އަލްއުސްތާޒު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ޤައުމީ ފެންވަރުގައި ބޭއްވި ވާހަކަދެއްކުމުގެ 35 ވަނަ މުބާރާތުގެ ސާނަވީ ޢުމުރުފުރާގެ ވާހަކަދެއްކުންތައް މިރޭ ނިމުމާއެކު މިއަހަރުގެ ވާހަކަދެއްކުމުގެ ޤައުމީ މުބާރާތް ނިންމާލައިފިއެވެ.
ސާނަވީ ޢުމުރުފުރާގައި ސަތޭކައަށްވުރެ ގިނަ ދަރިވަރުން ވާދަކޮށްފައިވާއިރު، މި އުމުރުފުރާގައި ވަރަށް ހުނަރުވެރި ވާހަކަދެއްކުންތެރީން ފާހަގަކުރެވިފައިވާ ކަމަށް ދިވެހިބަހުގެ އެކެޑަމީގެ ނާއިބާރައީސް ޒުލްފާ އިބްރާހީމް ވިދާޅުވިއެވެ. ޒުލްފާ ވިދާޅުވީ މި މުބާރާތުގެ ސަބަބުން ވަރަށް އުންމީދީ ކަންތައްތަކެއް ފާހަގަކުރެއްވުނު ކަމަށާއި އާދަޔާ ޚިލާފު ހުނަރުވެރި ވާހަކަދެއްކުންތެރީން ފާހަގަކުރެއްވުނު ކަމަށެވެ. އެހެންކަމުން ބަހުގެ މުސްތަޤުބަލަށް ކުރެވޭ އުންމީދަށް ދިރުން ލިބުނު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މުބާރާތުގެ ފަނޑިޔާރުކަން ކުރެއްވި ބަޔެއް ބޭފުޅުންގެ ނަޒަރުގައި ވެސް މުބާރާތުން ވަރަށް އުންމީދީ ވާހަކަދެއްކުންތެރީން ފާހަގަކުރެވިފައިވެއެވެ. އެއީ ދިވެހިބަހުގެ ވާހަކަދެއްކުންތެރިކަމުގެ ފަންނުގެ މުސްތަޤުބަލަށް އޮތް ހެޔޮ ފާލެއްކަމުގައި ވެސް ފަނޑިޔާރުން ދެކެވަޑައިގަންނަވައެވެ. އަދި މި މުބާރާތަކީ ވަރަށް އޮމާންކަމާއެކު ހިނގައި ދިޔަ މުބާރާތެއް ކަމަށާއި އެންމެ ޝަކުވާ މަދު އެއް މުބާރާތްކަމަށް އޮފިޝަލުން ވިދާޅުވިއެވެ.

ބެލެނިވެރީންގެ ތެރެއިން ވާހަކަދައްކައިލެވުނު ބައެއް މީހުންނާއި ބައެއް މުދައްރިސުންގެ ނަޒަރުގައި ދަށު ސާނަވީއާއި ސާނަވީ އުމުރުފުރާގެ އެއްވަނައަށް އައި ދަރިވަރުން އެ ބޭފުޅުންނަށް މިހާރު ވެސް ޔަގީނެވެ. ނަމަވެސް ނަތީޖާ އިޢުލާންނުކުރަނީސް އެ ކަން ހާމަކުރުމަކީ ރަނގަޅު ކަމެއް ނޫންކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ.
މި މުބާރާތުގައި މި އުމުރުފުރާގައި ވެސް ރާއްޖޭގެ އެކި އަތޮޅުތަކުން ހައެއްކަ ސްކޫލް ވާދަކުރިއެވެ. ދަތުރުފަތުރުގެ ދަތިތަކާ ހުރެ ބައެއް ދަރިވަރުންނަށް މުބާރާތުގައި ވާދަނުކުރެވުނު ނަމަވެސް އަތޮޅުތަކުގެ އިސްކޫލްތަކުގެ ދަރިވަރުން ވެސް ގަދަ 10ގައި ވާދަކުރިއެވެ.

މިއަދު ހަވީރު 4:30 އިން ފެށިގެން އޮތީ މި ބުރުގެ އެންމެ މޮޅު 10 ކުދީންގެ މެދުގައި ބޭއްވުނު ނިހާއީ ބުރުގެ ވާހަކަދެއްކުމެވެ. ނިހާއީ ބުރު، ނުވަތަ އެކެޑަމީގެ އިޞްޠިލާޙުގައި އަރުތަބުރުގެ ބައެވެ. އަރުތަ ބުރުގައި އޮންނަނީ ކުއްލި މައުޟޫޢަށް ވާހަކަދެއްކުމެވެ. ފުރަތަމަ ހުރިހާ ދަރިވަރުންނަށް އެއް މައުޟޫޢަކަށް ވާހަކަދެއްކުމެވެ. މި ގޮތަށް ވާހަކަދައްކާއިރު އެއްވެސް ދަރިވަރަކަށް އަނެއް ދަރިވަރެއްގެ ވާހަކަ އަޑުއެހުމުގެ ފުރުޞަތެއް ނުލިބެއެވެ. އަދި މުދައްރިސަކާ ބައްދަލުކުރުމުގެ ފުރުޞަތެއް ވެސް ނުލިބެއެވެ. ދެ ވަނައަށް އޮންނަނީ ވަގުތުން ގުރުއަތުން ނެގޭ ވަކިވަކި މައުޟޫޢަށް ވާހަކަދެއްކުމެވެ. ކޮންމެ ދަރިވަރަކަށް ތައްޔާރުވެލާން އެއް މިނިޓް ލިބުނަސް އެއްވެސް ކޯޗަކާ ބައްދަލުވުމުގެ ފުރުޞަތެއް ނުލިބެއެވެ. އެހެންކަމުން ދަރިވަރުންގެ ހަގީގީ ހުނަރު، އަރުތަ ބުރުން ދެނެގަނެވޭ ކަމަށް ފަނޑިޔާރުން ދެކެވަޑައިގަންނަވައެވެ.

މި މުބާރާތުގައި އާންމުންގެ ބައިން 18 އަހަރުން މަތީ އުމުރުފުރާއިން ފަސް މީހަކު ވާހަކަދައްކައިފައިވެއެވެ. އަދި 18 އަހަރުން ދަށުގެ އުމުރުފުރާގެ އެކަކު ވާހަކަދައްކައިފައިވެއެވެ. އާންމުންގެ ބައި އިއްޔެ ވަނީ ނިންމައިލައިފައެވެ.

މި މުބާރާތުގެ ދަށު ސާނަވީއާއި މަތީ ސާނަވީގެ ބައި މެއި 18ގައި ވަނީ ނިންމައިލައިފައެވެ. އެހެންކަމުން ސާނަވީ އުމުރުފުރާގެ ދަރިވަރުންގެ ވާހަކަދެއްކުން ނިމުމާއެކު ޤައުމީ ވާހަކަދެއްކުމުގެ 35 ވަނަ މުބާރާތް ނިމުނީ ކަމަށް އެކެޑަމީއިން ވަނީ އިޢުލާނުކުރައްވައިފައެވެ. އަދި މުބާރާތުގެ ނަތީޖާ ފާޅުކޮށް ވަނަވަނައަށް އަންނަ ފަރާތްތަކަށް އިނާމުދިނުން އޮންނާނީ އަންނަ އޮގަސްޓްމަހު 11 ވަނަ ދުވަހު ބާއްވާ ޚާއްޞަ އިޙުތިފާލެއްގައި ކަމަށް ވެސް އެކެޑަމީއިން އިޢުލާންކުރެއްވިއެވެ. މި ތާރީޚަކީ އިސްކޫލުތަކުގެ މުދައްރިސުންނާ މަޝްވަރާކޮށްގެން ކަނޑައެޅުއްވި ތާރީޚެއް ކަމަށް ވެސް އެނގިފައިވެއެވެ.




advertisment