިރު އެކަށީގެންވާ ފިޔަވަޅެއް ނޭޅޭ ކަމަށް ވިދާޅުވިއެވެ. ކޮރަޕްޝަނާއި ފަސާދަ އަކީ ސިޔާސީ ސަގާފަތަކަށް ހަަދައިފި ކަމަށް ވިދާޅުވިއެވެ. އިންޑިއާގެ ދަށުގައި ދިވެހި ރާއްޖެ އާއި ދިވެހި ސަރުކާރު ވެފައިވާކަން ފާހަގަކުރެއްވިއެވެ. މިއިން އެއްވެސް ކަމަކަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ޤާބިލްކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކިބައިގައި ނެތް ކަމަށް ވިދާޅުވިއެވެ.

ރައީސް ސޯލިހާއި ސަރުކާރުގެ އެހެނިހެން ސިޔާސީ ވެރީންގެ ޤާބިލްކަމާއި ލީޑަރޝިޕް ނެތްކަމުގެ ވާހަކަ ދައްކަވަމުން މުނައްވަރު ވިދާޅުވީ އެމަނިކުފާނުގެ މިނިސްޓަރުކަމުގެ ދައުރުގައި ރައީސް މައުމޫނަށް ވެސް ލީޑަރުން އުފެއްދެވުމަށް ދެންނެވި ކަމަށެވެ. ނަމަވެސް މައުމޫން ވެރިކަން ދޫކޮށްލެއްވިއިރު އެކަށީގެންވާ ލީޑަރުން އުފެއްދިފައި ނެތުމުން ކެނެރީގޭ މުހައްމަދު ނަޝީދު ވަނީ މުޅި ސިޔާސީ ނިޒާމް ހައިޖެކްކޮށް، ހުރިހާ އިސްލާހަކީ ތިމަންނާ ގެނައި އެއްޗެއް ކަމަށް ރައްޔިތުންގެ ގިނަ ބަޔަކަށް ވިސްނައިދީފައި ކަމަށް މުނައްވަރު ވިދާޅުވިއެވެ. ކެބިނެޓް މިނިސްޓަރަަކަށް މުނައްވަރު ހުންނެވިއިރު ކެބިނެޓްގައި ތިއްބެވި ސީނާ އަހުމަދު ޒާހިރު، އުމަރު ޒާހިރު، އަބްދުއްސައްތާރު މޫސާދީދީ، އަބްދުއްރަޝީދު ހުސެއިން، އަދި އެނޫންވެސް އެފަދަ އެތަކެއް ބޭފުޅުންނަށް އިޝާރާތް ކުރައްވައި މުނައްވަރު ވިދާޅުވީ މިސާލަކަށް އުމަރު ޒާހިރަކީ ރަސްމީ ތައުލީމެއް ނެތަސް ވަރަށް މޮޅު، ސްޓްރެޓެޖިކް، އޮގަނައިޒަރެއް ކަމަށެވެ. ވަރުގަދަ ހިންގުންތެރިއެއް ކަމަށެވެ.

މަރުހޫމް އުމަރު ޒާހިރާއި ރައީސް މައުމޫން (ވ)

 

ތެދެކެވެ! މަރުހޫމް އުމަރު ޒާހިރުގެ ޤައުމީ ލޯބި އެއްކޮޅަށް ލާފައި ދިވެހި ހުރިހާ ރައްޔިތުންގެ ޤައުމީ ލޯބި އެއްކޮޅަށް ލިއަސް ބަރުވާނީ އުމަރު ޒާހިރުގެ ޤައުމީ ލޯތްބެވެ. ވަތަނީ ބޭފުޅެކެވެ. ވަރުގަދަ ސަރުދާރެކެވެ. ހިތްތިރި ބޭފުޅެކެވެ. އެދުވަސްވަރު ޤައުމުން ފެނުނު އުމަރު ޒާހިރު ފަދަ ޝަހުސިއްޔަތުތައް ވަރަށް ގިނައެވެ. އަންބަރީ އަބްދުއްސައްތާރު، އަހްމަދު ޒަކީ (އޯކިޑްމާގެ)، ބޮޑުފެންވަޅުގޭ އަހުމަދު މުޖުތަބާ، މުހައްމަދު މުސްތަފާ ފަދަ އެތައް ލީޑަރުންނެކެވެ. އެދުވަސްވަރުގެ މިނިސްޓަރެއް ވިއަސް އަދި އެހެން ވެރިއެއް ވިއަސް އެބޭފުޅަކަށް ރައްޔިތުންގެ އިހްތިރާމް ލިބުނެވެ. އެއްވެސް އިންސާނަކީ އެންމެ ފުރިހަމަ މީހަކަށް ނުވާނެ ފަދައިން އެބޭފުޅުންގެ ވެސް އުނިކަންކަން ހުންނާނެއެވެ. ނަމަވެސް އެދުވަސްވަރުގެ، އެޖީލުގެ ވެރީންގެ ހުރި ޝަހުސިއްޔަތާ ކައިރިކުރެވޭ ވަރުގެ މީހަކުވެސް މިހާރުގެ ވެރިކަމުގެ  ކޮއިލުން ނުފެނެއެވެ.

މިނިސްޓަރުންގެ އަގާއި، ޝަހުސިއްޔަތު ވެއްޔާއި މޮޑެލީ ނަޝީދުގެ ވެރިކަމުގައި، އަބުރެއް، ހިންގުންތެރިކަމެއް، އިޙްލާސްތެރިކަމެއް ނެތް ބައެއް ބޭފުޅުން ކެބިނެޓަށްލީ ހިސާބުންނެވެ. މިހާރު ޤައުމު ހިންގަނީ ތައުލީމެއް، އަގަލެއް، ޝައުހުސިއްޔަތެއް، އިޙްލާސްތެރިކަމެއް، ވަތަނީ ކަމެއް، ތެދުވެރިކަމެއް ނެތް މޫކޭ އަކާއި، އޭކޭ އަކާއި، ބޯކޭއެކެވެ!

ނީލަން ފިހާރައިން ބާ ދަބަރަށް އުކާފައި ހުރި އެއްޗެތި ގެނެސް ގޭ ސިޓިންގްރޫމްގައި ބެހެއްޓީމަ ވާނެއެތިވެ، މުޅި ނިޒާމް މިވަނީ އަގު ވެއްޓި ޚަރާބްވެފައެވެ. މިހާރަކު ލީޑަރުންނެތް ނެތެވެ. މިހާރު އެންމެ މޮޅު މީހަކީ އެންމެ އުޅުން ގޯސް، އަޑުގަދަ، ހަޔާތްކުޑަ، އެންމެ ގިނައިން ވައްކަން ކުރާ މީހާއެވެ.

ޤައުމުގައި ލީޑަރުން ނެތިފައި ވުމުން، ނުވަތަ ލީޑަރުން ބާކީ ކޮށްފައިވުމުން ޒުވާން ލީޑަރުން އުފެއްދުމުގެ މަޤްސަދުގައި ރިއާސީ ރޭހުގައި ބައިވެރިވުމަށް ނިންމެވި ކަމުގައި މުނައްވަރު ވިދާޅުވިއެވެ. "ނަމަވެސް އަޅުގަނޑު ބޭނުމެއް ނޫން އެކަން މާބޮޑު ކަމެއް ގޮތަށް އިއުލާންކޮށް ނޫސްތަކަށް އަރާކަށް،" މުނައްވަރު ވިދާޅުވިއެވެ. ލީޑަރުން އުފެއްދުމުގެ އިތުރުން ކޮރަޕްޝަން ނައްތާލައި، އިންޑިއާ ފަދަ އިސްތިއުމާރީ ބާރުތަކުގެ ނުފޫޒުން ޤައުމު ސަލާމަތްކޮށް، ވަރުގަދަ، ދީންވެރި، ތެދުވެރި، އަޚްލާޤް ރަނގަޅު މުޖުތަމައުއެއް ބިނާކުރުމަކީ މުނައްވަރުގެ މެނިފެސްޓޯގެ އަސާސް ކަމުގައި ވިދާޅުވިއެވެ. ދިވެހީންގެ ސިޔާސީ ވިސްނުމާއި، ވޯޓުލާ ގޮތަށް ބަލާއިރު މުނައްވަރު ހޮވިދާނެތޯ ނުވަތަ ނޫންތޯ ދަންނަވާކަށް އަޅުގަނޑު ނެތީމެވެ. ނަމަވެސް ހަމަ ގައިމުވެސް މުނައްވަރު ދެއްކެވި ވާހަކަ ގޯހެއް ނޫނެވެ. މި ޤައުމުގައި ތެދުވެރި ޝަހުސިއްޔަތުތަކެއް މިހާރަކު ނެތެވެ. ނުވަތަ ނުފެނެއެވެ. ލީޑަރުންނެއް ނެތެވެ.

