ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤު ކުރައްވައިފިއެވެ. މި ބިލަކީ މި އަހަރުގެ ޖޫންމަހުގެ 30ގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލެކެވެ.
(ޤާނޫނު ނަންބަރު: 13/2022) އަކީ ދެމެހެއްޓެނިވި ގޮތެއްގައި ނޫން ގޮތަކަށް ކުރާ ބައިނަލްއަޤްވާމީ ވިޔަފާރީގެ ސަބަބުން، ނެތިދިޔުމުގެ ބިރުހީވެފައިވާ އަދި ނެތިދިޔުމުގެ ނުރައްކާ ކުރިމަތިވެފައިވާ އަދި އެކްސްޕްލޮއިޓްކުރެވޭ ދިރޭ ތަކެއްޗާއި، އެ އެއްޗެހީގެ ބައިތަކާއި އުފެއްދުންތައް ޙިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި، އެ ތަކެތީގެ ވިޔަފާރިކުރުމާއި، އެ ތަކެތި އެއް ތަނުން އަނެއް ތަނަށް ގެންދިޔުމާބެހޭ އުސޫލުތައް ކަނޑައެޅުމަށް އެކުލަވާލާފައިވާ ޤާނޫނެކެވެ. މި ޤާނޫނުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖެއިން 2013 ވަނަ އަހަރު ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއެއް ކަމަށްވާ "ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީޒް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ" ޤައުމީ ފެންވަރުގައި ތަންފީޛުކުރުމެވެ.
މި ބިލު ޤާނޫނަކަށްވެ އަމަލުކުރަން ފެށުމުން ޤާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް، ޤާނޫނަށް ޢަމަލުކުރަން ފަށާތާ ހަ މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންޖެހެއެވެ. މި ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާ ގުޅިގެން ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން ތިން މަސް ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.



advertisment