Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ދޮން މީހުން އުޅޭގޮތަށް އުޅުމުގެ "މިނިވަންކަން"!

މިވާހަކަ ދެން މިނޫން އިބާރާތަކުން ބުނާނެ ގޮތެއް ނުވިސްނެއެވެ. ބުނެވެން އޮތް އެންމެ ރީތި އިބާރާތުން ބުންޏަސް ބުނެވޭނީ މިނިވަން ދުވަހުގެ މުނާސަބަތުގައި ޤައުމާ މުހާތަބްކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ޙިތާބަކީ ދެފުށްކެހެރިކަމާއި މުނާފިޤް ކަމުން ފުރިފައިވާ ވާހަކަ ތަކެއް ކަމަށެވެ. މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުމަށް ދިވެހީން އެންމެ ފުރަތަމަ ރައްކާތެރިވެ ހިމާޔަތް ކުރަން ޖެހެނީ ދިވެހީންގެ އީމާންކަމާއި އިސްލާމް ދީން ކަމުގައި ރައީސް ސޯލިހު ވިދާޅުވުމަކީ އިސްލާމް ދީނަށާއި ދިވެހީންނަށް ޖެއްސެވި ޖޯކެކެވެ. ލާދީނީ އެމް.ޑީ.އެން އަށް ފިޔަވަޅު ނާޅައިި، އެޖަމިއްޔާ އަށް ނިސްބަތްވާ މީހުންނަށް ސަރުކާރުގެ ބޮޑެތި މަޤާމްތައް ދިނުމަކީ ދީން ހިމާޔަތް ކުރުމެއް ނޫނެވެ. އެއީ ދީން ބަލިކަށި ކުރުމެވެ. އުތެމަ ޖަމިއްޔާ އާއި ހޯޕް-ފޯ-ވިމެން ޖަމިއްޔާ އިން އިސްލާމް ދީނާއި އިސްލާމީ ޝަރީއަތަށް ޖަދަލު ކުރަމުންދާއިރު އެކަމާ ގުޅިގެން އެއްވެސް އެއްޗެކޭ ނުބުނެ، ފިޔަވަޅެއް ނާޅައި އޮތުމަކީ ދިވެހީންގެ އީމާންކަން ހިމާޔަތް ކުރުމެއް ނޫނެވެ. އެއީ ލާދީނީ މީހުން ހިމާޔަތްކުރުމެވެ.

ދީން ހިމާޔަތް ކުރަން ނިކުތް ޝެއިޚް ފަޒުލޫން ޖަލަށްލައި، ދީނީ ދަރުސް ދިނުމުގެ ހުއްދަ ބާތިލްކޮށް، ކުޑަ ދަރިފުޅުގެ ކުރިމަތީ، މާސްކް އަޅައިގެން ގޮސް ޝެއިހް ނިޝާން ހައްޔަރުކޮށް، އަދިވެސް ޖަލުގައި ބަންދުކޮށްގެން ގެންގުޅެނީ ހަމަ ގައިމުވެސް ދީން ހިމާޔަތް ކުރާކަށް ނޫނެވެ. ޝެއިހް ފަޒްލޫންގެ ދީނީ ތަގްރީރު ކުރުމުގެ ހުއްދަ ބާތިލް ކުރިއިރު އެއް ޖިންސުން ގުޅުން ހިންގިތަން ފެންނަ ވީޑިއޯ ލީކްވެފައިވާ މީހުންގެ އެއްވެސް ހުއްދައެއް ދައުލަތުން ބާތިލެއް ނުކުރެއެވެ. އެއިން މީހަކު ޖަލަކަށް ވެސް ނުލައެވެ. މިއީ ދީނާއި ޤައުމިއްޔަތު އެއް ދަރުބޮނޑިއެއްހެން ބަންނަ ގޮތް ހެއްޔެވެ؟ މިއީ ރައްޔިތުން ގުނބޯ ހެއްދޭނެ ކަމަށް ހީކޮށް ދައްކާ މުނާފިޤް ވާހަކައެވެ.

މިނިވަން ދުވަހަށް އުދަރެހުން އިރު ތޮޅިލިއިރު އިވުނު ފުރަތަމަ ޚަބަރަކީ އިސްކަންދަރު ސްކޫލްގެ ގްރޭޑް 8 ގައި ކިޔަވައިދޭ އިންޑިއާގެ ހިސާބު ޓީޗަރަކު އެ ސްކޫލްގެ އެތަކެއް ޅަފިރިހެން ކުދީން ގްރޫމްކޮށްގެން އެއް ޖިންސުން ގުޅުން ހިންގަނިކޮށް ރެޑް-ހޭންޑްކޮށް ހިފުނު ވާހަކައެވެ. ވިސްނާލާށެވެ. ގްރޭޑް 8 ގައި އުޅޭނީ އުމުރުން 13 ވަރަކަށް އަހަރުގެ ކުދީންނެވެ. ތޭރަ އަހަރުގެ ފިރިހެން ކުއްޖަކާ އިންޑިއާގެ ބޮޑު ގިތެލެއްވަރުގެ ފިރިހެން "ޓީޗަރަކާ" ޖިންސީ ގުޅުން ހިންގާ މަންޒަރު ހިތަށް ގެންނާށެވެ. އެ ސްކޫލްގެ އެތަކެއް ކުދީން އޭނާ ގްރޫމްކޮށްފިއެވެ. އެ ހުރިހާ ކުދީންގެ ކުރިމަގު އެވަނީ ހަލާކުވެފައެވެ. މިފަދަ ވާހަކަތަކާއި، ބަންގްލަދޭޝް މީހާގެ ވާހަކަ އާއި، ދިވެހި ފިލްމު ކުޅޭ އަންހެނަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ލީކްވުމަކީ ހަމައެކަނި ގަނޑުފެންގަނޑުގެ ކޮޅެވެ. ގަނޑުފެންގަނޑުގެ ބޮޑުބައި އޮންނާނީ ފެނުއަޑީގައެވެ. ހަމައެކަނި މާލެއަކު ނުވަތަ ހުޅުމާލެއަކު ނޫނެވެ! ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ ސްކޫލެއްގައި، އަދި ހުރިހާ އޮފީހެއްގައާއި ހުރިހާ ފަންނެއްގެ މީހުންގެ ތެރޭގައި ވެސް މި ފާހިޝް އަމަލު ފުޅާކޮށް ފެތުރިފައި ވާކަމުގެ ހެކި ދަނީ ފެންނަމުންނެވެ.

އިސްކަންދަރު ސްކޫލްގެ ވާހަކަ އަޑުއިވުމުން ހިތަށް އަރަނީ ސްކޫލަށް ފޮނުވުމަށް ވުރެ ނުފޮނުވިއަސް މާ ރަނގަޅުވާނެއޭއެވެ. ކުޑަކުދިންނާ ބެހި ރޭޕްކުރުން ގިނަ އިންޑިއާ އިން ޓީޗަރުންގެ ނަމުގައި ޕީޑޯފައިލްސް ގެނެސްގެން މުޅި ނިޒާމް ފުނޑޭއިރުވެސް މިނިވަން ދުވަހުގެ ޚިތާބްގައި މިކިޔަނީ ދީން ހިމާޔަތްކުރާ ވާހަކައެވެ. ދީން ހިމާޔަތްކުރަން އުޅޭނަމަ ރައީސް ސޯލިހަށާއި އިމްރާނަށް އެކަން ކުރަން ވަރަށް ފަސޭހަވާނެކަން ޔަޤީނެވެ. ނަމަވެސް ދީނުގެ ބަދަލުގައި ހިމާޔަތް ކުރާތަން ފެންނަނީ ލާދީނީ މީހުންނާއި އިންޑިއާއެވެ. އެކަން ނިކަން ރަނގަޅަށް އެބަހިމާޔަތް ކުރެވެއެވެ.

ބަނގްލަދޭޝް ފިރިހެނަކާއެކު ޤައުމުގެ އިސް އެތައް ބަޔަކު އެއްޖިންސުން ގުޅުން ހިންގިއިރު ސަރުކާރުން އެކަން މާބޮޑު ކަމަކަށް ވެގެނެއް ނޫޅެއެވެ. އިންޑިއާގެ ހިންދޫ ދީނުގެ ޝިރުކު ކަމުގައިވާ ޔޯގާ ހުއްޓުވުމަށް ނިކުތް ދިވެހީންގެ މައްސަލަ ނުލާހިކު ބާރުމިނުގައި އެބަ ބަލައެވެ. މިއީ އީމާންކަން ވަރުގަދަކުރާ ގޮތެއް ނޫނެވެ. މިއީ ޝިރުކު ބާރުވެރިކުރުވާ ގޮތެވެ. އަދާލަތު ޕާޓީންވެސް ގެރި ވެވަށް ވެއްޓި މަރުވުމުން ޔޯގާ ހަރާމޭ ކިޔައިފައި ބަޔާނެއް ނެރެފިއެވެ. ހަމަ ސީދާ ސިޔާސީ ސްޓަންޓެކެވެ. ޔޯގާ ހަރާމްކަމުގައި ވަނީ ނަމަ އަދާލަތު ޕާޓީގެ ރައީސް ހޯމް މިނިސްޓަރަކަށް ހުރެގެން ޔޯގާގެ މައްސަލާގައި އެތަކެއް ދިވެހީން ޖަލަށް ލައިގެން މިކުރަނީ ކޮން ކަމެއް ހެއްޔެވެ؟ ހަމަ ދީން ހިމާޔަތް ކުރަނީ ހެއްޔެވެ؟

ރައީސް ސޯލިހުގެ ޚިތާބްގައި ވިދާޅުވިއެވެ: "އެ ދީނުގެ ރިސާލަތާއި ހިދާޔަތުން ދިވެހި އުންމަތް އެކުއެކީ އަލިވެ އުޖާލާ ވެގެން ދިއުމަކީ ދެ ދުނިޔޭގައި ވެސް ރާއްޖެއަށް ލިބޭނެ އެންމެ ބޮޑު ރަހްމަތް،" މިއީ ދެން ކޮންފަދަ ބޮޑު މުނާފިޤް ކަމެއް ހެއްޔެވެ؟ ރީތި، ފަށުވި ބަސްތަކެކެވެ. މާނައެއް ނެތެވެ. ބަސްތަކުން ދުވަނީ ދޮގުވެރިކަމާއި މަކަރުވެރިކަމުގެ ވަހެވެ.

ފަށުވި މިބަސްތަކަށް ފަހު ރައީސް ސޯލިހު ދެން ދެއްކެވި ވާހަކައިން އަސްލު ސިފަ ހާމަވެއެވެ. ވިދާޅުވިއެވެ: "މިނިވަންކަމުން ފަރުދުންނަށް ލިބޭ ހައްޤުތަކާއި އިމްތިއާޒާއި އިހުތިޔާރަކީ އެންމެނަށް ހަމަހަމަ އެކައްޗެއް" ކަމަށެވެ! ފަރުދުންނަށް ލިބޭ ހައްޤު މި ސަރުކާރުން މާނަކުރާ ގޮތަކީ ބޭނުން ބަޔަކު ގޮސް ޔޯގާގެ ޝިރުކުގެ އަމަލު ހިންގުމުގެ ހައްޤު ހެއްޔެވެ؟ ބޭނުން ބަޔަކު ގޮސް ބަނގްލްދޭޝްގެ ފިރިހެނަކާ އެކު މިލަ ގޮދަޑިގަނޑެއްމަތީ އެއް ޖިންސުގެ ކުނިވަހުން ފުރިފައިވާ މުޑުދާރު އަމަލު ހިންގުމުގެ ހައްޤު ހެއްޔެވެ؟ ރައީސް ސޯލިހު އެ ވިދާޅުވާ "ފަރުދުންގެ އިހްތިޔާރުގެ މިނިވަންކަމަކީ" ކޮބައިބާވައެވެ؟ ބިރަކާނުލާ މަޖާކުރުމުގެ އިހްތިޔާރު ހެއްޔެވެ؟ މިއުޒިކާއި ޔޯގާގެ ޝިރުކު ހަލާލް ކުރުމުގެ މިނިވަންކަން ހެއްޔެވެ؟ އެންމެނަށް ހުރިހާ ކަމެއް ހަމަހަމަވުމަކީ ހުރިހާ ކަމެއް ވަރިހަމަވުން ހެއްޔެވެ؟