މި ޤައުމަށް ބޭނުންވަނީ އާޖީލަކުން އުފެދިގެން އަންނަ ޒުވާން އުމަރު ޒާހިރު ތަކެކެވެ. ސީނާ ޒާހިރު ތަކެކެވެ. މުހައްމަދު އަމީން ތަކެކެވެ. އިބްރާހިމް ނާސިރު ތަކެކެވެ. މައުމޫން ތަކެކެވެ. މުހައްމަދު ޖަމީލް ތަކެކެވެ. ފަތުހުﷲ ޖަމީލް ތަކެކެވެ. އަބްދުﷲ ޖަމީލް ތަކެކެވެ. މޫމިނާ ހަލީމް ތަކެކެވެ. މުސްތަފާ ތަކެކެވެ. މުޖުތަބާ ތަކެކެވެ. އަބްދުއްސައްތާރު މޫސާ ދީދީ ތަކެކެވެ. އަބްދު ސައްތާރު ޔޫސުފް ތަކެކެވެ. އެން.ޑީ ހަމީދު ތަކެކެވެ. އަދި ވަކިން ޙާއްސަކޮށް ހުސެން ސަލާހުއްދީން ތަކަކާއި އިބްރާހިމް ޝިހާބު ތަކެކެވެ. އަދި މިނިސްޓަރުކަން ނުކުރެއްވިއަސް ދިވެހި ރާއްޖެ ވަނީ އެން.ޑީ ހަމީދު، ސޮލާހު ޝިހާބު އަބްދުﷲ ރަޝީދު (ސީދިބޭ) ފަދަ ވަރުގަދަ، ވަތަނީ، ދީނަށް ހުރުމަތްތެރިކޮށް ހިއްތަވާ ލީޑަރުން ދެކިފައެވެ. މި ލިސްޓުގައި ނަން ޖަހަން ޖެހޭ، އެހެނަސް ހުރިހާ ނަމެއް ނުހިމެނޭނެތީ އުނިވެފައިވާ ނަންތައް ހުއްޓަސް އެއިން ކޮންމެ ބޭފުޅަކީ ވެސް ހަމަ މިޤައުމު ދުށް ވަރުގަދަ ލީޑަރުންނެވެ. މިހާރު މިއުޅޭ ހާކާލި ބުރުވާލި މޫކޭ އަކާއި، އޯކޭ އަކާއި، ޖޯކޭއެއް ނޫނެވެ. ހަޤީޤީ ލީޑަރުންނެވެ. ހަޤީޤީ ސިޔާސީ ޝަހުސިއްޔަތު ތަކެވެ. ދިވެހި ޤައުމު ފަހުރުވެރިވީ ވެރީންނެވެ.

މުނައްވަރު (ކ-2):ސިޔާސީ އަދި ގާނޫނީ ބައެއް ބޭފުޅުންނާއެކު އަހަރުތަކެއް ކުރިން…

މުހައްމަދު ނަޝީދާއި އިބްރާހިމް މުހައްމަދު ސޯލިހާއި އެމް.ޑީ.ޕީން ވަނީ އަނެއް ދިވެހި ރާއްޖެއޭ ކިޔައިގެން ދިވެހީންގެ ބޮލަށް ޗިޕް ޖަހާފައެވެ. މިޤައުމު ފަސާދަކޮށް، ޤައުމުގެ އަސްލު، ތެދުވެރި ލީޑަރުން ބާކީކޮށް، ތަންތަނުގައި ތިބި ވަގުންނާއި ފާޚިޝް އަމަލު ކުރާ ފާސިގުން އިސް މަޤާމް ތަކަށް ގެނެސް، ދިވެހި ޤައުމުގެ ދުވަސް ދުއްވާލާފައެވެ. މިޤައުމު މިވަގުތަށް އެންމެ ބޭނުން އެއް ކަމަކީ ހަމަ ވަރުގަދަ ޒުވާން ޖީލެއް އުފެއްދުމެވެ. ދީންވެރި، ވަތަނީ، ހިންގުންތެރި، މުރާލި ލީޑަރުން ތަކެއް އުފެއްދުމެވެ. އެއީ ސިޔާސީ ކަމެއް ނޫނެވެ. ނަމަވެސް އެކަން ކުރެވޭނީ ސިޔާސީ ބަޔަކަށެވެ. މިހާރު މިތިބަ މީހުންނަކަށް އެކަމެއް ނުކުރެވޭނެއެވެ؛ އަދި ނުވެސް ކުރާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
91

One Response

  1. މީނާ ރަގަޅު ޥަނީ ރެސްޓް ކުރަން. ބަލި ހާލަތު ހުރި ގޮތުން ވެރިކަން ކުރަން ފިޓެއް ނޫން. އަދި ވިލާތުޖޫސް ބުއިން ހުއްޓާލަން ޖެހޭ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *