...

Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: މީ ސިޔާސީ ވާހަކައެއް ނޫނެވެ. ހަމަ ހަވާލޭ ވަތަނެވެ!

އިސްކަންދަރު ސްކޫލްގެ އިންޑިއާ ޓީޗަރަކު އެ ސްކޫލްގެ ފިރިހެން ދަރިވަރަކާ ޓިއުޝަން ގަޑީގައި، އެ ކުއްޖާގެ ގޭތެރޭ ކޮޓަރިއެއްގައި، އެއްޖިންސުން ގުޅުން ހިންގަނިކޮށް ރެޑް ހޭންޑްކޮށް ހިފުމުން އެޓީޗަރު ހައްޔަރުކުރިއެވެ. އޭގެ އަނެއް ދުވަހު ސްކޫލްގެ މެނޭޖްމެންޓުން ބަޔާނެއް ނެރެފައި މިބުނަނީ ސްކޫލްގައި ދަރިވަރުންގެ ސަލާމަތް ގެރެންޓީ ކުރެވިފައިވާ ކަމަށެވެ. ސްކޫލްގެ މުދައްރިސުން ސްކޫލް ދަރިވަރުންނާ އެކު އެއްޖިންސުން ގުޅުން ހިންގަނީ އެވެ. ދަރިވަރުންގެ ސަލާމަތް ގެރެންޓީ ކުރެވޭނީ އެހާކަންހާވަރަށެވެ.

މި ހަފްތާގައި މިއަޑު އިވެނީ އިމާދުއްދީން ސްކޫލްގެ ޓީޗަރަކު ބަންގްލަދޭޝްގެ އަލަމްގީރު ނަމަކަށް ކިޔާ މީހާއާ އެކު ގްރޫޕް ހަދާފައި އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ލީކްވެގެން އެޓީޗަރު ސަސްޕެންޑްކުރި ވާހަކައެވެ. އިމާދުއްދީން ސްކޫލުން ވެސް ދެން ނެރޭނީ އެފަދަ ބަޔާނެކެވެ. ދަރިވަރުންގެ ސަލާމަތް ގެރެންޓީ ކުރެވިފައިވާ ކަމަށް ބުނާނެއެވެ!

އިމާދުއްދީން ސްކޫލްގެ ޓީޗަރާއި އަލަމްގީރާ އެކު ގްރޫޕް ހަދާފައި އެއް ޖިންސުން ގުޅުން ހިންގާތަން ފެންނަ އަނެއް މީހާ އަކީ ހޯމް މިނިސްޓްރީގެ ކުޑަ ކުދީންގެ ހައްޤުތަކާ ބެހޭ ޔުނިޓްގެ އިސްވެރިއެއް ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ. އެމީހާ ވެސް މިހާރުވަނީ ސަސްޕެންޑް ކޮށްފައެވެ. ކުޑަކުދީންގެ ހައްޤުތައް ހޯދައިދެވޭނީ އެހާކަންހާވަރަށެވެ. ކުޑަކުދީންގެ ހައްޤުތައް ހޯދައިދޭން ހުންނަ ވެރިމީހާ މި އޮންނަނީ ބަންގާޅު ފިރިހެނެއްގެ އުނގަށް ވެއްޓި ފާހިޝް އަމަލު ހިންގާށެވެ. ސަހަރޯއެވެ!

