ތަޢުލީމީ ދާއިރާއަށް ފެންވަރު ރަނގަޅު ޓީޗަރުން ލިބުން ދަތިވާ ސަބަބުތައް ދެނެގަތުމަށްޓަކައި ދިރާސާ ކުރެއްވުމަށްޓަކައި އުފެއްދެވި ރިސަރޗް ގްރޫޕުން އެކުލަވާލެއްވި ރިޕޯޓު "އެދުރުންގެ ފަންނު: ގޮންޖެހުންތަކާއި ހުށަހެޅުންތައް" މިއަދު ޝާއިޢުކޮށްފިއެވެ.
ދިވެހިރާއްޖޭގެ ސްކޫލްތަކަށް ފެންވަރު ރަނގަޅު ޓީޗަރުން ލިބުން ދަތިވާ ސަބަބުތައް ދެނެގަތުމަށްޓަކައި ދިރާސާއެއް ކުރައްވަން ނިންމަވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް އެކަން އިޢުލާންކުރެއްވީ 2019 ވަނަ އަހަރު އެވެ.
ހަ މެންބަރުންގެ މައްޗަށް އެކުލެވޭ ފަންނީ މި ގުރޫޕާ ދިރާސާގެ މަސައްކަތް ހަވާލުކުރެއްވީ މިދިޔަ އަހަރުގެ އޮކްޓޫބަރު 31 ގައެވެ. މި ދިރާސާގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއަށް މީހުން ޝައުޤުވެރިނުވާ ސަބަބުތަކަކީ ކޮބައިކަން ހޯދުމާއި، މުދައްރިސުންނާއި ތަޢުލީމީ ދާއިރާގެ ކަންތައްތައް މިހާރު ހުރި ގޮތުގެ ހާލަތު ދެނެގަނެ ސަރުކާރު ސްކޫލުތަކުގައި މަސައްކަތް ކުރާ މުދައްރިސުން މި ފަންނުގައި ދެމިތިބެ އަދި ކުރިއަށްދިއުމަށް ދަތިވެފައިވާ ސަބަބުތައް ދެނެގަތުމެވެ. އަދި ދިރާސާގެ އަލީގައި މި ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެ ހުށަހެޅުންތަކެއް ހުށަހެޅުމެވެ.
ރައީސުލްޖުމްހުރިއްޔާގެ އޮފީހުގެ ވެބްސައިޓްގައިވާ މި ރިޕޯޓުގައި، މުދައްރިސުން ތަޢުލީމީ ދާއިރާ ދޫކޮށްފައިދާ މައިގަނޑު ސަބަބުތަކެއްގެ ގޮތުގައި މުސާރަ ކުޑަވުމާއި މަސައްކަތް ބުރަވުމާއި މުދައްރިސުންގެ ޙައްޤުތައް ރައްކާތެރިނުވުމާއި އަދި މަސައްކަތު މާޙައުލުގެ ވަޞީލަތްތައް ނެތުން ފަދަ ކަންތައްތައް ފާހަގަވި ކަމަށް ރައީސް އޮފީހުން ބުނެއެވެ. މި ރިޕޯޓް ވަނީ މި އަހަރު މާރިޗުގައި ރިސާރޗް ގްރޫޕްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހުށައަޅުއްވާފައެވެ. ރިޕޯޓާ ގުޅިގެން ކުރަންޖެހޭ ކަންކަން ސަރުކާރުން ގެންދަވަނީ ކުރައްވަމުން ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.
ޓީޗަރުންނާއި ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށް، މި އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އެކަން ވަނީ އިޢުލާންކުރައްވާފައެވެ.



advertisment