Support Us

ހެލްތްކެއަރ ކޮންފަރަންސް ނިންމުމުގެ ރަސްމިއްޔާތު މެޑަމް ފަޒުނާ ޝަރަފުވެރިކޮށްދެއްވައިފި

"އިންޓަރނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޮރ ހެލްތްކެއަރ ޕްރޮފެޝަނަލްސް" ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ. "މޫވިންގް ފްރޮމް ސައިލޯސް ޓު ސައިނަރޖީ"ގެ ތީމަށް ކުރިޔަށް ގެންދިޔަ މި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހަވީރު ބަނޑޮސް މޯލްޑިވްސްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މެޑަމް ފަޒުނާ ވަނީ މި ކޮންފަރެންސްގައި، ކޮންފަރެންސްގެ ބައިވެރިންނަށް ލިބިލެއްވި މަޢުލޫމާތުގެ ސަބަބުން ޞިއްޙީ ދާއިރާގެ ޚިދުމަތްދެއްވުމުގައި ކުރިއެރުންތަކެއް ލިބި ރަނގަޅު ނަތީޖާއެއް ފެންނާނެ ކަމަށް އެކަމަނާ އުންމީދުކުރައްވާ ކަމުގައި ވިދާޅުވެފައެވެ. އަދި އެކަމަނާ ވަނީ ޞިއްޙީ ދާއިރާގެ ތަޖުރިބާކާރުން ބަލިމީހުންނަށް ފަރުވާ ދެއްވުމުގައި ޙާލަތާ އެކަށޭނަ ރަނގަޅު ނަތީޖާ ނެރެވޭނެ ފަދަ ގޮތަކަށް ފަރުވާ ކުރިޔަށް ގެންދެވުމަށް ބާރުއަޅުއްވާފައެވެ.

މެޑަމް ފަޒުނާ ވަނީ ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމުގައި ރަނގަޅު ލީޑަރޝިޕެއް އޮތުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި، ތަޢުލީމީ ދާއިރާގައި މަސައްކަތްކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން އެކަމަނާ ވަނީ ނިންމުންތައް ނިންމުމުގައި ކަމާގުޅޭ އެންމެންގެ ބަސް ހޯދައިގެން ނިންމުމާ ހިސާބަށް ދިޔުމުގެ ފައިދާތައް ހާމަކުރައްވާފައެވެ. މީގެ އިތުރުން ވެސް އެކަމަނާ ވަނީ ސިޔާސަތުތައް ކަނަޑައަޅާ ފަރާތްތަކުން ގޮންޖެހުންތަކުން އަރައިގަތުމުގައި ކަމާގުޅޭ ފަރާތްތަކުގެ ބަސް ހޯދުމަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން ވެސް މެޑަމް ފަޒުނާ ވަނީ ޑރ. ފާޠިމަތު ޝިފާޒާ ރާއްޖެ ދޫކުރައްވައި އެހެން ޤައުމަކަށް ހިޖުރަކުރެއްވުމަށްފަހު ވެސް ރާއްޖޭގެ ނަރސިންގް ކޮމިއުނިޓީއަށް ކޮށްދެއްވަމުންދާ ޚިދުމަތްތައް ފާހަގަކުރައްވައި، އެކަމަނާގެ މަސައްކަތްތައް ނަމޫނާއަކަށް ދެކި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިން ވެސް އެފަދަ ކަންކަމުން ފިލާވަޅު ލިބިގަނެ ރާއްޖޭގެ މުޖުތަމަޢަށް ޚިދުމަތްތަކެއް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

މި ރަސްމިއްޔާތުގައި މެޑަމް ފަޒުނާ ވަނީ ކޮންފަރެންސްގައި ކަރުދާސް ހުށަހެޅުއްވި ބޭފުޅުންގެ އަގުވަޒަންކުރުމުގެ ގޮތުން އެބޭފުޅުންނާ ލިޔުން ޙަވާލުކޮށްދެއްވާފައެވެ.

މޯލްޑިވިއަން ނަރސަސް އެސޯސިއޭޝަނާއި އެވިޑެންސް ބޭސްޑް ޕްރެކްޓިސް ހެލްތް ޗެމްޕިއަންސް މޯލްޑިވްސް އިން ގުޅިގެން ބަނޑޮސް މޯލްޑިވްސްގައި ތިން ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދިޔަ މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ޞިއްޙީ ދާއިރާގެ ބޭނުންތަކަށް ބޭނުން ހިފަން އެންމެ ރަނގަޅު ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމަށް ފުރުޞަތު ފަހިކޮށްދިނުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *