Support Us

ބަޑިހެލުމަކީ ކޮބައިކަން އެނގޭތަ؟

ބަޑިހެލުމަކީ ކުރީ ޒަމާނުގައި ބޭރުގެ ދުޝްމަނުންގެ ކިބައިން މާލެ ދިފާޢުކޮށް ހަނގުރާމައަށް ތައްޔާރުވުމުގެ ގޮތުން ކޮންމެ އަހަރަކު ކުރެވޭ މަސައްކަތްތައް ފެށުމުގެ ރަސްމިއްޔާތަށް ދީފައިވާ ނަމެވެ. ބަލިހެލުމަކީ އިރުވައި މޫސުމަށް ފެށުމުން ބޭރުގެ ދުޝްމަނުންގެ ފަރާތުން ރާއްޖެ ސަލާމަތްކުރުމަށް ޓަކައި ދިފާޢީގޮތުން ތައްޔާރުވާން ފެށުމުގެ ގޮތުން ކުރާ ރަސްމީ ކަމެކެވެ. މިކަން ކުރާގޮތަކީ ކޮންމެ އަހަރަކު މުލަ ނަކަތް ލައިގަތުމުން ދެ ދޮރޯށި ދޭތެރެއަށް ރަދުންގެ އަރިހުގައި ލަޝްކަރީން ހާޒިރުވެ ހެޔޮ ދުޢާކުރައްވައި، ފުރޮޅުމަތީގައި ބާއްވާފައި އޮންނަ ބަޑިއެއް ހަލުވާލެއްވުމެވެ. މި ބަޑި ހަލުވާލެއްވުމުން އޭރު މާލޭގައި ހުންނަ ކޯއްޓޭތަކުން ބަޑިޖަހައެވެ. އެއީ ބޮޑުކޯއްޓޭ ބުރުޒާއި ނާނޭ ބުރުޒާއި މިފަދަ ބުރުޒުތަކެވެ. އެ ހިސާބުން ބޭރުގެ ދުޝްމަނުން ދިވެހިރާއްޖެއަށް ހަނގުރާމަޔަށް ކަނޑުމަގުން އަންނަ އައުމަށް ދިފާޢީގޮތުން މާލެ ތައްޔާރުވެ އޮތުމަށް ކުރާ މަސައްކަތްތަކާއި ތައްޔާރީތައް ރަސްމީގޮތުން ފެށުނީއެވެ.

އެއީ ރިޔަލުގެ ޒަމާނެވެ. ނޮވެންބަރު 3، 1988 ގެ ޢުދުވާނީ ޙަމަލާ ފިޔަވައި ބޭރުގެ ދުޝްމަނުންގެ ހުރިހާ ޢުދުވާނީ ހަމަލާއެއް ރާއްޖެއަށް ކުރިމަތިވެފައި ވަނީ އިރުވައި މޫސުމުގައެވެ. ރާއްޖޭގެ އިރުވައި މޫސުން ފެށެނީ ޑިސެންބަރުމަހުގެ 10 ވަނަ ދުވަހުއެވެ. އިރުވައި މޫސުމުގެ ފުރަތަމަ ނަކަތަކީ މުލަ ނަކަތެވެ. ބަޑިހެލުން ބާއްވަނީ މުލަ ނަކަތުން ތިން ވަނަ ދުވަހުއެވެ. އެއީ ޑިސެންބަރުމަހުގެ 12 ވަނަ ދުވަހެވެ.

ބަޑިހެލުން ބާއްވަނީ ސައްކަރަންޏާ ދޮރޯއްޓާއި ދަތުރަށް އަރާވަޑައިގަންނަވާ ދޮރޯއްޓާ ދެމެދުގައެވެ. މި ރަސްމިއްޔާތަށް ކުރީ ޒަމާނުގައި ބޮޑުގަނޑުވަރުން ފެށިގެން އުތުރަށް ގޮސް "ދަތުރަށް އަރައިވަޑައިގަންނަވާ ދޮރޯށި" އާ ހަމަޔަށް ކުނާއަޅާ ތައްޔާރުކުރެއެވެ. އަދި ރަދުން އިށީނދެވަޑައުގަތުމަށް މި ދޮރޯށި ކުރިމަތީގައި ޚާއްޞަ ގޮނޑިކޮޅެއް ބަހައްޓައެވެ. އަދި ދަތުރަށް އަރައިވަޑައިގަންނަވާ ދޮރޯށީގެ ވާތްފަރާތުގައި ކަނޑާދިމާއަށް އަމާޒުވާ ގޮތަށް ބޮޑު ބަޑިއެއް ހަރުމަތީގައި ބާއްވާފައި އޮވެއެވެ. ބަޑި ހަރަކީ ބޮޑުބަޑި އެއްތަނުން އަނެއްތަނަށް ގެންދަން ފަސޭހައަކަށް ފުރޮޅު ލާފައި އޮންނަ ހަރެކެވެ.

ރަދުން ރަސްމިއްޔާތަށް ވަޑައިގެން ގޮޑިކޮޅުގައި އިށީނދެވަޑައިގަތުމުން ރަސްމިއްޔާތު ފެށިގެންދަނީ ފަނޑިޔާރު ބޭކަލަކު އިސްވެ ޞަލަވާތް ފާތިޙާ ވިދާޅުވުމުންނެވެ. އެއަށްފަހު އޮންނަނީ މާބަނޑޭރި ބޭކަލަކު ހަރުއަޑުފުޅުން ދުޢާކުރެއްވުމެވެ. އެ ދުޢާގައި އެންމެހައި ބަލާތަކުންނާއި ބަލިތަކުންނާއި ދުޝްމަނުންގެ ނުބައިކަމުން ރާއްޖެއާއި ރައްޔިތުންގެ ސަލާމަތް ކުރެއްވުން އެދިވަޑައިގެން ދުޢާ ކުރައްވައެވެ. ފަހަކަށް އައިސް މި ދުޢާ އޮންނަ ކަމަށްވަނީ ލިޔެފައެވެ. މީލާދީން 1900ގެ އަހަރުތަކުގެ ކުރީކޮޅުން ފެށިގެން މި ދުޢާއަށް ކިޔަނީ "ބަޑިހަލާ ދުވަހު ކިޔާ ޚުތުބާ"އެވެ. މި ދުޢާކިޔާ ވަގުތު ލަޝްކަރު (މިޒަމާނުގެ ގޮތުން ނަމަ ސިފައިން) ގޮމަކަސްތޫރިއާއި ބީމަހީމަ ކުނޑި އަލިފާން އަޅާފައި ހުންނަ ދުންކިބާލަކަށް އަޅައިގެން ބަޑީގެ ވަށައިގެން ދުންބުރުވައެވެ.

ބަޑި އާއި ބުރުޒު.. ފޮޓޯ: ވޮނަދޮނަ/ އެފް.ބީ

ބަޑިހަލައި އަދި ބުރުޒުތަކުން ބަޑިޖެހުމުން ބެރުދުންމާރި ތާޅަފިލިވެރިން ސަލާމަތީ ކުޅެއެވެ. އެއީ މިހާރުގެ ގޮތުން ނަމަ ޤައުމީ ސަލާމުގެ ދަރަޖަ ދެވިފައި އޮންނަ ރާގެކެވެ. އެކި ދުވަސްވަރު މި ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ އެކި ގޮތަށްކަން ތާރީޚުން އެނގެއެވެ. ބަޑިހެލުމުގެ ރަސްމިއްޔާތު ފަހުން ބަދަލުވީ "ބަޑިހެލުމުގެ ބަދަލުގައި ކިޔާ ޞަލަވާތް" މި ނަމަށެވެ. މި ޞަލަވާތް ކިޔެވުން އެންމެ ފަހުން އޮތީ ހިޖުރައިން 22 މުޙައްރަމް 1366 (16 ޑިސެންބަރު 1946) ވީ ހޯމަ ދުވަހު މުލީއާގޭގައި ހެނދުނު 06:30 ގައެވެ.

ބަޑިހެލުމަށްފަހު ޖެހިގެން އަންނަ 25 ރޭ އޮންނަނީ 25 ޒިޔާރަތަށް ބޮޑު ދުންދިނުމެވެ. އެއީ އެ ޒިޔާރަތްތައް ދޮށުގައި ފޭލިގެ ޖަހައިގެން ދުޝްމަނުންގެ ކިބައިން ސަލާމަތްކޮށް ދެއްވުން އެދި ބޮޑު މާލޫދުކިޔުމެވެ. މީގެ އިތުރުން ބަޑިހެލުމުގެ ރަސްމިއްޔާތަށް ފަހު އިރުވައި މޫސުން ފެށިއްޖެކަން އަންގައިދިނުމުގެ ގޮތުން "އިރުވައި ކޮލި" ލައެވެ. މި ކޮލީގައި ކިޔަނީ ދެބަނޑޮސް ދޭތެރެއިން އޮޑިއެއް ދޯންޏެއް ނުވަނުމަށާއި، ބޮޑުފާރުދޮށް ކޮށައި ސާފުކުރުމަށާއި ދަމަށްއެރުމަށެވެ. މިއީ ސަލާމަތީ ގޮތުން އޭރު އަޅާ މުހިންމު ފިޔަވަޅުތަކެކެވެ.

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *