Support Us

ތިލަމާލެ ބްރިޖްގެ އަމަލީ މަސައްކަތް ރައީސް ސޯލިހާއި މޯދީ ފަށްޓަވައިދެއްވައިފި

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ފަށްޓަވައި ދެއްވައިފިއެވެ.

ބްރިޖްގެ މަސައްކަތް ފެށުމުގެ ގޮތުން ފުރަތަމަ ތަނބުގެ ކޮންކްރީޓް އެޅުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހާއި މޯދީ ބައިވެރިވެވަޑައިގެންނެވީ، ދިއްލީގައި ހުންނަ ބޮޑުވަޒީރުގެ ގެކޮޅު ހައިދަރު އާބާދު ހައުސްގައި ބޭއްވި ރަސްމިއްޔާތުގައި ތިއްބަވައިގެން ވާޗުއަލްކޮށެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ ފުރަތަމަ ތަނބުގެ ކޮންކްރީޓް އެޅުމުގެ މަސައްކަތް ފެށުމަށް، ދިއްލީ އާއި މާލޭގައި އެއްވަގުތެގައި ވަނީ ދެ ރަސްމިއްޔާތު ބާއްވާފައެވެ. އަދި ދިއްލީއަށް މާލޭގެ މަންޒަރުތައް ވަގުތުން ފޮނުވާފައި ވެއެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ މަޝްރޫޢުގެ ތެރޭގައި ހިމެނެނީ، މާލެ އާއި ވިިލިމާލެ، ވިލިމާލެ އާއި ގުޅީފަޅު، އަދި ގުޅީފަޅާއި ތިލަފުށި ބްރިޖްތަކަކުން ގުޅާލުމާއި، މިބްރިޖްތަކާއި ގުޅޭ، މަގުތައް ހެދުމެވެ. މިމަޝްރޫޢުއަކީ އިންޑިއާގެ އެގްޒިމް ބޭންކުންދޭ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކުރެޑިޓާއި އިންޑިއާ ސަރުކާރުންދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގައި ހިންގާ މަޝްރޫޢުއެކެވެ. މިމަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެފްކޮންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑާއެވެ.

ހައިދަރު އާބާދު ހައުސްގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ، މޯލްޑިވްސް-އިންޑިއާ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ކުރަމުން ގެންދާ މަސައްކަތްތައް ގޮސްފައިވާ ހިސާބާ ގުޅޭ ވީޑިއޯއެއްވެސް ދައްކައިފައެވެ. އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ހިންގަމުންދާ 4،000 ހައުސިންގ ޔުނިޓްއެޅުމުގެ މަޝްރޫޢުގެ މައުލޫމާތުވެސް އެވީޑިއޯގައި ހިމަނާފައިވެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *