...

Support Us

ތެލުގެ އަގު ކޮންޓްރޯލްކޮށްފިނަމަ ތެޔޮ ބޭރުކުރުން ހުއްޓައިލާނެ ކަމުގެ އިންޒާރު ރަޝިޔާއިން ދީފި

ވަކި އަގަކަށް ތެޔޮ ވިއްކަން މަޖްބޫރުކޮށްފިނަމަ ދުނިޔޭގެ ބާޒާރަށް ތެޔޮ ނުނެރޭނެ ކަމުގެ އިންޒާރު މޮސްކޯއިން ރޭ ދީފިއެވެ. މޮސްކޯއިން މި އިންޒާރު ދިނީ ތެލުގެ އަގު ކޮންޓްރޯލް ކުރުމަށް ޓަކައި ރަޝިޔާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެމެރިކާގެ މާލީ ވަޒީރު ގޮވައިލެއްވުމުންނެވެ.

އެމެރިކާގެ މާލީ ވަޒީރާ ޖެނެޓް ޔެލިން ވިދާޅުވާ ގޮތުގައި އޭރުން ޔުކްރޭން ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ބޭނުންވާ ފައިސާ މޮސްކޯއަށް ލިބުން ދަތިވާނެއެވެ. މީގެއިތުރަށް ރަޝިޔާގެ ގޭސް ބޭނުންކުރުން މަދުކުރުމަށް ޓަކައި ޔޫރަޕްގެ ކަމިޝަނުން އައު ރޭވުމެއް ރާވައިފި ކަމަށް ޚަބަރު ލިބެއެވެ. މި ޤައުމުތަކުން ރާވަމުން ދަނީ ގޭސް ބޭނުންކުރާ މިންވަރުން 15% މަދުކުރުމަށެވެ.

ރަޝިޔާގެ ބޮޑުވަޒީރުގެ ނައިބު އެލެގްޒެންޑަރ ނޮވަކް ރަޝިޔާގެ އިންޓަރފެކްސް ނޫސް އޭޖެންސީއަށް ދެއްވި ބަޔާނެއް ބުނާގޮތުގައި "އެމީހުން އެ ބުނާ އަގުން ތެޔޮ އުފެއްދުމަށް ދާ ޚަރަދު ނުލިބޭނަމަ ދުނިޔޭގެ ބާޒާރަށް ތެޔޮ ބޭރުކުރުމުގެ ބޭނުމެއް  ނެތެވެ. އަހުރެމެންނަށް ގެއްލުންވާ ގޮތަށް މަސައްކަތެއް ނުކުރާނަމެވެ."

ރައީސް ޕޫޓިން ބުދަދުވަހު ވިދާޅުވި ގޮތުގައި ތެލުގެ އަގު ކޮންޓްރޯލްކޮށްފިނަމަ ދުނިޔޭގައި ތެޔޮ އުފެއްދުން އިތުރުވެގެންދާނެއެވެ. މި ޙާލަތުގައި ރަޝިޔާއިން ތެޔޮ އުފެއްދުން ހުއްޓައިލާނެއެވެ.

ހުޅަނގުން ބުނާގޮތުގައި ރަޝިޔާއިން ދަނީ ޗައިނާއަށާއި އިންޑިޔާއަށާއި އެފްރިކާގެ ބައެއް ޤައުމުތަކަށާއި މެދުއިރުމަތީގެ ބައެއް ޤައުމުތަކަށް އަގު ހެޔޮކޮށް ތެޔޮ ވިއްކަމުންނެވެ. އެއީ ޔޫރަޕްގައި ތެޔޮ ސާފުކުރާ ޤައުމުތަކުން ރަޝިޔާގެ ތެޔޮ ގަތުން ހުއްޓައިލައިފާ ވާތީއެވެ.

ޔޫރަޕްގެ އައު ރޭވުމެއް

އަނެއްކޮޅުން ބަލާއިރު ޔޫރަޕްގެ ކަމިޝަނުން ގޭސް ބޭނުންވާ މިންވަރުން 15% މަދުކުރުމަށް ޓަކައި އައު ރޭވުމެއް ހުށައަޅައިފިއެވެ. އެއީ ގޭތެރެ ހޫނު ކުރުން ކުޑަކުރުމާއި ނިޔުކްލިއަރ ހަކަތަ އުފައްދާ އިސްޓޭޝަންތައް ބަންދުކުރުން ފަސްކުރުމާއި ކުންފުނިތަކަށް ބޭނުންވާ ގޭސް މަދުކުރުމަށް ޓަކައި އިޖްރާއާތުތަކެއް ކަނޑައަޅައިގެން ކުރެވޭނެ ކަމެއްކަމަށް ޔޫރްޕްގެ ކަމިޝަނުން ބުނެއެވެ. މި ފިޔަވަޅު އަޅަން ނިންމީ ރަޝިޔާއިން ޔޫރަޕަށް ވިއްކާ ގޭސް މަދުކުރުމުންނެވެ.

މި ރޭވުމަކީ މި އަންނަ ފިނިމޫސުމަށް ޓަކައި ތައްޔާރުވާ ތައްޔާރުވުމެކެވެ. ޔޫރަޕްގެ ކަމިޝަނުން މި ރޭވުން ރޭވީ އެ އިއްތިޙާދުގެ 27 ޤައުމަށް ބޭނުންވާ ގޭސް ފުދޭ މިންވަރަށް ރަޝިޔާއިން  ނުވިއްކާތީއެވެ. ރަޝިޔާއިން ޔޫރަޕްގެ ބައެއް ޤައުމުތަކަށް ގޭސް ވިއްކުން ހުއްޓައިލީ ގޭހުގެ އަގު ރަޝިޔާ ފައިސާއިން އަދާކުރުމާ ދެކޮޅު ހެދުމުންނެވެ. ޔޫރަޕްގެ ކަމިޝަންގެ ރައީސާ އުރްސޫލާ ވޮން ޑައިރު ލޭން ވިދާޅުވާ ގޮތުގައި ރަޝިޔާއިން ދަނީ ހަތިޔާރެއްގެ ގޮތުގައި ގޭސް ބޭނުންކުރަމުންނެވެ. އޭނާ ވިދާޅުވިއެވެ. "ރަޝިޔާއިން ގޭސް މުޅިން  ކަނޑައިލަފާނެތީ އެކަމަށް ޔޫރަޕް އެބަ ތައްޔާރުވާން ޖެހެއެވެ." އޭނާ ވިދާޅުވި ގޮތުގައި މި ރޭވުމާބެހޭގޮތުން އަދި ވާހަކައެއް ނުދެއްކެއެވެ. އެހެނަސް "މިހާރުން ފެށިގެން ގޭސް ބޭނުންކުރާ މިންވަރު މަދުކުރުމަށް ޓަކައި ފިޔަވަޅު އަޅަން ޖެހިފައިވާ ކަމަށް" އޭނާ ވިދާޅުވިއެވެ.

މި ރޭވުމުގެ އަމާޒަކީ ގޭސް ބޭނުންކުރާ މިންވަރުން 15% މަދުކުރުމެވެ. ޔޫރަޕަށް ނޯވޭއިންނާއި އަޒަރުބައިޖާނުންނާއި  ޖަޒާއިރުން ފޮނުވާ ގޭހުގެ މިންވަރު ދަނީ އިތިރުވަމުންނެވެ. އަދި އެމެރިކާއިން ފޮނުވާ ދިޔާ ގޭހުގެ މިންވަރު މާރިޗު 2022 އިން ފެށިގެން ވަނީ ތިން ގުނައަށް އިތުރުވެފައެވެ.

އުރްސޫލާ ވޮން ޑައިރު ލޭން ވިދާޅުވާ ގޮތުގައި މި ރޭވުމަށް ޢަމަލު ކުރެވިއްޖެނަމަ 45 ބިލިއަން ކޮޑި މީޓަރުގެ ގޭސް ބޭނުން ކުރުން  މަދުވެގެންދާނެއެވެ.

ޔޫރަޕްގެ ކަމިޝަންގެ މި ރޭވުމާމެދު ބަޙުސް ކުރުމަށް ޓަކައި 26 ޖުލައިގައި ބްރަސަލްސްގައި އިއްތިޙާދުގެ ޤައުމުތައް ބައްދަލު ކުރާނެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *