Support Us

ތިނަދޫ މަގުތަކުގައި ވެހިކަލްތައް ދުއްވަނީ: ކަރަންޓުގެ އަގު ބޮޑުވުމަކީ ހުރިހައި ވިޔަފާރިވެރިންގެ ޝަކުވާއެއް -ފޮޓޯ: މުހައްމަދު އަޚުތަރު

ކަރަންޓު އަގުބޮޑުވެގެން ތިނަދޫ 14 ރެސްޓޯރެންޓެއް ބަންދުކޮށްފައި

ކޮންމެ ބަޔަކުވެސް ސަރުކާރާ ހަވާލު ވަނީ ސަޅި ވައުދުތަކެއް ވަމުންނެވެ. ފްލެޓުގެ ވާހަކައާއި ވަޒީފާގެ ވާހަކައެވެ. މުދަލާއި ކާޑުގެ އަގު ހެޔޮ ކުރާނެ ވާހަކަ އާއި ކަރަންޓުގެ އަގު ހެޔޮ ކުރާނެ ވާހަކައެވެ. ސިއްހީ ހުރިހާ ކަމެއް ހަމަޖައްސާނެ ވާހަކައާއި ބޭސް ސިޓީ އަށް ސަލާން ޖަހަން ނުޖެހޭނެ ވާހަކައެވެ. އެކަމަކު ވެރިކަމަށް އައުމުން ފެންނަނީ ތަފާތު މަންޒަރެކެވެ. ބޭސް ސިޓީ އަށް ވެސް އާންމު ރައްޔިތުން ޖަހަނީ ސަލާމެވެ. ކަރަންޓުގެ އަގުބޮޑު ވާހަކަ އަބަދުހެން ދައްކައެވެ. ފްލެޓުގެ ވާހަކަވެސް ހަމަ އެހެންނެވެ.

ކަރަންޓުގެ އަގު ބޮޑޭ ބުނާކަށް ނެތީމެވެ. ރައީސް ޔާމީންގެ ވެރިކަމުން ފެށިގެން މިއަދާ ހަމައަށް ގދ. ތިނަދޫން އެކަނިވެސް 14 ވަރަކަށް ރެސްޓޯރެންޓު ބަންދުކުރިއެވެ. ކަރަންޓު ބިލުތައް ބޮޑުވެގެންނެވެ. މިއީ ހަމައެކަނި ރެސްޓޯރެންޓެވެ. ކުދި ވިޔަފާރިކުރާ ކިތައްމެ ބަޔަކު ކަރަންޓު ބިލުގެ ސަބަބުން ބަނގުރޫޓުވެ ހިނގައްޖެއެވެ. މޮޅު ދިރާސާއެއް ނެހެދިއެއް ކަމަކު ރަށުގައި އުޅޭ މީހަކަށް ވާތީ ވަރަށް ރަނގަޅަށް އެނގެއެވެ.

"ވަރަށް އުއްމީދާއެކު މަސައްކަތް ފެށީ. ކުރިން މަސައްކަތްކޮށް ބަންދުކޮށްފައި ހުއްޓާ އެތަން ހިފައިގެން މަސައްކަތް ކުރަން ފެށީ. ހުރިހާ ސާމާނެއް ގަނެގެން މަސައްކަތް ފަށައިގެން ހަމަ ކަރަންޓުގެ މައްސަލާގައި ހުއްޓާލަން ޖެހުނީ،" ކުރިން ބަންދުކޮށްފައި ހުރި ރެސްޓޯރެންޓެއް އަލުން ހުޅުވައިގެން ކުރިއަށް ގެންދަން މަސައްކަތް ކުރި މީހަކު ބުންޏެވެ.

ވިޔަފާރިތަކަށް ވަކި އަގެއް، އާންމު ރައްޔިތުންނަށް ވަކި އަގެއް ހަމަޖެއްސީ ރައީސް ޔާމީނުގެ ސަރުކާރުގައެވެ. އޭރުއްސުރެން ފެށިގެން ކަރަންޓުގެ އަގާމެދު ވިޔަފާރިވެރިން ދަނީ ޝަކުވާ ކުރަމުންނެވެ. އެހެންނަމަވެސް އެވާހަކަތައް އަޑުއަހާނެ ބަޔަކު ނެތެވެ.

ކަރަންޓުގެ މައްސަލާގައި ދިމާވާ އަނެއް ކަމަކީ ޖޫރިމަނާގެ މައްސަލައެވެ. ރައީސް ނަޝީދުގެ ސަރުކާރުގައި ވަރަށް ގިނަ މީހުން ބިލުތައް ނުދައްކައި ބެހެއްޓިއެވެ. ބިލުތައް ދެއްކުވުމަށް އޭރު މާބޮޑު ބާރެއް އެޅިފައެއް ނުވެއެވެ. އޮތީ ސިޔާސީ ވިސްނުންތަކަށް ބަލައި ވަރަށް ބޮޑަށް ދީލާލެވިފައެވެ. ނަތީޖާއަކަށްވީ ކުރިން ނުދައްކާހުރި ބިލްތައް ދެއްކުވުމަށް ކޮންމެވެސް ވަރެއްގެ ހަރުކަށިކަމެއް ދެން އައި ސަރުކާރުން ގެންގުޅުމެވެ. އެހެންނަމަވެސް އެވެރިކަމުގައި ވެސް ނުދައްކާ ހުރި ބިލްތަކަށް ފައިސާ ވެއްދިފައެއް ނުވެއެވެ.

މިކަމާ ގުޅިގެން ބައެއް ތަންތަނުން ކަރަންޓު ކަނޑާލިއެވެ. އަދިއަދަށްވެސް އެތަންތަނަށް ކަރަންޓުގެ ޚިދުމަތެއް ނުދެއެވެ. ޚިދުމަތް ނުދިނެއް ކަމަކު ޖޫރިމަނާއަށް އަރާ ފައިސާގެ ބިލް އެތަންތަނަށް ބަރާބަރަށް ދަނީ ފޮނުވަމުންނެވެ. ޖޫރިމަނާގެ ގޮތުގައި ދެހާސް ތިންހާސް ރުފިޔާގެ ބިލްތައް ފޮނުވަމުން އެބަގެންދެއެވެ. ކޮވިޑާ ގުޅިގެން އަވައްޓެރި އިންޑިޔާގައިވެސް މިއަހަރުގެ  މާޗުމަހުގެ 22 ވަނަ ދުވަހުން ފެށިގެން ކަރަންޓު ބިލްތަކުގެ ޖޫރިމަނާ ނެގުން ވަނީ ހުއްޓާލާފައެވެ.

"ކަރަންޓު ކަނޑާލާފައި އޮންނަތާ މިހާރު ގާތްގަނޑަކަށް ހަތަރުވަރަކަށް އަހަރުވެއްޖެ. ޚިދުމަތެއް ހަމަ ޔަގީނުންވެސް ނުލިބޭ. ކަރަންޓު ބިލެއް އާދޭ ކޮންމެ މަހަކު. ދެހާސް ކޮންމެވެސް ވަރެއް އަރާފައި އޮވޭ ބިލުގައި. ކަރަންޓު ނެތުމުގެ ސަބަބުން ވިޔަފާރިކުރުން ވަނީ ބަންދުކުރެވިފައި. އެހެން ހުންނަތާ ހަތަރު ވަރަކަށް އަހަރު ވެފައިވާ ވާހަކަ މިބުނީ. ދެން ބިލު ދައްކާނެ ގޮތެއް އަދި ނުވެގެން މިއުޅެނީ،" ވިޔަފާރިން ރަނގަޅު ނަފާއެއް ކުރިން ހޯދަމުން އައި މީހަކު ބުންޏެވެ.

ކަރަންޓަކީ އަސާސީ ޚިދުމަތަކަށް ވާއިރު އެޚިދުމަތުން ނަގަމުން އަންނަނީ އިންތިހާއަށް ބޮޑު އަގެކެވެ. ކަރަންޓު ބިލްތައް ނުދައްކައި ހުރީ ޚިދުމަތް ލިބޭ ފަރާތާއި ޚިދުމަތް ދޭފަރާތުގެ އިހުމާލުންނެވެ. ވިޔަފާރިއަކީ ދެފަރާތް އެއްބަސް ވެގެންކުރާ ކަމަކަށްވެފައި މައްސަލަ ދިމާވުމުން ފެނަކައިން ކަސްޓަމަރުންނާ މެދު ޢަމަލު ކުރަނީ އަޅުވެތިކޮށްފައިވާ ބައެއްގެ ގޮތުގައެވެ. ނުދެއްކި ހުރި ބިލްތައް ދައްކަމުން ދާންޖެހެނީ ސީދާ އެކުންފުނިން ބުނާ ގޮތަކަށެވެ. އަނިޔާ ލިބިފައިވާ މީހާގެ އަޑުއެހުމެއް ނެތެވެ. އަދި ފަސޭހަ ގޮތަކަށް ބިލްތައް ދެއްކޭނެ މަގެއް ވެސް ނުދައްކައެވެ. ނަތީޖާއަކީ ކުދި ވިޔަފާރިތައް ބަންދުކުރަންޖެހުމެވެ.

"ލައްކައެއްހާ ރުފިޔާ އަރާފައި އޮންނަ ބިލުގެ ދެބައިކުޅަ އެއްބައި ދައްކަން މިއަންގަނީ. ކިހިނެއް އެކަން ކުރާނީ. ދިގު މުއްދަތަކަށް ބަހާލައިގެން ދެއްކޭނެ ގޮތްވެސް ހެދޭނެތާ. އެހެން ނުވުމުން ވިޔަފާރި ހުއްޓާލަން މިޖެހެނީ،" ތިނަދޫ ވިޔަފާރިވެރިއަކު ބުންޏެވެ.

"ކަރަންޓުގެ އަގެ ބޮޑޭގެ ވަރަންއަސް ދަތިބޮޑޭގެ،" އޭ ބުނަމުން ތިނަދޫ ރައްޔިތުންވެސް ވޯޓުދީގެން މިސަރުކާރު ގެނައީ ވަރަށް އުންމީދުގައެވެ. އެކަމަކު ނަތީޖާ ސުމެކެވެ. އޮތީ މެނޭޖަރު މާލޭގައި ހުރެގެން ފައިސާ ގުނުމެވެ. ރައްޔިތުންނަށް އޮތީ ކޮންމެ ގޮތެއް ހަދާފައިވެސް އެމީހުން ބުނިގޮތެއް ހެދުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
24
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *