...

Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ރާއްޖޭގެ ފުނޑިފައިވާ ތައުލީމީ ނިޒާމް އޯވަރހޯލް ކުރުން

* ޤައުމުގެ އެތައް ބަޔަކު ވަނީ ބިދޭސީ މަސައްކަތު ފިރިހެނެއްގެ އުނގަށް ވެއްޓިފައެވެ. ދަރިވަރުގެ ކަންތައް ރަނގަޅު ކުރަން ވިސްނާނެ ވަގުތެއް ވެރީންނަށް ވާނީ ކިހިނަކުން ހެއްޔެވެ؟

* ވިއްސާރަ މޫސުމާ ދިމާވުމުން ޗުއްޓީއަކަށް ވާކަހަލަ ޗުއްޓީއެއް ހޭދަކުރެވުނީ ހަމައެކަނި މަހުޖަނުންނާއި ތަނަވަސް މީހުންނަށެވެ. އެހެން ހުރިހާ ޓީޗަރުންނާއި މައިންބަފައިންނާއި ދަރިވަރުން މި ތިރީހަކަށް ދުވަސް ހޭދަކުރީ ރަށުބަންދުގައެވެ. ފެންބޮޑުވެފައިވާ މަގުތަކުގައި ބަކަތަޅާށެވެ.

* އަހަރީ ޗުއްޓީ އަކީ މަދަރުސާ ކުދީން ހަމައެކަނި މުނިފޫހިފިލުވާ ދުވަސްތަކެއް ނޫނެވެ. އެއީ ތަފާތު ތަޖުރިބާކޮށް، އާއިލާއާ ގުޅުން ބަދަހިކޮށް، މުޖުތަމައުގައި އުޅެން ކުދީންނަށް ދަސްކޮށްދޭ ދުވަސްތަކެކެވެ. އެންމެ 30 ދުވަހަކުން އެކަމެއް ނުވާނެއެވެ.

* މިހާރު މިއޮތް ގޮތުން އަހަރީ ޗުއްޓީގެ 30 ދުވަސް، ހާއްސަކޮށް ބެލެނިވެރީން، ހޭދަކުރަން ޖެހެނީ ކުދީންގެ ބޫޓާއި ދަބަސް އޯޑަރުކޮށްގެން ގަތުމާއި، ފޮތް ލިސްޓް ހަމަކުރުމާއި، ފަހާތަންތަނަށް އާދޭސްކޮށްގެން ޔުނިފޯމް ފެއްސުމުގައެވެ. މިއީ ބެލެނިވެރީންނަށް އެއްވެސް ރެސްޓެއް ނެތް، ދަރިވަރުންނަށް މުނިފޫހިފިލުވުމެއް ނެތް، ޓީޗަރުންނަށް އަރާމެއް ނެތް "ޗުއްޓީ" އެކެވެ.

* ޗުއްޓީ ކުރުކޮށްފިއެވެ. ހޯމް ސްކޫލިންގ މަނަލެވެ. ހުރިހާ ކުދީން ސްކޫލަށް ފޮނުވުން މަޖުބޫރެވެ. އެކަމަކު ސްކޫލްތަކުން ކިޔަވައިގެން ނިކުންނަ ގިނަ ކުދީންގެ ދީންވެރިކަމެއް ނުހުރެއެވެ.

* މުޅި ސްކޫލް ނިޒާމް ބިނާވެފައިވަނީ ދަރިވަރުން އެކަކު އަނެކަކާ ވާދަކޮށް، އެކަކު އަނެކަކުގެ ބޮލަށް އަރައި، ގިއްގަޅުވާލައިގެން އެކަކު އަނެކަކާ ވާދަކުރުމުގެ މުބާރާތެއް ގޮތަށެވެ.

* އިސްލާމީ ތަރުބިއަޔަތާއި، ދިވެހީންގެ ސަގާފަތާއި އާދަކާދަތައް، އަދި ދިވެހި މާހައުލަށް މުހިއްމު ހުނަރުތައް އާލާވާ ގޮތަށް ދިވެހީންގެ އަމިއްލަ ތައުލީމީ ކަރިކިއުލަމެއް ގްރޭޑް 10 އާއި ހަމައަށް އުފައްދަން ޖެހެއެވެ.

* ސްކޫލް ތަކާއި މުޅި ޒުވާން ޖީލު ހަލާކުވެގެންދާއިރު ސިޔާސީ ލީޑަރުން އެތިބީ އެމީހުންގެ އަމިއްލަ މަސްލަހަތު ހިމާޔަތް ކުރުމުގައި ގާފިލްވެފައެވެ. މިއީ މިއަދުގެ ދިވެހި ރާއްޖޭގެ ހާލެވެ.

* މަދަރުސާތަކަށް ސަމާޓް ފޯނު ވެއްދުން ދަރިވަރުންނަށް މަނާ ކަމަކަށް ހަދަން ޖެހެއެވެ. ޓިއުޝަނުން މާލީ އެތައް ފައިދާއެއް ނަގަމުންދާ ބިދޭސީ ޓީޗަރުންގެ މަކަރުވެރި ޓިއުޝަން މަޅީން ކުދީން ސަލާމަތްކޮށް، ޓިއުޝަން ނެގުމުގެ ސަގާފަތް އުވާލަން ޖެހެއެވެ.

* މަދަރުސާތަކަކީ ކުދީންނަށް ހުނަރާއި ދީން ދަސްކޮށްދީ، ރަނގަޅު އަހްލާގެއް ދަސްކޮށްދޭ، ހަޤީގަތުގައިވެސް ވަށާ ޖެހިފައިވާ ނިޒާމަކަށް ހަދަން ޖެހެއެވެ. އަމިއްލަ އެދުމުން ފޯވެފައިވާ ސިޔާސީ ލީޑަރުންނަށް އިތުބާރު ކުރުން ހުއްޓާލައި އަމިއްލަ ދަރީންގެ ކުރިމަގު ބައްޓަން ކުރަން ބެލެނިވެރީންނާއި ދިވެހި ރައްޔިތުން އަތުކުރި އޮލާލައިގެން ނިކުންނަން ޖެހެއެވެ. ގާފިލްކަމުގެ ނިދީން ހޭލައި، މިހާރު މިއޮތް ތައުލީމީ ނިޒާމަކީ ދީންވެރި، ހުނަރުވެރި، ޤާބިލް ޖީލުތަކެއް ބައްޓަންކުރާ ނިޒާމަކަށް ބަދަލުކުރަން ޖެހެއެވެ.

ފެންފުއްޓަށް އުދައަރަނީ -ފޮޓޯ: މީސްމީޑިއާ

މާމޮޅު ބޮޑު ޗުއްޓީއެއް މިއޮއްގެން ނިމެނީއެވެ. ޓީޗަރުންނާއި ދަރިވަރުން ތިބެން ޖެހުނީ ރަށުބަންދުގައެވެ. ޒަމާނުއްސުރެ އަހަރު ފަހުކޮޅު (ޑިސެމްބަރުން ޖަނަވަރީ އަށް) ލިބެމުން އައި ބޮޑު ޗުއްޓީ އަހަރުގެ މެދުތެރެއިން އަންނަ ޖުންޖުލައިގެ އެންމެ ވިއްސާރަ ދުވަސްވަރަށް މި ސަރުކާރުން ބަދަލުކުރީ ހިތުން މާމޮޅު ކަމެއް ކުރުމުގެ ގޮތުންނެވެ. ކަންވީ ދިމާ އިދިކޮޅަށެވެ. ޖުލައި 31 އިން އޮގަސްޓް ހަތަކަށް ދިން ތިރީހަކަށް ދުވަހުގެ ޗުއްޓީ މާކުރެވެ. ކުރުވުމުގެ އިތުރުން ވިއްސާރަ މޫސުމާ ދިމާވުމުން ޗުއްޓީއަކަށް ވާކަހަލަ ޗުއްޓީއެއް ހޭދަކުރެވުނީ ހަމައެކަނި މަހުޖަނުންނާއި ތަނަވަސް މީހުންނަށެވެ. އެހެން ހުރިހާ ޓީޗަރުންނާއި މައިންބަފައިންނާއި ދަރިވަރުން މި ތިރީހަކަށް ދުވަސް ހޭދަކުރީ ރަށުބަންދުގައެވެ. ފެންބޮޑުވެފައިވާ މަގުތަކުގައި ބަކަތަޅާށެވެ.

ސްކޫލް އަހަރީ ޗުއްޓީ އަހަރު ފަހުކޮޅަށް ބަދަލުކުރަން އެދޭ އެތައް ބަޔަކު މިހާރު އެބަތިއްބެވެ. ގިނަ މީހުންނަށާއި ސަރުކާރަށް ވެސް މިބަދަލުގެ ގޯސްކަން ވިސްނުނީ މިއަހަރު އަލަށް މިގޮތަށް ބަދަލު ކުރުމުންނެވެ. އަހަރީ ޗުއްޓީ ޑިސެމްބަރަށް ބަދަލު ކުރަން ޖެހެއެވެ. އަދި އަހަރީ ޗުއްޓީ މަދުވެގެން ދޮޅު މަސް ނުވަތަ 45 ދުވަހަށް ދިގު ކުރަންވެސް ޖެހެއެވެ. ޗުއްޓީ އަކީ މަދަރުސާ ކުދީންނަށް ބޭކާރު ދުވަސްތަކެއް ނޫނެވެ. އެއީ ހަމައެކަނި މުނިފޫހިފިލުވާ ދުވަސްތަކެއް ވެސް ނޫނެވެ. އެއީ ތަފާތު ތަޖުރިބާކޮށް، އާއިލާއާ ގުޅުން ބަދަހިކޮށް، މުޖުތަމައުގައި އުޅެން ކުދީންނަށް ދަސްކޮށްދޭ ދުވަސް ތަކެކެވެ. އެންމެ 30 ދުވަހަކުން އެކަމެއް ނުވާނެއެވެ. ސްކޫލް އަހަރީ ޗުއްޓީ 45 ދުވަހަށް ހަދައި، ޑިސެމްބަރު 30 އިން ފެބްރުއަރީ 13 އަށް ބަދަލުކުރަން ޖެހެއެވެ. އެއިރުން އަހަރުގެ މޫސުން ރަނގަޅު ދުވަސްވަރަށް ޗުއްޓީ ބަދަލުވެ، 45 ދުވަހުގެ ޗުއްޓީއެއް ދަރިވަރުންނަށާއި ބެލެނިވެރީންނަށާއި ޓީޗަރުންނަށް ލިބޭނެއެވެ.

މިހާރު މިއޮތް ގޮތުން އަހަރީ ޗުއްޓީގެ 30 ދުވަސް، ހާޢްސަކޮށް ބެލެނިވެރީން، ހޭދަކުރަން ޖެހެނީ ކުދީންގެ ބޫޓާއި ދަބަސް އޯޑަރުކޮށްގެން ގަތުމާއި، ފޮތް ލިސްޓް ހަމަކުރުމާއި، ފަހާ ތަންތަނަށް އާދޭސްކޮށްގެން ޔުނިފޯމް ފެއްސުމުގައެވެ. މިއީ ބެލެނިވެރީންނަށް އެއްވެސް ރެސްޓެއް ނެތް، ދަރިވަރުންނަށް މުނިފޫހިފިލުވުމެއް ނެތް، ޓީޗަރުންނަށް އަރާމެއް ނެތް "ޗުއްޓީ" އެކެވެ. އެޑިއުކޭޝަން މިނިސްޓްރީ ހިންގަން ތަޖުރީބާއެއް ނެތް މީހަކު ލީމާ ވާނީ މިހެންނެވެ. ޤައުމުގެ ވެރިއަކަށް ބަސް މަދު، ނަމުން ހިކްމަތްތެރި، އަމަލުން ހިންގުންތެރިކަމެއް ނެތް ފިނޑިއަކު ލީމާ ވާނީ މިހެންނެވެ. ބަޔަކު ހަޅޭއްލަވައިގަންނަ އިރަށް ކަންކަން ބަދަލުކޮށްލަނީ އެވެ. ރައްޔިތުންނަށް ހެޔޮވިސްނައިދީގެން، ލީޑަޝިޕް ދައްކައިގެން، އެންމެން ގޮވައިގެން ވެރިކަން ކުރެވޭ ފެންވަރުގެ ރައީސަކާއި، އެ ފެންވަރުގެ މިނިސްޓަރުން ނެތް ނަމަ ޤައުމުން މުޅިން ފެންނާނީ މިކަހަލަ ކަންކަމެވެ. މިއޮތީވާ ޤައުމެކެވެ.

ޗުއްޓީ ކުރުކޮށްފިއެވެ. ހޯމް ސްކޫލިންގ މަނަލެވެ. ހުރިހާ ކުދީން ސްކޫލަށް ފޮނުވުން މަޖުބޫރެވެ. އެކަމަކު ސްކޫލްތަކުން ކިޔަވައިގެން ނިކުންނަ ގިނަ ކުދީންގެ ދީންވެރިކަމެއް ނުހުރެއެވެ. ޤުރުއާން ވެސް ކިޔަވަނީ ވާދަކުރުމުގެ ނިޔަތުގައެވެ. ޤުރުއާނުގެ މާނަ އެނގިގެން އެއަށް އަމަލު ކުރުމުގެ ނިޔަތަކު ނޫނެވެ. މުޅި ސްކޫލް ނިޒާމް ބިނާވެފައިވަނީ ދަރިވަރުން އެކަކު އަނެކަކާ ވާދަކޮށް، އެކަކު އަނެކަކުގެ ބޮލަށް އަރައި، ގިއްގަޅުވާލައިގެން އެކަކު އަނެކަކާ ވާދަކުރުމުގެ މުބާރާތެއް ގޮތަށެވެ. މިއީ ތައުލީމް ދިނުމުގައި ވަރަށް ބޯދާ ސިސްޓަމެކެވެ. އިސްލާމީ ތަރުބިއަޔަތާއި ދިވެހީންގެ ސަގާފަތާއި އާދަކާދަތައް، އަދި ދިވެހި މާހައުލަށް މުހިއްމު ހުނަރުތައް އާލާވާ ގޮތަށް ދިވެހީންގެ އަމިއްލަ ތައުލީމީ ކަރިކިއުލަމެއް ގްރޭޑް 10 އާ ހަމައަށް އުފައްދަން ޖެހެއެވެ.

ގްރޭޑް 10 ނިންމައިގެން ނިކުންނަ ކުއްޖާ އަކީ ދިވެހި ރާއްޖޭގެ މާހައުލަށް ލޯހުޅުވި، މި މާހައުލަށް ބޭނުންވާ މަސްވެރިކަމާއި ފަތުރުވެރިކަމާއި ގޭތެރޭގެ މަސައްކަތަށް ބޭނުންވާ އަސާސީ ހުނަރު އެނގޭ ކުއްޖަކަށް ވާންޖެހެއެވެ. ކަރަންޓު ވާގަނޑެއްގެ ޓޮޕް ބަދަލު ކޮށްލުން، ފަކީރާ އަކުން ތަނެއް ކޮނެލުން، މޮހޮރާއި އިސްކުރު ޖަހައިގެން ތަނެއް މަރާމާތުކޮށްލުން، ބުރުމާ އާއި ކީސް ބޭނުންކޮށްގެން މަސައްކަތެއް ކޮށްލުން ފަދަ އަސާސީ ހުނަރު ދަސްކޮށެއް ނުދެއެވެ. ދިހައެއް ނިންމާފައި ނިކުންނަ ކުދީން ބޭނުންވަނީ ކޮންމެވެސް އޮފީހެއްގެ މޭޒުދޮށުގައި، ޓައި އަޅައިގެން އިށީނދެ އިނދެ ފޯނު ކޮއްޓާށެވެ.

މައިންބަފައިން ހޭބޯނާރާ މިކުރާ ބުރަ މަސައްކަތާއި، ޓީޗަރުން ލައްވާ މިކުރުވާ ކަމަކީ މަސަކަތްތެރި، ހުނަރުވެރި، ދީންވެރި ޖީލެއް ބިނާ ކުރުމެއް ނޫނެވެ. ކަންނެތް، އަބަދު ފޯނު ކޮއްޓާ، ބޭކާރު ޖީލެއް ބިނާކުރުމެވެ. ރާއްޖޭގެ ތައުލީމީ ނިޒާމާއި، ކަރިކިއުލަމް އެއްކޮށް އޯވަހޯލް ކޮށްގެން މެނުވީ މިކަން ބަދަލެއް ނުވާނެއެވެ.

އިސްކަންދަރު ސްކޫލްގެ ގްރޭޑް އަށެއްގައި ކިޔަވާ ފިރިހެން ކުއްޖަކާއި އެ ސްކޫލްގެ އިންޑިއާ ފިރިހެން ޓީޗަރަކު އެއްޖިންސުން ގުޅުން ހިންގަނިކޮށް ރެޑް ހޭންޑްކޮށް ހިފުނު ވާހަކަ ދާދި ފަހުން މީޑިއާގެ ފަލަ ސުރުހީއަށް އެރިއެވެ. މިހާރު އެ ނުބައި އަމަލުގެ މަތީން ހަނދާން ހުރި މީހެއް މަދެވެ. ހިތާމައަކީ އެގޮތަށް ފަޅާއަރާ އެފަދަ ކޮންމެ މައްސަލައަކަަށް ފަޅާނާރާ ސިއްރިޔާތުގައި ހިންގާ އެތައް ސަތޭކަ ކަމެއް އޮންނާނެއެވެ. ސްކޫލްތަކުގައި ދެޖިންސު މަސްހުނިކޮށް، މިއުޒިކް އާއްމުކޮށް، ސްކޫލަށް ސްމާޓް ފޯން ގެންދިއުން ހުއްދަކޮށްގެން މިހިންގާ ގަޑުބަޑު ނިޒާމުން ކިޔަވައިގެން ނިކުންނަ ގިނަ ކުދީން ތިބެނީ ދީނެއް، މިއްލަތެއް، ހުނަރެއް ނެތި ބޭކާރުވެފައެވެ. ޒުވާން ޖީލެއް ޑްރަގާއި، ރަލަށާއި، ވަހުށީ ފާހިޝް އަމަލުތަކަށް ދެވި ހިފަނީ ތައުލީމީ ނިޒާމުގެ އުނިކަމުގެ ސަބަބުންނެވެ. ޤައުމު ހިންގަން ތިބި އެތައް ބަޔަކު ވަނީ ބިދޭސީ މަސައްކަތު ފިރިހެނެއްގެ އުނގަށް ވެއްޓިފައެވެ. ދަރިވަރުގެ ކަންތައް ރަނގަޅު ކުރަން ވިސްނާނެ ވަގުތެއް ވެރީންނަށް ވާނީ ކިހިނަކުން ހެއްޔެވެ؟

ޤައުމުގައި އާއްމުވަމުންދާ ފާހިޝް އަމަލުތައް ރަނގަޅު ކުރާކަށް ވެރީން ނޫޅެއެވެ. ވެރީން ދައްކަނީ ކަންކަން ރަނގަޅު ކުރަން އުޅުމަށްވުރެ ބޮޑަށް ކަންކަން މިހާރުވެސް އޮތްގޮތަށް ބޭއްވުމުގެ ވާހަކައެވެ. އަމިއްލަ މަސްލަހަތު ހިމާޔަތްކޮށް، ޤައުމާއި މުޅި ޖީލު އޮޔާދާން ދޫކޮށްލާ ސިޔާސަތެވެ. ދީނީ ފަތުވާދޭ ގިނަ ޝެއިހުން ރަނގަޅު ވާހަކަ ދެއްކިއަސް ދީނީ ބައެއް މީހުންގެ ވިސްނުން ހުރީ ދީނަށް ވުރެ ބޮޑަށް ސިޔާސީ މަސްލަހަތު ހިމާޔަތް ކުރުމަށެވެ.

މިސާލަކަށް ބަލަމާ ހިނގާށެވެ. މިސްރުގެ އަޒުހަރު ޔުނިވާރސިޓީއިން ކޮންމެވެސް ދާއިރާއަކުން ޑިގްރީ ނަންގަވާފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމަކީ އިސްލާމްދީނުގެ ޝެއިހެއް ނޫނެވެ. އަޒުހަރުން ހިސާބު އިލްމު ނުވަތަ ފަލަކީ އިލްމު ކިޔެވިއަސް ނަމުގެ ކުރިއަށް އަލްއުސްތާޒު ލެވޭނެއެވެ. އަދި އަރަބި ބަސް އެނގޭނެއެވެ. އޭގެ މާނައަކީ އެފަދަ ކޮންމެ މީހަކީ އިސްލާމް ދީނުގެ ފަތުވާ ދެވޭ ފެންވަރުގެ ޝެއިހަކަށް ވުމެއެއް ނޫނެވެ. މީގެ ކުރިން މައުމޫނު ދިވެހި މަޖައްލާއަކަށް ދެއްވި އިންޓަވިއުއެއްގައި އަންހެނުން ބުރުގާ އެޅުމަކީ ވާޖިބެއް ނޫން ކަމަށްވެސް ވިދާޅުވެފައިވެއެވެ. އަދި މިއުޒިކަކީ ހަރާމް އެއްޗެއް ނޫންކަމަށް ވެސް ވިދާޅުވެފައިވެއެވެ. ޔޯގާއަކީ ޝިރުކުގެ އަމަލެއް ކަމަށް ދިވެހި ރާއްޖޭގެ ސަތޭކައަށް ވުރެ ގިނަ ދީނީ އިލްމުވެރީން ބުނެފައި ވަނިކޮށް މައުމޫން ޓްވީޓް ކުރައްވާފައިވަނީ "ޝިރުކުގެ އަމަލެއް ނުހިމެނޭނަމަ ޔޯގާ ހަރާމް ނުވާނެ" ކަމަށެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ޔޯގާ ހަރާމް ނުވާނެކަމަށް "ފަތުވާ" ނެރުއްވާފައެވެ!

މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ހުންނެވީ ޔޯގާގެ ދިފާއުގައެވެ. އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުނީ މަހަވަރު އެހެރީ ރާއްޖޭގެ ޒުވާނުންނަށް ޔޯގާ ދަސްކޮށްދޭން ޒުވާނުންގެ މިނިސްޓަރު އަހުމަދު މަހުލޫފާ ހަވާލުކޮށްގެންނެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެ ހުންނެވީ ސަރުކާރުން ކޮންމެ ކަމެއް ކުރިއަސް ސަރުކާރު ހިމާޔަތް ކުރައްވާށެވެ. ސްކޫލްތަކާއި މުޅި ޒުވާން ޖީލު ހަލާކުވެގެންދާއިރު ސިޔާސީ ލީޑަރުން އެތިބީ އެމީހުންގެ އަމިއްލަ މަސްލަހަތު ހިމާޔަތް ކުރުމުގައި ގާފިލްވެފައެވެ. މިއީ މިއަދުގެ ދިވެހި ރާއްޖޭގެ ހާލެވެ.

ސްކޫލް އަހަރީ ޗުއްޓީ، އަހަރުގެ ފަހުކޮޅަށް ބަދަލުކުރަން ޖެހެއެވެ. އަހަރީ ޗުއްޓީ މަދުވެެގެން 45 ދުވަހަށް ހަދަން ޖެހެއެވެ. ގެރޭޑް 10 އާ ހަމައަށް ކިޔަވައިދޭން ދިވެހީންގެ އަމިއްލަ ކަރިކިއުލަމެއް އުފައްދައި ބޭނުންކުރަން ފަށަން ޖެހެއެވެ. މަދަރުސާތަކަށް ސަމާޓް ފޯނު ވެއްދުން ދަރިވަރުންނަށް މަނާ ކަމަކަށް ހަދަން ޖެހެއެވެ. ޓިއުޝަނުން މާލީ އެތައް ފައިދާއެއް ނަގަމުންދާ ބިދޭސީ ޓީޗަރުންގެ މަކަރުވެރި ޓިއުޝަން މަޅީން ކުދީން ސަލާމަތްކޮށް، ޓިއުޝަން ނެގުމުގެ ސަގާފަތް އުވާލަން ޖެހެއެވެ. މަދަރުސާ ތަކަކީ ކުދީންނަށް ހުނަރާއި، ދީން ދަސްކޮށްދީ ރަނގަޅު އަހްލާގެއް ދަސްކޮށްދޭ، ހަޤީގަތުގައިވެސް ވަށާ ޖެހިފައިވާ ނިޒާމަކަށް ހަދަންޖެހެއެވެ. އަމިއްލަ އެދުމުން ފޯވެފައިވާ ސިޔާސީ ލީޑަރުންނަށް އިތުބާރު ކުރުން ހުއްޓާލައި އަމިއްލަ ދަރީންގެ ކުރިމަގު ބައްޓަން ކުރަން ބެލެނިވެރީންނާއި ދިވެހި ރައްޔިތުން އަތުކުރި އޮލާލައިގެން ނިކުންނަން ޖެހެއެވެ. ގާފިލްކަމުގެ ނިދީން ހޭލައި، މިހާރު މިއޮތް ތައުލީމީ ނިޒާމަކީ ދީންވެރި، ހުނަރުވެރި، ޤާބިލް ޖީލުތަކެއް ބައްޓަންކުރާ ނިޒާމަކަށް ބަދަލުކުރަން ޖެހެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
4

2 Responses

  1. ހެޔޮނުވާނެ ސަރުކާރާ ތިހާދެކޮޅުވިއަސް ހަމަޖެހޭ ވާހަކައެއް ދައްކަބަލަ.. ތަފާސް ހިސާބުތަކަށް ބަލާލަބަލަ ތައުލީމީ ދާއިރާއަށް އައިސްފަހުރި ކުރިއެރުންތައް.. ރިކޯޑު އަދަދަކަށް ސްކޫލްތަކަށް ހަރަދުކޮށްފި. ކެމްބްރިޖް އިމްތިހާނުން މަތީ ފާސް ހޯދިކުދިންވީ އިތުރު.. ސްކޫލްތަކުގަ ނުކުރެވި ހުރި އެތައް ކަމެއް ކޮށްފި.. ޓީޗަރުންގެ މުސާރަ ދެގުނައާއި ގާތްކުރާވަރަށް ބޮޑުކޮށްފި..
    އެތައްބައެއްގެ މަޝްވަރާގެ މަތިން ޗުއްޓީއަށް ބަދަލުގެނައީ.. މިދިޔަ އަހަރު މިމުއްދަތުގަ ވާރޭއެއް ނުވެހޭ.. ޗުއްޓީއަށް މިގެނެވުނު ބަދަލަށް ގިނަބައެއްގެ ތައުރީފު ލިބުނު..
    މަނިކުފާނަށް ވަކިން ބޮޑުޗުއްޓީއެއް ހަމަޖައްސާ ދެވޭތޯ ބަލާނަން.. އަދި އުންމީދު ނުކުރާތި ޔާމިނު ވެރިކަމަށް އަންނާނެކަމަށް…..

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.