Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ރައީސް ސޯލިހުގެ އިންޑިއާ ދަތުރުފުޅު ހުއްޓުވަންޖެހޭ؟

ހަ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ އިންޑިއާއަށް ވަޑައިގެންފައެވެ. ޝަމާލް އިންޑިއާއިން އެނބުރިވަޑައިގަންނަވާ ދުވަހު، 01 އޮގަސްޓް ވާ ހޯމަ ދުވަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ފައްޓަވަން ވަނީ ހަމަޖެހިފައެވެ. ދިވެހި ރާއްޖޭގެ ސިފައިންގެ އެންމެ އިސް ދެ ވެރީން އިންޑިއާ އަށް މި "ހާޒިރު ކުރެވެނީ" ދިވެހި ސަރުކާރުގެ މަޤްބޫލްކަން ދިވެހި ރައްޔިތުންގެ ކުރިމަތީ ވަރަށް ބޮޑަށް ދަށްވެ، ވެރިކަން ކުރާ އެމް.ޑީ.ޕީ ތެރޭގައި ބައިބައިވުން އުފެދި، ރައީސް ސޯލިހާއި ރައީސް ނަޝީދާ ދެމެދު ސުލްހަ ނުވެވޭވަރުގެ ޒާތީވެފައިވާ ބޮޑު ކޯޅުންތަކެއް އުފެދިފައިވާ ދުވަސްވަރެއްގައެވެ.

ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިއާސީ އިންތިހާބަކީ އިންޑިއާ އަށް އިންތިހާ އަށް މުހިއްމު އިންތިހާބެކެވެ. ސިޔާސީ މަސްރަހުގައި ސިޔާސީ ޝަހުސިއްޔަތުތައް ބޭޒާރުވަމުންދާ ރޭޓަށް ބަލާއިރު ރައްޔިތުންގެ ކުރިމަތީގައި ރައީީސް ސޯލިހާއި ރައީސް ނަޝީދުގެ އިތުބާރު ވެސް ވަނީ ގާތްގަނޑަކަށް މުޅިންހެން ގެއްލިފައެވެ. ނުހައްގުން ޖަލަށްލީ ޝެއިހުންގެ ބަދުދުއާއިން ސިޔާސީ ހުރިހާ ވެރީން ފަލީހަތްވެ އަގުވެއްޓެނީ ކަމަށް ވެސް ވެދާނެއެވެ.

އިންޑިއާ އަށް މިވަގުތު އޮތް އެންމެ ބޮޑު ބޮލުގަ ރިހުމަކީ އިންޑިއާ އިން އެންމެ އިތުބާރުކުރާ ސިޔާސީ ތިން ބޭފުޅުން ކަމުގައިވާ ރައީސް ސޯލިހާއި ރައީސް ނަޝީދާއި މިނިސްޓަރ އަބްދުﷲ ޝާހިދަށް ރައްޔިތުންގެ ތާއީދު މުޅިން ކަހަލަ ގޮތަކަށް ގެއްލިފައިވުމެވެ. މިތިން ބޭފުޅުންވެސް ރައްޔިތުންނަށް ފެންނަނީ ދިވެހި ޤައުމު އިންޑިއާ އަށް އަޅުވެތި ކުރައްވަން އުޅުންވާ އިންޑިއާގެ އެޖެންޓުންގެ ގޮތުގައެވެ. ރައްޔިތުންނާއި ޤައުމާއި ދީނަށް ވުރެ އަމިއްލަ ސިޔާސީ ކުރިމަގު ކުރިއަރުއްވަން އުޅުއްވާ ތިން ބޭފުޅުންގެ ގޮތުގައެވެ. މިތިން ބޭފުޅުން ކުރެ ކޮންމެ ބޭފުޅަކު ކުރިއަށް ނެރުނަސް އިންޑިއާ އަށް 2023ގެ އިންތިހާބް ކާމިޔާބުވުން ވަރަށް ދުރެވެ. ދެން އިންޑިއާ އިން ޚިޔާރުކުރުން އެންމެ ގާތް ބޭފުޅެއް ކަމަށް ފެންނަނީ ކާނަލް ނާޒިމެވެ. ނަމަވެސް ނާޒިމަކީ އާއްމުންގެ މާ ބޮޑު ތާއީދެއް އޮތް ބޭފުޅެއް ނޫނެވެ. އެފަދަ ހާލަތެއްގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް ކޮޅަށް އިންޑިއާ ޖެހުމަކީ ވެސް ދުރުކަމެއް ނޫނެވެ. ކޮންމެ ގޮތެއް ވިއަސް ދިވެހި ސިފައިންގެ ވެރިޔާ، (ރައީސް ސޯލިހް) އާއި ޗީފް އޮފް ޑިފެންސް ފޯސް އިންޑިއާ އަށް "ހާޒިރު" ކުރަނީ ދެ ޤައުމުގެ ގުޅުމާ މެދު ވާހަކަ ދައްކާކަށް ނޫނެވެ. އެއީ 2023 އާ މެދު ވާހަކަ ދައްކައި 2023 ގެ އިންތިހާބް "އިންޑިއާ އަށް" ކާމިޔާބުވާނެ ގޮތެއް ހޯދުމަށް މަޝްވަރާ ކުރުމަށްކަން ޔަގީނެވެ.

ދިވެހި ޤައުމުގެ ހާލަތު މިހާ ދަށުދަރަޖައަކަށް ވެއްޓި، ރައީސް ސޯލިހުގެ މަޤްބޫލްކަން މިހާ ދަށްވެފައިވާ ދަނޑިވަޅެއްގައި ރައީސް ސޯލިހުގެ ވީކްނެސްގެ އެޑްވާންޓޭޖް މިފަހަރު އިންޑިއާއިން ނިކަން ރަނގަޅަށް ނަގާނެއެވެ. މުޅި ޤައުމު އިންޑިއާއަށް ހިބަކޮށްދީފައިވެސް ނަޝީދުގެ ތުހުމަތުތަކުން ސަލާމަތްވާން ސޯލިހަށް އެބަޖެހެއެވެ. މިފަދަ ހާލަތެއްގައި ރައީސް ސޯލިހު އިންޑިއާ ފަދަ ޤައުމަކަށް ރަސްމީ ދަތުރެއް ކުރެއްވުމަކީ ދިވެހި ރައްޔިތުން ނިހާޔަތަށް ކަންބޮޑުވެ ބިރުގަންނަންޖެހޭ ކަމެކެވެ. ރަސްމީ ދަތުރުފުޅަށް ފަހު ރައީސް ސޯލިހު ރާއްޖެ ވަޑައިގަންނަވާނީ ކޮން ފަދަ އެއްޗެއް އިންޑިއާ އަށް ދެއްވައިފައި ބާވައެވެ؟ ކޮންފަދަ ވައުދެއް ވެވަޑައިގެންފައިބާވައެވެ؟ މިއީ ބިރުވެރި ކަމެކެވެ.

ޤައުމާއި ރައްޔިތުންނަށް ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުމުގެ ގޮތުން ސްރީލަންކާގެ ކުރީގެ ރައީސް ގޮތާބަޔާ ލަންކާއިން ފުރުއްވުމަށް އެ ޤަމުގެ އިމިގްރޭޝަނުން ހުރަސްއެޅި ގޮތަށް ރާއްޖޭގެ އިމިގްރޭޝަނާއި ފުލުހުންނާއި އަދި ދިވެހި ސިފައިންވެސް ހުރަސްއަޅަން ޖެހެއެވެ. ރައީސް ސޯލިހު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާ އަށް ވަޑައިގަތުމަކީ މި ދަނޑިވަޅުގައި ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމެއް ކަމަށް ދައުލަތުގެ މުއައްސަސާތަކުން ވިސްނަން އެބަޖެހެއެވެ. ދިފާއީ ވަޒީރަކަށް ހުންނެވީ އިންޑިއާގެ "ދޯސްތެވެ". ނަމަވެސް ހޯމް މިނިސްޓަރާއި މަޖުލިސް ރައީސަށް މިކަމުގައި ގޮތް ވިދާޅުވެވިދާނެއެވެ. އަދި ޤަމު ދެކެ ލޯބިވެވަޑައިގަންނަވާ ކަމުގައި ވަނީނަމަ ނައިބު ރައީސް ފައިސަލް ނަސީމަށް އެކަން ސާބިތުކޮށްދެއްވަން މިއަށްވުރެ މުހިއްމު ފުރުސަތެއް ލިބިވަޑައެއްނުގަންނަވާނެއެވެ. ފައިސަލާއި އިމްރާނާއި ނަޝީދު ގުޅިވަޑައިގެން ރައީސްގެ ދަތުރުފުޅު ފަސް ކުރެއްވުމަށް ދަންނަވަން ޖެހެއެވެ. މިވަގުތަކީ ޤައުމުގައި ހުންނަވައިގެން ޤައުމު ހަމަ މަގަށް އަޅުއްވަންވީ ވަގުތެވެ. ދިވެހި ރާއްޖެއަށް ދަހިވެތިކަމުގެ އަދި އަޅުވެތިކުރުމުގެ ކަތި ނަޒަރުން ބަލަމުންދާ އިންޑިއާ އަށް ވަޑައިގެން ދިވެހި ރައްޔިތުންނަށް ނޭނގޭ ގޮތުގައި ވާހަކަ ދައްކަވައި ސިޔާސީ ޑީލް ހައްދަވަންވީ ވަގުތެއް ނޫނެވެ. ހޯމަ ދުވަހު ރައީސް ފުރަވަޑައިގަތުމުގެ ކުރީން މިޤައުމުގެ ސަލާމަތަށް މި މުހިއްމު ފިޔަވަޅު އެޅުއްވުމަށް ނައިބު ރައީސާއި ދާޚިލީ ވަޒީރާއި ރައްޔިތުންގެ މަޖުލީހުގެ ރައީސަށް އަޅުގަނޑު އިލްތިމާސް ދަންނަވަމެވެ. އާރެއް ބާރެއް ނެތް ނިކަމެތި ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުންނެވެ.