Support Us

ޓޫރިޒަމާބެހޭ ޤާނޫނަށް 11 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤުކުރައްވައިފި

ޓޫރިޒަމާބެހޭ ޤާނޫނަށް 11 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤުކުރައްވައިފިއެވެ.

ޤާނޫނު ނަމްބަރު: (02/99) އަށް 11 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާ ގުޅިގެން މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ މިއަދުން ފެށިގެންނެވެ.

މި އިސްލާހާއެކު ގާނޫނަށް ގެނެސްފައިވާ މައިގަނޑު ބަދަލުތަކުގެ ތެރޭގައި، ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށުން ޖޮއިންޓް ވެންޗަރ އުސޫލުން ކުއްޔަށްދޫކޮށްފައިވާ ރަށްތައް ކުއްޔަށް ހިފައިފައިވާ ކުންފުނިތަކުގެ ޙިއްޞާ ވިއްކާލުމުގައި މާކެޓް ވެލިއުއަށް ރިއާޔަތްކޮށް ހުރިހާ ފަރާތެއްގެ ވެސް ޙައްޤުތައް ހިމާޔަތްކުރެވޭނެ އުސޫލެއްގެ ތެރެއިން އެ ތަންތަނުގެ ޙިއްޞާގެ އަގު ކަނޑައެޅޭނެ ގޮތަކަށް މަގުފަހިކޮށްދިނުމާއި، ކައުންސިލުތަކަށް އެކަށީގެންވާ ޢާމްދަނީއެއް ލިބޭ ފަދަ ގޮތަކަށް މާކެޓް ވެލިއުއަށް ބިންތައް ކުއްޔަށް ދޫކުރުމަށް މަގުފަހިކޮށްދިނުމާއި މީހުން ދިރިއުޅޭ ރަށްރަށުގައި ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ޙައްޤުތައް ބަދަލުކުރުމުގައި ހުއްދަދޭ ފަރާތަކަކީ ކައުންސިލުތައް ކަމުގައި ކަނޑައެޅުން ހިމެނެއެވެ.

މި އިޞްލާޙުގެ ދަށުން ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް ގެނެވޭ އިޞްލާޙުތަކާ ގުޅިގެން އެކުލަވާލަންޖެހޭ ގަވާއިދުތައް، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންޖެހެއެވެ.

އަދި މިނިސްޓްރީން ހުއްދަ ދީގެން ފަތުރުވެރިން ބެއިތިއްބުމަށް ރަޖިސްޓަރީކޮށްފައިވާ ޓޫރިސްޓް ހޮޓާ، ޓޫރިސްޓް ގެސްޓްހައުސް އަދި ޔޮޓް މެރީނާތަކުގެ ހިންގުމުގެ ހުއްދަ މި މި އިޞްލާޙުގައި ބަޔާންކޮށްފައިވާ ގޮތަށް މި އިޞްލާޙް ޤާނޫނަކަށްވެ ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 12 މަސްދުވަސް ހަމަވާ ތާރީޚުގެ ކުރިން ބަދަލުކުރަންޖެހެއެވެ. އަދި، އެފަދަ ތަންތަން ހިންގުމަށް މި އިޞްލާޙަށް ޢަމަލުކުރަން ފެށުމުގެ ކުރިން މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަ އެ މުއްދަތު ހަމަވަންދެން ދެމިއޮންނާނެކަމުގައި ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *