އިންޑިއާގެ ވިޔަފާރިވެރިން ރާއްޖޭގައި އިންވެސްޓް ކުރުމަށް ދަޢުވަތު ދެއްވައި، ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ފަހި މާހައުލެއް ޤާއިމުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވައިފިއެވެ.
އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބޭއްވި އިންޑިއާ- މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ކޯވިޑް-19ގެ ބަލިމަޑުކަމަށްފަހު ރާއްޖެއިން މިހާރު ގެންދަނީ މުހިންމު ބޮޑެތި ބަދަލުތަކެއް ގެންނަމުންކަން ފާހަގަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން އަމާޒުހިފާފައި ވަނީ ވިލުންތެރި، ތިމާވެށްޓާ ރަޙްމަތްތެރި އަދި ސިންދަފާތު އިޤްތިޞާދެއް ބިނާކުރުމަށް ކަމަށާއި، އެހެންކަމުން އިޤްތިޞާދުގެ ތެރެއިން ތަފާތު އިންވެސްޓްމަންޓްތަކަށް ގިނަ ފުރުޞަތުތަކެއް ރާއްޖޭގައި ހުޅުވިފައި އޮންނާނެ ކަމުގައެވެ.
އެމަނިކުފާނު ވަނީ ކޮވިޑްގެ ބަލިމަޑުކަމާއެކު ރާއްޖެއަށް ކުރިމަތިވި ދަތިކަމުން އަރައިގަނެ، ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ނިސްބަތްވެސް ކޮވިޑް ބަލިމަޑުކަމުގެ ކުރީގައި އޮތް މިންވަރަށް ރުޖޫޢަ ކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ. ހަމަ އެހެންމެ އެމަނިކުފާނު ވަނީ އިންޑިއާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އެއް މަންޒިލުކަން ފާހަގަ ކުރައްވާފައެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއިން ދެމެހެއްޓެނިވި ތަރައްޤީއަށް ކުރަމުންގެންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވައި، އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ކުރަމުންގެންދާ މަސައްކަތްތައްވެސް ފާހަގަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ތިމާވެށި ހިމާޔަތްކޮށް ޤުދުރަތީ މާހައުލުގެ މުއްސަނދިކަން ދެމެހެއްޓުމަކީ ޒަމާނުއްސުރެ ރާއްޖޭގެ މީހުން ދިރިއުޅެމުންދިޔަ ޤުދުރަތީ މާހައުލާ ގުޅިފައިވާ ޖަޒީރާވަންތަ ދިރިއުޅުން އެގޮތުގައި ކުރިޔަށްގެންދިއުމަށްވެސް ވަރަށް މުހިންމު ކަމެއްކަމުގައި ވިދާޅުވިއެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގާތް ރަހުމަތްތެރި ގުޅުމަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިންޑިއާއަކީ އަބަދުވެސް ބަރޯސާވެވޭ ރާއްޖޭގެ މުހިންމު ބައިވެރިއެއް ކަމުގައެވެ. އެގޮތުން މޯލްޑިވްސް- އިންޑިއާ ޕާރޓްނަޝިޕަކީ ދެ ޤައުމުގައި ހުރި ތަފާތު ވަޞީލަތްތަކާއި ދެ ޤައުމުގެ ސައިޒުގެ ގޮތުން ދެ ޤައުމުގެ ކުރިއެރުމަށްވެސް ފައިދާކުރަނިވި ނަމޫނާ ޕާރޓްނަޝިޕެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނު ވަނީ މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވާނީ، އިންޑިއާއާއެކު ގާތް ރަޙްމަތްތެރި ގުޅުމެއް ބޭއްވުމަށްކަން ފާހަގަކުރައްވާފައެވެ.
އިންޑިއާ– މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވާފައި މިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް އެމަނިކުފާނު އިންޑިއާއަށް ކުރައްވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސްވެރިންނާއި ރާއްޖޭގެ ވިޔަފާރިވެރިން ހިމެނޭ ވަފުދެއް ބައިވެރިވެއެވެ.



advertisment