ސަރުކާރުގެ އަމާޒަކީ ރާއްޖެއާއި ރާއްޖެއިން ބޭރުން ތަޢުލީމާއި ހުނަރު ލިބިގަތުމުގެ ގިނަ ފުރުޞަތުތަކެއް ދިވެހި ދަރިވަރުންނަށް ފަސޭހަކަމާއެކު ހޯދައިދިނުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަޝިޕާއި، ހައި އެޗީވަރސް ސްކޮލަޝިޕްގެ ލިޔުން ޙަވާލުކުރުމަށް ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލް ހޯލުގައި ރޭ ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕާއި ހައި އެޗީވަރސް ސްކޮލަރޝިޕާ ގުޅޭގޮތުން މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ ސްކޮލަޝިޕްތައް ހޯދާފައިވާ ދަރިވަރުން، މަތީ ތަޢުލީމުގެ ދާއިރާތަކުގައި ޙާޞިލްކުރަމުން ދަނީ ވަރަށް ފޮނި ކާމިޔާބީތަކެއް ކަމަށާއި އޭގެ ތެރެއިން ގިނަ ދަރިވަރުން ޞިއްޙީ ދާއިރާއިން ތަޢުލީމު ޙާޞިލުކުރަމުން ގެންދާކަމީ، ޤައުމުގެ ކުރިމަގަށްޓަކައި އެކުދިން އެޅި ރަނގަޅު ފިޔަވަޅެއް ކަމުގައެވެ.
ސަރުކާރުން ދަރިވަރުންނަށް ފޯރުކޮށްދެމުންދާ ތަޢުލީމީ ފުރުޞަތުތަކާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ހުނަރުވެރި ޒުވާނުން ތަމްރީނުކުރުމުގެ ފުރުޞަތު ރާއްޖޭގައި އިތުރުކުރެވިފައިވާ ކަމަށެވެ. އަދި ޓިވެޓް ސެންޓަރަކާއި ޖޫނިއަރ ކޮލެޖެއް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ދެ ރަށެއްގައި މިހާރުވެސް ކުރިއަށް އެބަދާ ކަމަށާއި އިތުރު ރަށްރަށުގައި މިފަދަ މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތްވެސް ލަސްތަކެއްނުވެ ފެށިގެންދާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގައި ދަރިވަރުންނަށް ފަހިކޮށްދެވެމުންދާ ތަޢުލީމުގެ ފުރުޞަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިސަރުކާރުގެ ފުރަތަމަ އަހަރުގައި ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވައިދިނުމުގެ ސްކީމް ތަޢާރަފްކޮށް، މިއަދާ ހަމައަށް 14،711 ދަރިވަރުންނަށް އެ ޕްރޮގްރާމުން ވާނީ ފުރުޞަތު ހޯދައިދެވި، 4،696 ދަރިވަރުން ފުރަތަމަ ޑިގްރީ ހާސިލްކޮށް ދަސްވެނިވެފައިވާ ކަމަށެވެ.

މީގެ އިތުރުން ސެޓެލައިޓް ސްކޫލް ފަދަ އީޖާދީ ވިސްނުންތަކުގެ އަލީގައި، ކުޑަ ރަށެއް އަދި ބޮޑު ރަށެއް ތަފާތު ނުވާނެ މަރުޙަލާއަކަށް އާދެވިފައިވާ ކަމަށާއި އެ އިންތިޒާމްގެ ދަށުން ދަރިވަރުންނަށް އުނގަންނައިދިނުމުގެ އިންތިޒާމުތައް މިސަރުކާރުން ހަމަޖައްސައިދީފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މިމޭރުމުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިޔަށް ގެންދަވައި ވިދާޅުވީ، މިސަރުކާރުން ރާއްޖޭގެ ހަތް ރަށެއްގައި އަލަށް ސާނަވީ ތަޢުލީމުދޭން ފަށާފައިވާ ކަމަށާއި، އިތުރު ތިން ރަށެއްގައި އަލަށް މަތީ ސާނަވީއަށް ކިޔަވައިދޭން ފަށާފައިވާ ކަމަށެވެ.
މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވި ހަ ދަރިވަރުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަޝިޕްގެ ލިޔުން މިޖަލްސާގައި އެދަރިވަރުންނާއި ޙަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާއެވެ. އެ ދަރިވަރުންގެ ތެރޭގައި ހިމެނެނީ ސީ.އެޗް.އެސް.އީގެ ފަސް އަންހެން ދަރިވަރުންނާއި ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ އަންހެން ދަރިވަރެކެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ހޯދައިގެން، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ޙާޞިލްކުރި ދަރިވަރުންނާއި ހައި އެޗީވަރސް ސްކޮލަރޝިޕް ޙާޞިލްކުރި ހުރިހާ ދަރިވަރުންނަށް،އައްސަރިބަހާއި ސާބަސް ރައްދުކުރައްވާފައެވެ.
ސްކޮލަޝިޕް ޙާޞިލްކުރި ދަރިވަރުންނާ މުޚާތަބުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ ކުދިން މި ނުކުންނަނީ ހުޅުވިފައިވާ ދުނިޔެއަކަށް ކަމަށާއި، ތަފާތު ސަގާފަތްތަކާއި ތަފާތު އާދަކާދަތަކުގެ މަސްހުނި ވެއްޓެއްގެ ތެރެއަށް ކަމަށެވެ. އަދި އެވެށީގެ ތެރެއިން ޒަމާނީ އޮއިވަރާއި އުދަބާނިތައް ކުދިން ވަށައިލާނެ ކަމަށާއި ހިތް އެދޭ އެތައް ކަމެއް ކުދިންގެ ވިސްނުމާ ކުޅެމުން ދާނެ ކަމަށެވެ. އަދި ހޮޅިލައި ނަގާ ކިތަންމެ ރާޅެއް އެކުދިންގެ މިސްރާބު ބަދަލުކުރުމަށް މަޖުބޫރުކުރާނެ ކަމުގައިވެސް ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޮންމެ ދަރިވަރަކީވެސް ދިވެހި ފަސްގަނޑަށް އުފަން ދިވެހި ދަރިންކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންވާނެ ކަމަށެވެ. އަދި ކޮންމެ ބިމެއްގައި ކޮންމެ ސަގާފަތެއްގެ ތެރޭގައި ދަތުރު ނަގަހައްޓަން ޖެހުނަސް، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާއަށް ވުރެ ބޮޑަށް، ހިތު މިސްރާބު ސީދާކޮށްދޭނެ އެހެން ސަމުގާއެއް ނުފެންނާނެ ކަމަށާއި ދެދުނިޔޭގެ ބާއްޖަވެރިކަމާއި ހިތްހަމަޖެހުން ޙާޞިލްކުރެވޭނީ ދީނީ ކަންކަމަށް ފަރުވާތެރިކަން ބެހެއްޓި މިންވަރަކުންކަން ތާއަބަދުމެ ހަނދާނުގައި ބަހައްޓަންވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ޙާޞިލްކުރި ހަ ދަރިވަރުންގެ އިތުރުން، ހައި އެޗީވަރސް ސްކޮލަރޝިޕް ޙާޞިލްކުރި 79 ދަރިވަރަކަށް ވަނީ ސްކޮލަޝިޕް ލިބުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވާފައެވެ.



advertisment