އަލަމްގީރާ އެކު 250 ވަރަކަށް ދިވެހި ފިރިހެނުން މިނުބައި އަމަލު ކުރިކަމަށް މީޑިއާ ތަކުގައި ރިޕޯޓް ކޮށްފައިވާއިރު މިހާތަނަށް ވީޑިއޯ ލީކްވެގެން ހައްޔަރުކޮށްފައި ވަނީ ނުވަތަ ސަސްޕެންޑް ކޮށްފައި ވަނީ ހައެއްކަ މީހުންނެވެ. މީގެ ފަސް ވަރަކަށް މަސް ކުރީން، މާޗް މަހުން ފެށިގެން، ފުލުހުން އަތުގައި މިވީޑިއޯތައް ހުރިކަމަށް ފުލުހުން ބުނެފައިވާއިރު ކޮންމެ މީހަކުވެސް މި ހައްޔަރު ކުރަނީ ވީޑިއޯއެއް ލީކް ކޮށްލުމުންނެވެ. އިމާދުއްދީން ސްކޫލްގެ ޓީޗަރަކު އެކަން ކުރިކަމުގެ ވީޑިއޯ ހެކި ފުލުހުން އަތުގައި ހުރެ އެކަން ހާމަނުކޮށް ހުރުމުން ފާއިތުވި ފަސް މަސް ދުވަހު އެސްކޫލްގެ ކުދީން އެވަނީ އެއް ޖިންސުން ގުޅުން ހިންގާ ފިރިހެން ޝައިތާނެއްގެ ނުރައްކަލަށް ހުށަހެޅިފައެވެ. މި ލިސްޓުގައިވާ 250 މީހުންގެ ތޭރޭގައި ޓީޗަރުންނާއި ލޯޔަރުންނާއި ސިޔާސީ މީހުންނާއި ނޫސްވެރީންނާއި ފުލުހުންނާއި އެނޫންވެސް ޒިއްމާދާރު ދާއިރާތަކުގެ ބޮޑެތި ފިރިހެނުން ހިމެނޭ އިރު މިލިސްޓު ހާމަނުކޮށް މުޅި ޤައުމާއި ޤައުމުގެ ކުޑަ ކުދީން މިނުރައްކަލަށް ދޫކޮށްލައިގެން ސަރުކާރާއި ފުލުހުންގެ އިދާރާ އޮތުމަކީ ވެވޭ ވަރަށް ބޮޑު އިހުމާލެކެވެ. ވަރަށް ނުރައްކާތެރި ކަމެކެވެ.

ޤައުމުގައި މިފަދަ ދަށުދަރަޖައިގެ އަމަލު ފެތުރުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ސްމާޓް ފޯން އާއްމުވުމެވެ. އިންޓަނެޓް ބްރައުޒަރއިންނާއި، އިންސްޓަގްރާމާއި ޔޫޓިއުބް ފަދަ ސޯޝަލް މީޑިއާ ތަކުންވެސް އެއްވެސް ހުރަހެއް ނެތި އޮރިޔާން ކާޑާއި އޮރިޔާން ވީޑިއޯތައް ފެނުމެވެ. ދެޖިންސުގެ ބޮޑެތި މީހުން އިން ފެށިގެން މަދަރުސާ ކުދީންނާއި ކުޑަ ކުދީން އަތުގައި ވެސް މިހާރު އިންޓަނެޓަށް ވަދެވޭ ސްމާޓް ފޯނާއި ޓެބްލެޓްތައް ވަނީ އާއްމުވެފައެވެ. އެފަދަ ގެޖެޓް ތަކުން އެއްވެސް ހުރަހެއްނެތި ބޭނުން އެއްޗެއް ޖަހައިގެން، ސާޗް ކޮށްގެން، ފޮޓޯ އާއި ވީޑިއޯ ބަލައި، ޖިންސީ ގްރޫޕް ތަކަށް ވަދެ، އެފަދަ މީހުންނާ ބައްދަލުކޮށްވެސް ހަދަނީ އެވެ.

ސުވާލަކީ އުރީދޫ އާއި ދިރާގުން މިފަދަ ވަހުޝީ ސައިޓުތަކާއި މަންޒަރުތައް ބްލޮކް ނުކުރަނީ ކީއްވެގެން ހެއްޔެވެ؟ އުރީދޫގެ މަސްއޫލްވެރިއަކާ މި ސުވާލު ކުރުމުން މިދިޔަ ހަފްތާގައި ޖަވާބު ދިން ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފައިވަނީ، ސަރުކާރުން އަންގައިފިނަމަ އުރިދޫއިން އެފަދަ ސައިޓުތައް ބްލޮކް ކުރާނެ ކަމަށެވެ. މިއީ ވަރަށް ޒިއްމާދާރުކަން ކުޑަ ޖަވާބެކެވެ. ސަރުކާރުން ބުންޏަސް އަދި ނުބުންޏަސް މުއާސަލާތީ ކުންފުނިތަކުން އަމިއްލައަށް އިސްނަގައިގެން ވެސް މިފަދަ ސައިޓުތައް ބްލޮކްކުރަން ޖެހޭނެއެވެ. ބްލޮކް ނުކޮށް، އެފަދަ ސައިޓުތަކަށް ވަނުމުން އެކަމަށް އަގު ނަގައިގެން، ދިރާގާއި އުރީދޫއިން އެކުރާ ކަމަކީ އެހެން ވެއްޖެއްޔާ އޮރިޔާން ކާޑު ވިއްކުމެވެ.

ރާއްޖޭގެ މުއާސަލާތީ ދެ ކުންފުނިން އޮރިޔާން ކާޑު ވިއްކައިގެން ރައްޔިތުން އަތުން ހެސްކިޔާފަ ފައިސާ ނަގައިގެން ކުންފުނިތަކުގެ ވެރީން މަހުޖަނުންނަށް ވަނީއެވެ. އެ ކުންފުނި ތަކުން ސަރުކާރަށް ދައްކާ ޑިވިޑެންޓާއި ޓެކްސް އިން ސަރުކާރަށް ހެސްކިޔާފަ ފައިސާ ލިބެއެވެ. ރައްޔިތުންގެ ބޭންކުން ހެސްކިޔާފަ ރިބާ ކައިގެން ނަގާ ފައިދާ އިން ސަރުކާރަށް އެތައް މިލިއަން ރުފިޔާ ކޮންމެ މަހަކު ލިބެއެވެ. މިއީ ސަތޭކަ ޕަސެންޓް އިސްލާމީ ދައުލަތެއް ކަމަށް ދައުވާކުރާ ދިވެހި ޤައުމުގެ ހާލެވެ.

ކަން މިހެން އޮތް އިރު އަލަމްގީރުގެ ސިލްސިލާ އާއި އެނޫންވެސް އެއް ޖިންސުގެ ކުޅިވަރުތައް ފަޅާއެރުމުން ހައިރާންވާކަށް ނުޖެހެއެވެ. ހިތަށްވެސް ނާރާ ފަދަ، ޤަބޫލް ކުރަން ވެސް ދަތިވާ ފަދަ މީހުން އަލަމްގީރާ އެކު އެއްދާން ކޮށްފައިވާނެކަން މިހާރު ޔަޤީނާ ގާތަށް އެންމެނަށް ވެސް އެނގެއެވެ. ދިވެހި އޮންލައިން ވެބްސައިޓެއް ހުޅުވާލިއަސް، ދިވެހި ޓީވީ ޗެނެލެއް ހުޅުވާލިއަސް މިހާރު މުޅިން އިވެނީ އެވާހަކައެވެ. މުޅި ޤައުމުގެ އަގު ވެއްޓިއްޖެއެވެ. އެބުނާ "ކާފަރު" ޤައުމު ތަކުގެ ހާލުވެސް މިހާ ދަށު ދަރަޖައަކަށް ނުވެއްޓެއެވެ. މި ދިވެހި ޤައުމުގެ އަގު ވެއްޔާ މޮޑެވިއްޖެއެވެ. ސިޔާސީ މީހަކަށް، ފުލުހަކަށް، ޓީޗަރަކަށް، ލޯޔަރަކަށް، ނޫސްވެރިއަކަށް، ނުވަތަ އެހެން ވެރިއަކަށް ވެސް މިހާރު އިތުބާރެއް ނުކުރެވޭނެވެ.

އަދިވެސް މި ތިބެނީ މާބޮޑު ކަމެއް ނުވާ ކަމަށް ހެދިގެން، ހޯމް ސްކޫލިންގް މަނާކޮށްގެން، ސްކޫލްތަކަށް ކުދިން ފޮނުވުމަކީ ވާޖިބަކަށް ހަދައިގެންނެވެ. އެސްކޫލް ތަކަަށް ގޮސް ކޮންމެ ފަދަ ނުބައިކަމަކަށް ކުދީން ހުށަހެޅުނަސް މިބުނަނީ ކުދީންގެ ސަލާމަތް ގެރެންޓީ ކުރެވިފައިވާ ކަމަށެވެ. މިހާރު ސޯޝަލް މީޑިއާގަ އާއި އެކަކު އަނެކަކު ވާހަކަ ދައްކާ އިރު ޖޯކަކަށް ބޭނުން ކުރާ ބަހަކަށް " އަލަމްގީރު" ވެއްޖެއެވެ. އެއްޖިންސުން ގުޅުން ހިންގުމަކީ އޯކޭ ކަމަކަށްވެ ނިމެނީ އެވެ. ލަދުހަޔާތް ކެނޑި ނިމިއްޖެއެވެ.

ދިވެހި އޮންލައިން ނޫސްތަކުން އެންމެ ގިނައިން މިހާރު ފެންނަ އެއް ޚަބަރަކީ ބޮލީވުޑްގެ ފިރިހެން އެކްޓަރ ރަންވީރު ސިންގުގެ ބަރަހަނާ ފޮޓޯތަކެއް ބޭރުގެ ނޫހެއްގައި ޖެހިވާހަކައެވެ. ސިއްރަކުން ނޫނެވެ. ރަންވީރަށް އަގު ދީފައި، އޭނަގެ ހުއްދައާ އެކު ނެގި ފޮޓޯތަކެކެވެ. އަދި އެފަދަ ދެވަނަ "ބަރަހަނާ" ފޮޓޯ ޝޫޓެއް ބާއްވަން އުޅޭ ޚަބަރު ވެސް ދިވެހި ނޫސްތަކުން އެބަ ފަތުރައެވެ. މިއީ ކޮންފަދަ ބޮޑު ނުބައި ކަމެއް ހެއްޔެވެ؟ ޖީލެއް ހަލާކުކޮށްލަނީ އެވެ. މިކަހަލަ "ޚަބަރު" ނޫސްތަކުގައި ޖެހުމަކީ ވެސް ކަނޑައެޅިގެން ފާޚިޝް އަމަލު ތަކަށް ހުޅުވާލާ މާސިންގާ ދޮރެކެވެ. އެކަން އޯކޭ ކަމަކަށް ހެދުމަށް، ނުވަތަ އާއްމު ކަމަކަށް ހެދުމަށް ހުޅުވާ ބޮޑު ދޮރެކެވެ.

އޮގަސްޓް 19 ވަނަ ދުވަހުގެ ރޭ ޕީ.ޕީ.އެމްގެ ރިއާސީ ޓިކެޓް ރައީސް ޔާމިނާއި ހަވާލްކުރަން ބާއްވާ ބޮޑު ޖަލްސާގެ ނަމަކަށް ދީފައިވާ "ހަވާލޭ ވަތަން" އަކީ މިވަގުތާ ވަރަށް ގުޅޭ، މުނާސަބު ނަމެކެވެ. ކޮންމެވެސް އެހެން ބަޔަކު މިޤައުމާއި މިވަތާނާއި "ހަވާލުވެ" މިނުބައި ވަޅުގަނޑުން ދިވެހީންނާއި ދިވެހި ޤައުމު ނަގަން އެބަޖެހެއެވެ. ޤައުމު ސަލާމަތް ކުރަން އެބަޖެހެއެވެ. މިހާރު މިތިބަ މީހުންނަކަށް މީ މާބޮޑު ކަމަކަށް ވެގެން އުޅޭތަނެއް ނުފެނެއެވެ. ކުޅެނީ ހުސް ޑްރާމާ އެވެ. ރައީސް ނަޝީދުގެ ފޯނު ލަންޑަނުގައި "ފޭރިގެން" ކަހަލަ ޑްރާމާއެވެ. މިއީ ހަމަގައިމުވެސް ވަތަން އެދޭ ގޮތެއް ނޫނެވެ. ވަތަންގެ ރައްޔިތުން، ވަތަންގެ ޒުވާނުން ތެދުވެ ވަތަން އެދޭ ގޮތަށް މިކަން ނިމަން އެބަޖެހެއެވެ. ގުލްޒާރުގާ ނަޔާމަގޭ، ނޫރާނިމާ ފޮޅުވަން އެބަޖެހެއެވެ. އެމް.ޑީ.ޕީ އަކަށް، ނަޝީދަކަށް، އިބޫ އަކަށް އެކަމެއް ނުވިއެވެ. ހަވާލޭ ވަތަން!

 

====================================

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
4

3 Responses

  1. އެއްޖިންސުން ގުޅުން ހިންގުން ސުރުހީތަކުގައި އޮތެއް ކަމަކު މި ވީޑިއޯތަކަކީ ނާސި ފިރިހެނުން ކައިރިއަށް ގޮސް ފައިސާއަށް ނުވަތަ ބިޒްނަސް ކަންކަމުގައި ހަށި ވިއްކުން. ދައުވާވެސް ކުރަން ޖެހޭނީ އެ ކުށުގައި. ކާނަލް ނަސީދުވެސް ބުނީ ކޮޓަރިއަކަށް ދިޔައީ ބިޒްނަސް ކަމަކުގައޭ.

  2. ބުޝްރީ ފަދަ ތަންދޮރު ދަންނަ ބޭފުޅަކު މިކަހަލަ ދެއުޅިއެއްނުވާ ވާހަކަ ދެއްކުމުން ވަރަށް ހައިރާންވޭ. އެއްޖިންސުގެ ގުޅުން އާންމުވީ ސްމާޓް ފޯނަތަކާއި ސޯޝަލް މީޑިއާގެ ސަބަބަކުންނޫން. މީގެ 90 އަހަރު ކުރިން ޝަމްޝުއްދީން ރަސްގެފާނު ގެ ވެރިކަން ވެއްޓުނީވެސް ބޮޑު އަލަމް ގިރިއެއްގެ ސަބަބުން. އެއީ ދިވެހި ތާރީޚް ދުއް އެންމެ ބޮޑު އަލަމްގިރި އިއްޒުއްދީން ގެ ސަބަބުން. އެއީ ރަސްގެފާނު ގެ ދަރިކަލުން. ދެން މުހައްމަދު އަމީން ގެ ވެރިކަން ވެއްޓުނީވެސް އަލަމްގިރި ކުޅިވަރު ހުއްޓުވަން އަމީން މަސައްކަތްކުރެއްވުމުން އޭރުގެ އެންމެ ބޮޑު އަލަމްގިރި ބަޣާވަތްކުރެއްވުމުން. މި ތާރީކީ ހަގީގަތްތައް ދިވެހި ތާރީކު ދަންނާނެ. މިއަދުވެސް ދިވެހި ނޫހެއްގައި އޮތް އިއްޒުއްދީން ގެ އަލަމްގިރި ކުޅިވަރު މުލިއާގޭގައި ހިންގިވާހަކަ އާއި އޭގެ އާޚިރު ނަތީޖާ. މިއަދުގެ ތަފާތަކީ ޓެކްނޮލޮޖީ އާންމުވެ ކޮންމެ މީހެއްގެ ސްމާޓް ފޯންގައި ކެމެރާ ހުރެ ވަރައް ފަސޭހައިން ރެކޯޑް ކުރެވޭގޮތްވުން. ފޮޓޯ އާއި ވީޑިއޯ އާންމު ނުވުމަކީ އެކަމެއް ނުކުރުމެއްނޫން. މިއީ ފެށުނީއްސުރެ މިގައުމުގައި އޮންނަ ސަގާފީ ކުޅިވަރެއް. އެއް ޒަމަނެއްްގައި މިއައް މިސުރު ކުޅިއޭ ވެސް ކިޔާ އުޅުނު. އެއީ މިސުރުން ކިޔަވައިގެން އަންނަ ގިނަ މީހުން ގެ މި ސަގާފީ ކުޅިވަރު ބޮޑުވީމަ. އެޒަމާނުގައި މޮބައިލް ފޯން ކީއްކުރަންޓޯ އާދައިގެ ލޭންޑްލައިނާއި ޓީވީ ވެސް ނުހުރޭ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.