ރައީސް ސޯލިހު ދެން ވިދާޅުވަނީ ދިވެހި ސަރުކާރުގެ ކޮންމެ ސިޔާސަތެއް ވެސް ބައްޓަން ކޮށްފައި ވަނީ ރާއްޖޭގެ މިނިވަންކަމުގެ މައްޗަށް ކަމަށެވެ. އިނގިރޭސި ބަހުން ބުނާނަމަ ބުނެވޭނީ ހަމަ "ވަޓް-އަ-ޖޯކް" އޭއެވެ! މިއީ ދެން ރޯމާ ދުވާލު ވަގުރުކު އަޅައިފައި، ރުކުގައި އޮއްވާ ރެޑްހޭންޑްކޮށް ހިފި، ވަގަށް އެޅި ކުރުނބާ ވިއްކަން ޑީލް ހަދަނިކޮށް ހިފުމުން ރުކުގައި މިއޮތީ މަށެއް ނޫނޭ މީ މަ އެޅި ކުރުނބަލެއް ނޫނޭ، މަމީ މަށެއް ނޫނޭ ބުނުން ކަހަލަ ކަމެކެވެ. އިންޑިއާ އަށް ޤައުމު އަޅުވެތިކޮށް ނިމްމައިފައި މިބުނަނީ ހުރިހާ ސިޔާސަތެއް ބައްޓަންވެފައި ވަނީ މިނިވަންކަން ދަމަހައްޓަންށޯލައެވެ. ހަމަ "ވަޓް-އަ-ޖޯކް" އެވެ.

ޖުލައި 26 އަކީ މި ހާރު ޤައުމު މިނިވަންވީ ދުވަހެއް ނޫނެވެ. މިހާރު މިދުވަސް ވެފައި މިވަނީ އެ މީހަކު އުޅޭނެ ގޮތަކަށް އުޅެ، މަކުނު ކުޅި ކުޅެ، ދީނަށް ހަޖޫ ޖަހައި، އިރަށް އަޅުކަން ކުރަން އުފައްދާފައިވާ ޔޯގާ މި ޤައުމުގައި ޢާއްމުކޮށް، ބިރަކާ ނުލާ މަޖާކުރުމުގެ މިނިވަންކަމުގެ ދުވަހަށެވެ. ރައީސް މުހައްމަދު ނަޝީދުގެ މަޝްހޫރު ބަސް ކަމުގައިއިވާ "ސަލާމަތްވާން އޮތީ ދޮން މީހުން އުޅޭ ގޮތަށް އުޅުމުން" ކަމަށް ދިވެހި ސަރުކާރުން ޤަބޫލްކޮށްފި ކަހަލައެވެ. މި ހުރިހާ ހަޑިއެއް ހާވައިފައި ޤައުމާ މުހާތަބްކޮށް މިވަރުގެ ބޮޑު މުނާފިޤް ވާހަކަތަކެއް ދައްކަން ލަދުނުގަތް ކަމާ މެދުވެސް ހަމަ ހައިރާންވަމެވެ. ރުކުގައި އޮވެ މިބުނަނީ ރުކުގައި މިއޮތީ މަށެއް ނޫނޭ، މަ ރުކަކަށް ނާރަމޭއެވެ. މިއީ ދެން ކޮންފަދަ ކަމެއް ހެއްޔެވެ؟ ހުރިހާ ރައޔިތުންނަށް ވަރަށް ހިތާމަވެރި "މިނިވަން" ދުވަހެއް ލިބުނީތީ ވަރަށް ދެރަވަމެވެ. މިހެން އެއްޗެއް ލިޔެލުން ފިޔަވައި މިވަގުތަށް ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ. ވަރަށް ހެޔޮ ދުއާ ސަލާމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
7

One Response

  1. ބުޝްރީއަށް ސެލިޔުޓްކުރަން. ތިޔަވަރުގެ ހަގީގަތެއް ވެސް ބަޔާންކޮށްލާން ކެރުނު އެހެން ނޫހެއް ނެތް. ހިތާމައިގެ ކޮޅެއް ވެސް ނެތް. މިއީ ފިސާރި ލިޔުމެއް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *